މުޅި ރާއްޖެ ލާމަރުކަޒުކޮށް ރާއްޖެއަށް ގެނެސްދެއްވި ބޮޑުބަދަލާއެކު އެކި ދާއިރާތަކުން ޤައުމު ކުރިއަރައިގެންދާނެ މަގުތައް މިހާރު ފަހިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒުކުރުމަށް ޤާނޫނީގޮތުން ގެންނެވި ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުތައް އެއްތާކަށް ޖަމާކޮށްގެން ޤައުމު ކުރިނާރާނެކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ހިންގުން ލާމަރުކަޒުކޮށް ގެންނެވި ބަދަލުތަކަށް އަލިއަޅުވާލައްވަމުން، ފެންވަރު ރަނގަޅު ތަޢުލީމާއި ޞިއްޙީ ފަރުވާ ހޯދޭނެ މަގަކީ ލާމަރުކަޒީ ނިޒާމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަކާރުން ފަށައިގެން ކުރިޔަށްގެންދިޔަ ޓާރޝަރީ ފަސް ހޮސްޕިޓަލަކީ ޞިއްހީ ދާއިރާއިން ހޯދުނު ވަށާޖެހޭ ޙައްލެއް ކަމަށާއި ނަފްސާނީ ދުޅަހެޔޮކަން މުޅި ރާއްޖެއަށް އާންމުކުރުމުގެ މަޝްރޫޢު ވެސް ސަރުކާރުން ފަށްޓަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވެސް ބައިނަލް އަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީތައް ހޯދިފައިވަނީ ވޭތުވެ ދިޔަ ފަސް އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްވެސް ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވޭގޮތަށް ބަދަލުގެންނަވާފައިވާކަމާއި އެކި ކުޅިވަރުތައް ކުރިއެރުވުމަށް ވަކިވަކި ކުޅުންތެރިން ތަމްސީލުކުރާ ކުޅިވަރުތަކާއި އަދި ޓީމް ކުޅިވަރުތަކަށް އަމާޒުކޮށް ހުނަރުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ވެސް ފަށްޓަވާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިޖްތިމާޢީ ޚިދުމަތް ލާމަރުކަޒުކޮށް ގެންނެވި ބަދަލުތައް ފާހަގަކުރައްވަމުން، އިޖްތިމާޢީ ޚިދުމަތްތައް ފެންވަރު ރަނގަޅުކޮށް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްޞަކޮށް ރާއްޖޭގެ ހަތް ސަރަޙައްދެއްގައި އަމާންވެށި ޤާއިމުކޮށްފައިވާ ކަމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ކަންކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފަހިކޮށްދީ އެ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



advertisment