...

Support Us

ކޮވިޑު ތެރޭގައި ދޫކުރި އެސް.ޑީ.އެފް.ސީ. އަދި އެޗް.ޑީ.އެފް.ސީ. ލޯނުތަކުގެ އިންޓްރެސްޓް ރައީސް މާފުކޮށްދެއްވައިފި

ކޮވިޑު19ގެ ތެރޭގައި އެސް.ޑީ.އެފް.ސީ. އަދި އެޗް.ޑީ.އެފް.ސީ. މެދުވެރިކޮށް އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފުކޮށްދޭން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ލ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޢީދު ބަންދަށްފަހު އަންނަ އާދިއްތަ ދުވަހު ސަރުކާރު ހުޅުވޭއިރު މި ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފުކުރުމަށް އެދި ހުށަހެޅޭނެ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ކޮވިޑާ ގުޅިގެން އެކި ފަރާތްތަކުން ނެގި ލޯނުތަކަށް އިންޓްރެސްޓް އަރަމުން ގޮސް މީހުންނަށް އެ ފައިސާ ދައްކަން އުނދަގޫވާވަރު ވެފައިވާކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ރައްޔިތުންނަށް އިތުރު ލުޔެއް ހޯދައިދެއްވުމަށް ފަހިކޮށްދެއްވި ކަމެއްކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ނަގާފައިވާ ލޯންތަކަށް އަރާފައިވާ އިންޓަރެސްޓް މައާފްކޮށްދޭނެ ކަމުގެ ވާހަކައަކީ މިދިޔަ ސަރުކާރުން ދައްކާފައިވާ ވާހަކައެއް ކަމަށާއި ވެރިކަން ނިމިގެން ދިޔައިރު ވެސް އެކަން ރައްޔިތުންނަށް ކޮށްދީފައިނުވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ހަތަރު މަސްދުވަހުގެ ތެރޭގައި އެކަން ވެސް ރައްޔިތުންނަށް ލުއެއް ހޯދައިދިނުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެ މަސައްކަތް ވެސް މިހާރު ކޮށްފިން. އިދާރީ ހުރިހާ މަސައްކަތެއް. އަޅުގަނޑުމެން ނުބާއްވަން އެއްްވެސް ކަމެއް ނުބާއްވަމޭ އިންތިހާބެއް ބޯމަތިވީމަ ކުރާކަށެއް… އެޗްޑީއެފްސީ ހައުސިން ލޯން ނެގި ފަރާތްތަަކަށް ވެސް އެއްކޮށް މައާފްކުރަން ސަރުކާރުން މިއޮތީ ނިންމާފައި. އެ ވެސް އެޕްލައިކުރެވޭނެ އެޗްޑީއެފްސީއަށް އީދު ބަންދަށްފަހު ހުޅުވުނީމަ," ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި މިސަރުކާރުން ބޭނުންވަނީ ފައިސާ ޗާޕްނުކޮށް ރައްޔިތުންނަށް ލުއިދޭން ކަމަށާއި ރައްޔިތުންނަށް ލުއިތައް ދެމުން ބޭރުގެ ދަރަނިތަކާއި އެތެރޭގެ އެކިއެކި ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ދަރަނިތައް ދައްކަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުން ރާއްޖޭގެ އާމްދަނީ އާއި ފުދުންތެރިކަން އިތުރު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށާއި އެ ނޫން ގޮތަކަށް ކަންކަން މިސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފޮނަދޫގެ ތަރައްޤީއަށް ރާވައިފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން، ފޮނަދޫއާއި އަދި މުޅި އަތޮޅާއި، މުޅި ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވަން ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ ފޮނަދޫ ތަރައްޤީކުރާނީ ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ކަނޑައަޅާ އަރބަން ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާއިރު އެންމެ މުހިންމުކަމެއްގެ ގޮތުގައި ގެދޮރުވެރިކަމަށް އިސްކަން ދެއްވާނެކަމަށާއި، އަދި ފޮނަދޫގެ ބިން އިތުރަށް ހިއްކައި، އެރަށުގައި ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މުޅި އަތޮޅުގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ހައްދުންމަތީގެ އެކި ދާއިރާތަކުގެ ރަށްތައް ކައިރިން އެކި ކޮންސެޕްޓުތަކުގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ތަރައްޤީކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.