މިރޭ ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރަނިލް ރާއްޖެ މި ވަޑައިގަތީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ހުވައިކުރެއްވުމުގެ ދަރުބާރުގައި ބައިވެރިވެވަޑައިތުމަށް އެރުވި ދައުވަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ސްރީލަންކާގެ މިހާރުގެ ޙާލަތާއި، ދާދިފަހުން ސްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން ޤައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވައިފައެވެ. މީގެ އިތުރުން ސްރީލަންކާގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި މުސްތަޤްބަލަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރީލަންކާގެ ރައީސް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެއްބާރުލުން ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް މި ދައުރުގައި ފުރިހަމަކޮށް ނިންމަވާލެއްވުން ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ ރައީސް ވަނީ ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއިން ވެދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ސްރީލަންކާއަށް އުފާ ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގަންނަވަމުންނެވެ.



advertisment