Support Us

ރައީސް މުއިއްޒުގެ "ޒައިތޫނި ފަތްކޯޅި" ސިޔާސީ ފަރާތްތަކަށް

ރައްޔިތުންގެ މަޖިލީހުގައި އިންތިހާބާ އެކު ވާދަވެރިކަން ނިިިމިއްޖެ ކަމަށާއި ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެންމެން އެކީގައި މަސައްކަތް ކުރުމަށް އެދިވަޑައިގެން ހުރިހާ ސިޔާސީ ފަރާތްތަކަށް ސުލްހައިގެ "ޒައިތޫނި ފަތްކޯޅި"އެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދިއްކޮށްލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ލިބުނު ތަފާތު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް، ހަވާ އެރުވުމާއެކު އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ހިޔާލު ތަފާތުވުންތައް ދޫކޮށްލައި އެންމެން އެކީގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވި އެވެ.

"މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ގައުމު. މި ގައުމަކީ ކޮންމެ ދިވެހި ލޮބުވެތި ރައްޔިތެއްގެ ވެސް ގައުމު. އެހެންވީމަ އެންމެން ހުރިހާ ބޭފުޅުން އެކުވެރިކަމާ އެކީގައި އަތުުކުރި އޮޅައިލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށްދާން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނީ އޭގެން އުފާވެރިކަން،" ރައީސްް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރަށް ކޮންމެ ރައްޔިތަކީ ވެސް މުހިންމު ކަމަށާއި ސިޔާސީ ވިސްނުން ހުރި ގޮތަކުން އެއްވެސް މީހަކާ މެދު އަޅާނެ ފިޔަވަޅެއް ނޯންނާނެ ކަމަށެވެ.

"އެހެންވީމަ ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށާއި މެމްބަރުންނަށް އަޅުގަނޑު މި ދަންނަވަނީ ހިނގާށޭ ކުރިއަށްދާން. މިގައުމު ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ފަހުރަކަށް ހަދަމާ ހިނގާށޭ. އަޅުގަނޑުމެން އެންމެން އެކުވެރިކަމާ އެކީގައި ކުރިއަށް ދިއައީމާ އެންމެން ތިބޭނީ އުފަލުގައި. އަޅުގަނޑު ތިބޭފުޅުން އަރިހުގައި ގޮވާލަނީ އެންމެން އެކީގައި ކުރިއަށްދާން ހިނގާށޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު އާކުރަންވީ އަޒުމަކީ މި ގައުމު އާރާސްތުކުރުމުގެ އަޒުމާއި މިގައުމުގެ މުސްތަގުބަލް އުޖާލާ ކުރުމުގެ އަޒުމް ކަމަށާއި މިގޮތަށް އަޒުމް ކަނޑައަޅައިގެން ގައުމުގެ ތަރައްގީއައިގެން ކުރިއަށް ދެވިއްޖެ ނަމަ ރައްޔިތުން ދެކެން ބޭނުންވާ ދުވަސް ފެނިގެންދާނެ ކަމަށެވެ.

"އެކުވެރިކަން އާލާކޮށް، އަވަށްޓެރިގުޅުން އާލާކޮށް، އިސްލާމްދީނަށް ނަސްރުދިނުމުގެ އަޒުމް، އަޅުގަނޑުމެންގެ މިނިވަންކަން ޔަގީންކުރުމުގެ އަޒުމް، އަޅުގަނޑުމެންގެ ކޮންމެ މީހަކު އަޅުގަނޑުމެންގެ ގައުމު ދެކެ ފަހުރުވެރިވުމުގެ އަޒުމް މިއަދު އާކުރަންވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ސިޔާސީ ފިކުރެއްގައި ހުރި މީހެއް ނަމަވެސް ވަތަނީ އަޒުމް އާކޮށްގެން މަސައްކަތް މިއަދު ފަށައިފިނަަމަ އެފެށީ ގައުމު ކުރިއަށް ގެންދިއުމުގެ މަސައްކަތް ކަމަށާއި އެއީ އަންނަން އޮތް ޖީލުތަކުން ފަހުރުވެރިވެގެންދާނެ ކަމަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑު މިދޭ ޔަގީން ކަމަކީ މިއަދު މި ފެށޭ މަަސައްކަތް ކާމިޔާބުކޮށްފައި އަޅުގަނޑުމެން ނިންމާލާނީ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުގެ ދެކަނބަލުންނާއި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ޕީ.އެންސީގެ ޓިކެޓާއި ސަރުކާރުގެ ތާއީދާއެކު ދާއިރާތަކަށް ހޮވުނު މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ 93 ދާއިރާއަށް މެމްބަރުން އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ޕީ.އެން.ސީ އަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް 70 ގޮނޑިއަށް ވުރެ ގިނައިން ލިބިފައިވާއިރު ރައީސް މުއިއްޒު އަޒުލްކުރަން ނުކުތް އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑި އެވެ. އަދި އަމިއްލަ މެމްބަރުންނަށް ލިބިފައިވަނީ 11 ގޮނޑިއެވެ. މި އިންތިހާބުގައި ދަ ޑިމޮކްރެޓްސް އާއި އަދާލަތަށް އެންމެ ގޮނޑިއެއް ވެސް ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *