މުސްކުޅިފުރައިގެ މީހަކު އެއް ދުވަހަކު ޒުވާނަކާ ބައްދަލުވިއެވެ.
"އަހަރެންނަކީ ކާކުކަން ހަނދާން އެބަހުރި ހެއްޔެވެ؟" ޒުވާނާ އެއްސެވެ.
މުސްކުޅިމީހާ ބުންޏެވެ: "ނުދަންނަމެވެ."
ދެން ޒުވާނާ ބުންޏެވެ: "ތިމަންނައަކީ ކުރީގައި ތިބާގެ ދަރިވަރެކެވެ."
އެ ހިސާބުން މުސްކުޅިމީހާ އަހައިފިއެވެ: "މިހާރު ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟ ހަޔާތުގައި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟"
ޒުވާނާ ޖަވާބުދިނެވެ: "އަހަރެން ވީ މުދައްރިސަކަށެވެ."
މުސްކުޅިމީހާ ބުންޏެވެ: "ހާދަ ރަނގަޅެވެ. އަހަރެން ފަދައިން ދޯއެވެ."
ޒުވާނާ ޖަވާބުދިނެވެ: "އާނއެކެވެ. އަހަރެންނަށް މިސާލު ނެގުނީ ތިބާގެ ފަރާތުންނެވެ. އަހަރެން މުދައްރިއްސަކަށްވީ އެހެންވެއެވެ."
މުސްކުޅިމީހާގެ ޝައުގުވެރިކަން އިތުރުވިއެވެ. މުދައްރިއްސަކަށްވާން ޒުވާނާ ނިންމީ ހަޔާތުގެ ކިހާ ހިސާބަކުންތޯ އެއްސެވެ. އެހާ ހިސާބުން ޒުވާނާ އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިދޭން ފެށިއެވެ.
ބުންޏެވެ:-
"އެއް ދުވަހަކު އަހަރެންގެ ރަހްމަތްތެރިއަކު އަހަރެންގެ ގާތަށް އައެވެ. އޭނާއަކީ ވެސް އެއިރު ދަރިވަރެކެވެ. އޭނާގެ އަތުކުރީގައި އަޅައިފައި އޮތީ ވަރަށް ރީތި ގަޑިއެކެވެ. އެ އަތުކުރީގަޑި އަހަރެން ބޭނުން ކަމަށް އަހަރެން ނިންމީމެވެ. ދެން ފަހެ އެ އަތުކުރި ގަޑި އޭނާ ޖީބަށް ލައިގެން އުޅެނިކޮށް އަހަރެން ވަގަށް ނެގީމެވެ.
"މާ ގިނައިރެއް ނުވަނީސް އަހަރެންގެ ރަހުމަތްތެރިޔާއަށް އޭނާގެ ގަޑި ގެއްލިއްޖެކަން އެނގިއްޖެއެވެ. އަދި އަހަރެމެންގެ މުދައްރިސަށް އެ ޝަކުވާ ހުށަހެޅިއެވެ. އަހަރެމެންގެ މުދައްރިސަކީ ތިބާއެވެ،" ޒުވާނާ، މުސްކުޅިމީހާއަށް ބުންޏެވެ.
ޒުވާނާ އޭނާގެ ވާހަކަ ކުރިއަށްގެންދިޔައެވެ:-
"ތިބާ ހުރިހާ ދަރިވަރުންނަށް އެންގީމުއެވެ؛ މިއަދު ކްލާސް ނަގައިދިން ގަޑީގައި މިހިރަ ދަރިވަރުގެ އަތުކުރީ ގަޑި ކޮންމެވެސް ކުއްޖަކު ވަގަށް ނަގައިފިއެވެ. ނެގި ކުއްޖާ އެ ގަޑި އަލުން އަނބުރާ އޭގެ ވެރިފަރާތަށް ހަވާލުކުރަން އަހަރެން އެދެމެވެ."
ޒުވާނާ މުސްކުޅިމީހާއަށް ބުންޏެވެ: "އަހަރެން އެ ގަޑި އަނބުރާ ތިބާގެ އަތަކަށް ނުދެމެވެ. އެއީ އެ ގޮތް އަހަރެން ބޭނުން ނުވާތީއެވެ. ދެން ތިބާ ކިލާހުގެ ދޮރު ތަޅުލީއެވެ. އަދި ހުރިހާ ދަރިވަރުން ކޮޅަށް ތެދުވެ، ވަށްބުރެއް ގޮތަށް އެތުރެން އެންގީއެވެ. ތިބާ ބޭނުންވީ ކޮންމެ ދަރިވަރެއްގެ ޖީބު ބަލައި، އެ ގަޑި ފެންނަން ދެން އެ ހޯދުމެވެ.
ޒުވާނާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ: "ހުރިހާ ދަރިވަރުން ލޯ މަރައިލައިގެން ތިބުމަށް ތިބާ އެދުނެވެ. ގެއްލުނު ގަޑި ހޯދާނީ ހުރިހާ ދަރިވަރުން ލޯ މަރައިލުމުން ކަމަށް ތިބާ ބުންޏެވެ. ހުރިހާ ދަރިވަރުން ތިބާ އެދުނު ގޮތަށް ލޯ މަރައިލިއެވެ. ދެން، ތިބާ ފަހަރަކު ދަރިވަރެއްގެ ގާތަށް ގޮސް، އެ ކުދިންގެ ޖީބުތައް ޗެކު ކުރަން ފެށިއެވެ. އެ ގޮތުން، އަހަރެންގެ ޖީބުން ތިބާ އެ ގަޑި ނެގިއެވެ. ނަމަވެސް އޭގެ ފަހުން ވެސް ހުރިހާ ދަރިވަރުންގެ ޖީބުތައް ތިބާ ޗެކު ކުރަމުން ދިޔައެވެ. ދެން، ބުރު ހަމަވެ، ހުރިހާ ކުދިންގެ ޖީބުތައް ޗެކުކޮށް ނިމުމުން، ތިބާ ބުންޏެވެ؛ 'ހުރިހާ ކުދިން ދެން ލޯ ހުޅުވައިލިއަސް އެންމެ ރަނގަޅެވެ. ވަގަށް ނެގި ގަޑި ފެނިއްޖެއެވެ."
ޒުވާނާ، މުސްކުޅިމީހާއަށް ބުންޏެވެ: "ގަޑި ވަގަށް ނެގީ އަހަރެންކަން ތިބާ ފަޅާނާރުވައެވެ. އެ ވާހަކަ އެއްވެސް ދަރިވަރެއްގެ ގާތުގައި ތިބާ ނުބުނެއެވެ. ގަޑި ވަގަށް ނެގި ދަރިވަރަކީ ކާކުކަން ތިބާ ސިއްރުކުރިއެވެ. އެ ދުވަހު ތިބާ ވަނީ އަހަރެންގެ ނަފުސުގެ ތޯހިރުކަން އަބަދުގެ އަބަދަށްމެ ރައްކާތެރިކޮށްދީފައެވެ. އެ ދުވަސް ވެގެން ދިޔައީ އަހަރެންގެ މުޅި ހަޔާތުގައި އަހަރެން އެންމެ ލަދުގަތް ދުވަހަށެވެ."
ޒުވާނާ އޭނާގެ ވާހަކައިގެ ބާކީ ބައި ކުރިއަށްގެންދިޔައެވެ: "އެ ދުވަސް ވެގެން ދިޔައީ އަހަރެންނަކީ ވަގަކަށް ވާން ބޭނުންނުވާކަން އަހަރެން ކަނޑައެޅި ދުވަހެވެ. އަހަރެންނަކީ ނުބައި އިންސާނަކަށް ނުވާން ކަނޑައެޅި ދުވަހެވެ. ތިބާ އެ ކަމާ އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެންނާ ދިމާއަށް އެއްޗެއްވެސް ނުބުނަމުއެވެ. އަދި އެހެން ދަރިވަރުންނާ އެކަހެރިކޮށްލާފައި ވަކިން އަހަރެންނަށް ސުލޫކީ ފިލާވަޅެއް ދޭކަށް ވެސް ނޫޅެއެވެ. އަހަރެންނަށް ތިބާގެ މެސެޖް ރަނގަޅަށް އިހުސާސް ކުރެވުނެވެ. ހަގީގީ މުދައްރިސުންނަކީ ކޮބައިކަމުގެ ފިލާވަޅު އަހަރެންނަށް ލިބުނީ ތިބާގެ އެ އަމަލުތައް ހުރި ގޮތުންނެވެ. މި ހާދިސާ ތިބާ މިހާރު ހަނދާން އެބަހުރިތޯއެވެ؟"
މުސްކުޅިމީހާ ޖަވާބުދިނެވެ: "އާނއެކެވެ. ވަގަށް ނެގި ގަޑީގެ މައްސަލަ އަހަރެން ހަނދާން އެބަހުއްޓެވެ. ހުރިހާ ދަރިވަރުންގެ ޖީބުތައް އަހަރެން ޗެކު ކުރި ހަނދާން އެބަހުއްޓެވެ. ނަމަވެސް ތިބާއަކީ ކާކުކަން އަހަރެން ހަނދާނެއް ނެތެވެ. ސަބަބަކީ ހުރިހާ ދަރިވަރުންގެ ޖީބުތައް ޗެކުކުރިއިރު އަހަރެން ވެސް ހުރީ ލޯ މަރައިގެންނެވެ. އެއީ ކާކުކަން އެނގެން އަހަރެން ބޭނުންނުވާތީއެވެ."
މި ހާދިސާއިން ދޭހަވާ އެންމެ މުހިންމު ފިލާވަޅަކީ މިއެވެ: މީހެއްގެ ފަރާތުން އުނި ސިފައެއް ފެނުމުން އެ ކަމެއް ރަނގަޅު ކުރުމުގެ ނިޔަތުގައި އެ ކުށް ކުރި މީހާ ފަޟީޙަތްކޮށްލުމަށް ގަސްދުކުޅަ ނަމަ، ފިލާވަޅު ދަސްކޮށްދޭ މުދައްރިއްސެއްގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފަތައް ތިބާއަކަށް ފަހުމެއް ނުވެއެވެ.
