ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކާ ގުޅޭ ހިސާބުކިތާބު ހާމަކުރަން ސަރުކާރުން ނިންމި ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ހިސާބުކިތާބު ނޫސްވެރިން ވެސް މީގެ ކުރިން ހޯދަންޖެހެނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ރައީސް އޮފީހަށް ލިޔެގެންނެވެ. މި ގޮތުން ހުށަޙަޅައިގެން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ ބައެއް ދަތުރުފުޅުތަކުގެ މައުލޫމާތު ވަނީ ހާމަނުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިދިޔަ މަހު 17 ކުރެއްވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ ތުރުކީއަށް ވަޑައިގެން ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ މިދިޔަ ހަފުތާގައި ބައްދަލުކުރައްވައިފައެވެ. ތުރުކީން އެ މަނިކުފާނު ވަޑައިގަތީ ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށެވެ. މިވަގުތު އެ މަނިކުފާނު ހުންނެވީ ދުބާއީގައެވެ.
ދުބާއީ ދަތުރުފުޅުގައި އެކިއެކި ގައުމުތަކުގެ ލީޑަރުންނާ އެ މަނިކުފާނު ގެންދަވަނީ ބައްދަލުކުރައްވައި، ތައާރަފުވެވަޑައިގަންނަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި. pic.twitter.com/9FQkcC6xrP
— The President’s Office (@presidencymv) December 2, 2023



advertisment