ރައީސުލްޖުމްހޫރިއްޔާ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވި، ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިރޭ ކުރުނބާ މޯލްޑިވްސްގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދާއި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަނާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ބޭރު ޤައުމުތަކުގެ ބައެއް ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.