"ޕޮލިސް ބޯޑު"ގެ ހަތަރު މެންބަރަކު ވަކިކުރައްވައި އެ ބޯޑަށް އާ މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން 2021 ގައި އުފައްދަވައިފައިވާ ހަތް މެމްބަރުންގެ ބޯޑެކެވެ.
ޕޮޮލިސް ބޯޑުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ޢާންމުކޮށް ހުޅުވާލައިގެން، ޢާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ދެ މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދައިގެންނެވެ.
ޕޮލިސް ބޯޑަށް އަލަށް އައްޔަން ކުރެއްވި މެމްބަރުން
- އަޙްމަދު ޝަރީފް (ގުލްފާމްގެ، ތ.ހިރިލަންދޫ) – ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
- އަޙްމަދު ސަޢުދީ (އަލިމަސްގެ، ހއ.ހޯރަފުށި) – ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
- އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް (ދަފްތަރު. ނަމްބަރ ރސ 535)- ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
- އަޙްމަދު އަޒީމް (ބަގީޗާގެ، ސ.މަރަދޫފޭދޫ) – ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
ޕޮލިސް ބޯޑުގައި މިހާރު ތިއްބެވި އިތުރު މެމްބަރުން
- ޢާއިޝަތު ނޫރާ މުޙައްމަދު (ހ.ނޫމުތީ) – ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
- ޙާމިދު ޢަބްދުލްޣަފޫރު (ހ.ޝޭޑީކޯނަރ) - ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ މެންބަރު
- އަލްއުސްތާޛާ ޞަފާ ޝަރީފް (ދެތަނޑިމާގެ/ ސ.ހުޅުދޫ) – ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ މެންބަރު
ޕޮލިސް ބޯޑުން ވަކިކުރެއްވި މެމްބަރުން
- އަހުމަދު ފަޔާޒު ހަސަން، މ. ހަޒާރީވިލާ (ވައިސް ޗެއަރ)
- އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން
- އާދަމް އިބްރާހީމް، ގ. ޑިމްލައިޓް
- ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) އަހުމަދު ފަސީހު (ޗެއަރ)
ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާގޮތުން ޕޮލިސް ކޮމިޝަނަރު އައްޔަންކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރެވޭނީ އެސިސްޓަންޓް ކޮމިޝަނަރުން ފެށިގެން މަތީ ރޭންކުގެ އޮފިސަރުންނެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމުން މުހައްމަދު ހަމީދު މިދިޔަ ހަފުތާގައި ރިިޓަޔަރ ކުރެއްވި ފަހުން، މިހާތަނަށް އެ މަގާމު އޮތީ ހުސްކޮށެވެ.
ޕޮލިސް ބޯޑުން ވަކިކުރެއްވި މެމްބަރުންގެ ތެރޭގައި އެ ބޯޑުގެ ޗެއަރ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) އަހުމަދު ފަސީހާއި ވައިސް ޗެއަރ އަހުމަދު ފަޔާޒު ހަސަން ހިމެނެއެވެ. އެހެންކަމުން އެ ދެ މަގާމަށް މެމްބަރުން އިންތިހާބުކުރާނީ ބޯޑުގެ މެމްބަރުންގެ ސިއްރު ވޯޓަކުންނެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ޑިސެމްބަރު 2020 ގައި ގެނައި އިސްލާހެއްގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ޕޮލިސް ބޯޑު އެކުލަވައިލެއްވީ 9 އޭޕްރީލް 2021 ގައެވެ.



advertisment