ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައިވަނީ ގ. އަތަ، ޔޫސުފް މާނިޢު މުޙައްމަދެވެ.‏ މި މަޤާމަށް މާނިޢު ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މާނިޢު ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި އޭނާ ‏ކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު ބޮޑުފެންޑާގެ ޢަބްދުﷲ ނާޡިމް އިބްރާހީމް މިނިސްޓަރ ފެންވަރުގައި ޢައްޔަނު ކުރައްވައިފައެވެ. އޭނާއަކީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހެލްތު މިނިސްޓަރެވެ.

އަދި، ރައީސުލްޖުމްހުރިއްޔާ ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު ޢައްޔަނުކުރައްވައިފައެވެ. އެ ބޭފުޅުންނަކީ:

  1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް- މުޙައްމަދު ފަހުމީ ޙަސަން
  2. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން- އިބްރާހީމް ޢާމިރު
  3. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރ- އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް
  4. ކޮމިޝަނަރ އޮފް ޕްރިޒަންސް- ޙަސަން ޒަރީރު އެވެ.