Support Us

މި ޓީމު ނުނިދާނެ. ތިބޭނީ ރައްޔިތުން އެދޭ މަތީ ގިޔަރުގައި މަސައްކަތް ކުރުމުގައި: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ސީރިއަސް މަސައްކަތްތަކެއް ކުރުމުގައި ދެމިތިބޭނެ ބޭފުޅުން ކަމަށާއި ސަރުކާރުގެ ޓީމު "ނުނިދާނެ" ކަމަށާއި ދެން ތިއްބަވާނީ ރައްޔިތުން އެދޭ މަތީ ގިޔަރުގައި މަސައްކަތް ކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ލިބުނު ތަފާތު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް، ހަވާ އެރުވުމާއެކު އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އުފާފާޅުކުރުމުގެ ބޮޑު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގައުމުގެ އިގުތިސާދު ނަގާ ކޮޅަށް ޖެހުމަށް ފާއިތުވި ފަސް މަސް ދުވަހު ކުރެވުނު މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި ދެން އޮތީ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކޮށް، ރައްޔިތުންގެ މުއްސަނދިކަން ފުރިހަމަ މާނައިގައި އިހުސާސްކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ބަހަނާ ދައްކާ ބައެއް ނޫން. އަޅުގަނޑަކީ އަދި އަޅުގަނޑުމެންގެ ޓީމަކީ، އަޅުގަނޑުމެން އެންމެންނަކީ އިހުލާސްތެރިކަމާ އެކު ސީރިއަސް މަސައްކަތެއް ކުރަން ތިބި ބައެއް،" ރައީސް ވިދަޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެހާ ގިނަ ވާހަކަފުޅު ތަކެއް ދައްކަވަން ދެން ބޭނުންފުޅުނުވާ ކަމަށާއި މަޖިލީސް އިންތިހާބުގައި މުޅި ގައުމު އެކައްޗެއް ކިޔައި، ދިން މެސެޖަކީ "ތިމަންނަމެން ދެން ބޭނުންވަނީ ވާހަކަދެއްކުމެއް ނޫނޭ، އަމަލުން ކަންކުރާތަނޭ" އަދި ދެން ފެންނާނީ އަމަލުން އެ ކަންކަން ކުރާތަން ކަމަށް ރައީސް ވިދާޅުވި އެވެ.

މި ގައުމުން ދެން ފެނިގެންދާނީ ދިވެހިން ފަހުރުވެރިވާ ފަދަ އަދި ރައްޔިތުންނާއި ގައުމުގެ ކުރިއަށް އޮތް ޖީލްތަކަށް އުފާފާގަތި ގައުމަކަށް ހެދުމުގެ އަމަލީ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ޓީމް ނުނިދާނެ. މި ދަންނަވަނީ އަމަލީ ގޮތުން ނުނިދާނެ ވާހަކައެއް ނޫން. މަސައްކަތުގައި ދެން ތިބޭނީ. ހަމަ ރައްޔިތުން އެދޭ މިންވަރުގައި، އެ ގިޔަރުގައި، އެ މަތީ ސްޕީޑުގައި މަސައްކަތް ކުރުމުގައި…" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެން އޮތީ ރައްޔިތުން ދިން އިތުބާރާއި ތާއީދުގެ މައްޗަށް ފާއިތުވި ފަސް މަހުގެ ތެރޭގައި ކުރެވުނު މަސައްކަތަށްވުރެ އެތައް ގުނައެއް މައްޗަށް ސްޕީޑު އަވަސްކޮށް ރައްޔިތުން އެދޭ ތަރައްގީ ގެނެސްދިނުގެ މަސައްކަތް ފެށުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މިގައުމު ތަރައްގީވާން. އަޅުގަނޑު އަޅުގަނޑުގެ ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނަށް އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލިސް މެމްބަރުނަށް ދަންނަވާލަން ބޭނުންވަނީ މި ވޭތުވެދިޔަ ފަސް މަސް އެއީ އެއްވެސް އެއްޗެއް ނޫނޭ. ތިބޭފުޅުން ދެން އުޅުއްވަން ޖެހޭނީ ސައުވީސް ގަޑިއިރު ހޭލައޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނަށް ވައުދު ވެވަޑައިގެންނެވި ގޮތަށް ތަރައްގީ ރައްޔިތުންނަށް ގެނެސްދޭން ކަަމަށެވެ. އަދި ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަދަށް ދޫކޮށްލައި، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ވައުދު ދެން ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ވިދާޅުވީ މަޖިލީހަށް އިންތިހާބުވެގެން ދިޔަ ސަރުކާރުގެ މެމްބަރުންނާއި އެމަނިކުފާނުގެ ސަރުކާރުގެ ވެރިންގެ އަދި ކެބިނެޓް ބޭފުޅުންގެ ޓީމުން ސަރުކާރުން ފަށާ މަސައްކަތް ރައްޔިތުންގެ އެހީތެރިކަމާ އެކުގައި ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުގެ ދެކަނބަލުންނާއި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ޕީ.އެންސީގެ ޓިކެޓާއި ސަރުކާރުގެ ތާއީދާއެކު ދާއިރާތަކަށް ހޮވުނު މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ 93 ދާއިރާއަށް މެމްބަރުން އިންތިހާބު ކުރުމަށް އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި ޕީ.އެން.ސީ އަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް 70 ގޮނޑިއަށް ވުރެ ގިނައިން ލިބިފައިވާއިރު ރައީސް މުއިއްޒު އަޒުލްކުރަން ނުކުތް އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑި އެވެ. އަދި އަމިއްލަ މެމްބަރުންނަށް ލިބިފައިވަނީ 11 ގޮނޑިއެވެ. މި އިންތިހާބުގައި ދަ ޑިމޮކްރެޓްސް އާއި އަދާލަތަށް އެންމެ ގޮނޑިއެއް ވެސް ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *