Support Us

ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތައް އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވި ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ޤާސިމް އިބްރާހީމާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ޞިޔާމް މުޙައްމަދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ޙަސަން ލަޠީފެވެ.

މި ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޤައުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާއާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެގޮތުން ޤައުމުގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމާއި ސަރުކާރުން ކުރިޔަށްގެންދަވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ދާޚިލީ އަދި ޚާރިޖީ އެކިއެކި ކަންކަމުގައި ޤައުމީ މަސްލަޙަތު އިސްކުރައްވައި، ސަރުކާރަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.

އަދި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ވަރަށް މުހިންމުކަމަށާއި މިފަދަ އިތުރު ބައްދަލުވުންތައް ކުރިމަގުގައި ވެސް ބާއްވަވާނެކަމުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *