Support Us

ބައިނަލްއަގުވާމީ އެތުލެޓިކްސް ލޯ މެޑެލް ފިޖީގެ ބޮޑުވަޒީރަށް

ދުނިޔޭގެ ލީޑަރުން ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް ބައިނަލްއަގުވާމީ މުބާރާތަކުން މެޑެލެއް ލިބުން މިއީ ނާދިރު ކަމެކެވެ.

ފިޖީގެ ބޮޑު ވަޒީރު ސިޓިވިނި ރަބުކާގެ އުމުރަކީ 75 އަހަރެވެ. ނަމަވެސް އޭނާ އަދިވެސް ޒުވާނެއް ފަދައެވެ. އޭނާ ވަނީ މިދިޔަ ހަފުތާގައި ބޭއްވި ބައިނަލްއަގުވާމީ އެތުލެޓިކްސް މުބާރާތެއްގައި ލޯ މެޑެލް ހޯއްދައިވައިފައެވެ.

ޒުވާން އުމުރުގައި ސިޓިވިނިއަކީ ރަގަބީ އާއި އެތުލެޓިކްސްގައި ބައިވެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި މިހާރު ވެސް ކުޅިވަރު ކުޅުއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވައެވެ. އެ ކަމަށް އޭނާ ފިޓު ވެސް މެއެވެ.

ޕެސިފިކް ކަނޑުގެ އޯޝަނިއާ ޖަޒީރާތަކުގެ މެދުގައި، ފިޖީގެ ވެރިރަށް ސުވާގައި ބޭއްވި މުބާރާތް ސިޓިވިނި ނިންމަވައިލެއްވީ ބްރޮންޒް މެޑެލްއަކާއެކު ޕޯޑިއަމުންނެވެ. އެއީ އުމުރުފުރައިން ޝޮޓްޕުޓް ކުޅިވަރުން ތިން ވަނަ ހޯއްދަވައިގެންނެވެ.

ސިޓިވިނިއަށް ތިން ވަނައަށް ވަޑައިގެން، ލޯ މެޑެލް ލިބިވަޑައިގަތީ 75 އާއި 79 އަހަރުގެ އުމުރުފުރައިގެ ކެޓިގަރީން 7.09 މީޓަރު ދުރަށް ޝޮޓްޕުޓް އެއްލައްވައިގެންނެވެ. އޭނާއަށް ކުރިލިބިވަޑައިނުގަތީ އޮސްޓްރޭލިއާގެ ދެ އެތުލީޓުން އެއްވަނަ އާއި ދެވަނަ އަށް ދިޔައިމައެވެ.

"އުމުރުން 75 އަހަރުގައި ވެސް އަހަރެން ޒުވާން ޖީލުތަކަށް ދޭން ބޭނުންވާ މެސެޖަކީ ދުޅަހެޔޮކަމުގައި ދެމިހުރުމުގެ މުހިންމުކަން،" ސިޓިވިނި އޭނާގެ ފޭސްބުކްގައި ލިޔުއްވައިފައިވެއެވެ.

މެޑެލްއާއެކު ނަންގަވައިފައިވާ ފޮޓޯއަކާއެކު އޭނާ ލިޔުއްވައިފައިވަނީ އޭނާއަށް ރޫހީ ގޮތުން ހިތްވަރު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ހަމަ މި މުބާރާތުގެ ޑިސްކަސް އުކުމުގެ ބައިގައި ވެސް ސިޓިވިނި ބައިވެރިވެވަޑައިގަތެވެ. ނަމަވެސް ލިބިވަޑައިގަތީ ހަތަރުވަނައެވެ.

ނިއު ޒިލެންޑްގެ ކްރައިސްޓްޗާޗް ސަހަރުގައި 1974 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގައި ސިޓިވިނި ބައިވެރިވެވަޑައިގަތެވެ. އެ ގޮތުން ހެމަރ ތުރޯ، ޝޮޓްޕުޓް، ޑިސްކަސް އަދި ޑިކެތުލޯންގައި އޭނާ ވަނީ ފިޖީ ރަމްޒުކޮށްދެއްވައިފައެވެ. މީގެ އިތުރުން ފިޖީގެ ގައުމީ ރަގަބީ ޓީމުގައި ވެސް ސިޓިވިނި ވަނީ ކުޅުއްވައިފައެވެ.

ސިޔާސީ ހަޔާތުގައި ސިޓިވިނި ވަނީ ދެ ފަހަރަށް ފިޖީގައި ބަޣާވާތްކުރައްވައިފައެވެ. ދެ ބަޣާވާތުގެ ސަބަބުން އޭނާއަށް ފިޖީ ރައްޔިތުން ވަނީ "ރޭމްބޯ"ގެ ވަނަން ދީފައެވެ. އެއީ ހޮލީވުޑްގެ މަޝްހޫރު ތަރި ސިލްވެސްޓަރ ސްޓެލޯންގެ "ރޭމްބޯ" އެކްޝަން ފިލްމްތަކާ ގުޅުވައިލައިގެންނެވެ.

ލެފްޓިނެންޓް ކާނަލްގެ މަގާމުގައި ހުންނެވުމަށް ފަހު ސިޓިވިނި އަސްކަރިއްޔާއިން އިސްތިއުފާ ދެއްވީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަންނަވާށެވެ. ފުރަތަމަ ބަޣާވާތަށްފަހު 1992 ގައި އޭނާ ބޮޑު ވަޒީރުކަމަށް ހޮވިވަޑައިގަތެވެ. ނަމަވެސް 1999 ގެ އިންތިހާބު ވަނީ ނާކާމިޔާބުވެ ވަޑައިގެންފައެވެ. އެއަށްފަހު ޑިސެމްބަރު 2022 ގެ އިންތިހާބަށް ފަހު ކޯލިޝަން ސަރުކާރުގެ ވެރިއެއްގެ ގޮތުން އޭނާ ވަނީ އަލުން ބޮޑު ވަޒީރު ކަމަށް އިންތިހާބުވެ ވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *