Support Us

ޝުކުރިއްޔާ ރައީސް ޑރ. މުއިއްޒު! ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށްދެއްވައިފީމު: އަދުރޭ

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމުގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ހައި ކޯޓުން އެ މަނިކުފާނު އިއްޔެ މިނިވަންކުރުމުން، "ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސާބިތުކޮށްދެއްވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް 11 އަހަރަށް ޖަލަށް ލައިފައި ހުންނެވި ރައީސް ޔާމީން ހައިކޯޓުން މިނިވަންކުރުމާއެކު އެކްސްގައި، މާތް ﷲއަށް ހަމްދުކުރެއްވުމަށްފަހު އަދުރޭ ވިދާޅުވީ، ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށްދެއްވީތީ ރައީސް މުއިޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ޝުކުރިއްޔާ ރައީސް ޑރ. މުޢިއްޒު! ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށް ދެއްވައިފީމު. ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި ޢަދުލު އިންޞާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއވައިފީމު. ޝަރުޢީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީޢަތް ކުރުމުގެ ފުރުޞަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު. ދިވެހީން ބޭނުންވަނީ މަނިކުފާނު ފަދަ ބަހާ ޢަމަލާ ދިމާވާ ވެރިން،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ އިތުރުން، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 2022ގައި އިއްވައިފައިވާ ޖަލު ހުކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވައިގެން ކުރުވައިފައިވާ "ހަރާމް ހުކުމެއް" ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓަވައިލައްވާނެ ކަމަށް ކެމްޕޭނުގައި ވައުދުވެވަޑައިގަތުމަށްފަހު، ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ދަރުބާރުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 18 ގައި ރައީސް މުއިއްޒު ވިދާޅުވީ "ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް މި ނިންމީ" ކަމަށެވެ.

"…އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން. ވަކިން ޚާއްޞަކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން. މީގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ ފަރާތްތަކާ މެދުގައި ސަރުކާރުން ލޯ މަރާލުމެއް ނޫން. އެއާ ޚިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ."

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރަށް ރައީސް ޔާމީން މާފުށީ ޖަލަށް ލީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ގައެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވުނީ އެހެންވެގެންނެވެ.

އޭގެ ކުރިން، 2019 ވަނަ އަހަރު ވެސް ރައީސް ޔާމީން ވަނީ ރިޝްވަތުގެ މައްސަލައެއްގައި ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލައިފައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް ރައީސް ޔާމީން މިނިވަންކޮށްފައެވެ.

މި ދެ ހުކުމުގައި ރައީސް ޔާމީން ވަނީ މާފުށީ ޖަލުގައި 1،049 ދުވަސް ހޭދަކުރައްވައިފައެވެ.

ރައީސް ޔާމީނަށް 2019 ގައި ފަސް އަހަރުގެ ޖަލު ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު 2020ގައި ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ޕްރޮމޯޓުކޮށްފައެވެ. އަދި ރައީސް ޔާމީނަށް 2022ގައި 11 އަހަރުގެ ޖަލު ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް 2023ގައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޕްރޮމޯޓުކޮށްފައެވެ.

އާރަށު މައްސަލައިގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ރައީސް ޔާމީން ހ. ދޫވެއްސަށް ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު ފުރަތަމަ ދުވަހުއެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ސެޕްޓެމްބަރު 30ގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަށް ފަހު، އެ ރޭ ދެއްވި ފުރަތަމަ މީޑިއާ ބަޔާނުގައި، "ގައުމުގެ މަސްލަހަތަށްޓަކައި ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދެއްވުމަށް" ރައީސް ސޯލިހަށް އިލްތިމާސްކުރެއްވުމާ ވިދިގެން، ޖެހިގެން އައި ދުވަހުއެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރި ނަމަވެސް ފަހުން ވަނީ، ބައެއް ޝަރުތުތަކާއެކު، މާލެތެރެއަށް ނުކުންނެވުމުގެ ހުއްދަ ވެސް ސަރުކާރުން ދީފައެވެ. އެއާއެކު، ކަރެކްޝަންސްގެ އުސޫލްތަކާ ހިލާފަށް، ސިޔާސީ އެކިއެކި ހަރަކާތްތަކުގައި ވެސް އެ މަނިކުފާނު ގެންދެވީ ފާޅުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުން މި ނިންމީ، އެ މައްސަލައިގެ އަޑުއެހުންތައް ބާއްވައި، ހުކުމާ ހަމައަށް ގޮސްފައި އޮންނަތާ އެތައް މަހެއް ވެފައި ވަނިކޮށެވެ. އެކަމާ ކަންބޮޑުވެވަޑައިގެން، އެ މައްސަލަ އަވަސްކޮށްދެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެތައް ފަހަރަކު ވަނީ ހައިކޯޓުގައި އެދިވަޑައިގެންފަ އެވެ. އެ މައްސަލާގެ ޝަރީއަތް ނުބޭއްވެނީ ހައިކޯޓުގެ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުން ކަމަށް ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *