އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ނައިބު ރައީސް ޙުސައިން ޘަޤީފް ވާދަކުރައްވަން ނިންމަވައިފި އެވެ.
ހދ. އަތޮޅު ކައުންސިލަށް އިންތިހާބުވެ އެ ކައުންސިލްގެ ރައީސްކަންވެސް ކުރެއްވި ޘަޤީފް މިކަން އިޢުލާން ކުރެއްވީ މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"މާތް ﷲގެ ވާގިފުޅާ އެކު، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލާން ނިންމައިފީމެވެ. ތިލަދުންމަތީ ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއި، ހެޔޮ ނަސޭހަތާއި މަޝްވަރާ ލިބޭނެ ކަމަށް އުންމީދުކުރަމެވެ." މީސް މީޑިޔާގައި ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވެފައިވެއެވެ.
ވައިކަރަދުއަށް އުފަން ޘަޤީފް، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ އަދާލަތު ޕާޓީ (އޭޕީ)ގެ ފަރާތުންނެވެ.
"ތިލަދުންމަތީ ފިކުރު"ގެ ނަމުގައި މަޖިލީހުގެ ގޮނޑިއަށް 2019 ވަނަ އަހަރު ޘަޤީފް ވާދަކުރައްވައި 995 ވޯޓު ހޯއްދެވި އެވެ. އެ އިންތިހާބުން ނާކާމިޔާބުވުމާއެކު، ޘަޤީފް ފެނިގެން ގޮސްފައިވަނީ ނޫސްވެރިކަމުގެ ދާއިރާއިންނެވެ. މިގޮތުން ތިލަދުންމަތީގެ ހަބަރުތައް ގެނެސްދިނުމަށް ހާއްސަ ނޫހެއް "ތިލަދުން"ގެ ނަމުގައި އުފައްދަވައި، އިނގިރޭސި ބަހުން ތިލަދުންމަތީގެ ޚަބަރުތައް ގެނައުމަށް "ތިލަދުންމަތީ ޓައިމްސް"ގެ ނަމުގައި ވެސް އޭނާ ނޫހެއް ފެއްޓެވި އެވެ.

ޘަޤީފް ތައުލީމު ހާސިލުކުރެއްވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. ރިސޯޓު އިންޑަސްޓްރީގައި ބޮޑެތި ބައެއް ރިސޯޓުތަކުގައި ޓެކްނީޝަނުން ފެށިގެން އައިޓީ މެނޭޖަރުގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި އިންޓަނޭޝަނަލް ބައެއް ކުންފުނިތަކުގައި ޕްރޮޖެކްޓް މެނޭޖަރެއްގެ ވަޒީފާވެސް އޭނާ އަދާކުރެއްވި އެވެ.



advertisment