ކޮޕް 28 ކޮންފަރެންސްގައި ޗައިނާއިން ބައިވެރިވި މަތީ ފެންވަރުގެ ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަރސްޓް ވައިސް ޕްރިމިއަރ ޑިންގް ޝުއެޝިއެންގް އާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ކުރިއަށްދާ ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ކުރިމަގުގައި އިތުރު ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޗައިނާގެ ފަރސްޓް ވައިސް ޕްރިމިއަރ މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އައު ދައުރު ފެށްޓެވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ޗައިނާއިން އަބަދުވެސް ދިވެހިރާއްޖެއާއެކު ބަދަހި ގުޅުމެއް ބާއްވަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އެކި ދާއިރާތަކުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ޗައިނާއިން ދަމަހައްޓާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވުމަށް އުންމީދުކުރައްވާ ކަމުގައިވެސް ޗައިނާގެ ފަރސްޓް ވައިސް ޕްރިމިއަރ ވިދާޅުވިއެވެ.



advertisment