Support Us

ހިޒްބުﷲގެ ހަމަލާތަކެއް އިސްރާއީލުގެ އެންމެ އެތެރެއަށް

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމުން އިސްރާއީލުން ހަމާސްއާ ދެކޮޅަށް ފެށި ހަނގުރާމައިގައި އިރާންގެ ތާއީދު ލިބިފައިވާ ލުބްނާންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲއިން އިސްރާއީލުގެ އެންމެ އެތެރެއަށް ހަމަލާތަކެއް ފޮނުވާލައިފިއެވެ. 

ހިޒްބުﷲއިން ބުނީ މި ހަމަލާތައް ދިނީ ދެކުނު ލުބުނާންގައި އެ ޖަމާއަތުގެ ހަނގުރާމަވެރިއެއް ކަމަށްވާ ހުސައިން އަޒްކޫލް އިސްރާއީލުގެ އަސްކަރިއްޔާއިން މަރާލީމާ ކަމަށެވެ. އެ ގޮތުން ހިޒްބުﷲގެ ހަމަލާތައް އަމާޒު ކުރީ އިސްރާއީލުގެ އުތުރުގައި އޮންނަ އާކްރާ ނަމަކަށް ކިޔާ ސިޓީއެއްގެ ކައިރިއަށް ކަމަށް ހިޒްބުﷲއިން ބުންޏެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި ހިޒްބުﷲއިން ބުނީ އިސްރާއީލަށް ހަމަލާތައް ދިނީ ޑްރޯންތަކެއް ބޭނުންކޮށްގެން ކަމަށެވެ. ފޮނުވާލި ހަމަލާތަކުގައި އިސްރާއީލުގެ އާކްރާ އާއި ނަހަރަޔާގެ ދޭތެރޭގައި ހުރި ދެ އަސްކަރީ މަރުކަޒަކަށް އަމާޒު ކުރި ކަމަށް ވެސް ހިޒްބުﷲއިން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އިސްރާއީލުން ބުނީ އެ ގައުމުގެ އެއްވެސް އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ. ނަމަވެސް އިސްރާއީލުގެ އުތުރު އައްސޭރިއާ ދިމާއިން އައި ދެ ވައިގެ ހަމަލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުންޏެވެ.

ލުބްނާންގެ ރަސްމީ ނޫސް އޭޖެންސީ، ނެޝަނަލް ނިއުސް އޭޖެންސީ (އެން.އެން.އޭ.) އިއްޔެ ފަހުން ބުނީ އިސްރާއީލުން ދެކުނު ލުބްނާންގެ އަވަށެއް ކަމަށްވާ ހަނީންއަށް ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު މަރުވެ، ހަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

"އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކަކުން ވަނީ ދެ ބުރިއަށް ހަދާފައިވާ ގެއަކަށް ހަމަލާ ދީފައި. އިމާރާތް އެއްކޮށް ހަލާކު ވި. އެ ތާނގައި ދިރިއުޅުނީ އިސްރާއީލުން ދޭން ފެށި ހަމަލާތަކުގެ ފަހުން ރަށުން ބޭރަށް ނުދާ އާއިލާއެއް،" އެން.އެން.އޭ.އިން ރިޕޯޓް ކުރިއެވެ. 

ހިޒްބުﷲއިން ބުނީ މި ހަމަލާގައި އާއްމުންގެ ދެ މީހުން މަރުވުމާ ގުޅިގެން އިސްރާއީލުގެ އުތުރުގެ ސަރަހައްދަކަށް އިއްޔެ ރޮކެޓް ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ. 

އިސްރާއީލުން ރޭގެ ވަގުތެއްގައި ދިން ވަކި ހަމަލާއެއްގައި ހިޒްބުﷲގެ ހަނގުރާމަވެރިޔާ މުހައްމަދު އައްތިޔާ މަރާލެވުނު ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުންޏެވެ. ނަމަވެސް މި ކަމާ މެދު ހިޒްބުﷲއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ހަމާސް އާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށި ފަހުން މި ވީހާ ދުވަހަކު ކޮންމެ ދުވަހަކުހެން ހިޒްބުﷲ އާއި އިސްރާއީލުގެ އަސްކަރިއްޔާ، ލުބުނާނާއި އިސްރާއީލުގެ އިމުގައި ހަމަލާތައް ބަދަލު ކުރަމުންދެއެވެ. އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ހިޒްބުﷲގެ 270 އެއްހާ ހަނގުރާމަވެރިން މަރާލާފައިވެއެވެ. އަދި މަރާލި ލުބުނާންގެ މީހުންގެ ތެރޭގައި އާއްމުންގެ 50 އެއްހާ މީހުން ހިމެނެއެވެ.  

ހިޒްބުﷲއިން ރޮކެޓް އަދި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކުގައި އިސްރާއީލުގެ ދޮޅަހަކަށް ސިފައިން މަރާލާފައިވެއެވެ. އަދި މީގެ އިތުރުން ހައެއްކަ ޔަހޫދީ އާއްމުންގެ މީހުން ވެސް މަރުވެފައިވެއެވެ.

މި ހަމަލާތަކުގެ ސަބަބުން އިސްރާއީލާއި އަދި ލުބްނާންގެ ވެސް އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށްލާފައި ދާން ޖެހިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *