އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމީޔާތުގެ ދައުވަތު ކާޑުތައް، އިސްތިއުފާ ދެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެކިއެކި ފަރާތްތަކަށް ފޮނުވަން ފަށައިފިއެވެ.
އަންނަ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ބިޔަބޮޑު މި ރަސްމީޔާތުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އިއްޔެ ބަހަންފެށި ކާޑުގައި އޮތީ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވައި ކުރެއްވުމާއި، އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައެވެ." މިހެންނެވެ.

ނަމަވެސް މި ކާޑުތައް އާންމުނާ ހަމައަށް ފޯރަން ފެށުމުގެ އެއް ދުވަސް ކުރީން، ނޮވެމްބަރު 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި އެ ރޭ މެންދަމުގެ ވަގުތެއްގައި އެ މަގާމަށް މުހައްމަދު އަސްލަމް ވަނީ އިންތިހާބުވެސް ކޮށްފައެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން މީކީ. ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ކާޑުތައް ޗާޕުކުރި ނަމަވެސް، އިސްތިއުފާ ދެއްވި ފަހުން އާންމުންނާ ހަމައަށް އެ ކާޑުތައް ނަޝީދުގެ ނަންފުޅުގައި ފޮނުވިގެން ނުވާނެ. އަދި ފޮނުވި ނަމަވެސް އަނބުރާ އަތުލައިފައި ބަދަލުވެސް ކުރަންޖެހޭނެ،" ރިޔާސީ ހުވައި ކުރެއްވުމުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުވި ދައުވަތު ކާޑެއް ލިބުނު މީހަކު އެ ކާޑު "އަދިވެސް"އާ ހިއްސާކުރަމުން ރޭ ބުންޏެވެ.
"ނަޝީދުގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލަ މަޖިލީސްގެ ޖަލްސާތަކުގައި އެޖެންޑާކުރަމުންދިޔަ ދަނޑިވަޅެއްގައި، އަދި އެކަން ވަކި ގޮތަކަށް ނުނިމެނީސް ނަޝީދުގެ ނަން ޖަހައިގެން އެ ފަދަ މުހިންމު ދައުވަތު ކާޑެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޗާޕުކޮށްގެން ނުވާނެ. އެ ފަދަ ހާލަތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި 'ރައްޔިތުންގެ މަޖިލީހުގެ ރައީސް' ދައުވަތު ދެއްވައޭ ޖެހިނަމަވެސް އެކަން ހައްލުވީސް. މިހާރު ވަރަށް ހުތުރުކޮށް މިކަން ކޮށްފައި މި އޮތީ. މީގެން މި ފެނުނީ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފެންވަރު ހުރި ވަރު."
އަށް ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ޑރ. މުއިއްޒު ކުރައްވާ ދަރުބާރުގައި ހަތަރު ގައުމެއްގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ. އެއީ ސްރީލަންކާ، ބަންގްލަދޭޝް، އަދި އިންޑިއާގެ ރައީސުންނާއި ސީޝެލްސްގެ ނައިބު ރައީސް އެވެ. މި ބޭފުޅުންގެ އިތުރުން ޗައިނާ، ސައޫދީ އަރަބިއްޔާ, މެލޭޝިއާ އަދި ތުރުކީ ސަރުކާރުގެ އިސް ވަފުދެއް މި ރަސްމިޔާތުގައި ބައިވެރިވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފޮރިން މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ބާއްވާ މި ރަސްމީޔާތަށް ރާއްޖޭގެ ކުރީގެ ރައީސުންނަށާއި ނައިބު ރައީސުންނަށް ވެސް ވަނީ ދައުވަތު އަރުވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު ގޮތަށް ފަރުމާކޮށް، މި ދަރުބާރަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް ސިފައިންގެ އެކުވެރި ކުންފުނި (ސިވެކް) އިން މިހާރު ގެންދަނީ ކުރަމުންނެވެ.
މި ރަސްމީޔާތުގައި އާންމުންގެ އެއްހާސް މީހުން ހިމަނައިގެން ޖުމްލަ 4،500 އެއްހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އިންތިގާލީ އޮފީހުން ވަނީ ބުނެފައެވެ.



advertisment
4 Responses
މީ ހާދަ އުނދަގޫ ބޮޑު، މަކަރުވެރި ބަލާއެއް ކަހަލަ މީހެއްތާ! އެއްމެ ފަހުން މީނަކަންނޭނގެ ހުވާކުރަންވެސް އަރާނީ. ކޮން ކަމަކުންތަ މީނަ ގަދަ ވެގަނެގެން މިއުޅެނީ؟ އަވަހަށް ތި ބލ ބަށްދުކުރެވޭތޯ ބަލާ! މުޅި ގައުމަށްވެސް ހުރި ބލއެއްތީ
ވަރަށް ދަށް ފެންވަރުގެ ކަމެއް! ލަދުން ބޯހަލާކު! އަދި ނޭނގެ ބޭރުގެ އިއްޒަތްތެރިންނަށް ފޮނުވާފައޮތީ ރައީސް ނަޝީދުގެ ކޯޗެކޭ ކިޔާފަކަމެއްވެސް!
ނައިބު ރައީސުލް ޖުމްހޫރިއްޔާއަކީ ރާއްޖޭގެ ގާނޫނުގަ އޮންނަ ވަޒީފާއެއް ނޫން
ރާއްޖޭގައި އޮންނަނީ
ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ ނައިބަކު
ވަރަށް ރަނގަޅު ވާހަކައެއް. އިދާރީ ގޮތުން ޒީރޯ. މަގާމްގައި ތިބެވޭތޯ ބަލަނީ. އެންމެނަށް ބިރުދައްކަމުން ފާއިޒް ދުވަމުން ދަނީ. ފާއިޒް ވަކިކުރަންވީ