ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމަށް އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ)ގެ މެންބަރުކަމަށް ސްޓެލްކޯގެ ކުރީގެ އެމް.ޑީ ޙަސަން މުޣުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.
މުޣުނީ އައްޔަން ކުރެއްވުމުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕީ.ސީ.ބީއަށް މެމްބަރުން ހަމަވީއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމާ ޑޮކްޓަރ މުޢިއްޒު މި މަހު 17 ގައި ހަވާލުވެވަޑައިގެންނެވި އިރު ޕީ.ސީ.ބީގައި ތިއްބެވީ ތިން މެމްބަރުންނެވެ. އެހެންކަމުން ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މެމްބަރުން ހަމަޖެއްސުމުގެ ކޯރަމް ވެސް ވަނީ ނެތިފައެވެ. ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ ހަތަރު މެމްބަރުން ޕީ.ސީ.ބީއަށް އައްޔަންކުރައްވައިފައެވެ.
ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވި މުޣުނީ އެންމެ ފަހުން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.
މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައިފައެވެ.



advertisment