މަގުމަތީގައި ކާން އޮތް މާބަނޑު ބުޅަލަކަށް ވަޅި ހަރައި މަރައިލި މީހަކު އަތުލައިގަނެ، އޭނާ އަށް މިއަދު ބަޔަކު ހަމަލާދީފިއެވެ.
ނަސަންދުރާ ފުރަގަހުގައި، އަމީރުއަހުމަދު މަގުގައި ހުންނަ ތުރުކީ ފިހާރަ "ޑަޔާނާ ޓްރޭޑިން" ކަންމަތީގައި ކާން އޮތް ބުޅަލުގެ ބަނޑަށް މިއަދު މެންދުރު ވަގުތު ވަޅި ހަރަނީ، އެ މަގުން ހިނގައިފައި އަންނަ މީހެކެވެ. އެ މީހާ އައިސް، ޕޭވްމަންޓްމަތީގައި ކާން އޮތް ކަޅުރަތްކުލައިގެ އެ ބުޅާ ކައިރީގައި މަޑުކޮށްލައިފައި ޖީބުން ވަޅި ނަގައިގެން ގުދުވެފައި، ވަޅި ހުޅުވައިފައި އޭގެ ބަނޑަށް ކުއްލިއަކަށް ކޮއްޕާލުމުން އެސޮރު ތެޅިގަނެފައި ދުއްވައިގަތްއިރު، އެ ބުޅަލަށް ކޮންމެ ދުވަހަކު ކާންދޭ ތުރުކީ މީހާ އާއި އެހެން ސްޓާފުން ތިބީ އެ ފިހާރަތެރޭގައި އެތަން ބަލާށެވެ. އެއާއެކު އެ މީހުން ނުކުމެ އޭނާ ހިފަހައްޓައި، އޭނާ އަށް ހަމަލާދެއެވެ.
މަގުމަތީގައި ހިނގި މި މާރާމާރީން އެ މީހާ ސަލާމަތްކުރީ އެ ވަގުތު، ދަރިފުޅު ގޮވައިގެން އެ މަގުން ސްކޫލް ދޮށަށް ދިޔަ ނުވަތަ ސްކޫލުން ގެއަށްދިޔަ، ފޮރެންސިކް ޔުނީފޯމުގައި ހުރި ފުލުހެކެވެ. އޭނާ ގޮސް އެ މާރާމާރީތެރެއަށް ވަދެގަނެ، އެ މީހާ ސަލާމަތްކޮށް، ގަދަކަމުން ގެންގޮސް އެތާ ހުރި އޮފީސް އިމާރާތެއް ތެރެއަށް އެ މީހާ ވައްދައެވެ. އެ މާރާމާރީ ހުއްޓުނީ އެ ހިސާބުންނެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނިޓް ފަހުން އިތުރު ފުލުހުން އައިސް އެ މީހާއާ ހަވާލުވަންދެން އޭނާ ހުރީ އެ މީހާ ހިމާޔަތްކޮށްގެން އެތާ ތެރޭގައެވެ. އޭރު އެ ސަރަހައްދަށް އެއްވެފައި ތިބި މީހުންތައް ގޮވަމުންދިޔައީ ބުޅަލަށް ވަޅި ޖެހިމީހާ އެތަނުން ނެރެ އެ މީހުންނާ ހަވާލުކުރުމަށެވެ.
"އެ ވަގުތު އަހަރެންނަށް މި ހިސާބަށް ނާދެވުނު ނަމަ، އެ މީހާގެ ދުވަސް މިއަދު ދުއްވާލާނެކަން ޔަގީން. ވަރަށް ރުޅިގަވެފައި އެ މީހުން ތިބީ،" މާރާމާރީ ހުއްޓުވި ފުލުސް މީހާ އޭނާގެ ރައްޓެއްސެއް ގާތު ބުނި އަޑު އެ ސަރަހައްދުގައި ތިބި "އަދިވެސް"ގެ ނޫސްވެރިންނަށް އިވުނެވެ.

ބުޅަލަށް ވަޅި ޖެހި މީހާ އެ އޮފީސް އިމާރާތްތެރެއަށް ވައްދައިފައި ހުއްޓައި، އޭނާ ގެންގުޅުނު ވަޅި ވަނީ އެތާ ތެރެއަށް އެއްލައިލައިފައެވެ. އިތުރު ފުލުހުން އައި ފަހުން އެ ވަޅި އެތަނުން ނަގައިގެން ގެންގޮސް، މަގުމަތީގައި ހުރި އެހެން ފުލުހަކާ ހަވާލުކުރީ ތުރުކީ ފިހާއިރައިގެ ވެރިޔާއެވެ.
އެ ސަރަހައްދުގައި ހުރި ފުލުހަކު ބުނީ އިތުރު މީހުން އެ ވަޅީގައި އަތްލުމުން، ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ ފުރުސަތު ބަންދުވީ ކަމަށެވެ.

ނަސަންދުރަ ފުރަގަސް ސަރަހައްދާއި މާވަޑިގޯޅި އަކީ ޕާޓޭން ފަތްބޯން އެއްވާ ދެތިން އައްޑަ އޮޕަރޭޓްކުރާ ސަރަހައްދެއް ކަމަށް ވެއެވެ.
ބުޅަލަށް ވަޅިޖެހި މީހާއަކީ އެއާޕޯޓް ފެރީ ދޯންޏެއްގައި އުޅޭ ނަސީމު ނަމަކަށް ކިޔާ، މ. އަތޮޅުގެ މީހެއް ކަމަށް ބައެއް މީހުން ބުންޏެވެ. އަދި އޭނާ އަކީ އެ ހިސާބުން ވަރަށް ގިނައިން ފެންނަ މީހެއް ކަމަށް ވެސް ވެއެވެ.

ފުލުހުންގެ ކާރަކަށް އަރުވައިގެން އޭނާ ގެންދިއުމުގެ ކުރިން އޭނާ ވަނީ އޭނާއަށް ހަމަލާ ދީން މީހުންނަށް އިންޒާރުވެސް ދީފައެވެ.
"you will have to pay for this" (މިކަމުގެ އަގު ކަލޭ ދައްކަންޖެހޭނެ) ފުރަގަހަށް ބިޑި އަޅުވައިގެން ފުލުހުންގެ ވެހިކަލަށް އަރުވަން ގެންދަނިކޮށް، ތުރުމީހާއާ ދިމާލަށް އެ މީހާ ބުނާ އަޑު އިވެއެވެ. ތުރުކީމާ ވެސް އެއަށް ޖަވާބު ދެއެވެ.
ގާނޫނުލް އުގޫބާތު ބުނާގޮތުން ޖަނަވާރުންނަށް އަނިޔާވެރިވުމަކީ ކުށެކެވެ. އަދި މި ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ބުޅަލަށް ވަޖެހި މަންޒަރުގެ ސީސީ ފުޓޭޖާއި އެ މާރާމާރީގެ ލައިވް ބައެއް ވީޑިއޯ އާއި ފޮޓޯ "އަދިވެސް" އަށް ވަނީ ލިބިފައެވެ.



advertisment
One Response
ޤައުމެއް ނެތް