ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރަސްމީގޮތުން މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޑަޔަސްއަށް އަރައިވަޑައިގަތުމާއެކު 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޗައިނާގެ މިލިޓަރީ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނަރއެއް، ޗައިނާގެ ރައީސްގެ އަރިހުގައި އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
އެއަށްފަހު ޗައިނާ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މަތީފަންތީގެ ވަފުދު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތަޢާރުފުކޮށް އެރުވުންވެސް މިރަސްމިއްޔާތުގައި އޮތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.



advertisment