ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއީ އެމަނިކުފާނު ރަނިލްއާ ބައްދަލުކުރައްވާ ދެ ވަނަ ފަހަރެވެ.
މިދިޔަ މަހު 17 ގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމީޔާތުގައި ބައިވެރިވެވަޑައިގަތުމަށްވެސް ރަނިލް ރާއްޖެ ވަޑައިގެންނެވިއެވެ.
އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ކުރިއަށްދާ ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ލަންކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ދެ ރައީސުން ވާހަކަފުޅު ދެއްކެވިއެވެ.
ކޮޕް28 ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ޤައުމީ ބަޔާން އިއްވަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިދިޔަ މަހު 17 ކުރެއްވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ ތުރުކީއަށް ވަޑައިގެން ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ މިދިޔަ ހަފުތާގައި ބައްދަލުކުރައްވައިފައެވެ. ތުރުކީން އެ މަނިކުފާނު ވަޑައިގަތީ ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށެވެ. ދުބާއީ ދަތުރުފުޅުގައި އެކިއެކި ގައުމުތަކުގެ ލީޑަރުންނާ އެ މަނިކުފާނު ގެންދަވަނީ ބައްދަލުކުރައްވައި، ތައާރަފުވެވަޑައިގަންނަވަމުންނެވެ.



advertisment