Support Us

ޣައްޒާއަށް ފޮނުވާ ކާބޯތަކެތި ރަފަހް ބޯޑަރުގައި ހުރެގެން ކުނިވަނީ

ޣައްޒާގެ ރައްޔިތުންނަށް ފޮނުވާ ކާބޯތަކެތި ކުނިވާން ފަށައިފި ކަމަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ބުނެފިއެވެ. މިހެން މިކަން ދިމާވީ މިސްރާއި ރަފަހް ގުޅޭ ބޯޑަރު އިސްރާއީލުން ބަންދުކޮށްގެން ތިބޭތާ ތިން ހަފުތާވުމުން ކަމަށް އެ ޖަމިއްޔާތަކުން ބުންޏެވެ.

ލޮރީ ޑްރައިވަރުން ބުނީ ބައެއް ކާބޯތަކެތި އަވީގައި ކުނިވާން ދޫކޮށް ނުލުމަށް ނުއަގުގައި ވިއްކައިފައިވާ ކަމަށެވެ. 

"އާފަލު، ދޮންކެޔޮ، ކުކުޅު އަދި ޗީޒް ވަނީ ކުނިވެފައި. ބައެއް އެއްޗެހި ވަރަށް އަގުހެޔޮކޮށް އެބަ ވިއްކަން އަދި އަނެއް ބައި ތަކެތި އުކާލަން،" ލޮރީ ޑްރައިވަރެއް ކަމަށްވާ މަހްމޫދު ހުސައިން ބުންޏެވެ.

އޭނާ ބުނީ ފިޔާތަކުގައި މިހާރު ފަނި އަޅާފައިވާ ކަމަށާއި އެ ތަކެތި ދެން ކާން ދޭނީ ޖަނަވާރުންނަށް ކަމަށެވެ. 

ރަފަހްއަކީ ޣައްޒާ އާއި މިސްރު ގުޅޭ ހަމައެކަނި އިމެވެ. އަދި މިއީ ޣައްޒާއަށް ފޯރުކޮށްދޭ އެހީ ޣައްޒާއަށް ފޯރުކޮށްދޭ މައިގަނޑު އެއް މަގެވެ. މި މަހު ހައެއްގައި އިސްރާއީލުން ވަނީ މި އިން ބަންދުކޮށްލައިފައެވެ. 

މިސްރުގެ އޮފިޝަލުން ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާގެ ހަރަކާތްތައް ހުރި ގޮތުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ނުރައްކަލަށް ހުށަހެޅިފައި ކަމަށެވެ. 

"ރަފަހް އާއި މިސްރު ގުޅޭ އިން އިސްރާއީލުން ފަލަސްތީނާ ހަވާލު ކުރަން ޖެހޭ،" މިސްރުގެ އޮފިޝަލަކު ވިދާޅުވިއެވެ. 

މިސްރުގެ އަނެއް ކަންބޮޑުވުމަކީ ޣައްޒާގެ ރައްޔިތުން ގެދޮރު ދޫކޮށްފައި ދާންޖެހިދާނެ ކަމެވެ.

މިސްރާއި އެމެރިކާ ހުކުރު ދުވަހު ވަނީ ރަފަހްގެ އިމާ ކައިރީގައިވާ ކެރަމް ޝެލޮމްގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދޭން އެއްބަސްވެފައެވެ. އެއީ އިސްރާއީލު ފަލަސްތީނުގެ ފަޅިން ހިފައިފައިވާ ރަފަހްގެ އިމުން ޣައްޒާއަށް އެހީ ފޯރުކޮށްދޭން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ނިމެންދެނެވެ. 

މި ކަން މި ގޮތަށް ކުރެވިއްޖެއްޔާ މިސްރުގެ ފަޅީގައި މި ވަގުތު ތޮއްޖެހިފައިވާ އެހީގެ ތަކެތި ބަރާކޮށްފައިވާ ލޮރީތަކަށް ޣައްޒާއަށް ވަދެވޭނެއެވެ. އެއީ، ރަފަހްގެ 45 ކިލޯމީޓަރު ހުޅަނގުން އޮންނަ އަލް އަރިޝް ނަމަކަށް ކިޔާ ސަހަރަކަށް އެހީގެ ތަކެތި ގެންދެވޭނެތީއެވެ. އަލް އަރިޝްއަކީ ބައިނަލްއަގުވާމީ އެހީ ވަންނަ މަންޒިލު ވެސް މެއެވެ.

މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ޣައްޒާއަށް ފޯރުކޮށްދެވިފައި ވަނީ ގާތްގަނޑަކަށް 900 ލޮރީގެ އެހީއެވެ. އދ.އިން ބުނަނީ އެންމެ މަދުވެގެން ކޮންމެ ދުވަހަކު 500 ލޮރީގެ އެހީ ޣައްޒާއަށް ބޭނުން ކަމަށެވެ.

ނޯވޭގެ ރެފިއުޖީންނާ ބެހޭ ކައުންސިލުން ބުނީ ރަފަހް އާއި މިސްރު ގުޅޭ އިމުން މިސްރު ފަޅީގައި އެހީތަކާއެކު 2،000 ލޮރީ ތާށިވެފައިވާ ކަމަށެވެ.

"ފަލަސްތީނު ރައްޔިތުންނަށް ދޭން ޖެހޭ އެހީއަށް އިސްރާއީލުން ވަނީ ގަސްދުގައި ހުރަސްއަޅާފައި. ބޭސް، ޓެންޓު، ފެން ޓޭންކު، ގައިން ތާހިރުވާ ސާމާނު، އަދި އެހެނިހެން އަސާސީ ތަކެތި ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ،" އެ ކައުންސިލްގެ ވެރިޔާ ސޫޒީ ވޭން މީޖެން ވިދާޅުވިއެވެ. 

ޣައްޒާގެ ރައްޔިތުން މި ވަގުތު ހުށަހެޅިފައިވަނީ ބަނޑުހައިހޫނުކަމުގެ ކާރިސާއަކަށެވެ. އެ ގޮތުން 2.3 މިލިއަން ފަލަސްތީނު ރައްޔިތުން ވަނީ ބަނޑުހައިހޫނުކަމުގެ ތުންފަތްމައްޗަށް ހުށަހެޅިފައެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ މީހުންނެވެ. ވޭތުވެދިޔަ ހަތް މަސް ތެރޭގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 35،000 އެއްހާ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *