Support Us

ފެހުރިހި ހިމާޔަތްކުރުން، ތިމާވެއްޓާ ބެހޭ ޤާނޫނުގެ ދަށަށް ބަދަލުކުރައްވަން ނިންމަވައިފި

މިޔަރުގެ ބާވަތެއް ކަމުގައި ފެހުރިހި ނުވަތަ ވޭލްޝާކް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައި ބަދަލުކުރައްވަން، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

ފެހުރިހި މިހާތަނަށް ހިމާޔަތްކޮށްފައި ވަނީ ދިވެހިރާޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުންނެވެ. ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައި ވަނީ ފެހުރިއްސަކީ މަސްވެރިކަމާ ގުޅުން ހުރި ދިރުމެއް ނޫން ކަމާއި އަދި ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައިވެސް މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ މަހެއް ނޫން ކަމަށްވުމާއެކު ފެހުރިހި އެންމެ ރަނގަޅަށް ރައްކާތެރިކޮށް ދަމަހައްޓައި މެނޭޖްކުރެވެން އޮތީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކަމަށް ވާތީކަން ވަޒީރުންގެ މަޖިލިހަށް ހުށަހެޅި ކަރުދާހުގައި ބަޔާންކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ (އައި. ޔޫ. ސީ. އެން)ގެ ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއް ކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ. ހަމަ އެހެންމެ، ފެހުރިއްސަށް ރާއްޖޭގައި ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާކަން ވެސް މި ކަރުދާހުގައި ވަނީ ފާހަގަކުރައްވާފައެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން މި ދިރުން ހިމާޔަތްކުރުމުން، މި ދިރުމަށް ލިބޭ ގެއްލުންތައް މަދުވެ، މާހައުލީގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދިއުމާއި އަދި ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީގޮތުން އަދި އިޖުތިމާޢީ ގޮތުން ވެސް ގިނަގުނަ ފައިދާތައް ލިބިގެންދާނެ ކަމެއްކަން ވަޒީރުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކަރުދާހުގައި ފާހަގަކުރައްވާފައި ވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *