Support Us

ހަވާސް ކޮލަމް

ފުލުހުން އަތުލާ ބަނގުރާތައް ނައްތާލާތީ ކުރާ ސުވާލެއް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ގިނަ އަދަދެއްގެ ބަނގުރާ ދޭތެރެދޭތެރެއިން ފުލުހުން ނައްތާލައެވެ. މާލޭގައި އެ ތަކެތި ނައްތާލަނީ މާލޭ ކައިރީ ކޮންމެވެސް ރަށެއްގައި، ވަޅެއް ކޮނެފައި، ފުޅިތަކުގައި ހުރި އެއްޗެއް ވަޅަށް އޮއްސާލައިގެންނެވެ. އަދި ދަޅުތަކުގެ މަތީގައި ރޯލަރު ދުއްވައިގެން، ހުރިހައި ދަޅެއް ޗިސްޗިސް ކޮށްލައިގެންނެވެ. އެކަން ކުރަނީ މީޑިއާގެ ވެސް ހާޒިރުގައެވެ. އަތޮޅުތަކުގައި ވެސް އެކަން ކުރަނީ އެފަދަ ހަރުދަނާ އުސޫލަކަށް، ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެެވެ.

އަޅުގަނޑު ދައްކަން މި އުޅެނީ، ބަނގުރާ ފުޅިތަކާއި ދަޅުތައް ނައްތާލުމުގައި ކަން ހިނގާ ގޮތް ގޯސްވެގެން، އެ ވާހަކައެއް ނޫނެވެ. އެ ފުޅިތައް ފުލުހުން ނައްތާލާތީ، އެ ވާހަކައެވެ. އެކަމަކު އެއިން ފުޅިއެއް އަޅުގަނޑު ބޭނުމެއް ވެސް ނޫނެވެ.

ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ބަނގުރާތަކެއް ނައްތާލުމުގެ މަސައްކަތުގައި -ފޮޓޯ: ޕޮލިސް

ފުލުހުން ނައްތާލާ ބަނގުރަލުގެ ތެރޭގައި އެންމެ ގިނައީ، "މާލެތެރޭގެ ސަޕްލައި"އަށް، ދޯނިފަހަރާއި ޕިކަޕާއި ކާރުތަކުގައި ވަގުވަގަށް އުފުލަނިކޮށާއި އެ ބާވަތުގެ އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުން އަތުލައިގަނެފައި ހުންނަ ބަނގުރަލެވެ. ދެން ހުންނަނީ ފަތުރުވެރިން އަންނައިރު، ނުވަތަ ފުރާއިރު ރާއްޖޭގެ އެއާޕޯޓުތަކުން އަތުލާ ބަނގުރަލެވެ.

ބަނގުރަލަކީ މުސްލިމުންނަށް ހަރާމް އެއްޗެއް ކަމުގައި ވިޔަސް، ރާއްޖެއަށް، ބަނގުރާ އެތެރެކޮށް ވިއްކުން މަނަލެއް ނޫނެވެ. އެކަމަށް ހޯދާ ލައިސަންސެއްގެ ދަށުންނެވެ. އެންމެ ފުރަތަމަ ބަނގުރާ ލައިސަންސް ދޫކުރީ، މަތީގައި بسم الله الرحمن الرحيم ވެސް ޖަހައިފަ އެވެ. އެކަމަކު މިހާރު ދޫކުރާ ލައިސަންސްގައި ބިސްމިއެއް ނޯވެއެވެ.

ސަތޭކަ ޕަސަންޓް އިސްލާމީ ގައުމަކަސް، ބަނގުރާ އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަނީ ދީފައެވެ. ގައުމުގެ އިގްތިސޯދު ޓޫރިޒަމަށް ބަރޯސާވެފައި އޮންނާތީއެވެ. ހުއްދަ ދެނީ ރިސޯޓުތަކަށާއި ސަފާރީ އުޅަނދުފަހަރަށާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހުންނަ ހޮޓާ/ ރެސްޓޯރަންޓަށް އެކަންޏެވެ. ބަނގުރަލަކީ ދިވެހިންނަށް ވިއްކުން މަނާ އެއްޗެއް ކަމަށް ވިޔަސް، އެ ހޯދާނެ މަގުތައް ކޮންމެވެސް ގޮތަކުން ތަނަވަސްކުރެ އެވެ. އަދި އެ ފުޅި ފެނުމުން، "ނައިސް"ވެގެން ނަށަން ތިބޭ އެތައް ބަޔަކު ފުލުހުން އަތުލައިވެސް ގަނެއެވެ.

ދިވެއްސަކު ބަނގުރާ ގެންގުޅޭކަން ނުވަތަ އެ ބޮއިފިކަން ފުލުހުންނަށް ހުށަހަޅައިފި ނަމަ، އެ މައްސަަލަ ބަލައެވެ. ކުޑަކަމުދާ ތަކެތި ވެސް ނަގައެވެ. އެކަމަކު ބަނގުރާ "ހިއްޕަވާ" އެންމެންގެ މައްސަލަ، އެއް ހަމައަކުން ބެލޭވަރެއް ނުވެއެވެ. ތަންކޮޅެއް ކުރީ ފަހަރެއްގައި އުތުރުގެ ރަށެއްގައި ބަޔަކު ތިއްބާ ވެސް އެރަށް ފުލުހުން އަރައި، އޭގެ ފުޅިތަކެއް އެ ރަށުން ހޯދައި، އެ މީހުންގެ ކުޑަކަމުދާ ތަކެތި ހޯދަން ވެސް އުޅުނެވެ. އެ ރަށުގައި އެ މީހުން ތިބީ "އިރުއަރާ މަންޒަރު" ބަލަން ގޮސް ކަމެއް ފުލުހުންނަކަށް ނޭނގެ އެވެ. ޓީވީން ދެއްކިއިރު އެންމެންގެ މޫނުގައި ހުރީ ދޮންވެއްޔެވެ. ފުޅިތަކުގެ ސަބަބުން، އިރުމަތިކޮޅު، ބިމުއަޑިން ފެނުނީ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ އެ ދުވަހު އިރު އަރާނީ ބިމު އަޑިން ކަމަށް ބަލައި، އެންމެން ވެގެން ވަޅު ކޮންނަން އެރުނީ ކަމަށް ވެސް ވެދާނެ އެވެ.

ބަނގުރަލަކީ، ހަމަ ޔަގީނުން ވެސް މީހާ މޮޔަކޮށްލާ އެއްޗެކެވެ. އަދި އެހާމެ އަގު ބޮޑު އެއްޗެކެވެ. މިވެނި ވައްތަރެއްގެ ފުޅިއެއްގެ އަގު އުޅެނީ މިވެނި ވަރަކަށޭ "ވަގްތުންވަގްތަށް" ބުނާކަށް އަޅުގަނޑަކަށް ނޭނގެއެވެ. އެކަމަކު އަޅުގަނޑަށް އެނގޭހާ ވެސް އެއްޗަކީ ރާއްޖެ އެތެރެކުރާ އަދި ވިއްކާ ކޮންމެ ބަނގުރާ ފުޅިއަކަށް ނުވަތަ ދަޅަކަށް ވެސް ޓެކްސް ނަގާ ކަމާއި ދައުލަތުގެ އާމްދަނީއަށް އެބައި ވަދެގެންދާ ކަމެވެ. އެހެންވި އިރު، ފުލުހުންނަށް ލިބޭ ހުރިހައި ބަނގުރަލެއް އެގޮތަށް ނައްތާލުމުގެ ބަދަލުގައި، ހަރުދަނާ އުސޫލަކުން އެ ތަކެތި ވިއްކައި ނުވަތަ ނީލަން ކިޔައިފި ނަމަ، އޭގެން ވެސް ކޮންމެވެސް އާމްދަނީއެއް ލިބޭނެކަން ޔަގީނެވެ. އަމުދުން ބަޖެޓް މިހާ ތާށިވެގެން އުޅޭ ދުވަސްވަރެއްގައެވެ. ބަޖެޓް ފޫބައްދަން ލޯނު ނަގާނަގާ ގައުުމު ވަނީ މުޅީން ދަރަނިވެރިވެފައެވެ.

މިހެން އަޅުގަނޑު ލިޔާއިރަށް ބައެއް ބޭފުޅުން ވިދާޅުވާނެއެވެ. އެހެންވިއްޔާ ފުލުހުން އަތުލައިގަންނަ ހުރިހައި ޑްރަގެއް ވެސް ނީލަން ކިޔަންވީ ނޫންހެއްޔެވެ؟ މާ ބައިވަރު ލާރި ލިބޭނެއެވެ.

ޕޮލިސް ހެޑްކުއާޓަރުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތަކެއް ނައްތާލުމުގެ މަސައްކަތުގައި -ފޮޓޯ: ޕޮލިސް

އެކަމަކު، ބަނގުރަލާއި ޑްރަގާ ހުރި ތަފާތަކީ، ޑްރަގްގެ ކުޑަ މިންވަރެއް ވެސް ރާއްޖެ އެތެރެކުރުމަކީ ގާނޫނުން މަނާ ކަމަކަށް ވެފައި، ޑްރަގުގެ ވިޔަފާރި ކުރުމަކީ ވެސް ގާނޫނުން ބޮޑު ކުށަކަށް ވުމެވެ. އެކަން ކޮށްފި މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމް އޮތީ ގާނޫނުގައި ލިޔެ ތައްޔާރުކޮށްފައެވެ. އެކަމުގައި ބެދި ކިތަންމެ ބަޔަކު މިހާރު ވެސް ތިބީ ތޭރިތަކުގެ ބިއްދޮށުގައެވެ.

ރާއްޖެއަށް ބަނގުރާ އެތެރެކުރުން ހުއްދަ އެވެ. ވިއްކުން ހުއްދައެވެ. ވަކި ބަޔަކަށް "ހިއްޕެވުން" ވެސް ހުއްދައެވެ. ވީއިރު، ނައްތާލާ ބަނގުރާތަކެއް ވިއްކައިގެން އެތައް ލައްކަ ރުފިޔާއެއް ބަޖެޓެއް ވެއްދެން އޮތްއިރު، ހުރިހާ ފުޅިތައް އެގޮތަށް އުކާލުމަކީ، ކުރެވޭ އިސްރާފެއް ނޫންބާވައޭ އަޅުގަނޑުގެ ހިތަށް އަރަނީއެވެ.

ފުލުހުން އަތުލާ ބަނގުރާ ނީލަން ކިއުމުގައި މާ ފަސޭހަ ގޮތެއް ވެސް އެބަ ވިސްނެއެެވެ. އެއީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާ ޑީލް ހަދަންވީއެވެ. އެއީ ބަނގުރާ ގެންގުޅުމުގެ ހުއްދަ އޮންނަ ތަންތަނެވެ. މާލޭގައި ތިއްބަވާ ބޭރުގެ ބައެއް ސަފީރުންގެ ގޭގޭގައި، ދިވެހިންނަށް ދައުވަތު ދީގެން ބާއްވާ އެކިއެކި ހަފުލާތަކުގައި ވެސް، ބަނގުރާ ގެންގުޅޭތަން ފެނިފައި އެބަހުއްޓެވެ. ބައެއް އެމްބަސީތަކަށް ދާން، ބައެއް ދިވެހިން އެހާ ޝައުގުވެރި ވަނީ އެހެންވެގެން ކަމަށް ވެސް ވެދާނެއެވެ.

ބޭރު އެމްބަސީތަކާއި އެމްބަސީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނަކީ ޑިޕްލޮމެޓިކް އިމުއިނިޓީ ލިބިގެންވާ ތަންތަން ކަމަށް ވާތީ، އެ ތަނުގައި ކޮންމެ އެއްޗެއް ވެސް ބޮވެނީ ކަމަށް ވެދާނެއެވެ.

ފުލުހުން އަތުލާ ބަނގުރާތައް ނައްތާނުލައި، އޭގެން ނަފާ ލިބޭނެ ނިޒާމެއް ގާއިމްކުރުމާ މެދު ކުއްލި މައްސަލައެއް ނުވަތަ ގަރާރެއް ހުށަހަޅައިގެން ވެސް ހިޔާލު ހޯދިދާނެ އެވެ. ވީމާ މި މައްސަލާގައި ކަމާ ބެހޭ ފަރާތްތަކުން އިތުރަށް ވިސްނަން ދޫކޮށްލުމަށްފަހު، މި ވާހަކަ "ވަގްތުންވަގްތަށް" ކުރުކޮށްލީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
323

2 Responses

  1. ރާއްޖޭގަ ހުއްދަ އަކަސް ﷲ ޙަރާމް ކުރައްވާފައިވާ ވިޔަފާރިއެއް އެއީ. އެހެންވީމަ ހަމަ ނައްތާލަންވީ.

  2. Banguralaa beheygothun Haraam eychekey boiygen nuvaaney bunun fiyavaa bunaabe
    bahe netheve..
    Ekamaku mi visnumaa mi liun v fakaleve. Resort thakaves vihkidhaane eve.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *