Support Us

ސުލްހައިގެ އާ އެއްބަސްވުމަށް ރުހުނަސް ހަމާސް ނައްތާލާނެ ކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުން ހުށަހަޅާފައިވާ ސުލްހައިގެ އާ އެއްބަސްވުން ކަމުދާ ކަމަށް، ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސްއިން ބުނި ނަމަވެސް ހަނގުރާމަ ހުއްޓާލާނީ ހަމާސް ނައްތާލާފައި ކަމަށް އިސްރާއީލުން ބުނެފިއެވެ.

މި އެއްބަސްވުމުގައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ހުށަހެޅުންތަކެއް ކަމަށް ވިޔަސް، އެމެރިކާއިން ބުނީ މިއީ އިސްރާއީލުން ހުށަހަޅާފައިވާ ސުލްހައިގެ މަގުޗާޓެއް ކަމަށެވެ.

ހަމާސްއިން ރޭގައި ބުނީ މި އެއްބަސްވުމަށް ރުހޭ ކަމަށެވެ. ނަމަވެސް އިސްރާއީލުން އަނެއްކާވެސް ބުނީ ހަމާސް ޖަމާއަތް ނައްތާލާފައި ނޫނީ ޣައްޒާއިން ނުފައިބާނެ ކަމަށެވެ.

"މި އެއްބަސްވުމަށް އަހަރެމެން ރުހުނަސް ހަމާސް ނައްތާލެވެންދެން އަހަރެމެން ހަނގުރާމަ ކުރިއަށް ގެންދާން،" އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބައިޑަން ހަމާސްއަށް ގޮވާލެއްވީ މި އެއްބަސްވުން ބަލައިގަތުމަށެވެ.

ފޭސްތަކަކަށް ނުވަތަ މަރުހަލާތަކަކަށް ބަހާލާފައިވާ މަގުޗާޓުގައި ވަނީ ހަމާސް އާއި އިސްރާއީލު އަސްކަރިއްޔާއިން ކުރަމުންދާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އެއްބަސްވުމެވެ. އެ ގޮތުން އިސްރާއީލަށް ޖެހެނީ ހަމާސްއިން ރަހީނުކޮށްފައިވާ އަސީރުން މިނިވަން ކުރުމުން ޣައްޒާއިން އެއްކޮށް ފޭބުމަށެވެ؛ އެއީ ޣައްޒާ އަލުން އާރާސްތު ކުރުމަށެވެ.

"ބައިޑަން ހުށަހެޅުއްވި (ކަންތައްތަކުގެ ތެރެއިން) ގައިދީން މިނިވަންކުރުމުގެ ނުގުތާއަށް ވެސް އަހަރެމެން ރުހެން،" ހަމާސްއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބައިޑަން އިއުލާން ކުރެއްވި އިސްރާއީލުން ހުށަހަޅާފައިވާ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަކީ އެތައް މަހެއް ވަންދެން މިސްރާއި ގަތަރުން މަސައްކަތްކޮށްގެން އެކުލަވާލައިފައިވާ ސުލްހައިގެ އެއްބަސްވުމުގައިވާ ފަދަ މަރުހަލާއެކެވެ. މިސްރާއި ގަތަރާއި އެމެރިކާއިން ބެލެހެއްޓި ސުލްހައިގެ ވާހަކަތައް ފޭލިވީ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލުމުގައި އިސްރާއީލާއި ހަމާސްއަށް އެއްބަސްވުމަކަށް ނާދެވުމުންނެވެ.

އަލަށް ބުރާސްފަތި ދުވަހު ހުށަހެޅި ސުލްހައިގެ އެއްބަސްވުމާ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މެންބަރުން ދެކޮޅު ވާނެކަން އެނގިވަޑައިގަންނަވާ ކަމަށް ބައިޑަން ވިދާޅުވިއެވެ.

އިސްރާއީލުން ހުށަހެޅި ކަމަށް ބުނާ، ނަމަވެސް ބައިޑަންގެ ނުގުތާތައް ހިމަނައިގެންކަން އެންމެން ދަންނަ، އާ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަކީ ހަ ހަފުތާގެ މަރުހަލާއެކެވެ. މި މަރުހަލާގައި ހަނގުރާމަ މުޅިން ހުއްޓާލަން ޖެހެއެވެ. ޣައްޒާގެ އާއްމުން ދިރިއުޅޭ ހުރިހާ ހިސާބުން އިސްރާއީލު ސިފައިން ފައިބަން ޖެހެއެވެ. އަދި މި މަރުހަލާގައި ހަމާސްއިން ރަހީނުކޮށްފައިވާ އަސީރުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި މުސްކުޅި މީހުންނާއި ޒަހަމްވެފައިވާ ޔަހޫދީން ދޫކޮށްލަން ޖެހެއެވެ. މި ކަމުގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައިވާ އެތައް ސަތޭކަ ފަލަސްތީނުގެ ގައިދީން މިނިވަން ކުރަން ޖެހެއެވެ.

ބައިޑަން ވިދާޅުވީ ފުރަތަމަ މަރުހަލާގައި ފަލަސްތީނު މީހުން އެ މީހުންގެ ގެދޮރަށް އައުމަށް މަގުފަހި ކޮށްދޭން ޖެހޭ ކަމަށެވެ. އެއީ މުޅި ޣައްޒާ ހިމެނޭ ގޮތަށެވެ. އަދި 600 ލޮރީގެ އެހީ ކޮންމެ ދުވަހަކު ޣައްޒާއަށް ވަނަދޭން ޖެހޭ ކަމަށެވެ.

"އެތައް ހާސް ވަގުތީ ހިޔާވަހިކަމާއި ހައުސިން ޔުނިޓް ބައިނަލްއަގުވާމީ ފަރާތްތަކުން ފޯރުކޮށްދެވިދާނެ. ސުލްހަ ގާއިމު ކުރުމުގައި ދެން އޮތް (ދެވަނަ) މަރުހަލާއަށް އިސްރާއީލާއި ހަމާސް ވާހަކަދައްކައިގެން އާދެވިދާނެ،" ބައިޑަން ވިދާޅުވިއެވެ.

ދެވަނަ މަރުހަލާގައި ހިމެނެނީ "އިސްރާއީލާއި ހަމާސްގެ ދުޝްމަންކަން ދާއިމީ ގޮތެއްގައި ނިމުމަކަށް ގެނައުން" ކަމަށާއި މި ކަމަށް ހަ ހަފުތާއަށްވުރެ ގިނަ ދުވަސް ނަގާފާނެ ކަމަށް ލަފާކުރައްވާ ކަމަށް ބައިޑަން ވިދާޅުވިއެވެ.

"ސަބަބަކީ ދެ ފަރާތުގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އޮންނާނެތީ. އިސްރާއީލުގެ އެދުންތައް ރައްކާތެރިކުރަން އިސްރާއީލު ސަރުކާރުން ބޭނުންވާނެ. ނަމަވެސް ފުރަތަމަ މަރުހަލާ ހަ ހަފުތާއަށް ވުރެ އިތުރަށް ދެމިގެން ހިނގައްޖެ ނަމަ، އިސްރާއީލާއި ހަމާސްއާ ދޭތެރޭގައި ހުރި މައްސަލަތައް ހައްލު ކުރެވެންދެންވެސް ހަނގުރާމަ ޖެހޭނީ ހުއްޓާލާފައި ބާއްވަން،" ބައިޑަން ވިދާޅުވިއެވެ.

މިއީ ހަނގުރާމަ ހުއްޓާލަން ކުރިން ރޭވި ސުލްހައިގެ އެއްބަސްވުމާ ތަފާތު ނުގުތާއެކެވެ. ބައިޑަން ވިދާޅުވީ ފުރަތަމަ މަރުހަލާގެ ހުރިހާ ކަމެއް އިސްރާއީލާއި ހަމާސްއިން ނިންމައި، ދެވަނަ މަރުހަލާއަށް ދާން މަގުފަހިކުރުމުގައި އެމެރިކާ އާއި މިސްރު އާއި ގަތަރުން މަސައްކަތް ކުރާނެ ކަމަށެވެ.

ދެވަނަ މަރުހަލާގައި ބުނާ ގޮތުން ހަމާސްއިން ރަހީނުކޮށްފައިވާ އަސީރުންގެ ތެރެއިން ދިރިތިބި ހުރިހާ ޔަހޫދީން މިނިވަން ކުރަން ޖެހެއެވެ. އޭގެ ތެރޭގައި އިސްރާއީލުގެ ފިރިހެން ސިފައިން ވެސް ހިމެނެއެވެ. ހަމާސްއިން މި ގޮތަށް ކަންތައްތައް ކުރުމުން އިސްރާއީލު ސިފައިން ޣައްޒާއިން ފައިބާނެ ކަމަށް ބައިޑަން ވިދާޅުވިއެވެ.

"މި ސުލްހައިގެ އެއްބަސްވުމުގައިވާ ހުރިހާ ނުގުތާތަކާ އެއްގޮތަށް ހަމާސް އަމަލުކޮށްފި ނަމަ، ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުން ދާއިމީ ކަމަކަށް ބަދަލުވެގެންދާނެ. އިސްރާއީލުން ބުނެފައިވަނީ މިހެން،" ބައިޑަން ވިދާޅުވިއެވެ.

ތިން ވަނަ މަރުހަލާގައި ޣައްޒާގައި އަލުން އުމްރާނީ މަޝްރޫއުތައް ފަށާނެއެވެ. ހަމާސްއިން މަރާލި އަސީރުންގެ ތެރޭގައިވާ ބާކީ ޔަހޫދީންގެ ހަށިގަނޑުތައް އާއިލާތަކާ ހަވާލުކުރަން ޖެހެއެވެ.

"ވޭތުވެދިޔަ އަށް މަސް ތެރޭގައި އިސްރާއީލު ސިފައިންވަނީ ހަމާސްގެ ބާރުކަނޑުވާލާފައި. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިސްރާއީލާ ދެކޮޅަށް ދިން ކަހަލަ ހަމަލާއެއް ދިނުމުގެ ގާބިލުކަމެއް ހަމާސްގައި މިހާރު ނެތް،" ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވީ ޣައްޒާ އަލުން އާރާސްތު ކުރުމުގައި އަރަބި ގައުމުތަކާއި ބައިނަލްއަގުވާމީ މުޖުތަމައުން ބައިވެރިވާނެއެވެ.

"ނަމަވެސް އެއީ ހަތިޔާރު އެޅި ޖަމާއަތަކަށް ހަމާސް އަލުން ބަދަލު ނުވެވޭނެ ގޮތަކަށް،" އޭނާ ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވީ ޣައްޒާގައި ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް އެޅުމަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން އެކުގައި މަސައްކަތް ކުރާނެއެވެ. ޣައްޒާގައި ހިނގަމުންދާ ހަނގުރާމާގައި 2.3 މިލިއަން ފަލަސްތީނު މީހުންގެ ގެދޮރު ވަނީ ހަލާކުވެގެން ގޮސްފައެވެ. އަދި އެ އެންމެންވަނީ ބަނޑަށްޖެހިފައެވެ.

ޣައްޒާގައި ހަމާސްއާ ދެކޮޅަށް އިސްރާއީލު ސިފައިން ހަނގުރާމަ ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ދެކުނު އިސްރާއީލަށް ހަމާސް ހަމަލާދީ 1،200 އެއްހާ ޔަހޫދީން މަރާލައި 250 އެއްހާ ޔަހޫދީން ރަހީނު ކުރުމުން، އެ ކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް ބުނެއެވެ. ވޭތުވެދިޔަ އަށް މަސް ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 36،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *