ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ ގެއްލުންތައް ލިބުނު ބައެއް ގޭގެއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވައި އެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލު ބައްލަވާލައްވައިފިއެވެ. އެގޮތުން އެމަނިކުފާނު ވަނީ މާލޭގެ ހަތަރު އަވަށުގެ އެކި ގޭގެއަށް ވަޑައިގެން، އެ ގެތަކަށް ފެންވަދެ ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައި އެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އަދި ސަރުކާރުގެ ބައެއް ވަޒީރުންވެސް ގޭގެއަށް ޒިޔާރަތްކުރެއްވިއެވެ.
އެ ސަރަޙައްދުގައި ހުންނަވާ މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ވިސްނާފައި ވަނީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކަމަށާއި އެ މަސައްކަތް ކުރާއިރު އަޑީގައި މިހާރަށްވުރެ ވަރުގަދަ ސްޓޯމްވޯޓަރ ނިޒާމެއް ޤާއިމުކޮށް މިފަދަ ކަންކަމަށް އެދެވޭ ޙައްލެއް ގެނައުން ކަމުގައެވެ. މީގެ އިތުރުން މުޅި ޑިޒާސްޓަރ މެނޭޖްމަންޓް ނިޒާމު ހަރުދަނާކުރައްވައި ކުރިޔަށް އޮތް ތަނުގައި މިފަދަ ހާދިސާތަކުގައި މާލެއާއި ރާއްޖޭގެ ރަށްތަކުގެ އާންމުންގެ ގެތަކާއި މުދަލާއި ވިޔަފާރިތަކާ އަދި އެނޫން ތަންތަނަށް ލިބޭ ގެއްލުންތައް ކުޑަވާނެ ގޮތަށް ދާއިމީ ޙައްލެއް ލިބޭގޮތަށް ސަރުކާރުން ކަންކަން އިންތިޒާމު ކުރައްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފެންހިއްކުމުގެ މަސައްކަތްތަކާއި އަދި ފެނުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް އެހީތެރިވުމުގައި މާލޭ ސިޓީކައުންސިލާއި ފުލުހުންނާއި ސިފައިން އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސްއާއި ސަރުކާރުގެ އެކި އިދާރާތަކާއި އެކިއެކި ޖަމިއްޔާތަކުންނާއި، އަމިއްލަ ފަރާތްތަކުން ގުޅިގެން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ވިއްސާރައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ލިބޭ ގެއްލުންތައް ކުޑަކުރުމާއި އެފަރާތްތަކަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާތައް ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.



advertisment