ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަ ކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރައްވާ ފިޝަރީޒް ކޮލެޖް ޤާއިމުކުރައްވާނީ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ކަމަށާއި އެކަމުގެ އިދާރީ މަސައްކަތް ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި ހިނގަމުންދާ ކަމަށެވެ. މީގެ އިތުރުން މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު "ރެސްކިއު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ހެދުމަށްޓަކައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްޞަ އިސްކަމެއް ދީފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ދިވެހިރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް އެ ބްރޭންޑް ބޭރު ޤައުމުތަކުގައި އިޝްތިހާރުކޮށް މާކެޓް ކުރެވިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސްވެރިންގެ ލާބައާއި މަންފާއަށް ސަރުކާރުން މިހާރު ފަށްޓަވާފައިވާ ބައެއް ކަންކަމާއި ކުރިއަށް ރާވައިފައިވާ އެކި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ހަފުލާގައި ވަނީ ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި އަދި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ޚިދުމަތްތައް ކުރައްވާފައިވާ 19 ފަރާތަކަށް މަސްވެރިންގެ ދުވަހުގެ ޚާއްޞަ އިނާމުތައް ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކާ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.



advertisment