Support Us

ސުލްހައިގެ އެއްބަސްވުމާމެދު އިސްރާއީލުން އަދިވެސް ވާހަކަދައްކަނީ އެކިފަހަރު އެކިގޮތަށް

އިސްރާއީލު ސިފައިންނާއި، ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް މުޅި ދުނިޔެއިން ބޭނުންވެފައިވާ މި ދަނޑިވަޅުގައި، ސުލްހައިގެ އެއްބަސްވުމާމެދު އިސްރާއީލުން ވާހަކަ ދައްކަމުންދަނީ ދެފަހަރު ދެގޮތަށެވެ.

މި އެއްބަސްވުން އައީ ކިހިނެތްކަން ވެސް އަދިވެސް ވަނީ ކަށަވަރު ނުވެފައެވެ. އެމެރިކާއިން ބުނީ މިއީ އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ "ހަނގުރާމަމަތީ ކެބިނެޓް"ގެ ތިން މެންބަރުން ގުޅިގެން ހަދާފައިވާ ތިން ފިޔަވަހީގެ ޕްލޭނެއް ކަމަށެވެ. ނަމަވެސް އިސްރާއީލުން ބުނީ މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުރާސްފަތި ދުވަހު ހުށަހެޅުއްވި ސުލްހައިގެ އެއްބަސްވުމެއް ކަމަށެވެ.

އެއްކޮޅުން ބައިޑަން ވިދާޅުވީ މި އެއްބަސްވުމައިގެން ކުރިއަށް ފިޔަވަޅެއް ނޭޅިގެން އުޅެނީ ހަމާސްގެ ފަރާތުން ވަކި ޖަވާބެއް ނުލިބޭތީ ކަމަށެވެ. ނަމަވެސް އަނެއްކޮޅުން ހަމާސްގެ އޮފިޝަލެއް ކަމަށްވާ އުސާމާ ހަމްދާން އިއްޔެ ވިދާޅުވީ ހަމާސްއިން މި ސުލްހައިގެ އެއްބަސްވުމަށް ރުހޭ ކަމަށެވެ.

"ގަތަރު މެދުވެރިކޮށް ހަމާސްއިން ވަކި ޖަވާބެއް ދެންދެން އަހަރެމެން މަޑުކޮށްގެން މި ތިބީ،" އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ސަލާމަތީ ކަންތައްތަކާ ބެހޭ މުޝީރު ޖޭކް ސަލިވަން އިއްޔެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީ.އައި.އޭ)ގެ ޑައިރެކްޓަރު ބިލް ބާންސް މި މައްސަލައިގައި އިއްޔެ ގަތަރުގެ ވެރިރަށް ދޫހާއަށް ވަޑައިގަންނަވަން ހަމަޖައްސަވާފައިވާ ކަމަށެވެ. ގަތަރަކީ، އެމެރިކާ އާއި މިސްރުގެ އިތުރުން، ހަމާސްއާ އިސްރާއީލު ސަރުކާރުން ސުލްހައަށް އެއްބަސްކުރުވަން މުހިންމު ދައުރެއް އަދާ ކުރާ މެދުއިރުމަތީގެ ގައުމެކެވެ.

ނަތަންޔާހޫ އަދިވެސް ބުނަމުންދަނީ ސުލްހައިގެ އެއްބަސްވުމަށް އިސްރާއީލުން ރުހުނު ކަމަށްވިޔަސް ހަމާސްގެ އަސަރު މެދުއިރުމަތިން ފުހެލާފައި ނޫނީ ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމަކީ ޝަރުތެއް ކަމަށް އުސާމާ ވިދާޅުވިއެވެ.

ނަތަންޔާހޫ މިހާރު ވަނީ ތިން ކޮޅުން ފިތިފައެވެ. އެއްކޮޅުން އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ސުލްހައިގެ އެއްބަސްވުމަށް ރުހުންދޭން ބާރުއަޅާއިރު، އޭނާގެ ސަރުކާރު ނެގެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތަކުން ބުނަނީ ހަމާސްއާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި ނަމަ، ނަތަންޔާހޫގެ ކޯލިޝަން ދޫކޮށްލައި، އޭނާގެ ސަރުކާރު ނިމުމަކަށް ގެންނާނެ ކަމަށެވެ. މިކަން މިހެން އޮތް އިރު، ނަތަންޔާހޫ ކުރިމަތިލާން ޖެހިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަކީ އޭނާގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމެކެވެ.

އުސާމާ ވިދާޅުވީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލަން ނުޖެހޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމަކަށް ހަމާސްއިން އެއްބަސްނުވާނެ ކަމަށެވެ.

"ދާއިމީ ސުލްހައެއް ގާއިމުކޮށް، ޣައްޒާއިން އިސްރާއީލު ސިފައިން ބާލާނެ ނަމަ، އަހަރެމެން އެ ކަމަށް އެއްބަސް،" އުސާމާ ވިދާޅުވިއެވެ.

ގަތަރުގެ ހާރިޖިއްޔާއިން އިއްޔެ ބުނީ ހަމާސްއިން ރަހީނުކޮށްފައިވާ ޔަހޫދީ އަސީރުން ސުލްހައިގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލަން ތައްޔާރު ނަމަ، އިސްރާއީލުން ސުލްހައިގެ އެއްބަސްވުމަށް ރުހޭނެ ކަމަށް ގަތަރަށް އަންގައިފައިވާ ކަމަށެވެ.

ހަމާސްއާއި އިސްރާއީލު ސިފައިންގެ މެދުގައި އަށް މަސް ދުވަހަށް ދިގުދެމެމުންދާ ހަނގުރާމަ ފެށުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާދީ، 1،200 އެއްހާ ޔަހޫދީން މަރައިލައި، 250 އެއްހާ ޔަހޫދީން ރަހީނު ކުރުމުން އެ ކަމަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އިސްރާއީލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 36،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *