Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 7

މިކިއަލް ތައްޔާރުވެފައި ހުރިކަން އެނގެއެވެ. ހީވަނީ ފޮތަކުން ބަލައިގެން ހުރެ ޖަވާބުދީ ނިންމާލިހެންނެވެ. މީހުންގެ ހިތްތައް އަތުލުމުގެ ކުޅަދާނަކަން މިކިއަލްއަށް ލިބިގެން ވެއެވެ. އޭނާގެ ދޫ ވަރަށް ފަރިތައެވެ. އެކަމަކު ވާހަކަ ދައްކާއިރު އެއްވެސް މީހެއްގެ މޫނަށް ބަލަން ނުކެރި އެކި ދިމަދިމާލަށް ކަޅި ހިންގިތަން ފެނި ޝަރުމީލާއަށް ނެގުނު މާނަ ތަފާތެވެ.

މިކިއަލްވީ ޔޫނުސް ވަރަށް ގަޔާވި ފަރާތަކަށެވެ. އެދެމީހުން ވާހަކަ ދެއްކިއެވެ. ކައި ނިމިގެން ޓީވީ ދޮށުގައިވެސް ތިއްބެވެ. ރާމީން ވަރަށް އަވަހަށް ނިކުމެގެން ހިނގައްޖެއެވެ. ޝީތުވެސް ހުރީ ބޭރަށް ދާން ލަސްވެފައެވެ. އެންމެންގެ ތެރޭގައި ނުހުރެ މާޔާ އައިސް ވަނީ ކޮޓަރިއަށެވެ. އޭނާ ހުރީ ހިތްހަމަޖެހިފައެވެ. މަންމައަށް މިކިއަލް ކަމުނުދާންވީ އެއްވެސް ސަބަބެއް އޭނާއަކަށް ނުފެނެއެވެ.

**

އެކޮޓަރީގެ ދޮރުގައި ޓަކިދީފައި ޝަރުމީލާ ދޮރު ހުޅުވާލިއެވެ. މާޔާ ލެޕްޓޮޕް ދޮށުގައި އޮވެފައި ސިއްސައިގެން ގޮސް ލެޕްޓޮޕް ލައްޕާލިއެވެ.

"ކިޔަވަނީތަ؟" ޝަރުމީލާގެ މޫނަށް ބަލާލާފައި މާޔާ އަށް އެއްފަހަރު ބޯޖަހައިލެވުނެވެ. އަނެއްފަހަރު ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. ކިޔަވަނީއޭ ބުނެފައި ޖަވާބު ބަދަލުކޮށްލެވިއްޖެކަން އެނގުމުން އޭނާ ކަންބޮޑުވިއެވެ.

"މަންމަ މިއައީ ވާހަކަ ދައްކަން. ވަގުތު އެބައޮތްތަ؟" މިވަގުތު މާޔާ ކުރަމުންދަނީ ކޮން ކަމެއްކަން ޝަރުމީލާއަކަށް މުހިއްމެއް ނޫނެވެ. އޭނާއަށް ރަނގަޅީ ވަގުތުކޮޅެއް ހުސްކޮށްލައިގެން އޭނާގެ ނަޞޭހަތް އޭގެ މާނަ އޮޅުވައިނުލައި މާޔާ ދެނެގަތުމެވެ. މާޔާ އަޑުއަހަން އިން ތަން ފެނި ޝަރުމީލާ އައިސް އިށީނެވެ.

"މަންމައަށް ހީވަނީ މިރޭ މިކިއަލް ހެދީ ހުސް ދޮގުހެން." ޝަރުމީލާ ދެއަތުން ބެޑްޝީޓްގައި ހިފަހައްޓާލިއެވެ. މާޔާގެ މޫނުން ފެނުނު ސިހުމާއި ލޮލުން ފެނުނު ނުރުހުމުން ވާހަކަ ދައްކަން ޖެހިލުންވިއެވެ.

"މަންމަ ދަންނަންތަ އިތުބާރުކުރަން؟" މާޔާއަށް އިންތަނުން ތެދުވެވުނެވެ. މިރޭ މަންމަގެ ކުރިމަތީ އޭނާގެ އަމިއްލަ ނަފްސު ދިފާއުނުކުރެވުނަސް މިކިއަލްއަށްޓަކައި ވަކާލާތުކޮށްދޭނެކަން ކަށަވަރެވެ. މީގެކުރިން ލޭ ހޫނުނުވާ ވަރަށް މިރޭ ހޫނުވެ ބަސްބުނުމުގެ ޖޯޝެއް ލިބިއްޖެއެވެ.

"އޭނަ ވާހަކަ ދެއްކިއިރު މޫނަކަށް ނުބަލާ، އަހަރެމެންނާއި ކަޅި ހަމަކުރަން ނުކެރިގެން އުޅުނީ، އަނެއްކާ އޭނާގެ ކޮއްކޮ އިންގޮތް ދުށިންތަ؟ އެކުއްޖާ އިނީ ކާން ހަނދާންނެތިފައި، ހީވަނީ މުޅިންވެސް އިވުނީ އޭނާއަށްވެސް އާ މައުލޫމާތުތަކެއްހެން. މާޔާ، މަންމަ މިބުނަނީ ރަނގަޅަކަށް، މިކިއަލް އަކީ.." ޝަރުމީލާ ތެދުވެ ފިޔަވަޅެއް އަޅާލުމާއި އެކު މާޔާ ދެއަތް އުފުލައިލީ އޭނަ އާއި ހަމަޔަށް ނާންނާށޭ ބުނާ ފަދައިންނެވެ.

"މަންމަގެ މޫނަށް ބަލައިގެން މިކިއަލް ވާހަކަ ދެއްކިނަމަ މަންމަ ބުނާނީ ކީކޭކަން އެނގޭ އަހަންނަށް.. އޭރުން ބުނާނެ އެއީ ލަދެއް ނެތް ފިރިހެނެކޭ، މަންމަގެ ހިތް ހެވެއް ނުވާނެ އެއްވެސް މީހަކަށް، މަންމަ ބޭނުންވި ކޮންމެކަމެއް ހާސިލްކުރީމައި ނިމުނީ، ޔޫ އާ ސެލްފިޝް،" މާޔާގެ އަޑު ތުރުތުރުލައިގަތީ އައިސްފައި ހުރި ރުޅިންނެވެ. ދެލޮލަށް ގިނަވަމުން ދިޔަ ކަރުނައިގައި ހޫނުކަމެއް ހުއްޓެވެ. އަބަދު އޭނާގެ އުފާތަކަށް ހުރަސް އެޅިއަކަ ނުދެވޭނެއެވެ. މަންމަ ބުނި ގޮތަކަށް އޭނާ ލައްކަ ދުވަހަކު ކެތްކޮށްފިއެވެ.

"މާޔާ." ޝަރުމީލާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އޭނާއަށް އިތުބާރުކުރާށޭ ބުނަން ބޭނުންވިއެވެ. މިކިއަލް ނިސްބަތްވަނީ ކޮން އާއިލާއަކަށްކަން އެނގުމާއި އެކު ޝަރުމީލާގެ ހިތް ހީވަނީ ރޫޅިދާނެހެންނެވެ. އޭނާގެ މާޒީ ހީވީ ވަޅުލާފައި އޮތް ހިސާބުން އަލުން ތިލަވެގެން ދިޔަހެންނެވެ. އަލުން އެ ބިރުވެރިކަމާއި އަނިޔާތައް އެހެން ސިފައެއްގައި އޭނާގެ ދަރިފުޅު ތަހައްމަލުކުރަން އޭނާ ނޭދެއެވެ. މާޔާއަށް ވިސްނައިދޭނީ ކިހިނެއްކަން ނޭނގި އޭނާއަށް ހުރެވުނެވެ. މާޒީގެ ޒައްރެއްގެ މިންވަރުވެސް އެއްވެސް މީހަކަށް އެނގޭކަށް ޝަރުމީލާ ބޭނުމެއް ނޫނެވެ. އެކަންތަކުން އޭނާ ސަލާމަތްވީ ދިހަ ބާރަ އަހަރު ވީފަހުންނެވެ.

"އަހަރެން ބޭނުމެއް ނޫން މިކިއަލް އާއި ބެހޭގޮތުން އެންމެ ލަފްޒެއްވެސް އަޑުއަހާކަށް، މަންމައަށް އޭނަ ކަމުނުދިޔައީ އޭނާގެ ފަގީރުކަމުން، އަމިއްލަ ވިޔަފާރިއެއް ނެތުމުން، މަންމަ ބޭނުންވަނީ އަރާމު ދިރިއުޅުން، އެކަމަކު އަހަންނަށް ވަރިހަމަ އަހަރެން ލޯބިވާ މީހަކާއި އެކު ކުޑަ ޖިފުޑިއެއްގައި އުޅެން ލިބުނަސް." މާޔާ މިރޭ ހުއްޓާލަން ބޭނުންވަނީ ހުރިހާ އެއްޗެއް ކިޔައިފައެވެ. އޭނާ ހުއްޓުވޭނެ އެއްވެސް މީހަކު ނުހުންނާނެކަން މިރޭ އޭނާ އެންގިއެވެ. މިކިއަލްއަށް އޭނާ އިތުބާރުކުރަނީ މަންމައަށްވުރެ ބޮޑަށެވެ. އެއީ އޭނާގެ ފުރާނައެވެ.

**

ދެލޯ ފޮހެލާފައި ޝަރުމީލާ ނިކުތެވެ. އޭނާ އައިސް ކޮޓަރިއަށް ވަންއިރު ޔޫނުސް އޮތީ ނިދާފައެވެ. ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި އޭނާވެސް އޮށޯތެވެ. ރޮއިރޮއި ދެލޮލުގައި ވަނީ ރިހުމެއް އުފެދިފައެވެ. ނިދީގެ އަސަރެއް ނުވެ ގިނައިރު އޮންނަންވުމުން އޭނާ ބަލިކަށިވާވަރަށް ފިކުރުބޮޑުވެގެން ދިޔައެވެ. މިކިއަލް އަކީ ކާކުކަން މާޔާގެ ކުރިމައްޗަށް އޭނާ ގެންނަން ބޭނުމެވެ. ކޮންމެ ސިފައެއްގައި ނަމަވެސް އެކަން ޝަރުމީލާ ކުރާނެއެވެ.

**

ދަންވަރުގެ ފިނި ރޯޅިތައް އައިސް މޫނުގައި ބީހިލާފައި ދެއެވެ. މިކިއަލްގެ ފަހަތުގައި ސައިކަލުގެ މަތީ މާޔާ އިނީ ހެވިފައެވެ. އޭނާ ފަދައިން ބޮލުގެ އިސްތަށިގަނޑުވެސް ވަނީ މިނިވަންކަމާއި އެކު އެ ރޯޅިތަކާއި ސަމާސާކުރަން ދޫކޮށްލާފައެވެ. މަގުތައް މިހާ އަމާންވެދާނެކަމަށް އޭނާ ހިއެއް ނުކުރެއެވެ. މާލެ ވަށާ ދުއްވާފައި މިހާރު މިކިއަލްގެ މިސްރާބުހުރީ ބްރިޖާއި ދިމާލަށެވެ. ސައިކަލު މަޑުކޮށްފައި ހެލްމެޓް ނަގައި މާޔާގެ ބޮލުގައި އަޅުވައިދިނެވެ. މިކިއަލްގެ އަތުން ކޮށްދޭ މިވަރުގެ ކުދިކުދި ކަންތައްތައް އޭނާއަށް ވެގެންދަނީ ވަރަށް ބޮޑު އުފަލަށެވެ. އެއީ ލޯބިކަން މާޔާއަށް އެނގެއެވެ.

ބްރިޖުމަތިން ހުރަސްކޮށްފައި ހުޅުމާލެއަށް މިކިއަލް ދިޔައެވެ. އޭނާ މާޔާ ގެންދިޔައީ ރައްޓެއްސެއްގެ ގެއަށެވެ. ފަތިސްވަންދެން ދެމީހުންނަށް ވަގުތު ހޭދަކުރެވޭނެ ކަމުގައި މިކިއަލް ބުންޏެވެ. ކޮޓަރިއަށް ވަދެފައި މިކިއަލް އެހީ މާޔާ ކައިރީ ތައްޔާރުތޯއެވެ. އޭނާ ފޮނުވާ ފިލްމުތަކުގައި ފެންނަ ހުރިހާ ކަމެއް މިހާރު މާޔާއަށް ވަނީ ދަސްވެފައެވެ. މިކިއަލް އާއި އެކު ތަޖުރިބާކޮށްލަން ބޭނުންވެފައެވެ. ބިރުވަނީ ކެނޑިފައެވެ. ކުޑަކޮށް ޖެހިލުންވީ ފުރަތަމަ ފަހަރުވީމައެވެ.

** **

ފަތިސްނަމާދުން އައިސް ޔޫނުސް ގެއަށް ވަން ވަގުތަކީ ސައިކަލުގައި އައިސް މާޔާ މަޑުކުރި ވަގުތެވެ. ގެއާއި ދިމާލަށް މާޔާ ދުވެފައި ދިޔަ މަންޒަރު ޔޫނުސްއަށް ފެނުނެވެ. އޭނާގެ ކަޅި ހުއްޓުނީ މާޔާ ލައިގެން ހުރި ހެދުމަށެވެ. ކަކުލުން ފެށިގެން ފައިގެ ބާކީބަޔަށް ޔޫނުސްގެ ކަޅި ހިންގާލެވުނެވެ. އޭނާ ހުރީ އަޅުކަމެއް ކުރަން ވުޟޫކޮށްގެންކަންވެސް ހަނދާންނެތުނެވެ. އެއީ އޭނާގެ ދޮންދަރިއެއްކަންވެސް ހަނދާންނެތުނެވެ. ނުބައި ޚިޔާލުތަކުން ޔޫނުސްގެ ސިކުނޑި ފުރިގެން ދިޔައެވެ.

"ފަރިކަން ފެނުނީމާ." މަޑުމަޑުން ލަވައެއްގެ ސިފައިގައި ޔޫނުސްއަށް ކިޔާލެވުނެވެ. ކޮޓަރިއަށް ވަދެ ލޯގަނޑުގެ ކުރިމަތީ އޭނާ ހުއްޓުނެވެ. އޭރު އެނދުގައި ނިދިފައި އޮތް ޝަރުމީލާ އޭނާއަށް ފެނެއެވެ.

"މާފަހުން މި ފެނުނީ." ޝަރުމީލާގެ ސޫރައަށް އޭނާ ބެލީ ލޯގަނޑުންނެވެ. އެއީ ޝަރުމީލާ ހޭލާ އޮތްނަމަ އިއްވަން ބޭނުންވި ޖުމްލައެކެވެ. އޭނާއަށް ޝަރުމީލާ ފެނުނީ މާ ފަހުންނެވެ. ރީތި އަންހެން ދަރިއަކު ހުރި އަންހެނެއްކަން އެނގުނުނަމަ މިއަށްވުރެ އަވަހަށް ކައިވެނި ކުރީހެވެ. އޭނާގެ މަގްސަދު ހާސިލްވާން މާ ގިނަ ދުވަހެއް ނެތެވެ. ކަންތައް ވަމުން ދަނީ ޔޫނުސް ބޭނުންވާ ގޮތަށެވެ. މަޑުމަޑުން ޝަރުމީލާ އާއި މާޔާގެ ގުޅުންދަނީ ހީނަރުވަމުންނެވެ. އެދެމައިން ދެ ދުޝްމަނުންނަށްވެ ނިމުމަކީ އޭނާ އެދޭގޮތެވެ. ޝަރުމީލާ ބަލިކަށިވާން އޭނާ ބޭނުމެވެ. ބޭނުން ގޮތެއް އޭނާއަށް ހެދޭނީ އޭގެފަހުންނެވެ.

** **

މާޔާ ފެންތައްޓެއް ބޯންވެގެން ބަދިގެއަށް ވަންވަގުތު ޝީތު އައިސް ބޭސްގުޅައެއް ކައިލިއެވެ.

"ބަލިވެތަ ތިއުޅެނީ؟" ޝީތު ދާން ހިނގައިގަތުމުން މާޔާ އަހައިލިއެވެ. ޝީތު ފަސްއެނބުރި މާޔާގެ މޫނަށް ބަލައިލިއެވެ. އޭނާ ހުރީ ކަންބޮޑުވެފައެވެ. ނިތްކުރީގައި އަތް ޖައްސާލާފައި އައިސް މާޔާގެ ކައިރީ ހުއްޓުނެވެ.

"ނުބުނައެއްޗޭ އެއްވެސް މީހެއްގެ ގާތު." ޝީތު މަޑުމަޑުން ބުނެލިއެވެ. މާޔާ އެއްބަސްވުމުން އޭނާ އެދުނީ ކޮޓަރިއަށް އައުމަށެވެ.

މާޔާ ދިޔައިރު ޝީތު ހުރީ އަލަމާރީގެ ކައިރީގައެވެ. އޭގެން ބޭސް ކަރުދާސްގަނޑެއް ނަގައިގެން އައިސް މާޔާއަށް ދައްކާލިއެވެ. އެއީ ކީއްވެގެން އޭނާ ކާ ބޭހެއްކަން ކިޔައިދިނެވެ.

"މި ޔަޤީން އެއްޗެއްތަ؟" މާޔާ އަހައިލިއެވެ.

"99.9 ޕަސެންޓް" ޝީތު އެއްކާޑު މާޔާގެ އަތަށް ދިނެވެ.

"ތި ގެންދޭ، މާޔާއަށް ތި ބޭނުންވާނެ." އެ ކާޑުގައި މާޔާ ހިފިއެވެ. ބޭސްކާންވީ ގަޑި މާޔާ އަހައިލިއެވެ. އޭނާއަށް ޝީތު ހުރިހާ ކަމެއް ކިޔައިދިނެވެ. އެންމެ ބޭސްގުޅައެއްވެސް މަދުނުކޮށް ކާން ހަނދާންކޮށްދިނެވެ. އެހެން ނޫނީ ގޯހެއް ހެދިދާނެ ކަމުގައި ބުންޏެވެ.

****

ޝަރުމީލާ ހުރީ އޮފީސް ދޮރުމަތީގައެވެ. އޭނާ މަގުގެ ދެފަރާތަށް ބަލައިލިއެވެ. ލަސްވެގެން ކަންބޮޑުވެފައިވާ މީހެއް ފަދައިން އަތުގައި އޮތް ފޯނުގެ ގަޑިއަށް ބަލައިލިއެވެ. އޭނާއަށް ޕިސް ޖަހައިލެވުނެވެ. އަލުން ގުޅަންވެގެން ނަންބަރަށް ޖަހައިލިތަނުން ފެނުނީ ހުދު ކާރެއް އެމަގުގެ އެއްކޮޅުން އަންނަ ތަނެވެ. ޝަރުމީލާ އަތް ހިއްލާލިއެވެ. އޭނާގެ ކުރިމައްޗަށް އެ ކާރު ހުއްޓުމުން އޭނާ ކާރުގެ ފަހަތަށް އަރައި އިށީނެވެ.

ކާރުގެ ދެވަނަ ސީޓުގައި ޝަރުމީލާ އާއި ޖެހިގެން އިނީ ފަރީލާއެވެ. އެއީ އެންމެ ކުރިންވެސް ޝަރުމީލާ ދަންނަ މީހެކެވެ.

"މީ ދަންނަ މީހެއްތަ؟" ޝަރުމީލާގެ ފޯނުން ދައްކައިލީ މިކިއަލްގެ ފޮޓޯއެކެވެ. އެ ފޯނުގައި ހިފާ ފޮޓޯއަށް ފަރީލާ ބަލައިލިއެވެ.

"އަނެއްކާ މީހަކާއި އިންނަންވީތަ؟" ފަރީލާ ހީލަމުން އަހައިލިއެވެ. އެކަމަކު ޝަރުމީލާގެ ގާތަށް ހިންޏެއް ނައެވެ. ފަރީލާގެ އަތުން ފޯނު ޖަހައިގަންނަމުން ޝަރުމީލާ ނޫނެކޭ ބުނެލިއެވެ.

"ތި އޮފީހުގައި އުޅޭ މީހެއްނު." މިކިއަލް ރޭގައި ދިން ކޮންމެ މައުލޫމާތެއް ވަނީ ޝަރުމީލާގެ ސިކުނޑީގައި ބިންވަޅުނެގިފައެވެ. އެއީ ކާކުކަން ހޯދުމުގައި ޝަރުމީލާ އެންމެ ތަންފުކެއްވެސް ދުލެއް ނުކުރާނެއެވެ.

"ނޫޅޭނެ." ޝަރުމީލާގެ ފޯނަށް ބަލަން އިނދެފައި ފަރީލާ ބުނެލިއެވެ.

"ބުނި ލާމު ގަމު މީހެކޭ، ފަރީލާ ދަންނަ ބައިވަރު މީހުން އުޅޭނެ އެރަށުގައި، ބަލައިދީބަލަ މިއީ ކާކުތޯ؟ އޮފީހުގެ މައުލޫމާތު އޮޅުވައިލީހެން ރަށުގެ މައުލޫމާތުވެސް އޮވެދާނެ އޮޅުވާލާފައި." ޝަރުމީލާ ބިރުގަންނަ ގޮތްވިއެވެ. މިކިއަލް އަކީ މިހާރު މާޔާ ރައްޓެހިވެގެން އުޅޭ ކުއްޖާކަމުގައި ޝަރުމީލާ ބުންޏެވެ. ފަރީލާ އާއި އެކު ގެއާއި ހަމަޔަށް އާއިރު ޝަރުމީލާ އިނީ ފިކުރުބޮޑުވެފައެވެ. އެންމެންނަށް ކަމު ދިޔަޔަސް މިކިއަލް އަކީ އޭނާއަށް ކަމުދާ މީހެއް ނޫނެވެ. އެކަން އޭނާ ސާބިތުކޮށްދޭނީ ހެތްކާއި އެކުގައެވެ.

** **

މާޔާ ބޭރަށް ދާންވެގެން އައިސް ބުނީ ޝަރުމީލާ އާއި ޔޫނުސް ޓެރަސްގައި ތިއްބައެވެ. ދެކޮޅުވެރިކަމަކާއި ނުލައި ޝަރުމީލާއަށްވުރެ ކުރިން އެކަމުގެ ހުއްދަ ޔޫނުސް ދިނެވެ. ޝަރުމީލާ ހަމައެކަނި ބޯޖަހައިލީއެވެ. ދެކޮޅު ހެދުމަކުން އެއްވެސް ފައިދާއެއް ނުކުރާނެކަން އެނގެއެވެ. އޭނާ ހަމައެކަނި އެދުނީ މާޔާ ދަނީ ކޮންތަނަކަށްތޯ ބުނެދިނުމަށެވެ. އެ ސުވާލުގެ ޖަވާބުވެސް މާޔާއަށް ނުދީ ސަލާމަތްވެވުނެވެ. އެތަނުގައި ޔޫނުސް އިނދެ ޝަރުމީލާއަށް ކުރިލިބުމަކީ ވާނެކަމެއް ނޫނެވެ.

މޭގައި އަތް ޖައްސާލާފައި މާޔާ ދާން ހިނގައިގަތެވެ. ދޮންބައްޕަ އާއި މެދު ޝުކުރު ވެރިވަމުންނެވެ. އެހިތުގައި ފުނިޖެހެމުން ދިޔައީ މަންމަ އާއި މެދު ރުޅިވެރިކަމެވެ. މާޔާ ގޮސް ވަނީ މިކިއަލް އުޅޭ އެޕާރޓްމެންޓަށެވެ. ރަނގަބީލް ޖަހާލުމުން އައިސް ދޮރުހުޅުވީ ރާމީންއެވެ. މާޔާ ފެނުމުން ރާމީން ސިހިފައި އެތެރެއަށް ބަލައިލިއެވެ. ދެން މާޔާއަށް ތަންދައްކަމުން ބުނެލީ މިކިއަލްގެ ކޮޓަރިއަށް ނުގޮސް މަޑުކޮށްލުމަށެވެ.

"އެބައުޅޭ ބޮސް ގުޅައިގެން ވަރަށް ހާޑުވެގެން، މިތާ މަޑުކުރޭ،" މިކިއަލްއަށް އުދަނގޫވެދާނެ ކަމަށް ބުނުމުން މާޔާ އިށީނީ ސޯފާގައެވެ. ރާމީން ގޮސް މިކިއަލްގެ ކޮޓަރިއަށް ވަދެފައި އިރުކޮޅެއްގެ ތެރޭ ނިކުމެގެން އައެވެ. މާޔާގެ ކައިރީ އޭނާ އިށީނެވެ. ޓީވީ ބަލަން ބޭނުންތޯ އަހާލުމުން މާޔާ ނޫނެކޭ ބުނެފައި ނެގީ އޭނާގެ ފޯނެވެ.

ކުޑަކޮށް ހުޅުވިފައި ހުރި މިކިއަލް އުޅޭ ކޮޓަރީގެ ދޮރުން އެތެރޭގައި މިކިއަލް އުޅޭ ނޫޅޭގޮތް މާޔާއަށް ފެނެއެވެ. ފޯނު ކަންފަތުޖަހައިގެން ދެކޮޅަށް ހިނގަހިނގާ އޭނާ ހުއްޓެވެ. މާޔާ އެތަނުގައިއިންނަތާ ފަނަރަ މިނެޓްވީފަހުން އެ ކޯލު ނިންމާފައި މިކިއަލް ގޮވާލިއެވެ. މާޔާ ގޮސް ކޮޓަރިއަށް ވަންއިރު މިކިއަލް އުޅުނީ ކޮޓަރި ހަމައަކަށް އަޅުވާށެވެ.

އެތަން މިތަނުގައި ހުރި އަންނައުނުތައް ހޮވަމުން ގެންގޮސް ކަނެއްގައި ހުރި ގޮނޑިއަކަށް އަޅައި ތަންކޮޅެއް ބަލައިލަން ކެރޭވަރު ކޮށްލިއެވެ. ރޫގުޅައެއްހެން އޮތް ބެޑްޝީޓް އަތުން ތެދުކޮށްލާފައި މާޔާއަށް އިށީންނަން ތަން ދެއްކިއެވެ. އެތެރެއަށް ވަން ފުރަތަމަ ފިޔަވަޅާއި އެކު މާޔާގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ލޯގަނޑެއް ފުރާ ތަތްކޮށްފައި ހުރި ފޮޓޯތަކެވެ.

"މި ކޮންބައެއް؟" އެތަނުގައި އެއްވެސް މީހެއްގެ ފޮޓޯ ތަކުރާރުވެފައެއް ނެތެވެ. އެކި ސައިޒަށް ނަގާފައި ހުރި ޕޯޓްރެއިޓް ފޮޓޯތަކެވެ. އެކި އަންހެންކުދިންގެ ހެދުމާއި ސްޓައިލް ތަފާތެވެ. އެންމެ މެދުގައި އިން ފޮޓޯގައި އަންހެންކުއްޖާ އިނީ ބުރަކަށި ދައްކައިގެން ދެފައިތިލަމަތީ އިށީދެއެވެ. ހެދުމުގެ ޒިޕު އިނީ އެންމެ ތިރިއަށް ޖައްސާފައެވެ. ކޮނޑާއި އެކު ހެދުން ތިރިކޮށްލާފައެވެ. އޭނާގެ ރީތިކަން އެ ފޮޓޯއިން ފެނެއެވެ.

"ޖޮބަކަށް ދިއުމުގެ ކުރިން އަހަރެން އުޅުނީ ފޮޓޯ ނަގައިދެން،" މިކިއަލް ކަނދުރާމަތީ އަތް ހިންގާލިއެވެ. އޭނާ ހީލާފައި އައިސް މާޔާގެ ކައިރީ އިށީނެވެ. އޭނާގެ ކައިރިއަށް ބައިވަރު މީހުން ފޮޓޯނަގަން އަންނަ ކަމުގައި ބުންޏެވެ.

"އަހަރެންވެސް ބޭނުން އެހެން ފޮޓޯއެއް ނަގަން." މާޔާ އިނގިލި ދިއްކޮށްލީ ބާތުޓަބެއްގެ ތެރޭ އޮތް އަންހެންކުއްޖާއަށެވެ. މިކިއަލް ދެލޯ ހަނިކޮށްލާފައި ބަލައިލިއެވެ. ދެން ތެދުވެފައި އަލަމާރިން ނެގީ ކެމެރާއެވެ.

"އެނދުގައި މާ ސަޅިވާނެ." މިކިއަލް ކޮޓަރީގެ ދޮރު ތަޅުލުމުން މާޔާ ފޮޓޯއަށް ތައްޔާރުވާން ފެށިއެވެ. އޭނާ ލައިގެން ހުރި ހެދުމަށް މިކިއަލް އިޝާރަތްކޮށްލިއެވެ. އޭނާ ގޮސް ހުދު ތުވާއްޔެއް ނަގައި މާޔާއަށް ދިއްކޮށްލުމުން އެބުނީ ކީކޭކަން މާޔާއަށް ނަގައިގަނެވުނެވެ. އޭނާ ތައްޔާރުވަންދެން މިކިއަލް މަޑުކޮށްލިއެވެ. މާޔާ އޮށޯތުމުން ބެޑްޝީޓް ބޮނޑިކޮށްލާފައި މާޔާގެ ގައިމަތީ އަޅާލިއެވެ.

ފޮޓޯ ނަގައި ނިމިގެން މާޔާ ތެދުވަން އުޅުނު ވަގުތު ކެވެލިކޮޅު ތިރިއަށް ވެއްޓުނު އަޑަށް ބަލައިލެވުނެވެ. ގުދުވެފައި ކެވެލިކޮޅު ނަގައި އަތުގައި އަޅަން ބަލާލިއިރު އޭނާގެ އަތުގައި ކެވެލިކޮޅު އެބައޮތެވެ. ކެވެލިކޮޅު އަތު މެދުގައި ބާއްވަމުން އޭގައި އިން ނަން ބަލާލިއިރު އޭގައި އިނީ ޝީތުގެ ނަމެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
6253
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *