Support Us

25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އިފުތިތާޙް ކޮށްދެއްވައިފި

ޖުމްލަ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފުތިތާޙް ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢު އިފުތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.

މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިފްތިތާޙް ކުރެއްވީ ދިވެހިންގެ އުންމީދު ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާ އެކުއެކީގައި މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަވަން ރާވާފައިވާކަމުގައި ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އަހަރަކު ހަތް މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތެއް ނަމަވެސް މިރޭ އިފުތިތާޙް ކުރެއްވި މަޝްރޫޢާއެކު މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ޚިދުމަތްތަކާއި ވަޞީލަތްތައް ތަރައްޤީކުރެވި، އެ އަދަދު 25 މިލިޔަނަށް އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބިޔަ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތައް މިއަހަރު ފެށިގެންދާއިރު މުޅި މަޝްރޫޢުގެ ބޮޑުބައި މި ފަސްއަހަރުގެ ތެރޭގައި ނިންމައި 10 އަހަރުގެ ތެރޭގައި މަޝްރޫޢުގެ އެންމެ ބޮޑެތި މަސައްކަތްތައް ނިންމަވަން ރާވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭ އިފުތިތާޙް ކުރެއްވި މަޝްރޫޢުގެ ތެރޭގައި މިހާރުގެ ސީޕްލޭން ޓަރމިނަލް އެހެން ތަނަކަށް ބަދަލުކުރުމާއި، ޖެޓްތަކަށް ޚާއްޞަ ޓަރމިނަލެއް ހެދުމާއި، ގަޑިއަކު 2،000 ފަސިންޖަރުންނަށް ޚިދުމަތްދެވޭ ވަރަށް ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުމާއި، ކާގޯ ފެސިލިޓީ ތަރައްޤީކުރުމާއި އަދި ގުއިފުނަދޫގައި ހުންނަ ތެޔޮ ސްޓޯރޭޖް އެހެން ތަނަކަށް ބަދަލުކޮށް އެ ރަށް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން ގުއިފުނަދޫ، މާލެއާއި ހުޅުލެއާ ބްރިޖުން ގުޅުވާލުމާއި، ހުޅުލެއާއި ހުޅުމާލެއިން ސީޕްލޭން ޓަރމިނަލާވެސް ގުޅުވާލުމަށް ރާވައިފައިވެއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *