Support Us

ރައީސް އުރްދުޣާނުގެ އަނބިކަނބަލުންނާ މެޑަމް ސާޖިދާ ބައްދަލުކުރައްވައިފި

ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނެ އުރްދުޣާނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އަންކާރާގައި ޕްރެޒިޑެންޝަލް ޕެލަސްގައި އިއްޔެ އެވެ.

މި ބައްދަލުކުރެއްވުމުގައި މެޑަމް ސާޖިދާ ވަނީ ދިވެހި ވަފުދުގެ ބޭފުޅުން ތުރުކީވިލާތަށް ވަޑައިގެންނެވުމުން ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދެބޭފުޅުން ވަނީ، އަންހެނުން ބާރުވެރިކުރުވުމާއި، މިންތީގެ ހަމަހަމަކަމާއި، ޤާބިލުކަން އިތުރުކުރުމާއި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުންފަދަ ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުންގެ އިސްނެންގެވުމާއެކު ކުރިއަށްދާ "ގްލޯބަލް ކޮމިޓްމަންޓް ޓު ޒީރޯ ވޭސްޓް ފޮރ ދަ ވަރލްޑް، އަވަރ ކޮމަން ހޯމް"ގައި ސޮއިކުރައްވާފައެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ "ޒީރޯ ވޭސްޓް" އިނިޝިއޭޓިވްއަކީ، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނެ އުރްދުޣާން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.

މިދިޔަ އަހަރުގެ އ.ދ.ގެ ޢާންމު މަޖިލީހުން ވަނީ މިކަމާގުޅޭ ޤަރާރެއްވެސް ފާސްކުރައްވާފައިވެއެވެ. އަދި މިއަހަރު ސެޕްޓެންބަރުގައި އޮތް އ.ދ.ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި، "ގްލޯބަލް ކޮމިޓްމަންޓް ޓު ޒީރޯ ވޭސްޓް ފޮރ ދަ ވަރލްޑް، އަވަރ ކޮމަން ހޯމް" ގައި ސޮއިކުރުމަށް ޢާންމުކޮށް މުޅިދުނިޔެއަށް ހުޅުވާލާފައިވެއެވެ.

މި ޑެކްލަރޭޝަނުގައި ބާރުއަޅާފައިވާ ކަންކަމުގެ ތެރޭގައި، އ.ދ.ގެ 2030ގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ އާއި އަދި ޕެރިސް އެއްބަސްވުމުގެ ލަނޑުދަނޑިތައް ހާޞިލުކުރުމަށްޓަކައި، ހަކަތަ އުފައްދާ ވަޞީލަތްތައް އެންމެ އެކަށޭނަ ގޮތުގައި ބޭނުންކުރުމަށް ބާރުއެޅުމާއި، އުކާލާ ކުނި އަލުން ބޭނުންކުރެވޭނެ ގޮތްގޮތް ހޯދައި، ކުނި އުފެދޭ މިންވަރު މަދުކުރުން ހިމެނެއެވެ.

މީގެ އިތުރުން، އ.ދ.ގެ މެންބަރު ޤައުމުތަކާއި، މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރާތްތަކާއި، މީޑިއާއިން ވަށާޖެހޭ އިޤްތިޞާދަކަށް ވާސިލްވުމުގެ މަރުޙަލާ އަވަސްކުރުމުގައާއި، ކުނީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ގެންގުޅޭނެ އުސޫލުތަކާއި ސިޔާސަތުތައް އެކުލަވާލުމަށް މި ޑެކްލަރޭޝަންގައި ގޮވާލާފައިވެއެވެ.

މި ބައްދަލުކުރެއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *