Support Us

ކަރުގައި ޕްލާސްޓިކް ބޮޔެއް އޮޅި ސީލެއް މަރުވެއްޖެ

ކަރުގައި ޕްލާސްޓިކް ބޮޔެއް އޮޅިގެން ސީލެއް މަރުވުމާ ގުޅިގެން، ކުޑަކުދިންގެ ކުޅޭ އެއްޗެހި ގޮނޑުދޮށަށް އުކާލާފައި ނުދިއުމަށް އިނގިރޭސި ވިލާތުން އިލްތިމާސްކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ލިންކަންޝަޔާގެ ހިލޭސާބަހަށް މަސައްކަތްކުރާ "ލިންކަންޝަޔާ ވައިލްޑްލައިފް" ޓްރަސްޓުން ބުނީ މި ގޮތަށް ގޮވާލަން ޖެހުނީ އާއިލާތަކުން ކުޑަކުދިން ގޮވައިގެން މޫދަށް ފަތާލަން ގޮސް، އަނބުރާ ގެއަށް ދާއިރު ކުޑަކުދިންގެ ޕްލާސްޓިކް ކުޅޭ ތަކެތި ގޮނޑުދޮށަށް ދޫކޮށްލާފައި ދާތީ، އެ ކަމުގެ ސަބަބުން ކަނޑާއި ބީޗްގައި އުޅޭ ދިރޭތަކެއްޗަށް ގެއްލުން ލިބެމުން ދާތީ ކަމަށެވެ. އެ ގޮތުން ދާދި ފަހުން ޕްލާސްޓިކް ބޮޔެއް ކަރުގައި އޮޅިގެން ސީލެއް ގޮނޑުދޮށުގައި މަރުވެފައިވާތަން ފެނިފައިވާތީ ކަމަށެވެ.

"މި ފަހަކަށް އައިސް ޕްލާސްޓިކް ކުނިބުނި ގޮނޑުދޮށަށް ދޫކޮށްލާފައި ދިއުން ވަނީ އިތުރުވެފައި،" އެ ޖަމާއަތުން ބުންޏެވެ.

އެ ޖަމާއަތުގެ އޮފިޝަލެއް ކަމަށްވާ މެޓްހިއު ކެޕާ ވިދާޅުވީ ސީލްގެ ކަރުގައި ބޮއެ އޮޅިގެން މަރުވެފައިވާ މަންޒަރު ފެނުމުން އޭނާގެ ޖަމާއަތުގެ މަސައްކަތް ފޭލި ވީ ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

"އަހަރެމެން އިލްތިމާސް ކުރަނީ ހުރިހާ އެންމެން ވެސް ޒިންމާދާރު މީހުންނަށް ވުން. އަދި އުކާލަން ޖެހޭ ކުނިބުނި އެ ތަކެތި ނައްތާލަން ޖެހޭ ގޮތަށް ނައްތާލުމަށް ގެންދިއުން،" މެޓްހިއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސީލް އަކީ ވަރަށް "ކިއުރިއަސް" ޖަނަވާރެއް ކަމަށެވެ. މާނައަކީ ވަރަށް ކަންބަލާހިތްވާ އެއްޗެއް ކަމެވެ. އަދި މިހެންކަމުން ކަނޑާއި ގޮނޑުދޮށުގައި ހުންނަ ޕްލާސްޓިކް ތަކެއްޗާ ވަރަށް ދޯޅު ކަމަށެވެ.

"ޅަ ސީލެއް ބޮޔެއްގެ ތެރެއަށް ކަރު ކޮއްޕާލާ، އެހެން ތިބެގެން ބޮޑުވަމުން ގޮސް، އެންމެ ފަހުން ނޭވާ ހާސްވެގެން މަރުވަނީ،" މެޓްހިއު ވިދާޅުވިއެވެ.

މެޓްހިއު މަސައްކަތް ކުރާ ލިންކަންޝަޔާ ވައިލްޑްލައިފް ޓްރަސްޓުން ޖަނަވާރުން ހިމާޔަތް ކުރަން މަސައްކަތް ކުރާތާ މިހާރު 75 އަހަރުވެއްޖެއެވެ.

"މިހާ ގިނަ ދުވަސް ވެއްޖެ އަހަރެމެން މި މަސައްކަތް ކުރާތާ. އެހެންވީމާ މި ގޮތަށް ސީލް ފަދަ ދިރޭތަކެތި އިންސާނީ ވަސީލަތްތަކުގެ ސަބަބުން މަރުވެފައިވާތަން ފެނުމުން އަހަރެމެންނަށް އިހުސާސް ކުރެވެނީ އަހަރެމެންގެ މަސައްކަތުގައި އަހަރެމެން ފޭލިވެއްޖެކަން،" މެޓްހިއު ވިދާޅުވިއެވެ.

"ޒިންމާ ނެގުމަކީ އަހަރެމެން އެންމެން ކުރަން ޖެހޭ ކަމެއް. ޕްލާސްޓިކް ތަކެތި ބޭނުން ކުރާ ނަމަ، އެ ކަމާ ވެސް ވިސްނާލަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުން ގެންނަ އެއްޗެހިތަކުގެ ތެރެއިން ކުނިބުންޏަށް ވާ ތަކެތި އަނބުރާ ގެންދަވާ. އަދި އެހެން މީހުން ދޫކޮށްލާފައި ދާ ކުނި ވެސް ފެނިއްޖެ ނަމަ އެ އެއްޗެހި ގެންދަވާ. ގެނައި އެއްޗެއްސަށް ވުރެ ގެންދާ އެއްޗެހި ގިނަ ކުރައްވާ،" މެޓްހިއު އިތުރަށް ވިދާޅުވިއެވެ.

ކަރުގައި މަސް ބާނާ ކަންވާރެއް އޮޅިފައިވާ ސީލްއެއް މީގެ ކުރިން ވަނީ ލިންކަންޝަޔާގެ ބީޗްއަކުން ފެނިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ފަލަސްތީނުގެ 32000 ރައްޔަތުން މެރުމަށް އިސްރާއީލަށް ހަތިޔާރާއި ފައިސާދެނީ މިބައިމީހުން، އެކަމަކު ޖަނަވާރެއް މަރުވެގެން ހޭބުއްދި ފިޅާފައި، އާދަމްގެ ދަރިންނަށް އެއްވެސް ކުލުނެއްނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *