އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދްވާނު ކިތަންމެ ދިގުލައިގެން ދިޔަސް އާޚިރުގައި އިސްރާއީލަށް އަސީރުން ބަދަލުކުރަން މަޖްބޫރުވެގެންދާނެ ކަމަށް އިސްލާމީ ޖިހާދު ޖަމާޢަތުގެ އަމީން ޢާންމުގެ ނައިބު ޑރ. މުޙައްމަދުލް ހިންދީ ވިދާޅުވެއްޖެއެވެ.
ޖަޒީރާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޑރ. ހިންދީ (ފޮޓޯގައި) ވިދާޅުވި ގޮތުގައި ފަލަސްޠީނު މީހުން ބަރުދާސްތު ކުރަމުންދާ ދިލަ ވޭންތައް ކިތަންމެ ބޮޑުވިޔަސް އާޚިރުގައި އެމީހުންނަށް ނަޞްރު ލިބޭނެތެވެ. އެއީ އަޤްޞާ ޠޫފާނުގެ ސަބަބުން ގެނެސްފައިވާ ސިޔާސީ އަދި ޢަސްކަރީ އައު މާދަލާގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން މިހާރު ދެމުންދާ ޢުދްވާނަކީ ފަލަސްޠީނު ރައްޔިތުންގެ ކިބައިން ބަދަލުހިފުމުގެ ޖަރީމާތަކެކެވެ. އިސްލާމީ ޖިހާދު ޙަރަކާތް އޮތީ ޢަސްކަރީ މައިދާނުގައި އިސްރާއީލާ ކުރިމަތިލުމަށް ތައްޔާރުވެގެންނެވެ. ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކުގެ ކުރިމަތީގައި ދުނިޔެ އޮތީ ފަލަސްޠީނާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިއެވެ. "ޣައްޒާގެ އަހްލުވެރިން އެބިމުން ބޭރުކޮށްލުމުގައި ޢަދުއްވުންނަށް ނާކާމިޔާބު ލިބިއްޖެނަމަ މާތް ﷲގެ އިޒްނަފުޅާ ލައިގެން އެ މަސައްކަތް ދަނީ ނާކާމިޔާބުވަމުންނެވެ. އަޤްޞާ ޠޫފާނު ވެގެންދަނީ ދުރު މުސްތަޤްބަލަށް އޭގެ އަސަރު ފޯރުކޮށްދޭނެ އިސްތިރާޖަކަށެވެ."
މި ޙަމަލާގެ ސަބަބުން ދުނިޔޭގެ އައުލަވިއްޔާތުގެ ސިޑީގެ އެންމެ އުސް ހަރުފަތަށް ފަލަސްޠީނު މަސްއަލަ އަރައިފި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިސްރާއީލުގެ ވަކިތަކުގެ ދަށުގައި ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ޤުދުސް އޮންނަތާ އެތައް ދަހަރުތަކެއް ވުމުގެ ސަބަބުން ފަލަސްޠީނު ވަނީ ދުނިޔޭގެ ހަނދާނުން ފުހެވެން ކައިރިވެފައެވެ.
މީގެ ދެ އަހަރު ކުރިން އިސްރާއީލުން ވަނީ ހުޅަނގު އައްސޭރިއާ ދެކޮޅަށް "ރާޅު ބިންދުން" ނަމުގައި ޢުދްވާނީ ޙަމަލާއެއް ފަށައިފައެވެ. މި ޙަމަލާގެ އަމާޒަކީ ހުޅަނގު އއްސޭރީގެ ބިންތައް އިސްރާއީލަށް ނެގުމާއި ޤުދުސް ސަހަރުގެ ގެތަކަށް ވެރިވެގަތުމާއި އަޤްޞާ މިސްކިތް ޒަމާނާއެކު ބައިކުރުމެވެ.
އޭނާ ބަޔާންކުރެއްވި ގޮތުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ނުލިބި އެ ސަރަޙައްދުގައި އަމާންކަމެއް ޞުލްޙަމަސަލަސްކަމެއް ނޯންނާނެއެވެ. އިސްރާއީލުގެ ޢަސްކަރީ ބާރުންނާއި ޞުލްޙައާ ބެހޭ އެއްބަސްވުންތަކުންނާއި ޢަރަބި ޤައުމުތަކާއެކު ގުޅުންތައް ޠަބީޢީކޮށްގެން މެދުއިރުމައްޗަށް އަމާންކަމެއް ހަމަޖެހުމެއް ނުލިބޭނެ ކަމަށް ޑރ. ހިންދީ ވިދާޅުވިއެވެ.
އަސީރުން ބަދަލުކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިއެވެ. "އެއީ ހަމައެކަނި އިސްލާމީ ޖިހާދާއި ޙަމާސާ ބެހޭ ކަމެއް ނޫނެވެ. އެއީ ފަލަސްޠީނުގެ ހުރިހާ ރައްޔިތުންގެ މަސްއަލައެކެވެ. އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ ހަ ހާސް އަސީރުން އެބަތިއްބެވެ. އެއީ ފަލަސްޠީނުގެ އިސްވާރުންނެވެ. އެއީ ފަލަސްޠީނުގެ މުޖާހިދުންނެވެ."
ޑރ. އަލްހިންދީ ވިދާޅުވިއެވެ. "އަހުރެމެން އަދި މި ތިބީ މަގުގެ މެދެއްހާ ހިސާބުގައެވެ.މިއަދު އަސީރުން ބަދަލުކުރުމުގެ ވާހަކއެއް ނުދެއްކޭނެއެވެ. އެހެނަސް ވާހަކަދެކެވޭނީ ވަގުތީގޮތުން ހަނގުރާމަ ހުއްޓުމާ ބެހޭގޮތުންނެވެ. އެކަމުގެ ތެރޭގައި އަސީރުންގެ ތެރޭގައި ތިބި ބައެއް ޢަންމުން ދޫކޮށްލުމާ ބެހޭގޮތުންނާއި އުނދަނައާއި ބޭސްފަރުވާއާ ބެހޭ އެހީތައް އެތެރެކުރުމާ ބެހޭގޮތުން ވާހަކަދެއްކޭނެއެވެ."
ހަނގުރާމައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޢަދުއްވުންނަށް ކާމިޔާބު ކުރެވިފައި ވަނީ ހަސްފަތާލުތަކަށާއި މިސްކިތްތަކަށާއި ޢާންމުން ދިރިއުޅޭ ބޯހިޔާވަހިތަކަށް ބޮންއެޅުމުގަވެ. އިސްރާއީލަށް ލިބުނު ކާމިޔާބީއަކީ މިއީއެވެ."



advertisment