Support Us

ލޯބީގެ ގޮތުން ގުޅުވައިދޭ އެޕެއް ޖަޕާނުން ފަރުމާކުރަނީ

ގައުމެއްގެ އާބާދީ ބޮޑުވުމަކީ ވެސް ބައެއް ފަހަރަށް މައްސަލައެކެވެ. އަދި އަނެއްކޮޅުން އާބާދީ ކުޑަވުމަކީވެސް ބައެއް ފަހަރު މައްސަލައެކެވެ. 

އޭޝިޔާގެ ތަރައްގީވެފައިވާ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވަނީ ޒުވާން އުމުރުގެ މީހުން ކައިވެނި ކުރަން ބޭނުން ނުވުމާއި، އެއާއެކު ދަރިން ހޯދަން ބޭނުން ނުވުމުގެ މައްސަލައެވެ. މިއީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ބޮޑު މައްސަލައެކެވެ. 

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ސިޓީ ކައުންސިލުން މިހާރު އަންނަނީ ދޭދޭ މީހުންގެ ދެމެދުގައި "ޑޭޓް" ކުރާނެ ނުވަތަ ލޯބީގެ ގޮތުން ގުޅުވައިދޭނެ އެޕެއް ތައްޔާރު ކުރަމުންނެވެ. މި އެޕް ތައާރަފު ކުރަން ނިންމައިފައިވަނީ މި އަހަރު ފަހުކޮޅުއެވެ. 

މި އެޕްގެ ބޭނުމަކީ ކައިވެނި ކުރުމަށާއި ދަރިން ހޯދުމަށް ހިތްވަރު ދިނުމެވެ.

ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި އެޕް ފޯނުގެ އިތުރުން ކޮމްޕިއުޓަރު އެޕެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ ކަމަށެވެ. 

ސިޓީ ކައުންސިލް ވަނީ މި އެޕްގެ ތަފުސީލުތައް އަދި ހާމަ ކުރެވެން ނެތް ކަމަށް ބުނެފައެވެ. މިހާރު ވެސް ޖަޕާނުގައި މި ދާއިރާއިން ކައުންސެލިންނާއި މައުލޫމާތު ދޭ ވެބްސައިޓެއް އިންޓަނެޓްގައިވެއެވެ.

ޖަޕާނުގެ މީޑިއާ ރިޕޯޓްތަކުން ބުނީ މި އެޕަކީ އެހެން ޑޭޓިން އެޕްތަކާ ހިލާފަށް، ބޭނުން ކުރާ މީހާއަކީ ކާކުކަން ނޭނގޭ ގޮތަށް "ފޭކް" އެކައުންޓް ގާއިމު ނުކުރެވޭނެ އެޕެއް ކަމަށެވެ. އެ ގޮތުން މި އެޕްގައި ބައިވެރިވުމަށްޓަކައި ޑްރައިވިން ލައިސަންސެއް ފަދަ އެ މީހެއްގެ އައިޑެންޓިޓީ ކަށަވަރު ކުރާ މައުލޫމާތު ހުށަހަޅަން ޖެހެއެވެ. 

މީގެ އިތުރުން އެ މީހަކު ދައުލަތަށް ދައްކާ ޓެކްސްގެ ތަފުސީލުތައް ވެސް ހާމަކުރަން ޖެހެއެވެ. އެއީ އެ މީހާއަށް އާމްދަނީ ލިބޭ މިންވަރު ހާމަކުރުމަށްޓަކައެވެ. އަދި މި ހިސާބުން ނިމުނީކީ ނޫނެވެ. އެ މީހަކީ ކައިވެނި ކުރަން ތައްޔާރަށް ހުރި މީހެއް ކަމަށް ފޯމެއްގައި ސޮއި ކުރަން ޖެހެއެވެ.

ޑޭޓިން އެޕްއަށް ލާނެ ކަމަށް ބެލެވޭ އިތުރު މައުލޫމާތުގެ ތެރޭގައި މީހާގެ އިސްކޮޅާއި، ދިރިއުޅުމަށް ކުރާ މަސައްކަތާއި އަދި ތައުލީމު ހާސިލުކޮށްފައިވާ ހިސާބު ވެސް ހާމަކުރަން ޖެހެއެވެ. 

ޖަޕާނުގެ ހެލްތު މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުން ދެއްކި ގޮތުގައި ކުރެވޭ ކައިވެނީގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް ދަށްވެފައެވެ. އެ ގޮތުން މިދިޔަ އަހަރު 474،717 ކައިވެނި ކޮށްފައިވާއިރު އެއީ 2022 ވަނަ އަހަރު ކުރެވުނު 504،930 ކައިވެނީގެ އަދަދާ އަޅާބަލާއިރު މަދު އަދަދެކެވެ. އަދި ހަމަ އެގޮތަށް ވޭތުވެ ދިޔަ ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ދަރިން ވިހޭ އަދަދު ވަނީ 770،759 އިން 727،277 އަށް މަދުވެފައެވެ.

ގައުމީ ފެންވަރުގައި ބަލާ ނަމަ ސަރުކާރަށް ވަނީ ޖަޕާނަށް ކުރިމަތިވެފައިވާ މަސައްކަތްތެރިންގެ އަދަދު މަދުވުމުގެ މައްސަލަ ވެސް ހައްލު ކުރަން ޖެހިފައެވެ. މި ކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ސަރުކާރުން އަންނަނީ ދަރިން ތިބި އާއިލާތަކަށް ފައިސާ ދީ، ދަރިން ބަލާނެ މަރުކަޒުތަކަށް ވެސް ހަރަދު ކުރަމުންނެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ޖަޕާނުގެ އިމިގްރޭޝަން ގާނޫނުތަކަށް ވެސް ވަނީ ލުއި ދީފައެވެ. 

ޖަޕާނުގެ އާބާދީ އެންމެ ބޮޑަށް އިތުރުވި ދުވަސްވަރު ކަމަށްވާ 1970ގެ އަހަރުތަކުގައި އަހަރަކު ދެ މިލިއަން ކުދިން ވަނީ އުފަންވެފައެވެ. 

މިހާރު ޖަޕާނުގެ ޒުވާން ޖީލުތަކުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިހެން ޖަޕާނު މީހުން މިހާރު ކައިވެނި ކުރާކަށް ބޭނުމެއް ނުވެއެވެ. އަދި ދަރިން ހޯދުމަކަށް ވެސް ޝައުގުވެރިކަމެއް ނެތެވެ. މީގެ އިތުރުން ޖަޕާނުގެ މަސައްކަތުގެ ދާއިރާ މިހާރު ރޭވިފައިވާ ގޮތުން ވަޒީފާގައި އެތައް އިރެއް ވަންދެން އުޅެންޖެހެއެވެ. މިހެން ވުމުގެ ސަބަބުން ވަޒީފާގެ ބޭރުން މީސްމީހުންނާ ބައްދަލުވުން ވެފައިވަނީ ނާދިރު ކަމަކަށެވެ. އަދި ޖަޕާނުގެ ބައެއް މީހުން ބުނާ ގޮތުން ދަރިއަކު ގެންގުޅުމަކީ މިހާރުގެ އިގުތިސާދުގައި ހަރަދު ބޮޑު ކަމެކެވެ.

ޓޯކިޔޯގެ ސިޓީ ކައުންސިލުން މިހާރު އަންނަނީ ހުސްހަށިބައި މީހުން ބައްދަލު ކޮށްލާނެ އިޖުތިމާއީ ހަރަކާތްތައް ހިންގަމުންނެވެ. މީގެ އިތުރުން ކައިވެންޏާ ގުޅޭ ކައުންސެލިން ދިނުމުގެ އިތުރުން ލޯބިވެރިން އެ މީހުން ލޯބީގެ ގޮތުން ގުޅުނު ގޮތް ލަވަ އާއި މަންގާ ކާޓޫނު ކޮމިކުގެ ޒަރީއާއިން ހުށަހެޅުމަށް ވެސް ވެރިރަށުގެ ސިޓީ ކައުންސިލުން ހިތްވަރުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *