ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރާތު ރެފިއުޖީ ކޭމްޕްގައި ކުޑަކުދިން ދިޔައީ ސުންނާފަތިވެފައިވާ ކޮންކްރީޓްގަނޑުތަކާއި ލެއިން ތަތްތެޅިފައިވާ ގޮދަޑިތަކުގެ މަތިން ހިނގަމުންނެވެ. މަދު ގަޑިއިރުކޮޅެއް ކުރިން އިސްރޭލުން ދިން ހަމަލާގައި މަދުވެގެން 35 މީހުން ވަނީ ޝަހީދުވެފައެވެ. އަދި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް އދ.ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުންޏެވެ.
"އަހަރެންނަށް ފެނުނީ ދަގަނޑުގަނޑުތަކާއި ވަށައިގެންވާ ހުރިހާ އެއްޗެއް ވެއްޓެމުން ދިޔަ މަންޒަރު. އަހަރެމެން ތަޖުރިބާކުރީ ބުނަން ވެސް ނޭނގޭހާ ބިރުވެރި ކަންތައްގަނޑެއް،" ޣައްޒާ ސިޓީގައި ދިރިއުޅޭ ނައީމް އަލް-ދަދަހް ބުންޏެވެ. އޭނާއަކީ ގެދޮރުން ބޭރު ވާން ޖެހުމުން ނުސީރާތު ރެފިއުޖީ ކޭމްޕްގައި ދިރިއުޅެން މަޖުބޫރުވެފައިވާ މީހެކެވެ.
އިސްރާއީލުން ބުނީ މިއީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ދެ ޖަމާއަތެއް ކަމަށްވާ ހަމާސް އާއި އިސްލާމިކް ޖިހާދުގެ 20 އާއި 30 އާދެމެދުގެ އަދަދެއްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. ޔަހޫދީ ސަރުކާރުން ބުނީ މި ސްކޫލަކީ މި ދެ ގްރޫޕުން ހަނގުރާމައިގެ އުކުޅުތައް ރާވައި، އިސްރާއީލަށް ހަމަލާ ދޭން ބޭނުން ކުރާ ސްކޫލެއް ކަމަށެވެ.
ޣައްޒާގައި އޮތް ހަމާސްގެ ސަރުކާރުގެ މީޑިއާއިން ބުނީ އިސްރާއީލު ސިފައިންގެ މި ހަމަލާގައި 14 ކުޑަކުދިންނާއި ނުވަ އަންހެނުން ޝަހީދުވި ކަމަށެވެ.
އަށް މަސް ދުވަހަށް ދެމިގެންމިދާ ހަނގުރާމައިގައި އިސްރާއީލުން ތަކުރާރުކޮށް ތުހުމަތު ކުރަމުންދަނީ ހަމާސްއިން ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އަދިވެސް އެހެން އިމާރާތްތައް ބޭނުން ކުރަނީ އާއްމު ރައްޔިތުން އައްޑަނައަކަށް ހެދުމަށް ކަމަށެވެ. ހަމާސް މިކަން ދޮގު ކުރެއެވެ.
ނައީމް ބުނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ބައިނަލްއަގުވާމީ މުޖުތަމައުން ކަނޑައަޅާފައިވާ ހުރިހާ "ރަތް ރޮނގެއް" އިސްރާއީލު ސިފައިން މިހާރު ވަނީ ހުރަސްކޮށްފައި ކަމަށެވެ.
"އދ.ގެ މުއައްސަސާއެއްގެ ތެރޭގައި ހިމެނުމަކުން އަހަރެންގެ އާއިލާއަށް ލިބުނު ސަލާމަތެއް ނެތް. ދުނިޔެއިން އަހަރެމެންނާ ދޭތެރޭގައި ކަންތައް ކުރަނީ ތައައްސުބާއެކު. އިސްރާއީލުން ވަނީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނުތަކެއް މުގުރައިލައިފައި،" އޭނާ ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އެ ކަމުގެ ބަދަލުހިފުމެއްގެ ގޮތުން ކަމަށް ބުނެ ފަލަސްތީނުގެ އާއްމު ރައްޔިތުންގެ ތެރެއިން 36،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ހަނގުރާމަ ކުރިއަށްގެންދާ ގޮތުން އިސްރާއީލު މިހާރު ވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި ޑިޕްލޮމެޓިކް ގޮތުން ވަރަށް ބޮޑަށް އެކަހެރިކޮށްލައިފައެވެ. އެ ގޮތުން ބައިނަލްއަގުވާމީ ދެ ކޯޓެއްގައި އިސްރާއީލާ ދެކޮޅަށް ކޭސްތައް ހިންގަމުން އެބަދެއެވެ. ނަމަވެސް އިސްރާއީލުން އަދިވެސް ބުނަމުންދަނީ ހަނގުރާމައިގައި އަމަލުކުރަމުންދަނީ ހަނގުރާމަ ކުރުމާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މިއީ އިސްރާއީލު އެއްކޮށް ނެތިކޮށްލުމަށް ހަމާސްއިން ކުރާ ހަނގުރާމައެއް ކަމަށް ވެސް އިސްރާއީލު ސަރުކާރުން ބުނެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާ ކަމަށްވާ އިސްރާއީލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް) ބުނީ އޮކްޓޫބަރު މަހުގެ 1،200 އެއްހާ ޔަހޫދީން މަރައިލި ހަމަލާގައި ބައިވެރިވި ފަލަސްތީނުގެ މީހުން ނުސީރާތުގެ ސްކޫލްގައި ތިބި ކަމަށެވެ. މިހެން ބުނި ނަމަވެސް އިސްރާއީލަކަށް އޭގެ ހެއްކެއް ނުދެއްކުނެވެ.
"ހަމާސް އާއި އިސްލާމިކް ޖިހާދަށް ހީވެދާނެ މި ސްކޫލަކީ އދ.ގެ އިމާރާތެއް ކަމަށްވާތީ އެ ތަނުގައި ފިލައިގެން އުޅެވިދާނެ ކަމަށް،" އައި.ޑީ.އެފްގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޕީޓަރ ލަރނަރ ބުންޏެވެ.
އައި.ޑީ.އެފް.އިން ވަނީ ސްކޫލްގެ ފޮޓޯއެއް ހާމަކޮށްފައެވެ. އޭގައި ވަނީ ފުރަތަމަ އަދި ދެވަނަ ބުރީގެ ކިލާސްތައް ފާހަގަކޮށްފައެވެ. މިއީ އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮން އެޅި ތަންތަން ކަމަށް ޕީޓަރ ބުންޏެވެ. އޭނާ ބުނީ ނުސީރާތުގެ މައްސަލައިގައި އިސްރާއީލުން ކަންތައްތައް ކުރީ "އާދަޔާ ހިލާފަށް ބަލައިގެން" ކަމަށެވެ.
"ހަމަލާ ދިނުމުގެ ރޭވުންތައް ކުރިއަށް ނުގެންދަން ދެ ފަހަރަކު ނިންމިން،" ޕީޓަރ ބުންޏެވެ.
ރޭގައި ދިން ހަމަލާއަކީ މިހާތަނަށް އެންމެ ގިނައިން ފަލަސްތީނުގެ އާއްމުން ޝަހީދުވި އެއް ހަމަލާއެވެ. ސަބަބަކީ ޣައްޒާގައި އިސްރާއީލު ސިފައިންގެ އޮޕަރޭޝަންތައް ފުޅާކޮށްލައިފައިވާތީ ހިމާޔަތް ހޯދަން ދާނެ އިތުރު ތަނެއް ނެތުމުންނެވެ. އެ ގޮތުން އިސްރާއީލުން ކުރިން ބުނި ޣައްޒާގެ ރަފަހް ވެސް މިހާރު ވަނީ އިސްރާއީލު ސިފައިން ހިފައިފައެވެ. ރަފަހްއަކީ އެ ތަނަކަށް ނުވަންނާނެ ކަމަށް އިސްރާއީލު ސިފައިން ކުރި ބުނި ޣައްޒާގެ ސަރަހައްދެކެވެ.
އދ.އިން ހިންގާ ނުސީރާތު ސްކޫލްގައި ހިމާޔަތް ހޯދަމުންދާ ފަލަސްތީނު މީހުން ބުނީ އެ މީހުން އައީ އުތުރު ޣައްޒާއިން ކަމަށެވެ. ނަމަވެސް އިސްރާއީލު ސަރުކާރުގެ އެދުމުގެ މަތިން ދެކުނު ޣައްޒާއަށް ދިޔަ ކަމަށެވެ. އެހެނަސް މިދިޔަ މަހު ރަފަހް ދޫކޮށް ދާން ޖެހުނު ކަމަށެވެ.
މެދުތެރޭ ޣައްޒާގައި ހަމާސް އަލުން އެތުރެމުންދާ ކަމަށް ބުނެ އިސްރާއީލު ސިފައިން ކުރިން ފޭބި ސަރަހައްދުތަކަށް އަލުން ވަދެ، ހަމާސްއާ ދެކޮޅަށް އެއްގަމު މަގުންނާއި ވައިގެ މަގުން ހަމަލާތަކެއް ރާވަމުންދާ ކަމަށް އިސްރާއީލުން މިހާރު ވަނީ ބުނެފައެވެ.
ރޭ އިސްރާއީލު އަސްކަރިއްޔާއިން ދިން ހަމަލާއަށް ފަހު އދ. އިން ހިންގާ ނުސީރާތު ސްކޫލްގެ ތެރޭގައި ޝަހީދުވެފައިވާ ވިއްސަކަށް މީހުންގެ ހަށިގަނޑުތައް ވަނީ ކަފުނަށް ލާފައި ބަރިބަރިއަށް އަތުރައިލައިފައެވެ. އަދި އެތައް އަންހެނުންނެއް ތިބީ އެ މީހުންގެ ޝަހީދުވެފައިވާ ފިރިހެން ދަރިންގެ ބޯ އުނގަށް ލައިގެން، އެ ދަރިންގެ އަތުގައި ހިފައިލައިގެން ކަމަށް، ބީ.ބީ.ސީން ރިޕޯޓްކުރިއެވެ.
"އެއީ ވަރުގަދަ ރެއެއް،" ފުރާވަރު އުމުރުގެ އިބްރާހީމް ލުއުލުއު ބުންޏެވެ. އޭނާގެ ދެބެންގެދެދަރި މުހައްމަދު ވަނީ މި ހަމަލާގައި ޝަހީދުވެފައެވެ.
"އަހަރެންގެ ބެއިންނާއި ރަހްމަތްތެރިން ތިބީ އިށީނދެލައިގެން. ދެން އިވުނީ ބޮޑު ގޮވުމެއް. އަހަރެން ސަލާމަތްވީ ފާރުގައި ލެނގިލައިގެން އިން އިރު ގޮދަޑި ކައިރީގައި އިނުމުން. އެހެން ހުރިހާ މީހުންގެ ގުނަންތައް ބުރިބުރިވެ، ހަށިގަނޑުގެ އެތަންމިތަން ވަނީ އިރައިގެން ގޮސްފައި،" އިބްރާހީމް ބީ.ބީ.ސީއަށް ކިޔައިދިނެވެ.
ސްކޫލްގައި ދިރިއުޅެމުންދިޔަ މީހުން ބުނީ އިސްރާއީލު ސިފައިން ހަމަލާ ދިން ސެކްޝަނަކީ ބޮޑެތި ފިރިހެނުންނާއި ފިރިހެން ކުޑަކުދިން ހިމާޔަތް ހޯދައިގެން އުޅުނު ތަން ކަމަށެވެ. ބޮޑެތި އަންހެނުންނާއި ކުޑަ އަންހެންކުދިން ތިބީ އެހެން ސެކްޝަނެއްގައި ކަމަށެވެ. އެ މީހުން ބުނީ މިދިޔަ މަހުގެ މެދުތެރޭގައި ވެސް އިސްރާއީލު ސިފައިން އެ ސްކޫލަށް ހަމަލާ ދިން ކަމަށެވެ. އެ ސްކޫލަކީ ހަމާސްގެ "ހަނގުރާމަ ރާވާ ކޮޓަރި" ކަމަށް ތުހުމަތުކޮށްފައެވެ.
ރޭގެ ހަމަލައިގައި ޝަހީދުވި މީހުންނާއި ޒަހަމްވި މީހުން ވަނީ ސްކޫލް ކައިރީގައި ހުރި ޒައިރު އަލް-ބަލާހްގެ އަލް-އަގްސާ މާޓާސް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ފަހަކަށް އައިސް އިސްރާއީލު ސިފައިންގެ ހަމަލާތައް އެ ސަރަހައްދުގައި އިތުރުވެފައިވާތީ އެ ހޮސްޕިޓަލަށް ގެންނަ ޒަހަމްވެފައިވާ އެތައް ސަތޭކަ މީހުންނަށް ފަރުވާ ދިނުމަށް ވަނީ ދަތިވެފައެވެ. މީގެ ކުރިން އެ ހޮސްޕިޓަލުން ބުނީ ޖެނެރޭޓަރެއްގައި މައްސަލައެއް ޖެހުމުގެ ސަބަބުން ބަލިމީހުންނަށް ފަރުވާދިނުން ދަތިކަމަކަށްވެފައިވާ ކަމަށެވެ.
ފްރާންސްގެ ހިލޭސާބަހަށް މަސައްކަތް ކުރާ ޑޮކްޓަރުންގެ ޖަމިއްޔާ ކަމަށްވާ "ޑޮކްޓަރސް ވިތައުޓް ބޯޑަރސް"އިން އިއްޔެ ބުނީ މި ދުވަސްވަރު އެ ހޮސްޕިޓަލްތެރެ ހަލަބޮލިވެފައިވާ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ މަދުވެގެން 70 ޝަހީދުވެފައިވާ މީހުން ގެނައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މީގެ އިތުރުން 300 އަށްވުރެ ގިނަ ޒަހަމްވެފައިވާ މީހުން ވެސް ގެނައި ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.



advertisment