(މިއީ ބޭރުގެ ކުރު ފިލްމަކުން ޚިޔާލު ހޯދައިގެން ރާެއްޖޭގެ މާހައުލާއި ގުޅޭގޮތަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.)
"ދެން ފިތުރު އީދު އަންނަން އޮތީ ހަފްތާއެއްނުނ.. ޔަޤީންދޯ އަންނާނެކަން؟.." އިތުރަށް ޔަޤީން ކޮށްލުމުގެ ގޮތުން އަހަރެން އަހާލީމެވެ.
"އިންޝާﷲ އޭ މިބުނީއެއްނުނ." މަންމަ އަނެއްކާވެސް ތަކްރާރު ކޮށްލިއެވެ.
"ތިހެން ބުނީ މިދިޔަ އަހަރުވެސް. އެކަމު އެންމެފަހު ވަގުތު ނާދޭ." އަހަރެން ކުޑަކުއްޖެއްހެން ޝަކުވާ ކުރީމެވެ.
"އާނ.. އެހެން އެދިމާވަނީވެސް ޒާން ބައްޕަގެ ކަންތައް ހުންނަ ގޮތުންނުނ.. އެގޭނުނ.. ބައްޕަ ވައްތަރު.. މާބޮޑަށް ތަންތާކަށް ދާހިތެއް ނުވާނެ. ތިކޮޅަށްދާ ކޮންމެ ފަހަރަކުވެސް މިގެންދަނީ ގަދަކަމުން." މަންމަގެ ޖަވާބު މުޅިންވެސް ހުންނަނީ އެހެންނެވެ.
ހަޤީޤަތަކީ އަހަރެން ބޭނުންވަނީ މަންމައާ ބައްޕަވެސް އަހަރެމެންނާއެކު އުޅޭށެވެ. މަންމަ އަންނަންވެސް ތައްޔާރެވެ. އެކަމަކު ބައްޕަ އެއްބަހެއް ނުވެއެވެ. ސަބަބަކަށް ބުނަނީ ރަށުގަ މާ އުޅޭހިތްވާ ކަމުގައެވެ. އެކަމަކު އަހަރެން ޤަބޫލުކުރަނީ ހަޤީޤީ އުފަލެއް އިޙްސާސް ކުރެވޭނީ އާއިލާ އެއްކޮށް އެއްތާކު އުޅުމުންނެވެ. އަހަރެންގެ ބައެއް ރައްޓެހިންގެ ޚިޔާލު މިކަމުގައި ތަފާތެވެ. އެމީހުން ބުނަނީ މައްސަލަ ޖެހޭނެ ކަމުގައެވެ. އެކަމަކު އެއީކީ އަހަރެންނަށް މުޅިއަކުން އެއްބަސްވެވޭ ކަމެއް ނޫނެވެ. އެބުނާ މައްސަލައެއް ޖެހޭނެ ނަމަ ޝިޔާމްމެންގެ އާއިލާ ލަންކާގައި އެއްކޮށް އެއުޅެނީ ކިހިނެތް ހެއްޔެވެ؟ މިދައްކަނީ ހަމައެކަނި އެއްކޮށް އުޅޭ ވާހަކައެއް ނޫނެވެ. އުޅެނީވެސް އެންމެން ގުޅިގެން އުފަލުގައެވެ. މައްސަލަތައް ނުޖެހޭ ވާހަކައެއްވެސް ނޫނެވެ. ޖެހުނަސް ޖެހިގެން އަންނަ ދުވަހު ކަމެއް ވީހެން ހީވެސް ނުވާނެއެވެ. އޭގެ ސަބަބަކީ ކަންކަން ހިތުގަ ނޭޅޫން ކަމަށްވެސް ވެދާނެއެވެ. އަހަރެން ލަންކާއަށް ދާ ކޮންމެ ފަހަރަކު އެމީހުންނާ އެކު ވަގުތު ހޭދަކުރާއިރު ބުނެދޭންވެސް ނޭނގޭ އުފަލެއް އިޙްސާސް ކުރުވައެވެ. މަންމައާ ބައްޕަވެސް އަހަރެމެންނާއެކު އުޅެން ބޭނުންވުމުގެ ޚިޔާލު ބޮޑަށް ގަދަވެގަތީވެސް އެ އުފާވެރިކަން ފެނިފަ ކަމަށްވެސް ވެދާނެއެވެ.
"ޝިފާވެސް ވަރަށް ދައްކައޭ ކާފަ މާމަ ވާހަކަ. މަންމަ ދެން ބައްޕަ އެއްބަސް ކުރުވާބަލަ،" އަހަރެންނަށް އިޙްސާސް ކުރެވެނީ މަންމަވެސް ކުރަންޖެހޭ ވަރަށް އެކަމުގަ މަސައްކަތް ނުކުރަނީއެވެ.
"އާނ.. ދެން މާ ދިއުޅު ދިގުކުރާނެ ކަމެއް ނެތް.. މަންމަމެން މިފަހަރު ދާނަމޭ އީދަށް އިނގޭ." މަންމަ ރުޅި އަންނަކަމަށް ހެދެމުން ބުނެލިއެެވެ. އެއަޑުގައި އެކުލެވިފައިވަނީ ލޯތްބާއި ސަމާސާގެ ގޮތެވެ. އަހަރެންވެސް "އާނ ރަނގަޅު" ބުނެފަ ފޯން ބޭއްވީއެވެ.
ފޯނު ބާއްވާފައި ގޭގެ އެތެރެއަށް ވަދެގެން ދިޔައިރު އަންހެނުން ހުދާ ހުރީ ބަދިގެ ފަރާތުގަ ޝިފާއަށް ކާއެއްޗެއް ތައްޔާރު ކުރާށެވެ. ހުދާއާ އަހަރެން ކައިވެނި ކުރީ ރައްޓެހިވިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. ހުދާގެ މައިންބަފައިން ދުނިޔޭގަ ނެތަސް ހުދާއަށް ބައްޕަގެ ފަރާތުން ލިބިފަވާ ހުސް ގޯއްޗެއް އޮންނަތާ ކިތަންމެ އަހަރެކެވެ. އެގޯތީގަ، މިހާރު ދިރިއުޅެމުންދާ މިގެ، ތިންބުރިއަށް ބިނާކުރީ އަހަރެންގެ ޚަރަދުގައެވެ. ކައިވެނި ކުރީ ގެ ހަދާ ނިމުމުންނެވެ. އަހަރެންނާ ހުދާގެ ކައިވެންނަށް މިހާރު ފަސް އަހަރު ވަނީއެވެ. ހުދާވެސް އަހަރެންގެ މަންމައާ ބައްޕަދެކެ ނިކަން ލޯބިވެއެވެ. ހުދާއަށް ހުދާގެ މައިިންބަފައިންގެ ލޯބީގެ ހިޔާވަހިކަން މަދު ދުވަސްކޮޅަކަށް ލިބުުން އެއީވެސް، ހުދާ އަހަރެންގެ މައިންބަފައިންެދެކެ އެހާ ވަރުހުންނަ އެއްސަބަބެވެ.
"ކޮބާ ޝިފާ؟" އަހަރެންގެ ހަތަރު އަހަރަށްދާ ދަރިފުޅު ފެންނަން ނެތީމަ އަހާލީމެވެ.
"އެެބައިން މަތީ ރޫމްގަ ޓީވީ ބަލަން. މިގަޑީގަ އޭނަ މާބަލާހިތްވާ ކާޓޫނެއް އާދެއެއްނުނ. އޭގެ އަވައިގަ ޖެހިފަ އެބައިން. ދެން މަންމަމެން އާދޭތަ؟" ހުދާ ކައްކަން ހުރެފަ އުއްމީދުން ފުރިގެންވާ ގޮތަކަށް ބަލާލަމުން ސުވާލު ކުރިއެވެ.
އަހަރެން އާނއެކޭ ބުނެފަ ދިޔައީ އޮފީހަށެވެ. ދިޔަ މަގުމަތީ ހިތަށް އެރިއެވެ. ބައްޕަމެން އެއް އަހަރު އައިއްޔާ ޖެހިގެން އަންނަ އަހަރަކު ނާދެއެވެ. އާދެވެނީ އަބަދުވެސް އެއްއަހަރު ދޫކޮށްފައެވެ. އެކަމަކު އަހަރެމެން އަޟްހާ ޢީދަށް ހަމަ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް ރަށަށް ދަމެވެ. ބައްޕަމެނަށް ނާދެވޭ އަހަރަކު، "ޒާންމެން އެބަ އާދޭނޫންހޭ މިކޮޅަށް އެހެންވީމަ އަބަދު ނުދިޔަޔަސް ރަނގަޅުވާނެއޭ" ބައްޕަ ބުނެލައެވެ.
ބައްޕަވެސް އަހަރެމެންނާއެކު އުޅެން ބޭނުންވާ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ މަންމަ އެހެރީ މިހާރުވެސް އަންނާށެެވެ. މައްސަލައަކީ ބައްޕަގެ އެހުންނަ އަމިއްލަ ގޮތެވެ. މާދުވަސްވެފަ ހުރި މީހެއް ނޫނަސް ބައްޕައަކީ ސާދާ މިޒާޖެއްގެ ވެރި، މުސްކުޅި ޚިޔާލުގެ މީހެކެވެ. ލިބޭ އެއްޗެއް ހަލާކުވަންދެން ބޭނުން ކުރާނެއެވެ. މިހާރުވެސް އެގެންގުޅޭ ފޯނަށް ޔަޤީނުންވެސް ހަތަރު އަހަރު ވެދާނެއެވެ. އެފޯނަކީވެސް ބައްޕަގެ ރައްޓެެއްސަކު ބޭނުންކުރަމުންދިޔަ ފޯނެއް ބައްޕައަށް ކަމުގޮސްގެން އެމީހަކު ބައްޕައަށް ހަދިޔާއަކަށް ދިން ފޯނެކެވެ. އަހަރެން ވިސްނަމުން ދިޔައީމެވެ. މިފަހަރު ބައްޕައައީމަ ގިނަ ވަގުތު ބައްޕައާ އެކީ ހޭދަކުރެވޭތޯ ބަލާނީއެވެ. މައްސަލައަކީ ބައްޕަ ވަރަށް ބަސްމަދެވެ. ގިނަވާނީ ހަނު ހުންނަ ފަހަރު ތަކެވެ. ބައްޕައަށް ކުރެވޭ ޤަދަރެެއްގެ ބޮޑުކަމުންވެސް ކޮންމެ ކޮންމެ ވާހަކައެއް ދައްކާކަށް ކެރެނީއެއްވެސް ނޫނެވެ. ގިނަ ފަހަރަށް ބުނަން ބޭނުން ވާހަކަތައް ބުނުވަނީވެސް މަންމަ ލައްވައެވެ.
ޢީދު ވުމުގެ އެއްދުވަސް ކުރިން ބައްޕަމެން ތިބީ މާލެ އައިހެވެ. މިފަހަރު އަހަރެން ހުރީ ގެވެސް ވަރަށް ބޮޑަށް ތަރައްޤީކޮށް ރީތިކޮށްލާފައެވެ.
"އެބަ ފެނޭ މީހަކަށް ކުރި އެރުން ލިބެމުން އަންނަވަރު،" ގެއަށް ވަންނަމުން ވަށައިގެން ނަޒަރު ހިންގާލަމުން މަންމަ ލާނެތް ގޮތަކަށް ބުނެލިއެވެ. ބައްޕަ ހަނު ހުރީއެެވެ.
އޭގެ އަނެއް ދުވަހެވެ. އީދު ނަމާދު ކޮށްގެން އައިސް އެންމެން ތިބީ ކާމޭޒް ދޮށުގަ ހެނދުނުގެ ނާސްތާ ކުރާށެވެ. މޭޒުމަތި ފުރާލާފަ ވަނީ އެކިކަހަލަ ކާތަކެެތީންނެވެ. ޕޭސްޓްރީގެ ބާވަތްތަކާއި ކޮންޓިނެންޓަލް ބްރެކްފާސްޓްގެ ބާވަތްތަކެވެ. ބައްޕަ ރޮށި ކާތީ ކޮއްތު ރޮށިވެސް ހަދާފަ ހުއްޓެވެ. ބައްޕަ އުލާ ސަމްސާ ނަގައިގެން ނުފަރިތަކޮށް، އުނދަގޫ ގޮތަކަށް ކާން އުޅޭތަން ފެނުނެވެ. އެއީ ބައްޕަ އަންނަ ކޮންމެ ފަހަރަކުވެސް ފެންނަ މަންޒަރެކެވެ.
"ބައްޕާ.. ހަމަޖެހިލައިގެން ކާލާ. އިތުރު އެއްޗެއް ބޭނުން؟" އަަހަރެން ބޭނުންވީ ބައްޕަ ހަމަޖައްސާލާށެވެ. ބައްޕަ އިތުރު އެއްޗެއް ބޭނުމެެއް ނޫނޭ ބުނުމުގެ ގޮތުން ދެކޮޅަށް ހޫރާލިއެވެ.
"ހުދާ ބައްޕައަށް އަޅާދީބަ ސެލެޑް ކޮޅެއްވެސް. ބައްޕާ. ވަރަށް މީރުވާނެ،" އަހަރެން ހުދާއާއި ދިމާއަށް ބަލާލަމުން ބުނީމެވެ.
"މަންމަ ކޯއްޗެއް ބޭނުމީ؟" ހުދާ ސުވާލު ކޮށްލިއެވެ. މަންމަަވެސް އިތުރު އެއްޗެއް ބޭނުން ނޫންކަމަށް ބުންޏެވެ. އޭރު މަންމަ އުޅެނީ ޝިފާއަށް ކާން ނުދެވިގެންނެވެ. ޝިފާ އުޅެނީ ކެއުން ނިންމާލާފަ އަވަހަށް ކުޅެން ދެވޭތޯއެވެ. ފަހުން މަންމައާ ބައްޕާއާ އެއްކޮށް ޝިފާ ވަރަށް ގިނަވަގުތު ކުޅުމުގައާ ސަކަރާތް ޖެހުމުގަ ހޭދަކުރިއެވެ. އެމަންޒަރު އެއީ އަހަރެންގެ ހިތަށް އުފާވެރި އެތައް އިޙްސާސެއް ގެނުވި މަންޒަރެކެވެ.
އެރޭ ނިދަންވެގެން އަހަރެންނާ ހުދާ ތިބީ ކޮޓަރީގައެވެ. އަހަރެން އޮތީ ބައްޕައާމެދު ވިސްނާށެވެ. ހުދާވެސް އޮތީ ކޮންމެވެސް ކަމަކާ ވިސްނަންކަން އަހަރެންނަށް އެނގެއެވެ.
"ޒާން..!" ހުދާ ކުއްލިއަކަށް ގޮވާލިއެވެ. އަހަރެން ހުދާއާއި ދިމާއަށް ބަލާލީމެވެ.
"ފީލްއެއް ނުވޭތަ ބައްޕައާ މަންމަ.. ޚާއްސަކޮށް ބައްޕަ މިތަަނަށް ވަރަށް އަންކޮންފޮޓޮބުލް ވެފަ ތިބޭހެން؟" ހުދާ ކުރީ އަހަރެން ހީކުރި ކަހަލަ ސުވާލެއް ނޫނެވެ. އެކަމަކު އެއީ މުހިންމު ސުވާލެކެވެ. އަހަރެންވެސް އެކަމާ ވިސްނާލީމެވެ. ތެދެކެވެ. އަސްލު މަންމައާ ބައްޕަ މިކޮޅަށް އަޔަސް ތިބެނީ އުނދަގުލެއް ވެފަ ތިބޭ ގޮތަކަށެވެ. އެކަމަކު ހުދާގެ ސަމާލުކަމަށް ތަންކޮޅެއް ބޮޑަށް އެކަން އައި މިއީ ފުރަތަމަ ފަހަރެވެ. އެއީ އަހަރެންނަށް ވެސް ވިސްނާ ނުލެވި އޮތްކަމެކެވެ.
"އާން. ތިހެން ބުނީމަ ވަރަށް ނޯޓިސް ކުރެވޭ. ހިތްހަމަނުޖެހޭ ކަމެއް އުޅެންޏާވެސް ބުނައްޗޭ ކިޔަކިޔާ މިހުންނަނީ. އެކަމަކު އެއްވެސް އެއްޗެކޭ ނުބުނާނެ ވިއްޔާ." އަހަރެން ބުނީމެވެ.
"ދެން ކިހިނެތް ހަދާނީ؟ ހުދާވެސް ބޭނުން ބައްޕައާ މަންމަ މިކޮޅުގަ ތިބެން. ކޮންފޮޓޮބުލްވާން." ހުދާވެސް ހުންނަނީ އެކަމާ ނުލާހިކު ކަންބޮޑުވެފައެވެ.
"އަހަރެމެން ޖެހޭނީ ކޮންމެވެސް ގޮތެެއް ހޯދަން،" ވިސްނަން އޮވެފައި އަހަރެން ބުނީމެވެ. ހުދާވެސް ބޯޖަހާލިއެވެ.
އޭގެ އަނެއްދުވަހުގެ އެންމެ ހެނދުނުގެ ވަގުތެވެ. އަހަރެން ކަސްރަތު ކުރަން ބޭރަށް ދާން ނުކުތްއިރު ބައްޕަ ސިޓިންގ ރޫމްގަ އިނގިރޭސި މެގަޒިންއެއް ނަގައިގެން ކިޔޭތޯ އިނެވެ. މާބޮޑު ޝައުޤެއްނެތި ބައްޕަ ކުރަމުންދިޔަ މަސައްކަތް އަހަރެން ދުށީމެވެ.
"ރޭގަ ނިދުނުތަ ރަނގަޅަށް؟ އަހަރެން އަހާލީމެވެ. ބައްޕަަ ހިނިތުންވެލާފަ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
"ކޮންތާކު..؟ ނުވެސް ނިދާ. އެނދުގަ އަޅާފަ އޮތް ގޮދަޑި މަޑުވީމަ ބައްޕައަށް ނުނިދިގެން އުޅުނީ. ޒާން ކައިރީ ބުނަންހޭ ބުނީމަވެސް ބުނީ ނޫނެކޯ. އެކަމު ރޭގަ ބުނިން މިއަދު ޒާންކައިރީ ބުނާނަމޭ. އެހެންވެ މިބުނީ. ދެން ބައްޕަ ރަށުގަ ހުންނައިރު ވަރަށް ނޫސްވެސް ކިޔާނެ. އިނގިރޭސި އެއްޗެހި އެހާ ގަޔާއެއް ނުވާނެ." ެކޮޓަރިން ނުކުންނަމުން މަންމަ އެހެން ބުނުމާއެކު ބައްޕަ ވަގުތުން މެގަޒިން ބޭއްވިއެވެ. އެވަރަށްވެސް މަންމަ ބުނިކަން ނަސީބެކެވެ.
"އެހެންދޯ؟ މިރެޔަށް ބަދަލު ކޮށްލާނަން. ބުނަމެއްނުނ.. އެއްވެސް ކަމެއް އުޅެންޏާ ބުނައްޗޭ. މާދަން ފުރަންދޯ ރަށަށްދާން؟ އެކަމަކު މިފަހަރު ބައްޕަމެން ވާނެ ބޮޑު އީދަށް މިކޮޅަށް އަންނަން. މިކޮޅުގަ ތިބެފަ ސިންގަޕޫރަށް ބައްޕައާ މަންމަ ޑޮކްޓަރަށް ދައްކަން ފުރާނީ. ޓިކެޓް ދެތިން މަސް ކުރިން ނެގީމަ އަގުހެޔޮވާނެތީ މިހާރު ނަގައިފިން." ހަމަގައިމުވެސް ދެން ބައްޕައަށް މިކޮޅަށް އައުން ނޫން ގޮތެއް ނޯންނާނެއެވެ. ވަރަށް ބަހަނާ ދައްކަންވެސް އުޅުނެވެ، ނަމަވެސް މިފަހަރު ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
ބައްޕައާ މަންމަ ފުރިތާ ހަފްތާއެއްހާ ދުވަސް ފަހުން އަހަރެމެން އެހެން ތަނަކަށް ވަގުތީ ގޮތުން ބަދަލުވީމެވެ. އަހަރެންނާ ހުދާއަށްވެސް ވިސްނުނު ގޮތުަގައި މިއީ އަހަރެމެންނަށް ނެގޭ އެންމެ މުހިންމު ފިޔަވަޅެވެ.
އޭގެ ދެމަހެއްހާ ދުވަސް ފަހެވެ. އަހަރެމެންވެސް ތިބީ އެނބުރި އަހަރެމެންގެ ގެޔަށް އައިހެވެ. އެއްވެސް ގޮތެއް ނެތުމުން އަޟްހާ ޢީދަށް މަންމައާ ބައްޕަވެސް މާލެ އައެވެ. ގޭތެރެއަށް ވަނުމާއެކު މަންމައާ ބައްޕަގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ. އެއަށްވުރެ ބޮޑަށް އެދެމީހުން ހައިރާންވީ މަންމައާ ބައްޕަ ތިބެން ހަމަ ޖައްސާފަ ހުރި ކޮޓަރި ފެނުމުންނެވެ.
"ޒާން.. މީ ކޮންކަމެއް؟ ހީވަނީ އެހެން ގެޔަކަށް އާދެވުނުހެން،" ހައިރާންވެހުރެ ހުރިހާ ދިމާއަކަށް ނަޒަރު ހިންގަމުން މަންމަ ސުވާލު ކުރިއެވެ. ގޭގެ ހުރި ޒަމާނީ ފަރުނީޗަރުތައް ވަނީ ކުރީގެ ފަރުނީޗަރަށް ބަދަލު ކުރެވިފައެވެ. މުއްސަނދި ކަމުގެ ކުލަވަރު ފެންނަން ހުރި ގެއިން މިހާރު ފެންނަނީ އާދައިގެ އަސަރުތަކެވެ. މުޅިގޭގަ ލާފަ ހުރީ މަޑު އަލިކުލައެކެވެ. ސިޓިންގ ރޫމުގަ ހުރީ ބައްޕައާ އާއިލާގެ މިހުންނާ އަދި ކާފަމެންގެ ކުރީގެ ބައެއް ފޮޓޯތައް ފްރޭމްކޮށް ބައެއް ފާރުތަކުގަ ހަރުކޮށްފައެވެ.
ބައްޕައަށް ބޭއިޚްތިޔާރުގަ ބައްޕަމެން ތިބޭ ކޮޓަރިއާ ދިމާއަށް އަނެއްކާވެސް ދެވުނެވެ. ބައްޕަ ރަށުގަ ނިދާއިރު ހުންނަ ކަހަލަ އެނދެކެވެ. ހަރު ގޮދަޑިއެއް އަޅާފަ އޮތެވެ. އެނދާއި މާދުރުނޫން ހިސާބެއްގަ ހެއްލޭގޮތަށް ހުރި އަދަރާދަ ގޮނޑިއެއް ހުއްޓެވެ. އެނދު ކައިރީގަ ބެހެއްޓިފަ ހުރި ކުޑަ މޭޒުމަތީ، ވަރަށް ފަހުން، އަލުން އިޝްތިރާކު ދައްކައިގެން ގޭގެއަށް ނޫސް ފޯރުކޮށްދޭން ފެށި ނޫހެއްގެ އެންމެ ފަހުގެ ނޫސް ބާއްވާފަ އޮތެވެ. މަންމައާ ބައްޕަގެ މޫނަށް އަރާފައިބަމުންދާ ކުލަވަރު އަހަރެންނާ ހުދާ ތިބީ ޝައުޤުވެރިކަމާއެކު ބަލަހައްޓައިގެނެވެ.
"އެކަމަކު ދަރިފުޅު އިހަކަށ ްދުވަހުނުނ ބޮޑު ޚަރަދެއް ކޮށްފަ ގެ ރީތިކޮށް ހެދީ؟" މަންމަ ހައިރާންކަންމަތީ ހުރެ ސުވާލު ކުރިއެވެ. އަހަރެނެް މަންމައާ ބައްޕަގެ މޫނަށް ފުންކޮށް ބަލާލީމެވެ. ދެން ބުނީމެވެ.
"ގެއެއް ރީތިވަނީ އެގެއެއްގެ ހަތަރު ފާރު އެތެރެ ރީތިވީމައެއް ނޫން. ގެއެއް ރީތިވަނީ އާއިލާއެއް އެއްކޮށް އުފާވެރިކޮށް އުޅުމުން. މަންމައާ ބައްޕަ މިގޭގަ އަހަރެމެންނާ އެއްކޮށް އުޅުން އެއީ އަހަރެންވެސް ހުދާވެސް ޝިފާވެސް ބޭނުންވާ ގޮތްދޯ ދަރިފުޅާ" އަހަރެން ޝިފާއާ ދިމާއަށް ބަލާލަމުން ބުނީމެވެ. ޝިފާ އުފަލުން ބޯޖަހާލިއެވެ. ވާހަކަ ދެއްކީ އަނެއްކާވެސް އަހަރެންނެވެ. "މީގެ ފަހުން ދެން މިގޭގަ.. ބައްޕައަށް ރަށުގަ ހުންނައިރު ކުރެވޭ އިހްސާސް ކުރެވޭނީ. ބައްޕަމެން ކޮޓަރި ހުންނާނީ ބައްޕަމެން ބޭނުންވާ ގޮތަކަށް. ބައްޕަމެން ބޭނުންވާ ބަދަލެއްވެސް ގެންނަންވީ. އެކަމާ ފާޑުކިޔާނެ މީހަކު ނުހުންނާނެ. މިއީ ހަމަ ބައްޕަގެވެސް މަންމަގެވެސް ގެ. ހުދާވެސް ދެކެނީ ތިއީ ހަމަ އޭނަގެ އަސްލު މަންމައާ ބައްޕަ ފަދައިން. މިފަހަރު ސިންގަޕޫރަށް ގޮސްފަ އައިސް ބައްޕަމެން މިކޮޅަށް ބަދަލުވާންވީނު.." އަހަރެންގެ ދެލޯ ފެންކަޅިވާ ގޮތްވިއެވެ. އަހަރެނެްގެ މޫނުމަތިން އާދޭހުގެ އަސަރުތައް ހުރީ ފާޅުވާށެވެ. އެކަން މަންމައާ ބައްޕައަށް ފާހަގަވެސް ކުރެވުނުކަން އަހަރެންނަށް އެނގުނެވެ.
ދެން އައީ ހަމަ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. ބައްޕަ އިސްދަށަށް ޖަހާލައިގެން ހުއްޓެވެ. އަހަރެެމެންގެ މި ކުޑަކުޑަ އާއިލާ މަންމައާ ބައްޕައަށްޓަކައި ވީ ޤުރުބާނީ ހިތަށް އަރާފަ ކަންނޭނގެއެވެ. މަންމަގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ހުދާއަކަށް ނުހުރެވުނެވެ. ދުވެފަ ގޮސް މަންމަގެ ގައިގަ ބައްދައިގަތެވެ.
"މަންމާ. ދެން މިވަރު ކުރީމަ ނުދައްޗޭ. އަހަރެމެންނާއެކީ ހިނގާބަލަ އުޅެން. މިއީ މަންމައާ ބައްޕަގެވެސް ގެއޭ. އަހަރެމެންގެ އުފަލަކީ ތިއީ އޭ" ހުދާ ރޮވިފަ ހުރެގެން ބުންޏެވެ.
"ބައްޕާ..!!" އަހަރެން ވަރަށް އަސަރާއެކު ބައްޕައަށް މަޑުމަޑުން ގޮވާލީމެވެ. ބައްޕަ އިސް އުފުލާ ބަލާލިއިރު ބައްޕައަށް ކޮށްފަހުރި އަސަރުވެސް މޫނުމަތިން ފެންނަން ހުއްޓެވެ. ބައްޕަ މަޑުމަޑުން ހިނގާފަ އަހަރެންނާ ދިމާއަށް އައެވެ. އެއަށް ފަހު ކުޑަކޮށް ރޮވިފަ އެހެނަސް ހިނިތުން ވެލަން މަސައްކަތް ކުރަމުން ބުނެލީ މިހެންނެވެ.
"ޢީދު މުބާރިކް" އެއަށްފަހު ރޮމުން ބައްދާލިއެވެ.
"ބައްޕަމެން މިކޮޅަށް ގެންނަން ތިހާ ބޭނުންވީމަ ދެން އަންނަންދޯ ޖެހެނީ" ބައްޕަ ބުނެލިއެވެ. އެއީ އަހަރެންގެ ހަޔާތުގަވެސް އައި އެންމެ އުފާވެރި ވަގުތު ކޮޅެވެ.



advertisment
5 Responses
ވަރަށް ރީތި މިވާހަކަ ވެސް. ގުޑް ޖޮބް!
ރޮވިއްޖެ….ވ އެމޯޝަނަލް….ވާހަކަ ވަރަށް ރީތި
ޙަމަ ޥަރަށް ސަޅި
ފެމެލީ އެކީގަ އުޅުމަކީ އުފަލެއް. މުހިއްމު މެސެޖެއް
ރީތި ވާހަކައެއް. ހަމަ ވަރަށް ހިތްގައިމު. ކުރުވާހަކަތަކަކީ އާއްމުކޮށް އެހާ ތަރުހީބު ލިބޭ ޕްލެޓްފޯމްއެއް ނޫން. އެކަމްވެސް ޝަބީބުގެ ވާހަތަކަކީ ހަމަ ކިޔާހިތުން ކިޔާލެވޭ ރީތި ވާހަކަތަކެއް.