Support Us

ވާހަކަ: ރަހުމަތްތެރިޔާ

އާދަވެގެން އަހަރެން ގޮސް އިންނަ ކެފޭގައި މިއަދުވެސް އަހަރެން އިނީ ކޮފީ ބޯށެވެ. އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ އަހަރެން އިން ދިމާގެ ކުރިމަތިން ހާމަޔަށް ފެންނަން ހުރި، މޫދުގައި އުފައްދަމުންދިޔަ ރާޅަށެވެ. މިފަހުން އެކަނިމާއެކަނި އިނދެ، މިގޮތަށް އެތައް ފަހަރަކު އަހަރެން ކޮފީ ބޮއެފީމެވެ. އޭރު ގިނަ ފަހަރަށް ބެލެނީ ފޯނަށެވެ. އެކަމަކު މިއަދު މާބޮޑަށް އެހެން ކަމަކާ ވިސްނޭތީވެސް ކަންނޭނގެއެވެ. މިއަދު ހަމަ އަހަރެންނަށް ބެލެނީ ނަގަމުން ދިޔަ ރާޅުތަކަށެވެ.

އަހަރެން ވަރަށް ޝައުޤުވެރިކަމާއެކު އެމަންޒަރު ބަލަމުން ގެންދިޔައީމެވެ. ނަގާ ރާޅުބާނިތައް ތޮށިގަނޑާ ހަމައަށް ބިންދަމުން މުގުރަމުން ހިމުންވަމުން އާދެއެވެ. ޤުދުރަތުގެ މިހިތްގައިމު މަންޒަރުން އަހަރެންނަށް މުހިއްމު މެސެޖެއްވެސް ބުނެދެމުންނެވެ. އެއް ރާޅު ނަގާ ނިމޭއިރަށް އަނެއް ރާޅު ނަގައެވެ. ފެނުނީ ރާޅުތައް އޭގެ ވާޖިބު އަދާކުރުމުގައި ވަރުބަލިވުމެއް ނެތި އެގޮތުގައި ދެމިހުރި ތަނެވެ. ތޮށިގަނޑުވެސް ދިޔައީ އޭގެ ވާޖިބު އަދާކުރަމުންނެވެ. އެއްވެސް "ވަރުބަލިކަމެއްނެތި" އަންނަހާ ރާޅެއް އެއްގަމަށް އެެރިޔަނުދީ މައިތިރި ކުރަމުންނެވެ. ވިސްނާލެވުނެވެ. ދުނިޔެ ނިމެންދެން ޤުދުރަތުގެ މިސުންނަތް އެގޮތުގައި ތަކުރާރު ވޭވޭ ހުންނާނެއެވެ. ވީއިރު އަހަރެމެން އިންސާނުންގެ ދިރިއުޅުމުގައި ނަގާ އެންމެ ރާޅަކުން އަހަރެމެން ވަރުބަލިވެ މާޔޫސްވަނީ ކީއްވެހެއްޔެވެ؟ ނަގާ ރާޅަކުން އަހަރެމެންގެ ދިރިއުޅުން ނިމިގެނެއް ނުދެއެވެ. ޖެހެނީ ތޮށިގަނޑު ފަދައިން އަނެއްކާވެސް ތައްޔާރުވެ ދެން ނަގާ ރާޅަކަށްވެސް ކުރިމަތިލާށެވެ. މިއީ ދުނިޔޭގެ ހަޤީޤަަތެވެ. އެކަމަކު މި ހަޤީޤާތާ ކުރިމަތިނުލާންވެގެން އެއީ ނެތް އެއްޗެއްކަމުގައި ހަދާ، ލޯމަރާލައިގެން ތިބެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟

ވަރަށް ހިތްވަރު ކޮށްފައި އަސީލަށް ގުޅާލައިފީމެވެ. ނެޓްވޯކުގެ މައްސަލައަކުން ގުޅޭ ގޮތެއް ނުވިއެވެ. ދެވަނަ ފަހަރަށް ގުޅުމުން ފޯނު ރިންގްވިއެވެ. ނުއެއް ނަގައެވެ. ދެތިން ފަހަރަކު ގުޅުމުންވެސް ނުނެގިއެވެ. އެއީ އަހަރެންނަށް ހީވެސް ކުރެވުނު ގޮތެވެ. ކިތަންމެ ވަރަކަށް ގުޅިޔަސް ނުނަގާނެކަން އެނގޭއިރުވެސް އަހަރެން ބޭނުންވީ ހަމަ ޗާންސްއަކަށް ނަމަވެސް ގުޅާލާށެވެ. ހަމަގައިމުވެސް އަހަރެންގެ ކޮޅުން އަހަރެން ހުރީ ރުޅިއައިސްފަ ނޫންކަން އަންގާށެވެ. އަހަރެންނާ އަސީލްއާ ގުޅުން ކެނޑިފައި އޮންނަތާ މިހާރު ހަ މަހަށްވުރެ ގިނަ ދުވަސް ވީއެވެ. ހަމަގައިމުވެސް އަހަރެންނެއް ގުޅުމެއް ނުކަނޑަމެވެ. އަހަރެން އުއްމީދު ކޮށްގެން ހުރީ އަސީލް ހަމައަކަށް އެޅުމުން އަހަރެންނަށް ގުޅާނެ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށްވެސް އަދިވެސް އެއްވެސް ޚަބަަރެއް ނުވެއެވެ.

އަސީލުއާ އަހަރެންނަކީ އެންމެ ކުޑައިރުއްސުރެ ގާތް ރަހުމަތްތެރިންގެ އިތުރުން ކުލާސްމޭޓުންވެސް މެއެވެ. ގިނަ ގްރޭޑްތަކުގައި އަހަރެމެން ދެމީހުންނަށް އެއް ކްލާހަކަށް ދެވޭގޮތްވުން ވެގެންދިޔައީ އަހަރެމެން ދެމީހުންގެ ގުޅުން ބޮޑަށް ބަދަހިވެގެން ދިޔަ މައިގަނޑު ސަބަބަށެވެ. އަހަރެމެން ދެމީހުންގެ މައިންބަފައިންނަކީވެސް އަމިއްލަ ވިޔަފާރި ކުރާ ތަނަވަސް ބައެކެވެ. ދެމީހުންގެ މައިންބަފައިންގެ ޕާޓީގެ ފިކުރަކީ ދިމާ މުޅިން އިދިކޮޅު ދެ ފިކުރެކެވެ. އަސީލުގެ މައިންބަފައިންނާ އަހަރެންގެ މައިންބަފައިންނަކީ އެބަޔަކު ތާއިދުކުރާ ޕާޓީއެއްގައި، އެންމެ އިސްދައުރެއް އަދާކުރާ ފަރާތްތަކަށް ވުމާއެކުވެސް، ޕާޓީގެ ޚިޔާލުތަފާތުވުން އޮތަސް އަހަރެމެންގެ ރަހުމަތްތެރިކަން އެއަށްވުރެ މާ ވަރުގަދައެވެ. ސްކޫލް ދައުރު ނިމި ދެމީހުންވެސް ހަޔާތެއް ފަށަން ކުރަންޖެހުނު ދަތުރުގައި، ރަހުމަތްތެރިކަމުގެ ދުވެލީގައި ކުޑަކޮށް ބުރަކި ޖެހިލި ނަމަވެސް ރަހުމަތްތެރިކަމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ދިމާނުވެ ދުވަސްކޮޅަކު ދިޔަ ނަމަވެސް ފޯނުން ދޭތެރެއަކުން އެކަކު އަނެކަކަށް ޚަބަރު ވެލަމެވެ.

އޭގެ ފަހުން މައިންބަފައިންގެ ވިޔަފާރީގެ ތެރެއަށް ދެމީހުނަށްވެސް ވަދެވުނު ހިސާބުން އަނެއްކާވެސް ދިމާވެ ބައްދަލުވެ އުޅުން އާންމު ކަމަކަށް ވެގެން ދިޔައެވެ. އަހަރެމެންގެ ރަހުމަތްތެރިކަމުގެ ވަރުގަދަ ކަމުން އަހަރެމެން ދެމީހުންގެ އަނބިންނަކީވެސް އެކަކު އަނެކަކާ އެހާ ގާތް ދެމީހުންނަށް ވެގެން ދިޔައެވެ.

އަހަރެމެންގެ ގުޅުމަށް ހީނަރުކަން އައިސް ނިމިދިޔައީ ހަމަ އިސާހިތަކު ކަހަލަ ގޮތަކަށެވެ. ހަމަ ވަރަށް އާދައިގެ ކަމެއްގައެވެ. އެކަމާ އަހަރެން އަދިވެސް ހައިރާން ވެއެވެ.

"އޭނ! އާދެބަލަ ކޮފީއަކަށް. މީނީ ކެފޭގަ،" ކުއްލިއަކަށް އެއްރޭ އަސީލު މާ ނުވަގުތެއްގައި ގުޅިއެވެ. އެހެންވެ ކޮންމެވެސް ކަމެއް ރަނގަޅު ނޫންކަން އަހަރެންނަށް ވަގުތުން ނަގައިގަނެވުނެވެ.

"އޯކޭ. ދިހަ ވަރަކަށް މިނިޓްތެރޭ ތިތާ ހުންނާނީ" އަހަރެން އެނދުން ތެދުވަމުން އަވަހަށް ބުނެލީމެވެ.

"އަވަހެއްނުނ ފުންމައިގެން ތެދުވިލެއް. ހަމަ ގައިމުވެސް އަހަރެން ގުޅާ އެއްވެސް އިރަކު ދިހަ މިނިޓް ތެރެއަކު ނާދޭ. ބައިގަޑިއިރު ނުވާ އެއްވެސް އިރެއް ނުދޭ" އަހަރެންގެ އަންހެނުން ޝާޔާ ލާނެއް ގޮތަކަށް ހިނިއައިސްފަ ހުރެ އަހަރެންނާ ދިމާކޮށްލިއެވެ.

"ހީވަނީ ކޮންމެވެސް ކަމެއް ވީހެން. އެހެންޏާ ނުގުޅައެއްނުނ މިގަޑިއަކު. އެބަ އަންނަން ވީގޮތެއް ބަލާލާފަ" އަހަރެން ދާން ތައްޔާރު ވަމުން ބުނެލީމެވެ.

ބަރާބަރު ދިހަ މިނިޓްވީއިރު އަހަރެން ހުރީ ކެފޭގައެވެ. ދިޔައިރު އަސީލު އިނީ ފާޑަކަށެވެ. ބޮޑުކަމަކާ ވިސްނާކަން އެނގެއެވެ. އަސީލު އިންގޮތް ފެނިފަ އަހަރެންވެސް ކުޑަކޮށް ކަންބޮޑުވާގޮތް ވިއެވެ.

"ކިހިނެެތްވީ އަނެއްކާ؟ ވަރިފަށަށް އެރީތަ؟" އަހަރެން މާހައުލުގެ "ރަހަގަނޑު" ކުޑަކޮށް ރަނގަޅު ކޮށްލުމަށް މަސައްކަތް ކުރަމުން ހިނިއައިސްފަ ހުރެ އަހާލީމެވެ.

"ހެހެ.. ނޫނޭ. އެކަހަލަ ކަމެއް ނެތް. އެކަމަކު މިއުޅެނީ ލާރިކޮޅެއް މަޅި އަރައިގެން ތަންކޮޅެއް ޕްރެޝަރު ބޮޑުވެގެން،" އަސީލުގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރު ތަކެވެ. "މައްސަލައަކީ ކުރިޔަަށް އޮތް ތިން ދުވަސްތެރޭ ނިންމަންޖެހޭ ޕޭމަންޓެއް އެއީ."

"ކިހާވަރެއް ބޭނުންވަނީ؟" އަހަރެން އެހީމެވެ.

"ތިން ލައްކައެއްހާ ރުފިޔާ ބޭނުންވޭ އެއްކޮށް ކްލިއަރ ކުރަން،" އަސީލު އެ އިންގޮތަށް އިނދެ ބުންޏެވެ.

"އެހެންވަނީ. މައްސަލައަކީ އަހަރެންގެ އަތަކުނެތް ތިވަރަށް ދޭކަށް އަހަރެންގެ އަމިއްލަ ލާރިއެއް. އެކަމަކު ތިވަރު ހަމަޖެއްސިދާނެ އަހަރެންނަށް. އެހެން މީހެއްގެ އަތުން ނަގާފަ ދެވިދާނެ،" އަސީލުގެ ކަންބޮޑުވުމަކީ ހަމަ އަހަރެންގެވެސް ކަންބޮޑުވުމެކެވެ. އަސީލުގެ ކޮންމެ އުފަލެއްގައި ބައިވެރިވާ ފަދައިން ކޮންމެ ހިތާމަވެރި ދަތި ދަނޑިވަޅެއްގައިވެސް އަހަރެން ބައިވެރި ވާނަމަމެވެ. އަހަރެން އެތާ އިނދެފަ ދެތިން ރައްޓެހިންނަށް ގުޅާލީމެވެ. އޭގެ ތެރެއިން އެބުނާ ވަރަށް އެވަގުތު ލާރި ދެވޭނެ މީހަކަށް ހަމައެކަނި ހުރީ ފައިސަލްއެވެ. އެއީ އަހަރެންގެ ބައްޕަގެވެސް ވަރަށް ގާތް ރައްޓެއްސެކެވެ.

"މަހެއްހާ ދުވަހު ތެރޭ ދެއްކޭނެތަ؟" އަހަރެން ފޯނުގަ ހުރެގެން އަސީލު ކައިރީ އަހާލީމެވެ. އަސީލު "ތިހާ ދުވަސްތެރޭ މާ ރީތިކޮށްވެސް ދެެއްކޭނެ" އޭ ބުނުމުން އެޖަވާބު އަހަރެން ފައިސަލަށް ދިނީމެވެ. އެރެއިން އެރެއަށް އަސީލް ބޭނުންވާ އަދަދު ހަމަޖައްސައި ދިނީމެވެ. އަހަރެންނަށް އަސީލާމެދު އިތުބާރު އޮވެއެވެ.

"ތިއީ ރައްޓެހިންނަކީ" އަސީލުގެ މޫނުމަތިން ހިތްހަމަ ޖެހުމުގެ އަސަރުތައް ފެނުމުން އަހަރެންނަށްވެސް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.

މަހެއްހާ ދުވަހަށްވުރެ އިތުރަށް ހަފްތާއެއްހާ ދުވަސް ފާއިތުވީ ފަހުން ފައިސަލް ގުޅިއެވެ. އޭރު ދިން ފައިސާ އަނބުރާ ހޯދާށެވެ. އަހަރެންނަށްވެސް އޭގެމަތިން ހަނދާންވާގޮތް ވީ ދެނެވެ. ފައިސަލަށް، އެފައިސާތައް އަހަރެން ދެނީ އަސީލަށްކަން އެނގުނަސް، ފައިސަލް ފައިސާ ދޫކުރީ އަހަރެންނަށެވެ. އެހެންކަމުން އެކަމުގައި ޒިންމާވާން ޖެހޭނީ އަހަރެންކަން އަހަރެންނަށްވެސް އެނގެއެވެ.  އަސީލަށް ގުޅާލުމުން އެދުވަހު ދެ ޗެކެއް ދޭނެ ވާހަކަ ބުނުމުން އަހަރެން އެކަން ފައިސަލަށް އެންގީމެވެ. ހަމަ އެދުވަހު ދެ ޗެކެއް ލިބުނެވެ. ތިން ދުވަސް ފަހުން ފައިސަލް އަނެއްކާވެސް ގުޅީ އެދެ ޗެކް ބައުންސް ވެގެންނެވެ. އެހިސާބުން އަހަރެން ކުޑަކޮށް ކަންބޮޑުވާ ގޮތްވިއެވެ. އަނެއްކާވެސް އަސީލަށް ގުޅުމުން ފޯނު ނުނަގާ އައީ މެސެޖެކެވެ. އޭގަ އޮތީ ވަރަށް އަވަހަށް ކަންކަން ހަމަޖެހޭނެ ކަމަށާއި ހަމަޖެހުމުން އެފައިސާގެ ކަންކަން ނިންމާނެ ވާހަކައެވެ.

އަހަރެންވެސް އެމެސެޖަށް ރިޕްލައި ކުރަމުން އެ އޯކޭވާނެއޭ އެކަމަކު މީހެއްގެ ލާރިވީމަ ވީހާވެސް އަވަސް ކޮށްދެއްޗޭ ނޫނީ މަގޭ އިތުބާރު އޭނަ ކުރިމަތީ ދާނެއޭ" ބުނީމެވެ. އެކޮޅުން ފޮނުވާލީ ސްމައިލް ފޭސް އެކެވެ. ހަޤީޤަތަކީ އެއީ އަސީލް އަހަންނަށް ކުރި އެންމެ ފަހުގެ މެސެޖެވެ. އެއީ އަސީލް އަހަރެންނަށް ކުރާނެ އެންމެ ފަހުގެ މެސެޖްކަން އަހަރެންނަށް ހިތަށްވެސް ގެނެވޭނީ ކިހިނެތް ހެއްޔެވެ؟ އެކަން އެނގުނު ނަމަ އެދުވަހުވެސް އަހަރެން ކިތައް މެސެޖް އަސީލަށް ކުރީސް ހެއްޔެވެ؟

އާދައިގެ މަތިން އަހަރެމެން ދާ ކެފޭއަށް އަހަރެން ގޮސް ހަދަމެވެ. އެކަމަކު އޭގެފަހުން އަސީލު އެތަނަކަށް ނާދެއެވެ. މުޅިންވެސް އުޅެނީ އަހަރެންގެ ލޯމަތިން ފޮރުވިގެންނެވެ. އަހަރެން ގުޅިޔަސް ފޯނެއްވެސް ނުނަގައެވެ. އަނެއްކޮޅުން ފައިސަލްވެސް ދިޔައީ އަހަރެންނަށް ގުޅަމުންނެވެ. އަހަރެންގެ ކަންބޮޑުވުންވެސް ދިޔައީ އިތުރު ވަމުންނެވެ. ލާރި ނުދިނުމަށްވުރެވެސް އަހަރެން ދެރަވީ އަސީލް އަހަރެންނަށް "ފިލުމުންނެވެ." އަހަަރެން ތަކްރާރުކޮށް މެސެޖް ކުރަމުން ދިޔައީމެވެ. ކަމެއް ގޯސްކޮށް ދާނަމަ ބުނުމަށް އެދުނީމެވެ. އަހަރެންނާ ނުދެއްކޭނެ ވާހަަކައެއް ނޯންނާނެކަން އެނގެންވާނެ ނޫންހޭ ބުނީމެވެ. އެންމެ ފަހުން އެންމެ ކަންބޮޑުވި ވަގުތުވެސް އެހީތެރިވީ އަހަރެން ނޫންހޭ ބުނެ ހަނދާން ކޮށްދިނީމެވެ. ދެންވެސް ރަނގަޅު ގޮތެއް ހެދޭނީވެސް ވެގެން އުޅޭގޮތެއް ބުނީމާ ނޫންހޭވެސް ބުނީމެވެ. މިއިން އެއްވެސް މެސެޖަކަށް އެންމެ ރިޕްލައިއެއްހާ ހިސާބުވެސް ނައެވެ. އަހަރެންނަށްވެސް އެނގެއެވެ. ލާރި ދައްކަން ބޭނުންވި ވަގުތު ދެއްކޭނެ ގޮތެއް ނުވުމުން ލަދުވެތިވާ ގޮތްވެސް ވެދާނެއެވެ. އެކަމަކު މިއީ އަހަރެމެން ދެމީހުންނެވެ. އަސީލު އަހަރެން ކައިރީ ލަދުގަންނާކަށް ނުޖެހޭނެއެވެ. އެކަހަލަ ކަމެއް އުޅޭނަމަ ދެންވެސް ހެދޭނެ ކިތަންމެ ގޮތެއް ހުންނާނެއެވެ. އަހަރެން ގޮތެެއް ހޯދާނެކަންވެސް އަސީލަށް އެނގެންވާނެ ނޫން ހެއްޔެވެ؟ އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކުގެ ހާލަތު އެނގޭނެ ކަމަށް އަހަރެން ޤަބޫލު ކުރަމެވެ. މިހާ ދުވަހު އެކީގަ އުޅެވުނުއިރު އެކަން އަސީލަށް ޤަބޫލު ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟

އެގޮތުަގަ ދެމަސް ފާއިތުވި އިރު އަހަރެން ހުރީ އެއްކޮށް މިލާ މޯޅިވެފައެވެ. އެތަން ޝާޔާއަށްވެސް ފެނިގެން ސުވާލު ކުރާތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. އަހަރެން އަސީލަށް ފައިސަލު އަތުން ނަގާފަ، ތިން ލައްކަ ރުފިޔާ ހަމަޖައްސަދިން ވާހަކައެއްވެސް އަދި ފަހުން އަސީލު ކަންތައް ކުރިގޮތުގެ ވާހަކައެއްވެސް ނުބުނަމެވެ. އަހަރެންގެ އަންހެނުންވެސް އަސީލާ ދިމާއަށް ނުރުހުމުގެ ބަހެއް ބުނަންވެސް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ވިސްނަންވެސް އަހަރެންނަށް ނުރުހެވޭތީއެވެ. އަހަރެންގެ ރަހުމަތްތެރިޔާގެ އަގު އަހަރެން ވަޒަން ކުރަނީ އެހާ މިންވަރަށެވެ. ޝާޔާއަށް މާބޮޑަށް ޝައްކުވެގެން ކުރުނުކޮށް ކިޔަން ފެށުމުން އެހުރިހާ ވާހަކަތަކެއް އަހަރެން ކިޔައި ދިނީމެވެ. ޝާޔާ ހުރީ ބުނާނެ އެތި ނޭނގިފައެވެ. ކިޔައިދެމުން ދިޔައިރު އަހަރެންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް އޮހުނަ ނުދީ ލޮލުގެ ތެރެއަށް ވަރަށް ހިތްވަރުން ހިންދާލިއެއް ކަމަކު ޝާޔާއަށް އެކަމެއް ސިއްރެއް ނުކުރެވުނެވެ. ޝާޔާވެސް މަޝްވަރާ ދިނީ ވަކި ދުވަހަކުން ދައްކާ ގޮތަށް މީހެއްގެ އަތުން ނެގި ލާރިވީމަ އެ ލާރި ހޯދަން ޖެހޭނެ ކަމަށެވެ. ޝާޔާވެސް އެދުނީ އަސީލުގެ ކަމެެއްވީމާ އެކަން ވީހާވެސް ހައްލުކުރެވޭނެ އެންމެ ރަނގަޅަކަށް އެކަން ހައްލު ކުރުމަށެވެ. އަހަރެންވެސް ބޭނުންވާ ގޮތަކީ އެޔެވެ. އެކަމަކު އަސީލުގެ ފަރާތަކުން އެ އެއްބާރުލުމެއްވެސް ނުލިބުނެވެ.

ތިންމަސް ވީފަހުން، އަހަރެން ނިންމީ އަސީލުގެ ބައްޕައާ އެވާހަކަ ދައްކާށެވެ. އެއީ އަހަރެންގެ ލާރިއަށް ނުވާތީ އެއީ ކޮންމެހެންވެސް ހޯދަންޖެހޭ ލާރިއެވެ. އަހަރެންގެ އަތަކުވެސް ފައިސަލަށް އެއްފަހަރާ ދޭކަށް އެވަރަކަށް ލާރިއެއްވެސް ނެތެވެ. އަސީލުގެ ބައްޕައަށް އެކަން އެނގުނުތާ ދެތިން ދުވަސްތެރޭ އެލާރި ލިބޭނެގޮތް ހަމަޖައްސައި ދިނެވެ. އެއީ އަހަރެންގެ ލާރިނަމަ އަޅާވެސް ނުލީމުހެއެވެ. ލާރިއަށްވުރެ ރަހުމަތްތެރިކަން އަހަރެންނަށް މުހިންމެވެ. ދިރިއުޅުމުގަ ނަގާ ރާޅަކުން އެތައް ޒަމާނެއް ވަންދެން މެދުނުކެނޑި އޮތް ފުން، ވަރުގަދަ ރަހުމަތްތެރިކަން ނިންމާލަން ވެދާނެ ހެއްޔެވެ؟

ހަ ވަރަކަށް މަސް ފަހުން އަނެއްކާވެސް ހިތްވަރު ކޮށްފައި އަހަރެން އަސީލަށް ގުޅި ސަބަބަކީ އެއީއެވެ. އަހަރެންނަށް ރަހުމަތްތެރިޔާ އަދިވެސް މުހިންމުކަން ބުނެދިނުމަށެވެ. އަހަރެންގެ ހިތް އަދިވެސް ސާފެވެ. ރަހުމަތްތެރިޔާއަށް އެކަން އެނގޭނޭ ނަމައެވެ.

(މިއީ ހަޤީޤީ ހާދިޡާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
182
ޚިޔާލު ފާޅުކުރައްވާ!

5 Responses

  1. ވަރަށް ރީތި ވާހަކައެއް. މިކަހަލަ ތަފާތު މައުލޫގެ ވާހަކަތައް ފެންނަލެއް ވަރަށް މަދު.

  2. މުޖުތަމައުގަ ހިނގާ ކަމެއް ކުރުކޮށް ފޮނިކޮށް. މާޝާާ ﷲ! ވަރަށް ކަމުގޮސްފި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *