Support Us

އަމްބާނީގެ ދަރީގެ ކައިވެނި ފާހަގަކުރަން ދުނިޔޭގެ މަޝްހޫރު އެތައް ތަރިންނެއް

އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު ކަމަށްވާ ރިލަޔަންސް ކުންފުނީގެ މުކޭޝް އަމްބާނީގެ ފިރިހެން ދަރިފުޅު އާނަންތު އަންނަ މަހު ކުރާ ކައިވެނި ފާހަގަކުރުމަށް ދުނިޔޭގެ މަޝްހޫރު އެތައް ތަރިންނެއް ކްރޫޒް ލައިނާ މަނަވަރަކަށް ޖަމާކޮށްފިއެވެ. މިއީ ރަދިކާ މާޗަންޓް އާއި އާނަންތުގެ އަންނަން އޮތް ކައިވެންޏާމެދު އުފާ ފާޅުކޮށްލަން މުކޭޝް މެހެމާންދާރީ އަދާކުރި މަހެފިލްތަކެކެވެ.

މުކޭޝްގެ މިލްކިއްޔާތުގައި 116 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މި އަހަރުގެ މާރިޗު މަހަށް އެޅިއިރު އޭނާއަކީ އޭޝިއާ ބައްރުގެ އެންމެ މުއްސަނދި މީހާއެވެ. އަދި އޭނާއަކީ މުޅި ދުނިޔެއިން 11 ވަނައަށް އެންމެ މުއްސަނދި މީހާއެވެ. މުމްބާއީގައި ހުންނަ މުކޭޝްގެ ގެއަކީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ގެއެވެ. އެއީ އިނގިރޭސި ޝާހީ އާއިލާގެ ގަނޑުވަރު ބަކިންހަމް ޕެލަސް ނަގައިފައެވެ.

ކްރޫޒް ލައިނާ ޔޫރަޕްގެ އެކި ގައުމުތަކުގައި ބަނދަރު ކުރަމުން އައިއިރު ދުނިޔޭގެ އެންމެ މަޝްހޫރު ސެލެބްރިޓީން ވަނީ އާނަންތު އާއި ރަދިކާގެ އެންގޭޖްވުން ފާހަގަކުރުމުގައި ބައިވެރިވެފައެވެ.

ހުކުރު ދުވަހު ފްރާންސްގެ ކާންސްއަށް މަނަވަރު މަޑުކުރިއިރު ވަނީ ކޭޓީ ޕެރީ ބައިވެރި، "ފަޔާވޯކް" ކަހަލަ މަޝްހޫރު ލަވަތައް ކިޔައިދީފައެވެ. މީގެ އިތުރުން ބެކްސްޓްރީޓް ބޯއިޒް ބޭންޑާއި ޕިޓްބުލް ވެސް ވަނީ ލަވަކިޔައިދީފައެވެ.

އިޓަލީގެ ޕޯޓޮފީނޯއަށް ބަނދަރު ކުރުމުން ލަވަކިޔައިދިނީ އެންދްރިއާ ބޮސެލީއެވެ. މީގެ އިތުރުން އިޓަލީގެ މި މަހެފިލްގައި ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ޝާހް ރުކް ޚާނާއި ރަންވީރު ސިންގް އަދި ރަންބީރު ކަޕޫރު ބައިވެރިވިއެވެ. އަދި ހަމަ މި ބޮލީވުޑްގެ އެކްޓަރުންނާއެކު ހޮލީވުޑްގެ މަޝްހޫރު ކޮމެޑީ ތަރި އެޑަމް ސެންޑްލާ ބައިވެރިވިއެވެ.

ކާންސްއަށް ކްރޫޒް ލައިނާ އައިއިރު 800 އެއްހާ މެހެމާނުން ބައިވެރިވިއެވެ. އެ މީހުންނަށް ހިދުމަތް ދޭން 600 މުވައްޒަފުން ހަރަކާތްތެރިވިއެވެ.

އާނަންތު އާއި ރަދިކާގެ ރަންކިއުން އޮތީ މިދިޔަ މާރިޗު މަހުއެވެ. އިންޑިއާގައި ބޭއްވި އެ މަހެފިލްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާވެސް ލަވަކިޔެވެ. މީގެ އިތުރުން އެ ޕާޓީގައި ފޭސްބުކް، އިންސްޓަގްރާމް، އަދި ވަޓްސްއެޕްގެ ވެރިޔާ މާކް ޒަކާބާގް އާއި އޭނާގެ އަންހެނުން ޕްރިސީލާ ޗާން ބައިވެރިއެވެ. އަދި ބޮލީވުޑް ތަރިން ކަމަށްވާ ސައިފް އަލީ ހާނާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރު ހާން އާއި ދީޕިކާ ޕަޑުކޯން ވެސް ބައިވެރިވިއެވެ. މި ހަފުލާގެ އިތުރު ބައިވެރިންގެ ތެރޭގައި މައިކްރޯސޮފްޓްގެ އެއްބާނީ ކަމަށްވާ ބިލިއަނަޔަރު ބިލް ގޭޓްސްގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހެން ދަރިފުޅު އިވަންކާ ހިމެނެއެވެ. އަދި އެމެޒަން އޮންލައިން ވިޔަފާރިން މަހުޖަނަކަށްވެފައިވާ ޖެފް ބެޒޯސް ހިމެނެއެވެ.

އުމުރުން 66 އަހަރުގެ މުކޭޝް 2018 ވަނަ އަހަރު ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޮންސޭއަށް ހަތަރު މިލިއަން ޑޮލަރު ދީގެން މުކޭޝްގެ އަންހެން ދަރިފުޅުގެ ކައިވެނި ހަފުލާގައި ލަވަކިޔުއްވައިފައެވެ.

 

 

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *