Support Us

އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.

މި ކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފާއިތުވި ސެޕްޓެމްބަރު މަހު ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގިނަ ދިވެހި ރައްޔިތުން ވޯޓު ދީފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުގެ ފަރާތުން އެދޭނެ ކަމުގެ އުއްމީދާއެކު ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް މި އެދުމަށް އިޖާބަދޭނެކަމުގެ އުންމީދު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ކިރަން ރިޖިޖޫއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ސަބަބުން، ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ބަލި މީހުން އުފުލުމަށް މަގުފަހިވެފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

އަދި އިންޑިއާގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މައްޗަށް ރައީސް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، މި ދެބޭފުޅުން ވަނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން އަޅަމުންދާ ބްރިޖުގެ މަސައްކަތް ނިންމުން ލަސްވާން ދިމާވާ ސަބަބުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދެގައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ އަޒުމް ދެ ބޭފުޅުންގެ ފަރާތުންވެސް އާކުރައްވަމުންނެވެ.

އިންޑިއާގެ މިނިސްޓަރު ރާއްޖެ ވަޑައިގެން މި އުޅުއްވަނީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ހުވައި ކުރެއްވުމުގެ ދަރުބާރުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް ޑރ. މުއިއްޒު ހުވައި ކުރެއްވުމުގެ ކުރިން، އިންޑިއާ ސަފީރާ ދެ ފަހަރަކު ބައްދަލު ކުރައްވައި ވެސް މި މަޝްވަރާތައް ވަނީ ކުރައްވައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *