Support Us

ވާހަކަ: ކަނބުލޮ- އެޕިސޯޑް 2

ލިޔަންކިޔަން ނުދަންނަ އަނތްބަކީ ދުނިޔޭގެ ހަޔާތަށް ނޭވާލާ ބޭކާރު މީހެކެވެ. ދަރިން ތަރުބިއްޔަތު ކުރުމާއި ގޭގެ ޚަރަދުތައް ބެލެހެއްޓުމާއި އަމިއްލަ ދިރިއުޅުމުގެ މައްސަލަތައް ހައްލު ނުކުރެވޭނެ ޖާހިލެކެވެ. ތަޢުލީމެއް ނުލިބުމުގެ ނުރައްކަލާއި ނޭނގުމާއި އެނގުމުގެ ފަރަގަކީ ކިހާބޮޑު ފަރަގެއްކަން ފާހަގަ ކުރަންވެސް އެނގޭނީ ކޮންމެވެސް ވަރެއްގެ ތަޢުލީމެއް ލިބިފައިވާ ނަމަތާއެވެ.

މާތް ﷲއަށްް ހަމްދު ހުއްޓެވެ. ދައްތައާއި ޚިލާފަށް އަހަރެންގެ ފިރިމީހާ އަހަރެންނަށް ލިޔަންކިޔަން ދަސްކޮށްދީ ތަޢުލީމުގެ ފޮނިރަހަ ދިނެވެ. ޤުރުއާން ކިޔަވަން ދަސްކޮށްދީ އީމާން ކަމުގެ ފިނިކަން އިޙުސާސް ކޮށްދިނެވެ. އެއީ ފަތިސްދަމުގައި ފައިބާ ދުންފިންޏަށް ވުރެ އުފާވެރިކަން ހިތުގެ ފުންމިނަށް ފޯރުކޮށްދޭ ހިތްހަމަ ޖެހުމެކެވެ. ދުނިޔެއާއި އާޚިރަތުގެ ތަޢުލީމުގެ ނޫރުން އަހަރެންގެ ހިތް އަލިކޮށް ދިނުމަކީ މާޔޫސްވެފައިވާ ހިތަށް ދިރުން ގެނެސްދިން ކަމެކެވެ.

"މިހާރު ތަބާރަ ސޫރަތް ކިޔައިދޭން އެނގޭނެތަ؟" ނިދަން އޮވެފައި ފިރިމީހާ އެހިއެވެ.

"ތަބާރަ ސޫރަތެއް ނޫން، ބަޤަރާ ސޫރަތްވެސް ކިޔައި ދީފާނަން." އަހަރެން މަޑުމަޑުން ބުނީމެވެ.

"ކަނބުލޮގެ ހިތް އަލިކަމަކީ އަހަރެންގެ ދިރިއުޅުމުގެވެސް އަލިކަން. މާތް ﷲގެ ތަނަވަސް ރަޙްމަތްފުޅުން ދީންވެރި ރަނގަޅު ދަރިންތަކެއް އަހަރެމެންނަށް ލިބޭނެ." ފިރިމީހާ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އޭނާގެ ލޮލުން ފެނުނު ވިދުވަރަކީ ދަރިއަކަށް ކުރާ އުންމީދުގެ އަލިކަމެވެ.

އަހަރެމެން ދެ މީހުންނަކީވެސް ރަށުގައި ފާހަގަކުރެވޭ މުރާލި ދެ މީހުންނެވެ. އަހަރެމެން ދެމަފިރިންވީ ފިރިމީހާގޭގެ އޮޑިދޯނިފަހަރާއި މާލެ ދަތުރުކުރާ ބައްތެލި ބެލެހެއްޓި ދެމީހުންނަށެވެ. އަދަދެއް ނެތްވަރަށްް މައިންބަފައި މުދަލުން ގެއަށް ވަން ފައިސާއިން، ފިރިމީހާގެ އެއްބަނޑުމީހުންގެ ދަރިން މަތީ ތަޢުލީމް ހާސިލް ކުރަމުންދިޔައެވެ. ބޭނިހާ މަހެއް ރުފިޔާއަށް ހެދީ އަަހަރެންގެ މިދެއަތުން ކައްކައި ހިއްކައިގެންނެވެ. އޮޑިދޯނިފަހަރު ދުއްވައިގެން މިގޭ ދޮރުން އެތެރެކުރި ރުފިޔާއެއް ވިއްޔާ އެތެރެވީ އަހަރެންގެ ފިރިމީހާ ލޯބޯފިއްސާ މަސައްކަތް ކޮށްގެންނެވެ. ދަގަނޑު އަލަމާރީގެ ތަޅުދަނޑި އޮތީ ގޭގެ ވެރިމީހާ އަތުގައި ކަމުގައިވިޔަސް އެ ފައިސާބެހުމުގައި އިންސާފު ނެތްނަމަ އެއީ ޝަކުވާ މަދު ދަރިންނަށް ކުރެވޭ ބޭއިންސާފަކަށް ވާފަަހަރު އާދެއެވެ.

ކައިވެންޏަށް ދެ އަހަރު ފުރިއްޖެއެވެ. އަހަރެން ހާސް ވަމުން ދިޔައީ އަހަރެންގެ އުނގުގެ ހުސްކަމުންނެވެ. މަންމާއޭ ގޮވާލާނެ މަޢުސޫމު ފުރާނައަކަށް ކުރަމުން ދިޔަ އުންމީދު ބިލާހަކަށް ވެފައި ވާތީއެވެ. ނަމަވެސް އަހަރެންގެ ފިރިމީހާގެ އިތުބާރާއި ދަރިއަކަށް ކުރާ އުންމީދު ފޮންޏެވެ. އޭނާގެ އެހުންނަ އީމާންކަމާއި، ޔަގީން ކަމަކީ އަހަރެން ކުރަމުން ދިޔަ އުންމީދު ޝައްކާއި ވަހުމުން ބޭރުކޮށްދޭ ސަބަބެވެ.

އަހަރެންގެ ހަޔާތަށް ލިބުނު އެންމެ ބޮޑު އުފަލަކީ އަލަތު ދަރިއެއް ލިބެން އުޅޭކަމަށް ހަލީމަ ދައިތަ ބުނި ދުވަހެވެ. ހަލީމަ ދައިތަ އައީ ފިރިމީހާގެ ބޭބެގެ އަންހެނުން ވިއްސާށެވެ. އެއީ ރަށުގައި އެންމެ މަޝްހޫރު ބޭކެނބި ދައިތައެވެ. ރޯނުގައި އެއްޗިހި ހިއްކަން އަޅަންހުއްޓާ ހަލީމަ ދައިތަ އަހަރެންގާތަށް ހުއްޓިލިއެވެ.

"ކަނބުލޮ ދެން އެހާ ބުރަކޮށް ނޫޅޭތި. މަންމައަކަށް ވުމަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް. އެހާމެ ބޮޑު ޒިންމާއެއް." ހަލީމަދައިތަ ވަރަށް ޔަޤީން ކަމާއެކު އަހަރެންގެ އުންމީދުގައި ކުލަ ޖެހުނު ވާހަކަ ބުނެފިއެވެ.

"އަހަރެން ނުބުނަންތަ މިދުވަސް ދެކެން މާގިނަ ދުވަހެއް ނެތޭ؟" ފިރިމީހާ އުފަލުން ބުންޏެވެ. އޭނާ މިހާ އުފާވެފައި ހުއްޓާ ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އަހަރެންނަށް މިލިބުނު އުފާވެރި ޚަބަރު ގޭތެރޭގައި ގުގުމާލިއެވެ. މައިދައިތަ އާއި ބަފާބެގެ ފަރާތުން މަރުޙަބާގެ ބަހެއް ލިބުނު ނަމަވެސް ގޭގެ އެހެންމީހުންނަކަށް މި ޚަބަރު ފަސޭހައެއް ނުވިއެވެ. އަހަރެން ކުރަމުން ދިޔަ މަސައްކަތްތައް މަޑުމަޑުން ފެއަށް ޖެހިދާނެ ކަމަށް އެމީހުން ބިރުގައެވެ. މުއްސަނދި ޢާއިލާއެއްގެ ތެރޭގައި ޝާހީ ދިރިއުޅުމެއް އުޅެމުންއައި އެ މީހުންނަށް ބަދިގޭގެ މަސައްކަތް ކުރަން ދަތިވާތީ ކަމަށް ވެދާނެއެވެ.

އަހަަންނަށް ލިބުނީ ލޯބި ލޯބި އަންހެން ދަރިއެކެވެ. ހަނދެއްގެ މޫނުން ފެންނަ އަލިކަމާއި ޝާއްބަކަން އެ މައުސޫމް މޫނުން ފެނެއެވެ. މުޅި ރޭގަނޑު ހޭދަ ކުރެވެނީ އެދަރި ގަޔާލާ ބޮނޑި ކޮށްލައިގެންނެވެ. އެ ކުޑަކުޑަ ހަށިގަނޑުން ދުވާ މީރުވަހުން އަހަރެން ބަނޑުހައިވެސް ނުވެއެވެ. އެއީ އަހަރެންގެ ދިރުމެވެ. ހަޔާތުގެ އުންމީދެވެ. ދިރިއުޅުމަށް ކުރަމުން މިދާ ދަތުރުގެ މަންޒިލެވެ.

އަހަރެންގެ ހިތް ކުދިކުދިވީ  އެ ތުއްތު ތުއްތު ކުއްޖާއަށް ނުރައްކާތެރި ބައްޔެއް ޖެހުމުންނެވެ. ހުން ވިހެނުލާ ދުވަސް ތަކެއް ވޭތުވަމުން ދިޔައެވެ. ދަރިފުޅު ގައިގާ ފެން ހާކާލަ ހާކާލަ ހުންނަ ހުރުމާއި ރޯވަރުން ކޮނޑުމަތީގައި ބާއްވައިގެން ކިޔަމުންދާ ނާނާއަކުން އެ ލޯބި ދަރިފުޅަށް ހަމަޖެހުމެއް ނުލިބެއެވެ. އަހަރެންގެ ހުރިހާ ދުޢާއަކާއި އަދި އެދުމަކީ އެކުއްޖާފުޅު ގަދަވުން ކަމުގައި ވެއްޖެއެވެ.

ވިހެއުމުން ދިމާވާ އުނދަގުލާއި ބަލި ދަރިފުޅު ގޮވައިގެން އުޅެން ޖެހުމުން އަހަރެންވެސް ބަލިވާން ފެށިއެވެ. ނިކަމެތި ޢާއިލާއަކުން އައިސްފައިވާ ނޯކަރަކު ބަލިވުމަކީ ގޭގައި އުޅޭ މީހުންނަށް މާބޮޑު ކަމެއް ނޫނެވެ. ނުތެދުވެވި އޮތް ދުވަހު ކަޅު ސައިތައްޓެއްވެސް ދިއްކޮށްލި މީހެއް ނެތެވެ. ގޭގެ އެންމެން ސައިބޯން ރޮށިފިހެ ނުދިނުމުން އަހަރެން ހުންނަން ޖެހުނީ ސައިނުބޮއެވެ. ހަށިގަނޑުގައި އަޅާ ވޭނުގެ ސަބަބުން ކައްކާ ކާން އަޅަން ނުދެވުމުން އަހަރެން ހުރީ ބަނޑަށް ރޯފެން ފޮދެއްވެސް ނުލައެވެ.

މިހާރުވެސް ފިރިމީހާ ވީ އެމީހުންގެ މާލެ ދަތުރުކުރާ ބޯޓުގައި މުދާ ބަލައި ދިއުމަށްޓަކައި މާލެ ގޮސްފައެވެ. އަހަރެންގެ ހާލު ބަލާލަން އާއިލާގެ މީހެއްވެސް ނާދެއެވެ. ރަށުގެ ޤަދަރުވެރި ގެއަކަށް މާގިނައިން އަންނާކަށް ނުކެރޭނެޔޭ އެމީހުން ބުނެއެވެ. ހައިހޫނުކަމާއި ބަލިމަޑުކަމުން އަހަރެންގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލާފައި މީހަކުވަނެވެ. އެއީ ގޭގައި މަސައްކަތް ކުރަންއުޅޭ އާދައިގެ ކުއްޖެކެވެ. އޭނާ އައުމުން އަހަރެންނަށް ވަރަށް ގިނައިން ރޮވުނެވެ.

"ދައްތަ ދެރަނުވޭ. އެމީހުންގެ ހިތްތައް އުފެދިފައި އޮތީ ކައްޓާ މަހަކުން ނޫން. އެއީ އެހެރަ ކަޅުހިލަ ދަޔަށްވުރެ ހިލަ ހިތްތަކެއް." ގޭގައި ފުނޑަން ގެންގުޅޭ ދަޔަށް އިޝާރާތް ކުރަމުން އޭނާ ބުންޏެވެ. އޭނާ އައީ ލުނބޯހުތު ފަނިފޮދެއް ހިފައިގެންނެވެ.

އަހަރެންނަށް ރޮވުނީ ތިމާގެ މީހުންގެ ރަހުމު ކުޑަކަމަށްވުރެ ބޮޑަށް ފިރިމީހާ ރެޔެއް ދުވާލެއް ނެތި މައިބަފާ މުދާ އެއްކުރަން މަސައްކަތް ކުރަމުން ދާތީއެވެ. ނަމަވެސް  އޭނާގެ ދަރިފުޅުގެ މަންމަ ނުހަނު ހާލުގައި އުޅެމުން ދާއިރުވެސް ފެންނަ މީހަކު ނެތީތީއެވެ. މީހާ ނިކަމެތި ވާހިނދު އެމީހަކު ފެންނަލޮލެއް މިދުނިޔޭގައި ހުރޭ ހެއްޔެވެ؟ މިދުނިޔޭގެ ފިތުރަތަކީ ބަލިމަޑުކަމާއި ފަގީރުކަން ވަށާލާފައިވާ މީހަކީ ގޭގެ ދޮރު ކައިރީގައި ބާއްވާފައި އޮންނަ ފެންކައްކާބޮލީގެ ހުރުމަތްވެސް ނުލިބޭ މީހެކެވެ. އެއީ އޭނާގެ ފަރާތުން އަނެކާއަށް އެހީތެރި ކަމެއް ނުވަތަ އެއްޗެއްވެސް ނުދެވޭނެތީއެވެ.

އަހަރެން ދިރިއުޅެމުން މިދާ ގެޔަކީ އެގެއަކަށް ރަށު ގިނަ އަންހެން ކުދިން އަނބިންނަށް ވެގެން އަންނަން ބޭނުން ވެފައިވާ ގެއެކެވެ. ނަމަވެސް އެ އަންހެން ކުދިންނަށް ނޭނގޭ ކަމަކީ މުއްސަނދިކަމާއި ގަދަރުވެރިކަމުން ފެންވަރަމުން ދާގެއެއް ނަމަވެސް އެފެނުގައި އޯގާތެރިކަމާއި ރަހުމުގެ ފިނިކަމެއް ނުވާކަމެވެ. އެގޭގެ ކޮންމެ މީހަކުވެސް އެގޭ ފެންއާރުން އަންނަ ފެންނަގާ ވެހޭތާ  ބަންދު ކުރަނީއެވެ. އެއްބަޔަކު ފައިސާ ވަޅުލީ ގިފިލި ފެންވަޅުކައިރީގައި ހުރި ފިނިއަށި ދަށުގަޔޭ ބުނާއަޑުވެސް އެހީމެވެ.

މި ގެއަކީ ފިރިމީހާގެވެސް މަސައްކަތުން އަދަދު ނުކުރެވޭ ވަރަށް ފައިސާ ލިބިފައިވާ ކޮންމެ ކަމަކަށް މަސައްކަތު މީހުންތިބި މުއްސަނދި ގެއެކެވެ. އެމީހުންގެ އެންމެ އިޝާރާތަކުން އެ ހުރިހާ މަސައްކަތު މީހުންވެސް އަހަރެންނަށް ހޭހަން ކުރަން ފަހަކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަދަ ބަހެއް ބުނާނެ ދުލެއް އެފަދަ އޯގާވެރިކަމެއް ހުރި ހިތެއް އެގޭ ފުރާޅު ދަށުގައި ނެތެވެ. އެތާ އޮތީ އެމީހަކާއި އެމީހެކެވެ. މައިންބަފައިން މުސްކުޅިވުމުން އެމީހުންގެ ބަސް ނުވިކުނުތާ އެމީހުން އުމުރުދުވަހު ގެނައި އެކުވެރިކަމާއި ބަދަހިކަން ފަނޑުވަނީއެވެ.

އަހަރެންގެ އެ ލޯބި ދަރިފުޅު އަދިވެސް އުޅެނީ ވަރަށް ބަލިކޮންނެވެ. މިހާރު މަހެއް ވަނީއެވެ. ރަނގަޅު ފަރުވާ ލިބެންނެތް ޒަމާނެއްކަމުން ލިބުުނު ދިވެހި ބޭހެއް ކޮށްލައިގެން ހެޔޮއެއްޗެއް ކިޔާލައިގެން ތިބުމަކީ އަހަރެމެންގެ އާދައެވެ.

އެހެން ދުވަހެކޭވެސް އެއްގޮތަށް ދުނިޔެ މައްޗަށް އިރުއެރީ އަހަރެން ބުރަ މަސައްކަތުގައި އުޅެނިކޮށެވެ. ވިހައިގެން ގަދަނުވިޔަސް ކުރަމުން ދިޔަ މަސައްކަތުން ހަށިގަނޑުގައި އަޅަމުންދާ ވޭން ގަދަވަމުން ދާކަމެއް އެހެން މީހަަކަށް ނޭނގޭނެއެވެ. ދަރިފުޅު ގަދަނުވެ އަބަދު ބަލިކޮށް އުޅެމުންދާތީ އަހަރެން ނިހާޔަތަށް މާޔޫސްވާން ފަށައިފިއެވެ. ރަނގަޅުވާނެކަމުގެ އުންމީދެއް ނެތް ދަރިފުޅުގެ ހާލު ދެރަކަމުން އަހަރެންގެ ރޫހު ވަނީ މަރުވެފައެވެ. ދަރިފުޅު އޮންނަނީ އަބަދުވެސް ވަރަށް މަޑުމަޑުންނެވެ. ފަންގިފިލާއަށް ބަލަހައްޓައިގެން މައްޗަށް ބަލާށެވެ. ހީވަނީ މަރުގެ މަލާއިކަތާ އޭނާ ލޯމަތީގައި އޭނާއަށް ކުޅިވަރު ދައްކަނީހެންނެވެ. ބުއްބޯކަށް އަދި ރޯކަށްވެސް ނޫޅެއެވެ. އަހަރެން ކަންބޮޑުވެ އިންތިހާއަށް ހާސްވަމުން ދިޔައެވެ.

އަސުރު ނަމާދު ކޮށްގެން ފިރިމީހާ އައިސް ބަލާލިއިރު ދަރިފުޅު އޮތީ ނުހަނު ލޯބިކޮށް ނިދާލާފައެވެ. މުޅިކޮޓަރީގައި ދުވަނީ އެތުއްތު ތުއްތު ކުއްޖާގެ މީރުވަހެވެ. ހިނިތުން ވެލާފައި އޮތްއިރު އަހަރެންގެ ހިތް ހީވަނީ އުފަލުން ފުރޭހެންނެވެ. ކުއްލިއަކަށް ފިރިމީހާގެ ހަރަކާތްތައް އަވަސް ވެއްޖެއެވެ. އޭނާގެ މޫނުމަތީގައި ކަންބޮޑުވުމާއި ހާސްކަން ވަށާލާފައިިވެއެވެ. ކަމެއް ވަރަށް ބޮޑަށް ގޯސްވެއްޖެކަން އެނގުނީ ދަރިފުޅުގެ ކާފަޔާ މާމަވެސް އަދި ގޭއެންމެންވެސް އައިސް އެކުއްޖާ ވަށާލުމުންނެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ކަހަލައެވެ. ވިހޭ ދުވަހުން ފެށިގެންވެސް އަހަރެންގެ އަތުތެރޭގައި އޮތް އެ ލޯބި ލޯބި ދަރިފުޅު އަހަރެންނާއި ވަކިވީއެވެ. ދާއިމީ ގޮވެއްޗަށެވެ. ކޮންފަދަ ބޮޑު ހިތްދަތިކަމެއް ހެއްޔެވެ؟

"ނޫންް.. އެހާ ގިނަ ދުވަސްތަކަކަށްފަހު ލިބުުނު އެދަރިފުޅު އެހާ އަވަހަށް މަރުވެގެން ނުވާނެ. އެ ލޯބި ދަރިފުޅަކީ ހަމައެކަނި އެންމެ މަހަކަށް ލިބުނު ދަރިއެއްތަ؟ އޭނާ އަދި އަހަރެންގެ އުނގުގައި އިނދެގެން މަންމާއޭ ކިޔާފައި ގޮވާވެސް ނުލާ." އަހަރެން ރޮމުން ދިޔައީމެވެ. އަހަރެންގެ ހަޔާތުގައި ދުވަހަކުވެސް ހިތްދަތި ނުވާވަރަށް އެދުވަހުު ހިތްދަތިވިއެވެ.

"ކޮއްކޯ. ކުފުރު ނުވޭ. ހިތްވަރުކުރަން ދަސްކުރަން ވާނެ." ބޮޑު ދައްތަ އައިސް އަހަރެންނަށް ނަސޭހަތް ދިނެވެ.  ބޮޑު ދައްތަ އައިސް އަހަރެންނަށް އެހާވަރަށް ހިތްވަރު ނުދިންނަމަ އެދުވަސްވަރު އަހަރެން މޮޔައިންގެ ތެރޭގައި ވީސް ކަންނޭނގެއެވެ.

ދުނިޔެއަކީ ހައިރާން ކަމުގެ ވިއްސާރަ ދުންޏެކެވެ. އެކިދުވަހު ދައްކަނީ އެކި ކުލައެވެ. ޚަރީފު މޫސުމުގެ މިލާފައިވާ އަސަރުތައް ބަހާރު މޫސުމުގައި އާރޯ ކުރެއެވެ. އޮއްސޭ އިރާއެކީ އެގެންނަ އަނދިރިކަން އާ ފަތިހަކުން އަލިކުރެއެވެ. އަހަރެންގެ ފިރިމީހާގެ ނަސޭހަތާއި އިރުޝާދުން އާހިތްވަރަކާއެކު ދިރިއުޅެމުން ދިޔައީމެވެ. ކުޑަކުޑަ ދަރިފުޅުގެ ހަނދާނުގެ ހިތްދަތި އަސަރުތައް މަޑުމަޑުން ނެތެން ފެށިއެވެ. އެ ދަރިފުޅުގެ ހިނިތުންވުމުގެ ހަނދުމައިން ހިނިތުން ވެލައިގެން ދިރިއުޅެމުން ދިޔައީމެވެ.

ފަސްއަހަރު ވީއިރުވެސް އަހަރެންނަށް މައިވަންތަކަމުގެ އުނގު ފަޅުފިލުވާލަދޭނެ ކުއްޖެއް ނުލިބުނެވެ. ރަށުތެރޭގަޔާއި ފިރިމީހާ އާއިލާތެރޭގައި އަހަރެންނަށް މަލާމާތުގެ ބަސްތައް ރައްދުވަމުން ދާންފެށިއެވެ. ހުކުރު ދުވަހަކީ  ގޭގެ އެންމެން ހަމައަށް ތިބި ދުވަހެއް ކަމަށް ވާތީ ގޭތެރޭގައި ދެކެވުނު ވާހަކަޔަކުން އާފަހަރިއެއް ގެއަށް ގެންނަންވީކަމަށް ބުނަމުންދިޔައެވެ. އެއީ އަހަރެންނަށް އެއްލާ ގާބުރިއެއްކަން އެނގެއެވެ. އެމީހުންގެ ވައްބަހުން ދިމާ ކުރަންފެށީ މިއަދަކު ނޫނެވެ.

"ރަށުގެ މުއްސަނދި އާއިލާއަކަށް ފުންމާލި ފަގީރު އަންހެނާއަށް ކުއްޖެއްވެސް ހޯދާއެއް ނުދެވުނު. ލިބުނު ކުއްޖާވެސް އޭނާގެ ސުންޕާކަމުން އަހަރެމެންގެ  ދަރިންނާއެކު ކުޅެނުލެވެނީސް ދުނިޔެދޫކޮށްފި. މިވަރުުންވެސް އަދިވެސް މަންމަމެންނަކަށް އެއްޗެއް ބުނާކަށް ނުކެރެއެއްނު. ދަރިމައި ނުވާ އަންހެނެއް ގެންގުޅުމުގެ މާނަޔަކީ ކޮބައިކަން ބުނެދީބަލަ. ބައްޕަގެ މުދާތައް ވާރުތަވާންޖެހޭ ދަރިއެއް ނެތިއްޔާ އެއީ މޭވާ ނާޅާ ހިކި ގަހެއް ގެނެސް ގޭ ދޮށުގައި އިންދައިގެން ރޯވޭތޯ ފެންދިނުންކަހަލަ ބޭކާރު މަސައްކަތްތަކެއް ކުރުން. ކިތަންމެ ފެނެއް ދިނަސް އެއެއް ރޮލެއް ނުވާނެ އަދި މޭވާއެއްވެސް ނާޅާނެ. ގެނައި ދިމާއަކަށް ފޮނުވާލަންވީނު." އެގޭ ބޮޑުބޭގެ އަންހެނުން ގޮވަމުން ދިޔައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ކަނބުލޮ ވާހަކަ ވަރަށް މޮޅު. ސިފަކުރުންވެސް އެހާ ހިތްގައިމު. ދެންވާނީ ކިހިނެއްތޯ ބަލަބަލާ ތިބެން ޖެހެނީ. މިވާހަކައިގެ އަނެއްބައި ގެނެސްދޭނީ ކޮން ދުވަހަކުންތޯ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *