Support Us

ވާހަކަ: ހުރަގެ

ދިން ހޭލެވުނީ އިރު އެރިތާވެސް އިރުކޮޅެއް ފަހުންނެވެ. އަރިމަތީ ހުރި ފެންލައިޓުން އިރުގެ ދޯދިތައް ކޮންމެވެސް ވަރަކަށް އެތެރެއަށް އެޅިފައި ހުއްޓެވެ. ފަތިސް ނަމާދުގެ ވަގުތަށް ނުހޭލެވުމުން ހިތްދަތިވާ ގޮތް ވިއެވެ. އަވަހަށް ތެދުވެގެން ފާހާނާއަށްވަދެ ފެންވަރާލައިގެން ނުކުމެ ފަތިސްނަމާދު ކޮށްލީމެވެ. އެތައް އިރެއްވަންދެން އަތް ނަގައިގެން އިނދެ ދުޢާކުރަން އިނީމެވެ. އަހަރެންގެ ކަމަކީ ހިތުގަ އުފެދިފައިވާ ހުރިހާ ޝަކުވާއެއް ﷲ ހަޟްރަތުގައި ދެންނެވުމެވެ. އެކަމުން ހިތްހަމަޖެހުން ގެނެސްދޭތީވެސް މެއެވެ. މިތާނގައި ޤައިދުވެ ބަންދުވެފަ ހުންނަތާ މިއަދަށް މިއީ ނުވަ ވަނަ ދުވަހެވެ. އެއްހަފްތާ ނިމި އަނެއް ހަފްތާގެ ދުވަސްތައް ފެށުނީއެވެ. އުއްމީދަކީ މި ގިލަންވެރިކަމުން ވީހާވެސް އަވަހަކަށް ސަލާމަތްވެ އަހަރެންގެ ލޯބިވާ ދަރިފުޅާ އާއިލާ ކައިރިއަށް ދެވޭނޭ ގޮތެއް ވުމެވެ.

ދުޢާކޮށް ނިމިގެން ކުރިމަތީ ހުރި ދޮރު ހުޅުވާލީމެވެ. ސައިބޯން ދެތިން ރޮއްޓާ މުގުރިހަ ކޮޅެއް ގެނެސް ބަހައްޓާފަ ހުއްޓެވެ. ބައެއް ދުވަސްދުވަހު މަސްރިހަވެސް ހުރެއެވެ. ޖެހިގެން ހުރި ޖޯޑުގެ ތެރޭގަ ވަރަށް އިރުން ނޫނީ ކުލަނާރާ ސައިފަތް ޕެކެޓެއް އޮތެވެ. ރަނގަޅަށް ކުލަ ނާރާތީ ދެ ސައިފަތް ޕެކެޓް ލައިދިނުމަށް އެދުނުތާވެސް އެތައް ދުވަހެކެވެ. ތަށިތައް ބަލާ އަންނަ ކޮންމެ ފަހަރަކުވެސް އެވާހަކަ ބުނަމެވެ. އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ވާހަކަ ބުނެލައެވެ. އެކަމަކަށް އަމަލީ ސިފައެއް އައިތަނެއް އަދި ފެންނާކަށް ނެތެވެ.

އަހަރެން ފެނުނަސް ހީވަނީ ބޮޑު ބިރެެއް ފެނިގެން އުޅޭހެންނެވެ. މޫނުމަތިން ފެންނަނީ ޖެހިލުންވުމާ ކަންބޮޑުވުމުގެ އަސަރުތަކެވެ. އެކަން ނުދައްކަން ބައެއްފަހަރު ކުރާ ބޭކާރު މަސައްކަތްތައްވެސް ރީތިކޮށް އަހަރެންނަށް ފެނެއެވެ. ބައެއް ފަހަރު، އެހެން އެއުޅޭ ގޮތަކުން އަހަރެންނަށް އުނދަގޫވެގެން "ކިހިނެތްވީހޭ" އަހާލަމެވެ. ޖަވާބުގައި "އެއްވެސް ކަމެއް ނުވެޔޭ" ބުނެލައެވެ. އެމީހުން އެއުޅޭ ގޮތަކުން ހީވަނީ އަހަރެންމީ މީހަކު މަރާލައިގެން އެފަދަ ބޮޑު ކުށެއް ކޮށްގެން އުޅޭ ނުރައްކާތެރި މީހަކު ހެންނެވެ. އަހަރެންނަށް ހަމަ ހަޤީޤަތުގަވެސް މިއުޅެވެނީ އެވަރުގެ ބޮޑު ކުށެއް ކުރެވިގެންބާއޭ ހީވާ ފަހަރުވެސް މަދެއް ނޫނެވެ. އަހަރެން މިއުޅޭތަން އަހަރެން އަމިއްލައަށް ސާފު ނުކުރާ ނަމަ އެތަން ބަލާލަންވެސް ނުކެރުނީހެވެ. ގައިމު އަހަރެމެން ކަހަލަ މީހުން ބައިތިއްބަން ހަދާފަ މިހުންނަ، މިކަހަލަ ތަންތަނުގަ ސާފުކުރަންވެސް މީހުން ތިބެނީ ލާފައެވެ. އެކަމަކު އެއިން އެކަކުވެސް ސާފުކުރާކަށް ބޭނުމެއް ނުވެއެވެ. އެޝަކުވާވެސް އަހަރެން ފުރަތަމަކޮޅު ސާފު ކުރީމެވެ. ތަށިތައް ނަގަން މީހަކު އަންނަ ކޮންމެ ފަހަރަކު ސައިފަތް ޕެކެޓުގެ ޝަކުވާ ކުރިޔަކަސް، ކޮޓަރި ސާފުކުރަން އެމީހުން އަންނާނެ ކަމަށް، އަހަރެންނަކަށް ޝަކުވާ ކޮށްކޮށް ހުންނާކަށް މަޑެއް ނުކުރެވޭނެއެވެ. މުޑުދާރުވުން އެއީ އަހަރެންނަށް ބަރުދާސްތު ކުރެވޭ ކަމެއް ނޫނެވެ. އަހަރެން އުޅޭތަނެއް އަބަދުވެސް ގެންގުޅެނީ ވަރަށް ސާފުތާހިރު ކޮށެވެ. އެހެންވެ އަހަރެން މިިއުޅޭތަން އަހަރެންނަށް ވީވަރަކުން މި އަންނަނީ ސާފު ކުރަމުންނެވެ. ސާފުކުރަން ބޭނުންވާ ގިނަ އެއްޗެހި ނެތުމާއެކުވެސް މެއެވެ. އަހަރެންނަށް މިކުރެވޭ މިންވަރުންވެސް، ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިއްބައިދެއެވެ. ފޫހިވެސް ފިލައެވެ. އެހެންވެ އެޝަކުވާ ކުރުން ދޫކޮށްލީއެވެ.

އަހަރެން މިތަނަށް ގެނައި ފުރަތަމަ ދުވަސްވެސް ހަނދާން އެބަހުއްޓެވެ. އެދުވަހަށްވުރެވެސް ބޮޑަށް ހަނދާން ހުންނަނީ ފަސްވަނައަށް ވީ ދުވަހެވެ. އެއީ ފޫހިކަމާއި އެކަނިވެރިކަން އޭގެ އިންތިހާއަށް ދިޔަ ދުވަހެވެ. އަހަރެންނާ ވާހަކަ ދައްކާލާނެ އެކަކުވެސް ނެތީއެވެ. ފޯނު އޮތްނަމަވެސް ގިނަ ފަހަރަކު ރޭންޖްވެސް ނުލިބެއެވެ. އެހެންވެ ގުޅައިގެން މާގިނައިރު ވާހަކަ ދައްކައެއްވެސް ނުލެވެއެވެ. ގިނައިން ކުރަނީ މެސެޖެވެ. ރޭންޖުގެ މައްސަލަވެސް ދިމާވާންވީ ހަމަ އެދުވަސްކޮޅު ހެއްޔެވެ؟ ފޯޖީ ކަނެކްޝަންގެ ވާހަކަ ރަނގަޅުވާނީވެސް ނުދެއްކިއްޔާއެވެ. ތަނަށް ދޫކޮށްފަ ހުންނަ ވައިފައި، ސްޕީޑް ދަށަސް ލިބެއެވެ. އެއްޗެއް ލޯޑުވަނީ އެހާ އިރުންނެވެ. އަހަރެންނާއެކު ކޮންމެވެސް މީހަކު ނުވަތަ ވާހަކަ ދައްކާލެވޭނެ ވަރު މީހަކު މިތާ ހުރި ނަމަވެސް، މިހުރިހާ ކަމަކަށްވެސް ކެތްކުރަން ފަސޭހަ ވީހެވެ. އެހެން ނަމަވެސް އެކަނިވެރިކަމުގެ ހިލިހިލާގެ ތެރޭގައި އަހަރެން ދިޔައީ ފިސާރި ރަނގަޅަށް ބަނދެވެމުން ފިތެމުންނެވެ. އެެންމެފަހުން އެ ހިލިހިލާގެ ބޮޅުތަކުން އަހަރެންގެ ކަރަށް ވާންކޮށް ބާރުކުރާ ކަމުގެ އިޙްސާސް ކުރެވެން ފެށީއެވެ. އެދުވަހު އަހަރެން އަޑުގެ ކޮޅަށް ރުއީމެވެ. ހަޅޭއްލެވީމެވެ. އެެހެންޏާ ހުން ހުރިވަރަށްވުރެ އެދުވަހު ތަންކޮޅެއް ހުންވެސް ގަދަވިއެވެ.

ހަޅޭކުގެ އަޑަށް މީހަކު އައެވެ. އަހަރެެން ހުރިގޮތް ފެނިފަ އެމީހަކު ފަހުން އައިއިރު އައީ ޑަކްޓަރުވެސް ގޮވައިގެންނެވެ. ޑޮކްޓަރު އަހަރެން ބަލާފަ ބޭސް ދިނެވެ. ކެތްރިވާން ނަސޭހަތްވެސް ދީފަ ދިޔައީއެވެ. ޖެހިގެން އައި ދުވަހު އައީ ނަފްސާނީ ކަންތައްތަކާއި ބެހޭ ޑޮކްޓަރެކެވެ. އަހަރެން ބަހައްޓާފަ ހުންނަ ތަނުގެ ބޭރަށް ވަކި ހިސާބަކަށް ނޫނީ ނުކުތުމަކަށް އަމުރެއް ނޯވެއެވެ. ބޭރުގެވެސް ވަކި ހިސާބަކުން ހުންނަނީ "ޑޫ ނޮޓް ކްރޮސް"ގެ ޓޭޕް އެއްކޮޅުން އަނެއް ކޮޅަށް ދަމާފައެވެ. އެއާ ޖެހިގެން އަރިމަތިން ފެންނަން އޮންނަނީ ބީޗެވެ. އެދުވަހު އައި ނަފްސާނީ ޑޮކްޓަރާއެކު ބޭރަށް ނުކުމެލެވުނެވެ.

ބީޗް ކައިރީގަ ދިގު މޭޒެއް ބެހެއްޓިފަ ހުރިއިރު، މޭޒުގެ އެއްކޮޅުގައި ހުރި ގޮނޑީގަ ޑޮކްޓަރު، އޭގެ އަނެއްކޮޅުގަ ހުރި ގޮނޑީގަ އަހަރެން އިނީ އިށީނދެގެންނެވެ. ހަވީރުގެ ވަގުތެއް ކަމުންނާ، އުޑުމަތީ ވިލާތައް ގިނަކަމުން އަވި އޮތީ ހިސާބަކަށް ނިވާލާފައެވެ. ހަތަރު ދުވަސް ފަހުން ނަމަވެސް، އެވަރަށްވެސް ނުކުމެލަން ފުރުޞަތު ލިބުނީމާވެސް ކަންނޭނގެއެވެ. ޖެހެމުންދިޔަ އަރާމު ފިނިފިނި ވައިރޯޅިން މަރުވަމުންދިޔަ ނަފްސަށް ދިރުން ގެނެސްދެމުން ދިޔައެވެ. އެދުވަހު ޑޮކްޓަރު ވަރަށް ގިނަ ވާހަކަތައް ދެެއްކިއެވެ. އަހަރެންވެސް ވަރަށް ގިނަ ޝަކުވާތައް ކުރީމެވެ. އަހަރެންނަށް ވާ ހުރިހާ ގޮތެއްވެސް ކިޔައިދިނީމެވެ. ޑޮކްޓަރު ބުނީ އެގޮތަށް ބަންދުވެ، އެކަނި ދުވަސްތައް ހޭދަކުރަން ޖެހޭގޮތް މެދުވެރިވާ ބައެއް މީހުންނަށް އެންޒައިޓީއާ ޑިޕްރެޝަނާ ކުރިމަތި ލާން ޖެހޭކަމުގައެެވެ. އެގޮތުން އަހަރެންނަށް ޑިޕްރެޝަނާ އެންޒައިޓީގެ ދެބައި ކުއްލިއަކަށް ތަހައްމަލް ކުރަން ޖެހުމުން ޕެނިކް އެޓޭކެއް އައީއެވެ. އަދި އެއީ މާބޮޑު މައްސަލައެއް ނޫންކަމާ، އެކަމާ ޑީލް ކުރަން އެނގިއްޖެނަމަ ވަރަށް އަވަހަކަށް އެއީ ސަލާމަތްވެސް ވެވޭ ކަމެއް ކަމުގައިވެސް ބުނެދިނެވެ.

އެކަނިވެރިކަން އިހްސާސް ވިޔަ ދިނުން ކުޑަކުރުމަށް ކުރެވިދާނެ ބައެެއް ކަންކަން ކިޔައިދިނެވެ. ފަރުޟު ނަމާދުތަކުގެ އިތުރަށް ސުންނަތް ނަމާދުތައްވެސް ކުރަން ފެށުމާއި، ޤުރުއާނުން އިތުރު އާޔަތެއް ދަސްކުރަން މަސައްކަތް ކުރުމާއި، ތަނުގެ ތެރޭގައި ކަސްރަތު ކޮށްލާ، ޖޮގިން ކުރުން ކަހަލަ ކިތަންމެ ކަމެެއް ކިޔައިދިނެވެ. އެހެން އިތުރު ޚިޔާލުތައްވެސް ދިނެވެ. ޅެމެއް ނުވަތަ ވާހަކައެއް ލިޔަން މަސައްކަތް ކުރުމަށް ބުންޏެވެ. އޭގެ ސަބަބުން ވަގުތު ދާގޮތްވެސް ނޭނގޭނެ ކަމަށް ވެއެވެ. އުފެއްދުންތެރި ކަމެއް ކުރެވުމަކީ ނަފްސަށް ހަމަޖެހުންވެސް ގެނެސްދޭ ކަމެއްކަމުގައި ވެސް ބުނެދިނެވެ. އެވާހަކަ ތަކުންވެސް އަހަރެންނަށް ވަރަށް ބޮޑު ހަމަޖެހުމެއް ގެނެސްދިނެވެ. ދެންވެސް މޮޅިވެރިވާ ގޮތްވާނަމަ ތަނުގެ ތެރޭގައި އެއްކޮޅުން އަނެއް ކޮޅަށް ހިނގާލާ ހަދަންވެސް ބުންޏެވެ. އަހަރެންނަށް އެންމެ ތަފާތުވި ވާހަކައަކީ އެޔެވެ. ޑޮކްޓަރު ބުނީ އެންމެ ގަޔާވާ ނުވަތަ ދާ ހިތްވާ ތަނެއް ޚިޔާލަށް ގެނެސް، އެފަދަ ތަނެއްގައި ހިނގާލެވޭ ކަމުގެ އިހްސާސް ކުރަމުން ހިނގާލާ ހަދާލުމަށެވެ. މިއީ މޮޔަކަމެކޭ ހީވި ނަމަވެސް ވަރަށް ބޮޑު ތަފާތެއް މީހާއަށް އިޙްސާސް ކުރެވޭނޭ ކަމެކޭވެސް ބުންޏެވެ.

އޭގެ ފަހުން އަހަރެން އެބުނާ ގޮތަށް ކަންތައް ކުރަން ފެށީއެވެ. އާއެކެވެ. ހަމަ ތަފާތެވެ. ކުރިޔަށްވުރެ ބޮޑަށް މީހާ ހަމަޖެހިފައި ހުންނަކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. މިއަދު އަހަރެން މިފެނަށް ދިރިއްޖެއެވެ. އުނދަގުލުގައި ނަފްސު ހާނުވާނެގޮތް ދަސްވެެއްޖެއެވެ. ކުރިޔަށްވުރެ އީމާންތެރިކަންވެސް އެތައް ގުނައެއް އިތުރު ވެއްޖެއެވެ. ހާލަތު ކިތަންމެ ގޯހަކަސް އަދި އަހަރެން މިހާރު އެކަނި ހުއްޓަސް އެކަނިވެރިއެއްވެސް ނޫނެވެ. ލިބޭ ޚިދުމަތްތައް ރަނގަޅު ނޫނަސް އެކަންކަމާ ވިސްނައެއް ނުހަދަމެވެ. އެކިއެކި ކަންކަމުގައި އަހަރެންގެ ނަފްސު ބިޒީ ކޮށްލީމެވެ. ޝެޑިއުލެއް ރާވާލީމެވެ. މިހާރު ކުރާނެ ކަންކަން ފުދޭވަރަކަށް ހުރެއެވެ. އަހަރެން ނަމާދުކޮށް ޤުރުއާންވެސް ކިޔަވަމެވެ. ޤުރުއާނުގެ ތަރުޖަމާ ކިޔާ އެއާމެދު ވިސްނާ ފިކުރުކޮށް ހަދަމެވެ. ހަތަރު ފާރު ތެރޭގައި ޖޮގިންކޮށް ކަސްރަތުކޮށް ހަދަމެވެ. މާމޮޅަށް ލިޔަން ނޭނގުނަސް ވާހަކައެއް ވެސް ލިޔެވޭތޯ މަސައްކަތް ކުރަމެވެ. ޓީވީވެސް ބަލަމެވެ. އާއިލާ މީހުންނަށް ގުޅަންވެސް ގުޅަމެވެ. މިފަހުން ވާހަކަ ދެއްކުނު ފަހަރަކު ރަނގަޅު ސައިފަތާ އެއްޗެހި ފޮނުވައި ދެވޭނެ ގޮތެއް ހަދައި ދީބަލާށޭ ބުނީމެވެ. ދެ ދުވަސް ފަހުން ސައިފަތް ޕެކެޓަކާ ކުޅިކާޖާއާއި ބަނބުކެޔޮ  ޕެކެޓް ކޮޅެއްވެސް ފޮނުވައިދިނެވެ. އަހަރެން ވަރަށް އުފާވިއެވެ.

އޭގެ މާގިނަ ދުވަހެއް ނުވެ އަހަރެންގެ އިންތިޒާރަށް ނިމުން އައެވެ. މި ހުރަގެއިން ސަލާމަތްވާނެ ވަގުތު އައިސް ޖެހިއްޖެއެވެ. އަހަރެންގެ ނަތީޖާ ލިބުނީއެވެ. ނަތީޖާ ދެއްކީ ކޮވިޑް-19 އަށް މިހާރު އަހަރެން ނައްސި ކަމަށެވެ. އަހަރެން އެކަމާ ވަރަށް އުފާކުރީމެވެ. ކަރަންޓީނުގަ ހުރި މުއްދަތު ނިމުމަކަށް އައީއެވެ. އަހަރެން މި ކަރަންޓީނު ފެސިލިޓީއަށް ގެނެވުނީ އޮފީހުގެ ގިނަބަޔަކު ފައްސިވުމާ ގުޅިގެންނެވެ. އަހަރެންނަކީވެސް ކޮންޓެކްޓްވެފަ ވާ ފަރާތަކަށް ވާތީ ޓެސްޓް ހެދުމުން އަހަރެންގެ ނަތީޖާވެސް ދެއްކީ ފައްސި ކަމަށެވެ. އަހަރެން ކޮވިޑަށް ފައްސި ވިޔަސް ނަސީބަކުން އަހަރެންގެ އާއިލާގެ އެއްވެސް މީހަކުވެސް ދަރިފުޅުވެސް ފައްސިއެއް ނުވެއެވެ. އެހެންވެ ކަރަންޓީނަށް ދާން ޖެހުނީ އަހަރެން އެކަނިމާ އެކަންޏެވެ.

ކަރަންޓީނުގަ އަހަރެން ފުރަތަމަކޮޅު ހޭދަ ކުރި ދުވަސްތައް އެއީ ހިތްދަތިކަމުން ފުރިގެންވީ ދުވަސްތަކެކެވެ. ބައެއް މީހުން ތިބެން ޖެހުނު ތަންތަނަކީ ޚިދުމަތް ވަރަށް ރަނގަޅު ތަންތަނޭ މީހުން ކިޔާތީ އިވިފަ އެބަހުއްޓެވެ. އެހެންނަމަވެސް އަހަރެންނަށް ތަޖްރިބާ ކުރަން ޖެހުނީ އެއާ މުޅިން އިދިކޮޅަށެވެ. ނަފްސާނީ ޑޮކްޓަރެއް ފޮނުވުން ފިޔަވާ ދެން އެއްވެސް ޚިދުމަތެއް ރަނގަޅެއް ނޫނެވެ. ޖެހުނީ ހުރިހާ ކަމެއް އަމިއްލައަށް "މެނޭޖް" ކުރާށެވެ. އެތަނުގަ ހުންނަން ޖެހުނު ދުވަސްތަކުގައި އެކަނިވެރިކަމަކީ ކިހާވަރެެއްގެ ހަތުރެއްކަން ކިތަންމެ ރަނގަޅަކަށްވެސް ދެނެގަނެވުނެވެ. އާއިލާގެ މީހުންނާ ގާތް ރަހުމަތްތެރިންނަކީ ދިރިއުޅުމުގައި ކިހާ މުހިއްމު ބައެއްކަންވެސް އިހްސާސް ކޮށްދިނެވެ. ބަންދުވެފައި އެކަނި ހުންނަން ޖެހުނު އެތަނުގެ ހަނދާންތައް  އަހަރެންގެ ހިތަކުން ދުވަހަކުވެސް ފިލައިގެނެއް ނުދާނެއެވެ. އެތަނަކީ މިނިވަން ކަމަކީ ކިހާވަރެއްގެ ނިޢުމަތެއްކަމުގެ އަގުހުރި ފިލާވަޅު އަހަރެންނަށް އުނގަންނައިދިން "ހުރަގެ" ވެސް މެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51833
ޚިޔާލު ފާޅުކުރައްވާ!

6 Responses

  1. މަހީކުރީ ހަމަ ޢަސްލުވެސް މީހަކު މަރާފަ ޖަލަށްލާފަ އިން މީހެއްކަމަށް. ހެހެ. ވަރަށް ސަޅި ވާހަކަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *