Support Us

ކޮލަމް ގަލަން: ޕެންޝަން ސްކީމުގެ މައްޗަށް ކުރެވޭ ބޮޑު ޝަކުވާ

ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައި ގޭގައި މަޑުކޮށްލާ ހިނދު ލިބޭ އިނާޔަތް ކުޑަކަމުގެ ޝަކުވާއަކީ ބޮޑު ޝަކުވާއެކެވެ. އަދި އެއީ ތެދެއްވެސް މެއެވެ. އަދި ދިގު މުއްދަތެއްގެ ވަޒީފާއަކަށްފަހު ގޭގައި މަޑުކޮށްލާ ބައެއް މީހުންނަށް މި ވަގުތު ޕެންޝަން އޮފީހުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެއްކޮށް، ކަނޑާ، ގެއްލާ، ގުނަކޮށްލީމާ ހަމައެކަނި "ފަސްހާސް" ރުފިޔާ ޖެހޭތަން ވެސް އެބައާދެއެވެ. އެ ހިނދު އޭނާގެ ބޮޑު ޝަކުވާއަކީ "ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ފަސްހާސް ރުފިޔާ ލިބެއެވެ. ވީމާ ތިމަންނަ މިހާ ދިގު މައްދަތަކަށް މިވެނި މުއައްސަސާއެއްގައި އަދާކުރި ވަޒީގެ ބަދަލުގައި ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟" ދެން ކިތަންމެ ވަރަކަށް ޕެންޝަން އޮފީހުން އެ މީހަކަށް އެކަން އެގޮތަށް ދިމާވި ސަބަބު ކަލްކިއުލޭޓަރުން އެއްކޮށް، ކަނޑާ، ގެއްލާ، ގުނަކޮށް ދެއްކިއަސް އޭނާއަކަށް ގަބޫލެއްނުކުރެވެއެވެ. އޭނާގެ ސުވާލަކީ "ޢުމުރުން ފަސްދޮޅަހުގެ ތެރެއަށް ފަސް އަހަރު ފުރިހަމަވެފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ފަސްހާސް ރުފިޔާ ލިބެއެވެ. ވީމާ ތިމަންނަ އަދާކުރި ވަޒީގެ ބަދަލުގައި ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟" އާދެ! އޭނާގެ ސުވާލުގައި އޮށްޓަރެއް އެބަހުއްޓެވެ. އެއީ ހައްގު ސުވާލެކެވެ. އޭނާގެ ސުވާލަށް ބޭނުންވަނީ ކަލްކިއުލޭޓަރުގެ ޖަވާބެއް ނޫނެވެ. ބޭނުންވަނީ ލޮޖިކަލް ޖަވާބެއެވެ.

ބައެއް މީހުންގެ ޝަކުވާއަކީ އެވޭލާ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރު ވެގެން ނުވަތަ 40 އަހަރު ވެގެން އެ މީހުންނަށް އެ ދުވަސްވަރު ލިބިލިބި ހުރި އެތިކޮޅު ނުލިބި އެ މީހުންނަށް ވެސް މިހާރު ލިބެނީ އެއް ވެސް ޚިދުމަތެއް ނުކޮށް ގޭގައި ހުރި މީހަކާ އެއްފަދައިން 65 އަހަރު ވުމުން ލިބޭ ފަސްހާސް ރުފިޔާ އެކަނި ކަމެވެ. އެމީހާގެ ވެސް ޝަކުވާއަކީ "20 އަހަރު ނުވަތަ 40 އަހަރު ސަރުކާރަށް ޚިދުމަތްކުރުގެ ފައިދާއަކީ ކޮބާހެއްޔެވެ؟"

ބައެއް މީހުންނަކީ ވަޒީފާގައި އުޅެނިކޮށް ކުށްވެރިވެގެން ނުވަތަ ސިޔާސީ ނުފޫޒެއްގެ ސަބަބުން، އަމިއްލައަށް ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ ވަޒީފާ ގެއްލިފައިފާއިވާ މީހުންނެވެ. އެ މީހުންނަށް ވެސް 65 އަހަރު ވުމުން ފަސްހާސް ރުފިޔާ ހަމަޖެހިގެންދާއިރު އޭނާގެ ހިތުގައި ވެސް އުފެދޭ ސުވާލަކީ އޭނާ ކުރި ޚިދުމަތުގެ އަގަކީ ކޮބާހެއްޔެވެ؟

ޕެންޝަން ސްކީމު

ޕެންޝަން އިސްކީމު ބެހިފައި ވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ:

ހ- އަސާސީ ޕެންޝަން ސްކީމް (އަސާސީ ޕެންޝަނަކީ ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރި ވަޒީފާ މެދުވެރިކޮށް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް ޢުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތަކަށް ޕެންޝަނެއް ދިނުމެވެ.)

ށ- މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ތައާރަފު ކުރެވިފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން (ޑީސީ) ޕެންޝަން ސްކީމެކެވެ. ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ނިޒާމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ.

އެމް.އާރް.ޕީ.އެސްގެ މައިގަނޑު އަމާޒަކީ މަސައްކަތްތެރިން ވަޒީފާ އަދާކުރާ މުއްދަތުގައި ފަހަށް ފައިސާ ރައްކާކޮށް ރިޓަޔަރމަންޓަށްފަހު ކަނޑައެޅޭ އާމްދަނީއެއް ލިބޭނެ މަގުފަހިކުރުމެވެ. ވަޒީފާދޭ ފަރާތުންނާއި ވަޒީފާ އަދާކުރާ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު ސްކީމަށް ދައްކަނީ މުވައްޒަފުގެ އަސާސީ މުސާރައިގެ %7 (ދެ ފަރާތުން ޖުމްލަ %14) އެވެ. މިފަދަ އެހެން ޕެންޝަން ނިޒާމުތަކެކޭ އެއްފަދައިން އެމް.އާރް.ޕީ.އެސް އިން ޕެންޝަންގެ ގޮތުގައި ލިބޭނެ މިންވަރު ބިނާވާނީ، ޕެންޝަން ލިބޭ އުމުރު ހަމަވާއިރު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސްގެ ގޮތުގައި ޖަމާވެފައި ހުރި އަދަދެއްގެ މައްޗަށެވެ.)

ޕެންޝަން ސްކީމުގެ މިހާރުގެ ހާލަތު ވަރުން އެޅުން

އެކެއް: އެކިއެކި ވިސްނުމުގެ މައްޗަށް ބިނާކުރެވިގެން ހެޔޮ ނިޔަތެއްގައި ވިޔަސް ޕެންޝަން ދޭއިރު "އަސާސީ ޕެންޝަން ސްކީމް" އާއި "މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް" މަސްހުނިކުރެވިފައިވާތީ އާއި ޕެންޝަނުގެ ގާނޫނު ހެދިއިރު ރައްޔިތުންގެ އިޖުތިމާއީ އަދާލަތަށް ރިއާޔަތްކުރަންޖެހޭ މިންވަރަށް ރިއާޔަތް ކުރެވިފައިނުވާތީ އުފެދިފައިވާ ތަފާތުކުރުންކަމުގައި ބެލެވެއެވެ. އިސްވެ ދެންނެވުނު ޝަކުވާއަށް ފުރުސަތު ލިބިފައިވަނީ ގާނޫނު ހެދިއިރު ރައްޔިތުންގެ އިޖުތިމާއީ އަދާލަތަށް ރިއާޔަތްކުރަންޖެހޭ މިންވަރަށް ރިއާޔަތް ނުކުރެވޭތީ ކަމަށް ބުނާބުނުމަކީ ބޭރުފުށަށް ފެންނަން އޮންނަ ހަމައެކަނި ސަބަބެވެ. ނަމަވެސް ތިންވަނަ ދުނިޔޭގެ ގައުމުތަކުގައި ހެދިފައި ހުންނަ ގާނޫނުތަކުގައި ރައްޔަތުންގެ މާލީ ހައްގުތައް ނިގުޅައިގަނެވިފައި ހުންނަނީ އޭގެ އަޑީގައި ފޮރުވިފައިވާ ސިއްރު ސަބަބުތަކެއް ވެސް ހުރެގެންނެވެ. އެއީ:

ހ- އެއް ސަބަބަކީ ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއިން "ރައުސުލްމާލީގެ" (ކެޕިޓަލިސްޓުގެ) ނިޒާމުގެ ސިޔާސަތެވެ. އެ ނިޒާމުގެ ސިޔާސަތަކީ "ކޮންމެ ގޮތެއް ވެސް ވަރިހަމަ، ބޭނުމީ ފައިދާ" އެވެ. އަދި އެކަން ހާސިލުކުރުމަށް ޓަކައި ތިންވަނަ ދުނިޔެއަށް އެ މާލީ ނިޒާމުގެ ނުފޫޒުގައި އުފަންކުރާ ގާނޫނުތަކުގައި މުޅީވެސް ހުންނާނީ ރައްޔިތުންގެ މާލީ ހައްގުތަކަށް އަތްގަދަކޮށްފައެވެ. ތިންވަނަ ދުނިޔޭގައި ގާނޫނު ހެދުމަށާއި ޕޮލިސީ ހެދުމަށް މެޖޯރިޓީގައި ތިބޭނީ އެ މާލީ ނިޒާމުގެ (ކެޕިޓަލިސްޓުގެ) އެހީގައި ތައްޔާރުކުރެވިފައިވާ އެ މީހުންގެ އެޖެންޓުންނެވެ. ގިނަ ގާނޫނުތައް ހެދިފައި ހުންނާނީ އެ މީހުން ދައްކާ ދެލިކޮޕީއެއްގެ މައްޗަށް ކުރެވޭ ތަރުޖަމާއެއްގެ މައްޗަށް ބިނާކުރެވިގެންނެވެ. އެހެންކަމުން ގިނަ ފަހަރަށް އެ ގަނޫނެއް އޮންނަނީ އެ ގައުމަށް ވަރަށް ބީރައްޓެހިކޮށެވެ. ދިވެހި ޕެންޝަނުގެ ގާނޫނު އަޅުގަނޑު ކިޔާލީމެވެ. ލިޔެފައި އޮތީ ދިވެހި ބަހުންނެވެ. ނަމަވެސް އޭތި ވެސް އޮތީ ދިވެއްސަކަށް މާނަ ދޭހަވާ ގޮތަށް ބަދަލުކުރަން ޖެހިފައި ކަމުގައި ދެކެމެވެ.

ށ- "ރައުސުލްމާލީގެ" (ކެޕިޓަލިސްޓުގެ) ނިޒާމުގެ ސިޔާސަތުގެ ބިންގަލަކީ ޔަހޫދީންނެވެ. އެ މީހުންގެ އަގީދާއަކީ އެ މީހުން ފިޔަވައި ދުނިޔޭގައި ދެން ތިބޭނީ އަޅުންކަމެވެ. އެ މީހުން ފިޔަވައި އެހެން މީހުންގެ ލެޔަކީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމެވެ. ފަލަސްޠީނުގެ ބިމުން އެހަރަ ފެންނަނީ އޭގެ ސާބިތު ހެއްކެވެ. އެ އަގީދާގެ ދަށުން ކޮންމެ މުޖުތަމައެއްގައި ތަނަވަސްކަމުގައި ދިރިއުޅެވެންވާނީ ހޮވާލެވޭ މަދު ބަޔަކަށެވެ. ދެން ތިބޭ މީހުން ވާންޖެހޭނީ ފަގީރު މުހުތާދުވެފައިވާ މީހުން ކަމަށެވެ.

"ރައުސުލްމާލީގެ" (ކެޕިޓަލިސްޓުގެ) ނިޒާމުގެ ސިޔާސަތުގެ ދަށުން ތިންވަނަ ދުނިޔޭގައި ހެދޭ ހުރިހާ ގާނޫނެއްގައި ނުވަތަ ޕޮލިސީތަކުގައި ހުންނާނީ ރައްޔިތުންގެ ބޮޑު ބަޔަކަށް އިގުތިސާދީ ފުރުސަތު ވަރަށް ވެސް ހަނިވާ ގޮތަކަށެވެ. މީގެ މިސާލެއް ރައްޖެއިން ބަލަމާ ހިނގާށެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގައި އޮތް އެންމެ މުހިންމު އެއް ސިނާއަތެވެ. އާއްމު ރައްޔިތުންނަށް އެ ފުރުސަތު ވަރަށް ވެސް ހަންޏެވެ. ޕޮލިސީ އެކުލެވިފައިވާ ގޮތުން ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ފަތުރުވެރިކަމަށް ދޫކުރަން ވެއްޖެ ނަމަ ހުޅުވާލަންޖެހޭނީ ބިޑަށެވެ. އެ ބިޑަށް ދައްކަންޖެހޭ ފައިސާއަކީ އާއްމު މީހަކަށް ކުޅަދާނަ ވެގެންވާ އަދަދަކަށް ނުވެއެވެ. އެހެންވެ ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒުވާނުންނާއި ދިގު މުއްދަތަކަށް އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ޒުވާނުންނާއި އެކަމަށް ޝައުގުވެރިކަން ހުންނަ އާއްމުންނަކަށް އެ ފުރުސަތެއްނޯވެއެވެ. މިއީ އިސްވެ ދެންނެވުނު ވައްތަރުގެ ޕޮލިސީއެވެ.

އަޅުގަނޑަކީ ސިޔާސީ މީހަކަށް ނުވާތީ ސިޔާސީ ކަންކަމުގެ ވާހަކަ ދެއްކުމުގެ ޝައުގުވެރިކަމެއްނެތެވެ. ހަމައެކަނި ސަރުކާރަށް އިލްތިމާސުކޮށްލަން ބޭނުންވަނީ ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒުވާނުންނާއި ދިގު މުއްދަތަކަށް އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ޒުވާނުންނަށާއި އަދި އާއްމު ރައްޔަތުންގެ ތެރެއިން އެ ދާއިރައަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފަދަ ފުރުސަތު ފަސޭހައިން ލިބޭނެ ގޮތަކަށް ޕޮލިސީތައް ބަދަލުކޮށްދެއްވުމަށެވެ. އެއީ މާ އުނދަގޫ ކަމެއް ވެސް ނޫނެވެ. އެ ކަމަށް ދައްކަންޖެހޭ ފައިސާ ވަގުތުން ދެއްކުމުގެ ބަދަލުގައި އެ ވިޔަފާރިއެއް ފަށައިގެން ލިބޭ އެއްޗަކުން ދައްކައި ޚަލާސްކުރާ ގޮތަކަށް ވެސް އެ ފަދަ ޕޮލިސީއެއް ބަދަލުކުރެވިދާނެ ކަމަށް ފެނެއެވެ. ކޮންމެއަކަސް ދަންނަވާލަން ބޭނުންވަނީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ދިވެހީންގެ އަތްމަތިން ދޫވެގެން ގޮސް ބޭރު މީހުންނަށް މިލްކުވުމުގެ ކުރީން ދިވެހީން އެކަމުގެ ތެރެއަށް ވައްދައި އެ މީހުންގެ ފައިތިލަތައް ސާބިތުކޮށްދެވާށެވެ.

ށ- އިސްލާމީ ގާނޫނުގެ ރޫހަކީ ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތަކުގެ ތެރެއިން މީހަކު ކުރާ ކޮންމެ އަމަލަކަށް އޭގެ ނިސްބަތުން ވަކިވަކިން އޭގެ ބަދަލު ހައްގުވުމެވެ. ހެޔޮކަމަކަށް ނަމަ ހެޔޮ ބަދަލެވެ. ނުބައިކަމަކަށް ނަމަ ނުބައި ބަދަލެވެ. (فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ * وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ) ( الزلزلة: 7، 8 ) މާނައީ: ފަހެ ޒައްރެއްގެ މިންވަރުވިޔަސް ހެޔޮ ކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއް ކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.

ޕެންޝަން ގާނޫނު އެކުލަވާލިއިރު އިސްވެ ދެންނެވުނު ފަދަ އިސްލާމީ އުސޫލުތަކަށް ރިއާޔަތް ކޮށްފައިނުވާތީވެ ވަޒީފާގައި އުޅެނިކޮށް ކުށްވެރިވެގެން ނުވަތަ ސިޔާސީ ނުފޫޒެއްގެ ސަބަބުން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ ވަޒީފާ ގެއްލިފައިވާ މީހުންގެ ޚިދުމަތް ވަނީ ގެއްލިފައެވެ. ނުވަތަ "ރައުސުލްމާލީގެ" (ކެޕިޓަލިސްޓުގެ) ނިޒާމުގެ ސިޔާސަތުގެ ދަށުން ގެއްލުވާލައިފައެވެ. އަސްލަކީ އެ މީހުން ކުރާ ކުށަކާއި އެ މީހުން ކޮށްފައިވާ ޚިދުމަތަކާ އެއީ މުޅީން ދޭއްޗެކެވެ. ކުރި ކުށަށް ހައްގުވާ އަދަބަކީ ވަކި އެއްޗެކެވެ. ކޮށްފައިވާ ޚިދުމަތަށް ހައްގުވާ މާލީ އިނާޔަތަކީ ވަކި އެއްޗެކެވެ.

ނ- އިސްލާމީ ގާނޫނުގެ ރޫހަކީ އިންސާނުންގެ މާލީ ހައްގުތަކުގެ ހުރުމަތް ދެމެހެއްޓުމެވެ. އެކަމުގެ ހެކި ރަސޫލާ ސ.އ.ވ.ގެ ހައްޖަތުލްވަދާޢުގައި ދެއްވި ޚުޠުބާގައި "ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ރަސްކަންފުޅާ ތިޔަބައިމީހުން ބައްދަލުކޮށްފުމަށް ދާންދެން ހަރާންވެ ހުރުމަތްތެރިވެގެންވާ" ކަމަށް ވިދާޅުވި ބަސްފުޅު ފުދެއެވެ.

ޕެންޝަނަށް އަމާޒުކޮށްގެން ގާނޫނެއް އެކުލަވާލުމުގައި ބަލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ އެ ގާނޫނަކުން އެއްވެސް މީހެއްގެ މާލީ ހައްގެއް ނިގުޅޭތޯ ނުވަތަ ނޫންތޯއެވެ. ސަބަބަކީ މީހުންގެ މާލީ ހައްގުތަކަކީ އެ މީހަކު މާފު ނުކުރާހާ ހިނދެއްގައި މާފެއްނެތް، އޭގެ ދައުވާ ގިޔާމަތާ ޖެހެންދެން އުފުލިގެންވާ ހައްގަކަށްވާތީއެވެ. ހައްޖުގެ އަޅުކަމުން ވެސް އާދަމުގެ ދަރީންގެ ހައްގުތައް މާފުނުވެއެވެ. ހަދީސެއްގައި (أنَّ الحجَّ يهدِمُ ما كان قبلَه) "ހަމަކަށަވަރުން ޙައްޖުން އޭގެ ކުރީގެ ފާފަތައް ފުއްސެވިގެންދާނެއޭ" އޮތް ބަސްފުޅުގެ މުރާދަކީ އެއްވެސް ޝަރުޠެއްމނެތި ފާފަތައް ފޮހެވިގެންދާނެ ވާހަކައެއްނޫނެވެ. ޙައްޖުގެ އަޅުކަމުން އާދަމުގެ ދަރީންގެ ހައްގުތައް ނުކެނޑޭނެ ކަމަށް އިޝާރާތް ލިބިފައިވާ އެހެން ހަދީސްތައް ވެއެވެ.

ހަދީސެއްގައިވެއެވެ. (يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إلَّا الدَّيْنَ) ދަރަނި ފިޔަވައި ޝަހީދުންގެ އެންމެހާ ފާފަތައް ފުއްސެވިގެންވެއެވެ.

ޕެންޝަން ގާނޫނު އެކުލަވާލިއިރު އިސްވެ ދެންނެވުނު ފަދައިން އާދަމުގެ ދަރީންގެ މާލީ ހައްގުތަކަށް ރިއާޔަތް ކުރެވިފައިނުވާތީވެ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރު ނުވަތަ 40 އަހަރު ވެގެން އެ މީހުންނަށް އެ ދުވަސްވަރު ލިބިލިބި ހުރި އެމީހުންގެ މާލީ ހައްގުވަނީ ނިގުޅައިގަންފައެވެ.

ރ- އިސްލާމީ ގާނޫނުގެ ރޫހަކީ އިންސާނުންގެ އަމަލުތަކުގެ ތަފާތު ދަރަޖަތަކުގެ މައްޗަށް އޭގެ ހައްގު އުޖޫރަދިނުމެވެ. ތަފާތު ޚިދުމަތުގެ އަގު ތަފާތުކޮށް ވަޒަންކުރުމެވެ. (أَمَّنْ هُوَ قَٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْءَاخِرَةَ وَيَرْجُواْ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ ) الزمر 9 މާނައީ: ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދާގައްޔާއި، ގިޔާމުގައި މަޑުމޮޅިވެ، އާޚިރަތް ދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަހުމަތަށް އެދޭ މީހަކު (އެނޫން މީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟

ޕެންޝަނަށް އަމާޒުކޮށްގެން ގާނޫނެއް އެކުލަވާލުމުގައި ބަލަންޖެހޭ އެންމެ މުހިންމު އަނެއް ކަމަކީ އެ ގާނޫނުން އާދަމުގެ ދަރީގެ ތަފާތު ޚިދުމަތުގެ އަގު ވަޒަންކުރެވި އެ މީހެއްގެ ޚިދުމަތުގެ ވަގުތާ މިނުން އެ މީހަކަށް އޭގެ ފުރިހަމަ ބަދަލު ލިބިދިނުމަށެވެ. އެ ފަދަ ގާނޫނެއް އެކުލެވެން ޖެހޭނީ ތަފާތު ޕްރޮފެޝަނަލް ދާއިރާތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރެވޭ ފަދަ ގޮތަކަށެވެ. މިސާލަކަށް މެޑިކަލް ޑޮކްޓަރަކަށް މާލީ އިނާޔަތެއް ކަނޑައަޅާ ނަމަ ނަރުސް މީހާގެ ދައުރު އެކަމުގައި އޮތީ ކިހާވަރަކަށްތޯ ދަނެގަތުމެވެ. އަދި އެ ދެ ފަރާތުގެ ޕްރޮފެޝަނަލް މިންގަނޑުގެ ތަފާތު ދަނެގަތުމެވެ.

ފެންނަ ހައްލު:

އެކެއް: "އަސާސީ ޕެންޝަން ސްކީމް"ގެ ފަސްހާސް ރުފިޔާއަކީ މަސައްކަތް ކުރިއަސް، ނުކުރިއަސް ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ދޭ މާލީ ވަކި ހައްގެއްގެ ގޮތުގައި ކަނޑައެޅުން.

ދޭއް: "މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް"ގެ އުމުރު ދުވަހަށް ދެވޭ އިނާޔަތުގެ އަސާސީ (ބޭސިކު) ފައިސާގެ މިންވަރަކީ ރާއްޖޭގައި މީހަކަށް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް (ކަރަންޓާއި ފެނާއި ކެއުމާއި އޮނުފޭރާމަށް އަދިވެސް އެހެނިހެން ޒަރޫރީ ކަންތައްތަކަށް) ފުދޭވަރު އަދަދެއް ކަނޑައަޅައި ވަޒީފާތަކުން ރިޓަޔަރކުރާ ހުރިހާ މީހުންނަށް ހަމަހަމަ އުސޫލުން އެ އަދަދު ލިބިދިނުން.

ތިނެއް: އުމުރު ދުވަހަށް ދެވޭ އިނާޔަތުގެ އަސާސީ (ބޭސިކު) ފައިސާގެ މިންވަރުގެ ތެރެއަށް އެ މީހަކު ޚިދުމަތްކުރި މުއްދަތަށް މިހާރު ވެސް ހިސާބުކުރާ އުސޫލުން (ހަމަޖެހިފައިވާ ގަވައިދުން) ހިސާބުކުރުމުން އަންނަ އަދަދެއް އިތުރުކޮށް އެ މީހުންނަށް އެ ހައްގު ލިބިދިނުން.

ހަތަރެއް: ކުރީގެ ގާނޫނުތަކުން ބައެއް މީހުންނަށް ލިބިފައިވާ މާލީ ހައްގުތައް (20 އަހަރުވުމުން ދޭ އިނާޔަތް، 40 އަހަރުވުމުން ދޭ އިނާޔަތް) އަލަށް ހެދުނު ގާނޫނުން ރިޓަޔަރ ވިޔަސް ނުވިޔަސް ދެމެހެއްޓުން. ސަބަބަކީ އެއް ގާނޫނަކުން ލިބިފައިވާ މާލީ ހައްގުތަކަކީ އަނެއް ގާނޫނަކުން އުވާލަންޖެހޭ އެއްޗެއް ނޫން ކަމަށްވާތީ.

ފަހެއް: ވަޒީފާގައި އުޅެނިކޮށް ކުށްވެރިވެގެން ނުވަތަ ސިޔާސީ ނުފޫޒެއްގެ ސަބަބުން ނުވަތަ އަމިއްލައަށް ދޫކޮށްގެން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ ވަޒީފާ ގެއްލިފައިފާއިވާ މީހުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ވައްދައި އެ މީހުންނަށް ވެސް އުމުރު ދުވަހަށް ދެވޭ އިނާޔަތުގެ އަސާސީ (ބޭސިކު) ފައިސާގެ މިންވަރު ހަމަޖައްސައިދީ އަދި އެ މީހުންގެ ޚިދުމަތުގެ މުއްދަތުން އެ މީހުންނަށް ހައްގުވާ ބައި ލިބިދިނުން.

އިލްތިމާސް:

"މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމު"ގެ މާއްދާތައް އަލުން މުރާޖާކޮށް އެއްވެސް ރައްޔަތެއްގެ މާލީ ހައްގެއް އަދި އަދާކޮށްފައިވާ ވަޒީފާއެއްގެ މުއްދަތު ނުގެއްލޭ ގޮތަށް ޕެންޝަން ސްކީމު ބަދަލުކުރުން.

މިފަދަ ގޮތަކަށް ޕެންޝަން އިސްކީމު ބަދަލުކޮށްލެވިއްޖެ ނަމަ ވަރަށް ބޮޑު އިގުތިސާދީ ހެޔޮ ބަދަލެއް މުޖުތަމައުން ފެނިގެންދާނެއެވެ. މަސް ނިމޭ ދުވަހު ފެންނާނީ އާއިލާތައް އުފަލުން ފޮޅެމުން ކުޑަކުދީން އަތުގައި ހިފައިގެން ބާޒާރުމަތީ އުފާފާޅުކުރާ މަންޒަރެވެ. ކުދި ވިޔަފާރިވެރީންނާއި މެދު ވިޔަފާރިވެރިން އަވަދިނެތި ވިޔަފާރީގައި އުޅޭ މަންޒަރެވެ. ސަރުކާރުގެ ފައިސާ ބައިތުލްމާލުގައި ގަނޑުކޮށްފައި ހުރުމަށްވުރެން ރައްޔިތުންގެ އަތުގައި އެނބުރޭ ނަމަ އޭގެ ފައިދާ މުޖުތަމައަށް ބޮޑުވާނެއެވެ.

ނޯޓް: ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ވަރަށް ގިނަ ރައްޔަތުން ހުށަހެޅުވި އެއް ޝަކުވާއަކީ ދިގު މުއްދަތެއްގައި ޚިދުމަތްކުރުމަށްފަހު ވަޒީފާ ދޫކޮށްލާއިރު ދެކޮޅުޖެހޭވަރުގެ އެތިކޮޅެއް ނުލިބޭތީ އެކަމުގެ ޝަކުވާއެވެ. ރައީސް ޖަވާބު ދެއްވައިފައިވަނީ ވަރަށް ވެސް އުފާވާ މޭރުމަކުންނެވެ. އެއީ ގާނޫނުގެ ތެރެއިން އެކަން ހައްލުކޮށްދެއްވުމަށް ފުރުސަތެއް ލިބިއްޖެ ނަމަ އެކަން ކޮށްދެވާނެ ވާހަކައެވެ. މި ޝަކުވާ ހުށަހެޅި ރައްޔަތުންގެ ނަސީބު ރަނގަޅުކަމުން ގާނޫނަށް މިފަދަ ބަދަލެއް ގެނެވޭނެ ހުރިހާ މަގެއް ވަނީ މިއަދުގެ ސަރުކާރަށް ފަހިވެގެން އައިސްފައެވެ. އެހެންވެ ފެންނަ ޚިޔާލެއް މިފަދަ ދަނޑިވަޅެއްގައި ހިއްސާކޮށްލުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ފެނުނު ހިނދު، އެ ޚިޔާލަށް ލިޔުމެއްގެ ސިފަ ގެނައީއެވެ. މި ކޮލަމް ލިޔުމުގެ ބޭނުމަކީ މިއީއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
512

3 Responses

  1. ހަތަރެއް: ކުރީގެ ގާނޫނުތަކުން ބައެއް މީހުންނަށް ލިބިފައިވާ މާލީ ހައްގުތައް (20 އަހަރުވުމުން ދޭ އިނާޔަތް، 40 އަހަރުވުމުން ދޭ އިނާޔަތް) އަލަށް ހެދުނު ގާނޫން ރިޓަޔަރ ވިޔަސް ނުވިޔަސް ދެމެހެއްޓުން. ސަބަބަކީ ގާނޫނަކުން ލިބިފައިވާ މާލީ ހައްގުތަކަކީ އަނެއް ގާނޫނަކުން އުވާލަންޖެހޭ އެއްޗެއް ނޫން ކަމަށްވާތީ.
    * ރިޓަޔަރމަންޓް ޕެންޝަން ސްކީމް މި ޤަނޫނު އައުމުގެ ކުރިން 20 އަހަރު ޚޮދުމަތް ކުރާތި ދެއްވަމުން ގެންދެވި ޕެންޝަން އެލަވަންސް ދަމަހައްޓާތީ ކޮންމެ މަހަކު މުސާރަ އިން %7 ކަނޑަމުންދާއިރުވެސް ޢުމުރުން 57 އަހަރުވީ އިރުވެސް ޕެންޝަން ފަންޑުން ޙައްޖަށްދިޔުމަށް އެންމެ ފައިސާފޮއްޗެއް ނެތުމަކީ ވަރަށް ހިތާމަހުރިކަމެއް، އަހަރުމެނަށް ވުރެ ފަހުން ވަޒީފާއަށް ވަދެ 20 އަހަރު ހަމަނުވާތީ ޕެންޝަން ނުލިބުނު މީހުން ހައްޖަށްދަނީ ޕެންޝަން ފަންޑަށް ޖަމާކުރާ މުސާރައިގެ %7 އިން ލިބުނު ފައިސާއިން.
    ކުރިން ލިބިފައިވާ އެލަވަންސަކަށްޓަކާ މިވަރުގެ ބޮޑު ދެރައެއްލިބޭ ބައެއް މުވައްޒަފުން ސަރުކާރު ވަޒީފާގައި އެބަތިބި ވަރަށް ހިތާމަހުރިކަމެއް

  2. ޙައްޖައް ދާން ފުރުސަތު ދޭންވާަނެ އަމިއްލަ އައް ހަޖުވެފަ ހުންނަމީހާ އަށްވެސް

  3. ޢާމްދަނީ އަށް ދެކޮޅު ނުޖެހޭ މުސާރައެއްގައި ދިގު މުއްދަތަށް ކުރި ޚިދުމަތުގެ އަގު ވަޒަން ކުރުމާއެކު ދިވެހި ރައްޔިތަކަށް ވީތީ ލިބެންޖެހޭ ޕެންޝަން ޙައްޤުން މަޙުރޫމްކޮށްފައި އޮންނަ އޮތުން ނިމުމަކަށް އަންނާނީ ކޮންދުވަހަކުބާއޭ ހިތާ ހުއްޓާ މިފަދަ ލިއުމެއް ޙިއްސާ ކޮށްލީވީތީ އުފަލާއެކު ޝުކުރު ދަންނަވަން. މިއީ އަޅުގަނޑުގެ ވެސް ހިތުގެ ރިހުން. އުއްމީދު ކުރަނީ އަވަސް އިޖާބައެއް ސަރުކާރުން ދެއްވާނެ ކަމަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *