Support Us

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ޑރ. މުޙައްމަދު މުޢިއްޒު ކުރައްވައިފި

އަށް ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ޤާނޫނީ ހުވައި ޑރ. މުޙައްމަދު މުޢިއްޒު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމުގެ ޤާނޫނީ ހުވައި ޙުސައިން މުޙައްމަދު ލަޠީފް މިއަދު ކުރައްވައިފިއެވެ.

ޤާނޫނު އަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުގެމަތީން، މި ދެބޭފުޅުން މަގާމުގެ ހުވައި ކުރައްވާފައި ވަނީ، މިކަމަށްޓަކައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށާއި ނައިބު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަށް ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

އުއްތަމަފަނޑިޔާރު ކުރިފުޅުމަތީގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ޑރ. މުޢިއްޒު ކުރެއްވި މިއަދު ހަވީރު 4.49 ގައެވެ.

ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާ ވިދިގެން، ޤައުމީ ސަލާން ކުޅުނެވެ. އަދި، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޤާނޫނީ ހުވައިގެ ލިޔުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ސޮއިކުރެއްވިއެވެ. މި ދެ ލިޔުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވެސް ސޮއިކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ކުރީގެ ބައެއް ރައީސުން ކަމަށްވާ ރައީސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ވެސް މި ރަސްމިއްޔާތުގައި ދަޢުވަތު އަރުވައިގެން ވަޑައިގެންނެވި ރާއްޖެއިން ބޭރުގެ ޚާއްޞަ ޢިއްޒަތްތެރިންނާއި ދަޢުވަތު އަރުވައިގެން ވަޑައިންނެވި ގިނަ ޢަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމީޔާތުގައި ބޭރުގެ 49 ގައުމަކުން 190 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *