ކޮޕް28 ގެ ވޯލްޑް ލީޑާސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤު އިބްރާހީމާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮޕް28 ބައްދަލުވުމުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތްފަހުން އެމަނިކުފާނު މިފަދައިން ތަޤްރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.
ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކޮޕް28 ބާއްވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ނޮވެމްބަރު 30 އިން ޑިސެންބަރު 12 އާ ހަމައަށެވެ. މި ކޮންފަރެންސްގައި 70،000 ފަރާތަކުން ބައިވެރިވާއިރު އޭގެތެރޭގައި ޤައުމުތަކުގެ އިސްވެރިންނާއި އެކި ސިނާޢަތްތަކުގެ ބައިނަލްއަޤްވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްޞީލުކުރާ ފަރާތްތަކާއި ތަޢުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމުޢިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.



advertisment