Support Us

ކޮންމެ ކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ލިބޭ ގޮތަށް ހަމަޖައްސަވައިފި

ކައުންސިލްތަކުން އެދޭ، އެ އަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެ ކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެ ގޮތެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކުގެ އިޚުތިޞާޞްގެ ދަށުގައި، މިހާރު އެ ރަށަކުން ފެށިގެން 700 މީޓަރާ ދެމެދުގައި ހިމެނޭ ފަޅުތަކާއި ރަށްތައް ހިމެނޭގޮތަށް އޮތްނަމަވެސް ބައެއް ރަށްރަށުގެ އިޚުތިޞާޞް ހިނގާ ސަހަރައްދުގައި ރަށެއް ނެތުން ނުވަތަ ރަށެއް އޮތް ނަމަވެސް އެހެން ކަމަކަށް އެރަށެއް ދޫކޮށްފައި އޮތުން ފަދަ ދަތިތައް ހުރި ކަމުގައެވެ. އެހެންކަމުން މިގޮތަށް ހުޅުވާލުމަށް ނިންމެވީ މައިގަނޑު ދެ ހަމައެއްގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ދެ ހަމައަކީ ސަރުކާރުގެ ޤައުމީ ތަރައްޤީގެ ޕްލޭންއާ ދިމާވާ ނިންމުމަކަށްވުމާއެކު އެފަޅެއް ނުވަތަ އެރަށެއް ނިސްބަތްވާ އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންގެ ރުހުން އެކަމަށް އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޤައުމީ ތަރައްޤީއަށް ބޭނުންހިފޭގޮތަށް، އަދި ރާއްޖޭގައި ހިނގާ މައިގަނޑު ސިނާއަތްތަކަށް ގެއްލުން ނުވާގޮތަށް އެފަދަ ފަޅެއް ނުވަތަ ރަށެއް ލިބުމުގެ ފުރުޞަތު ކައުންސިލްތަކަށް ދިނުމަކީ އޭގެ ސަބަބުން ރައްޔިތުން ބާރުވެރިކުރެވި ކައުންސިލްތައް އިތުރަށް ކުރިއަރައިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ރަށްރަށުގެ ރައްޔިތުންގެ މަންފާއަށް އެ ރަށްރަށުގެ އިޚުތިޞާޞް ތެރޭގައި ހިމެނިދާނެ ރަށްރަށް ނުވަތަ ސަރަހައްދުތައް އެ ރަށެއްގެ އިޚުތިޞާޞް ތެރޭގައި ހިމެނުމަކީ ސަރުކާރުގެ "ހަފުތާ 14″ މަގުޗާޓުގައި ހިމެނޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *