Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 6

ޝީތު މާޔާގެ އަތުގައި ހިފަހައްޓާލިއެވެ. އޭނާ ރުއިން ހުއްޓާލަން މަސައްކަތްކުރިއެވެ. ހީވަނީ ވަރަށް ބޮޑު ވާހަކައެއް ބުނަން އުޅޭހެންނެވެ. މާޔާއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެހެން އިންދާ ޝީތު ބުނި ވާހަކައިން ހީވީ އޭނާގެ ކަރުގައި މީހަކު ހިފާ ބާރުކޮށްލިހެންނެވެ.

"އަހަންނަށް މިކިއަލް ދެކެ ލޯބިވެވިއްޖެ."

ޝީތުގެ އަތް މާޔާއަށް ފޮޅުވާލެވުނެވެ. އޭނާއަށް ހީވީ ހޫނު ފެންއެއްޗެއް މެޔަށް އޮއްސާލިހެންނެވެ. އޭނާގެ ނަފްސު އޭގެ އާވިން ފިހިގެން ދިޔަހެންނެވެ. ޔަޤީނުންވެސް އޭނާގެ ކޮންމެ ނޭވާއެއްގައި ރުޅީގެ ހޫނުކަން އެކުލެވިގެން ދިޔައެވެ. އޭނާގެ ލޯބިވެރިޔާ ޖަހައިގެންފިކަހަލަ އިހްސާސެއްކުރެވުނެވެ.

"އެހެންވެތަ ޝާއިފް އާއި ބްރޭކްއަޕްވީ؟" މާޔާއަށް ދެބުމަ ކައިރިކޮށްލެވުނެވެ. ޝީތު އާއި ދިމާލަށް އޭނާއަށް ނުރުހުމާއި އެކު ބަލައިލެވުނެވެ.

"އޭނަ އާއި ރުޅިވާންވެއްޖެތާ ކިތަންމެ ދުވަހެއް، އޭނަ އަހަރެން ދެކެ ދުވަހަކުވެސް ލޯބިވީކީ ނޫން.. ލޯބިން އެއްޗެއްވެސް ބުނެނުލާ، މިކިއަލް މާޔާއަށް ކަންތައްކުރަނީ ކިހާ ލޯބިން؟ ހަދިޔާވެސް ދިން، އަނެއްކާ ސަޕްރައިޒްވެސް، އެއީ ނޫންތަ ލޯތްބަކީ؟" ޝީތުގެ ދެލޮލަށް ފެނުނު މަންޒަރުތަކަށްފަހު ޝާއިފް ދެކެ ފޫހިވީއެވެ. ޝާއިފް އާއި މިކިއަލްގެ ފަރަގު ނަގައިގަނެވުނެވެ. އެފަދަ އަޅާލާ މީހަކު އޭނާވެސް ބޭނުންވިއެވެ. މާޔާއަށްވެސް އެކަން ވިސްނުނެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހަކަށް ނުލިބި މަދުވާ އެއްޗެކެވެ.

"ލޯތްބަކީ ޚަރަދުކުރުމެއް ނޫން، އެއްވެސް ޚަރަދަކާއި ނުލައި ޝީތުއަށްޓަކައި ޝާއިފް ހުސްކުރާ ވަގުތަކީ ލޯބި، ޝާއިފްއަށް ޚަރަދުނުކުރެވެނީ އަދި އޭނާ ވަޒީފާއެއްގައި ނޫޅޭތީ، އޭނަ ވަޒީފާއަކަށް ފޮނުވަން ޝީތު ކީއްވެތަ ބާރު ނާޅަނީ؟" މާޔާއަށް ޝާއިފް އާއި ޝީތު އެކުގައި އެތައް ފަހަރަކު ވަނީ ފެނިފައެވެ. ޚާއްސަކޮށް މަންމަމެން ރަށުގައި ނޫޅޭއިރު އެގޭތެރޭގައި ޝާއިފް ހަތަރުދަމު މަޑުކުރެއެވެ. ޝީތު ކައިތޯ ބަލައެވެ. މީރު އެއްޗެހި ގެނެސްދެއެވެ. އޭރު ޝީތު އެހެން މީހަކު ދެކެ ލޯބިވެދާނެކަމުގެ އެއްވެސް ކުލައެއް ނުފެނެއެވެ.

"އަހަރެން ބުނެގެން އޭނާއަށް އެއްވެސް ބަދަލެއް ނާންނާނެ. އަހަރެން ބޭނުމެއް ނޫން އިތުރަށް އޭނާއަށް އެންމެ ފުރުޞަތެއްވެސް ދޭކަށް، އަހަންނަށް އެނގޭ އަހަރެންގެ ހިތް ބޭނުންވަނީ ކޮންކަމެއްކަން." ޝީތުއަށް ވިސްނައިދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަން އޭނާގެ ވާހަކައިން ހާމަވުމުން މާޔާ ހިތް ބިރުގަންނަގޮތްވިއެވެ.

** **

މުޅި ރޭ މާޔާ އޮތީ އެނދުގެ ދެފަރާތަށް ފުރޮޅި ފުރޮޅިއެވެ. އޭނާގެ ދެލޮލަކު ނިންޖެއް ނުވިއެވެ. ކަންބޮޑުވެފައި މީހާ ހާސްވި ދުވަހެއް މި ނޫނީ ނާދެއެވެ. ޝީތު ނިކުތުމާއި އެކު އޭނާ މިކިއަލްއަށް މެސެޖުކުރިއެވެ. ނިދީތޯ އަހާފައެވެ. އޭގެ އެއްވެސް ޖަވާބެއް ނުލިބި މިރޭ ހޭދަކުރަންޖެހުމަކީ އޭނާއަށް ލިބުނު އިތުރު ނުތަނަވަސްކަމަކަށްވިއެވެ.

ކޮލެޖަށް ދާން ސައިބޯން އިން ވަގުތު މިކިއަލްގެ މެސެޖެއް ލިބުނެވެ. ރޭގައި މިކިއަލްއަށް ނިދުނީ ކަމުގައި ބުނެފައި އޮތެވެ.

"މާޔާ" ސައިމޭޒުދޮށުގައި ފޯނާއި ކުޅެން އިނދެވުނުކަން ހަނދާންވީ އޭނާއަށް ޝަރުމީލާ ގޮވާލުމުންނެވެ. އަވަސް އަވަހަށް ފޯނު ތިރިކޮށްލަމުން މާޔާ ބަލައިލިއެވެ.

"ގަޑިޖެހެން ކައިރިވެއްޖެ" ޝަރުމީލާގެ މޫނަށް ބަލަން ނުކެރިގެން މާޔާ އިސްޖަހައިލިއެވެ. އޭގެ ޖަވާބު މާޔާ ދިނީ ހަމައެކަނި ބޯޖަހާލަމުންނެވެ. މޭޒުމަތީ އޭނާގެ ފޯނު ބޭއްވި ވަގުތަކީ މިކިއަލްގެ އިތުރު މެސެޖެއް އެ ފޯނަށް އައިވަގުތެވެ. ޝަރުމީލާގެ ކަޅި ހުއްޓިފައިވަނީ އޭނާގެ ފޯނަށްކަން އެނގުމުން އޭނާ ހިތްބިރުގަތެވެ.

"ދީބަލަ ތި ފޯނު" ޝަރުމީލާ އިތުރަށް އޭނާ ނުތަނަވަސްކުރުވިއެވެ. ފޯނުގައި އަތްލަން އަތްގެންދިޔައިރު މާޔާގެ އަތް ތުރުތުރުލައެވެ.

"އެލާމަށްލާފައި އޮތީމައި." މާޔާއަށްވުރެ ކުރިން އެ ފޯނުނެގީ ޝީތެވެ. ފޯނުގެ ސްކްރީނަށް އަރާފައި އިން މިކިއަލްގެ ނަން ޝީތުއަށް ފެނެއެވެ. އޭނާ ޝަރުމީލާއަށް އޮޅުވައިލީ މާޔާ ސަލާމަތްކޮށްދިނުމަށެވެ. ޝީތުގެ މޫނަށް މާޔާ ބަލައިލީ ޝުކުރުވެރިވަމުންނެވެ. ޝީތު ހިނިތުންވިތަން ފެނިފައި އޭނާގެ ތުންފަތުގައިވެސް ލުއި ހިނިތުންވުމެއް ވިއެވެ.

ޝަރުމީލާގެ ސަމާލުކަން އެހިސާބުން ހުއްޓުމަކަށް އައެވެ. މާޔާއަށްވުރެ ބޮޑަށް މަންމަ އިތުބާރުކުރަނީ ޝީތުއަށްކަން އެނގުމުން މާޔާ ހިތުގައިޖެހުނެވެ. އެ ޖަވާބު އޭނާ ދިންނަމަވެސް މަންމަ ހުއްޓާލާނީ އެ ފޯނު ބަލާފައެވެ.

** **

ކޮލެޖު ނިމެން ކައިރިވެފައި ހުއްޓާ މިކިއަލްގެ ފޯނެއް އައެވެ. އޭނާ އޮފީސް ނިންމާފައި އަންނަމުން މާޔާ ބަލާ ދެވިދާނެކަމުގައި ބުންޏެވެ. މާޔާ ދެކޮޅު ހެދީ ގެކައިރިން މަންމައަށް ފެނިދާނެތީ ބިރުންނެވެ. އެކަމަކު މިކިއަލް ކުރެއް ނުކުރިއެވެ. ޝަރުމީލާ އޮފީހުން ނިމިގެން އަދި ނާންނާނެކަމުގައި މިކިއަލް ބުންޏެވެ. އޭނާ ހުރީ މާޔާ ދެކިލާހިތްވެފައިކަން ހާމަކުރުމުން އިތުރަށް މަނާކުރަން މާޔާވެސް ބޭނުން ނުވީއެވެ.

ކޮލެޖުން ނިކުންއިރު މިކިއަލް އިނީ ސައިކަލުގައި ބަލާ އައިހެވެ. ފުރަތަމަ އޭނާ ގޮވައިގެން އައިސްކްރީމް ވިއްކާތަނަކަށް މަޑުކޮށް އައިސްކްރީމެއް ދިނެވެ. ދެން ގެއަށް އަންނަމުން މާޔާ ކައިރީ އަހައިލީ މިރޭ ބޭރަށް ދެވިދާނެތޯއެވެ.

"މިކިއަލްއަށް އެނގޭނެ އަހަރެންގެ ޖަވާބު." މާޔާ މަޑުމަޑުން ބުނެލިއެވެ. މިކިއަލް ހިނިއައިސް މާޔާގެ މޫނަށް ބަލައިލިއެވެ.

"ބާރަޖަހާއިރު، މަންމަވެސް ނިދާފައެއްނު އޮންނާނީ، އަހަރެން ބުނާނަން ޝީތު ކައިރީ މާޔާ ފޮނުވައިދޭށޭ.." މިކިއަލްގެ ޖަވާބާއި ގުޅުވައިގެން ޝީތުގެ ނަން އަހާފައި މާޔާގެ ސިކުނޑިއަށް އައީ ރޭގައި ޝީތު ދެއްކި ވާހަކަތަކެވެ.

"އަހަރެން ބިރުގަނޭ." މާޔާގެ ހިތަށް އެއްފަހަރާ އެތައް ހާސް ޝުއޫރެއް ފުނިޖެހެމުން ދިޔައެވެ. މިކިއަލް އާއި ޝީތު އިތުރަށް ވާހަކަ ދައްކަން އޭނާގެ ހިތް ނުރުހުނެވެ. އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ނަން އޮންނަންވެސް އޭނާ ބޭނުމެއް ނޫނެވެ.

"އޯހް. ކަމޯން. މާޔާ، ޔޫ އާ ނޮޓް ޑުއިން އެނީ ކްރައިމް." މިކިއަލް ހީކުރީ މާޔާ ބިރުގަންނަނީ އޭނަ އާއި އެކު ބޭރަށް ދާންކަމަށެވެ. މިކިއަލް ކިޔައިދިނީ މި މާލެތެރޭގައި އެމީހުން ފަދަ އެތައް ލޯބިވެރިންނެއް ބައްދަލުކުރުމަށް އުފުލާ ބުރައިގެ ވާހަކައެވެ. ޖެހިލުމެއްނެތި އަންހެންކުދިން ބެލްކަނިތަކުން ފުންމާލައިގެން ނުކުންނަ ވާހަކައެވެ. ސައިކަލުން މާޔާ ފޭބީ މިރޭ ބައްދަލުކުރަން އެއްބަސްވެފައެވެ. އެކަމަކު ޝީތު ކައިރީ ބުނާނެކަމެއް ނެތޭ އޭނާ ބުންޏެވެ.

"ދެޓް އިޒް މައި ގާރލް، ޔޫ އާ ކަމިން ރައިޓް ޓް ދަ އެރޯ" މިކިއަލް ހިނިއައިސް އަމިއްލަ ޟަމީރާއި ވާހަކަ ދެއްކިއެވެ. އޭނާ އެންމެ ހިތްހަމަޖެހޭ އެއް ކަމަކަށްވީ މާޔާ އަކީ ހުރިހާ ކަމަކަށްވެސް އާކުއްޖަކަށްވީމައެވެ. އޭނަ ކާންދޭ ގޮތަކަށް މާޔާ ހިނގުން ފަރިތަކޮށްލެވޭނެކަމުގެ ޔަޤީންކަން އެބައޮތެވެ.

** **

ޝަރުމީލާ އޮފީހުން ވަންގޮތަށް އައީ މާޔާ ހޯދާށެވެ. ކޮލެޖުން އައިސް ފެންވަރާލައިގެން ނިދާލަން ކަމަށް އޮށޯވެލައިގެން އޮއްވާ ޝަރުމީލާ ވަންތަން ފެނި މާޔާއަށް ތެދުވެވުނެވެ. ޝަރުމީލާ ލޯ ހިންގައިލީ މުޅި ކޮޓަރިއަށެވެ.

"މިއަދު މާޔާ އުޅުނީ ކޮންތާކު؟"

ހިންދިރުވާލަން ބިރުގެންފައި މާޔާއަށް އިނދެވުނެވެ. މަންމަގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީވެސް ވަރަށް ހިތްވަރުކޮށްގެންނެވެ. އެކަމަކު އޭނާގެ ނަފްސުގައި ބަސްބުނުމުގެ ބާރެއް ނެތެވެ.

"އެއީ ކާކުތަ؟" ޝަރުމީލާ ފަހަރަކު ސުވާލެއް ކުރަމުންދާއިރު ހީވަނީ މިކިއަލް އާއި އެކު ދިޔަވަގުތު އޭނާއަށް ފެނުނީހެންނެވެ. ނޫނީ ކޮންމެވެސް މީހަކު އެ ޚަބަރު ދިނީހެންނެވެ.

"ކިހިނެއްވީ؟" އެތަނަށް އައިސް ޔޫނުސް ވަނީ ޝަރުމީލާގެ އަޑު ގަދަވެގެންނެވެ. އެނދުމަތީ ކުށްވެރިއެއްފަދައިން އިސްޖަހައިގެން އިން މާޔާ ފެނިފައި ޔޫނުސް އެ ސުވާލު ތަކުރާރުކޮށްލިއެވެ. ޝަރުމީލާއަށް ހުރިހާ ކަމެއްވެސް އެނގިއްޖެއެވެ.

"މަށަށް މިއަދު ހުރިހާ ކަމެއްވެސް އެނގިއްޖެ." ޝަރުމީލާ ނިތްކުރީގައި އަތް ޖައްސާލިގޮތުން ހީވަނީ އޭނާގެ ބޮލުގައި ބަރު އެތިގަނޑެއް އޮތްހެންނެވެ. ނޫނީ ބޮޑު ބުރައެއް އޮވެގެން ހާސްވެގެން އުޅޭހެންނެވެ.

މިކިއަލް އާއި އެކު ސައިކަލުގައި އައިތަން ޝަރުމީލާގެ ރައްޓެއްސަކަށް ފެނުނެވެ. އެ ޚަބަރު އޭނާއަށް އޮފީހުގައި އިންދާ ފޯރުކޮށްދިނެވެ. ކުރަން ހުރި މަސައްކަތް ބަހައްޓާފައި ޝަރުމީލާ އައީ އައިސްފައި ހުރި ރުޅިއެއްގެ ސަބަބުންނެވެ. މާޔާއަށް ދެއަތް މުށްކަވާލައިގެން އިނދެވުނެވެ. އިސްޖަހައި ބާރުކޮށްލައިގެން އިންއިރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަން ފަށައިފިއެވެ.

"ބޮޑުވަމުން އަންނަ އަންހެން ކުއްޖަކު ޝަރުމީލާ ބޭނުންވަނީ ކޮއްޓަކަށް ލައިގެންތަ ގެންގުޅެން؟" މާޔާގެ ދިފާޢުގައި ތެދުވީ ޔޫނުސް އެވެ. އެއީ މިއަދު އެކަނި ޝަރުމީލާއަށް ވިސްނައިދެން ޔޫނުސް ކިޔާ އެއްޗެއް ނޫނެވެ.

"މީހަކާއި ރައްޓެހިވާއިރު އެއީ ކިހާވަރެއްގެ މީހެއްތޯވެސް ބަލަންޖެހޭނެ. އަހަރެމެންގެ ބަހެއްވެސް ހޯދަންޖެހޭނެ. މާޔާއަށް މިއަދު މަންމަވެސް މުހިއްމު ނުވި؟" ޝަރުމީލާގެ މޫނަށް ބަލާލާފައި މާޔާއަށް މަޑުމަޑުން ބޯހޫރުވާލެވުނެވެ. އޭނާއަށް މަންމަ މުހިއްމު ނުވީކީ ނޫނެވެ. މަންމަގެ ޖަވާބު އެނގޭތީ ސިއްރުކުރެވުނީއެވެ.

"ޝަރުމީލާ ރުޅި އަންނާނެތީ އެމަންޖެ ނުބުނީ،. ދަރިންނަށް އިތުބާރުކުރަންޖެހޭނެ، އޭރުން އެކުދިންވެސް ހުރިހާކަމެއް ހިއްސާކުރާނެ، ޝަރުމީލާ ކައިރީ ކާކު ދެއްކި ވާހަކައެއްތަ ތިއީ؟ މިކިއަލް އަކީ މިގޭ އެޕާރޓެމެންޓްގައި އުޅޭ ކުއްޖެއް، ހަތަރު އަހަރުވެއްޖެ މިގޭގައި އުޅޭތާ، އެބަޔަށް ޝީތުވެސް ދާނެ، އެއީ ގޯސްކުއްޖެއް ނޫނޭ، ރަނގަޅު ވަޒީފާއެއްގައި އުޅެނީވެސް." ޔޫނުސް ނެތްނަމަ މިއަދު މާޔާ ނޮޅާލައިގެން ޝަރުމީލާ ކައި ހުސްކުރާނެއެވެ. އޭނާއަށް ޖަވާބު ދޭންނުޖެހި ޔޫނުސް ކިޔައިދިން އެއްޗެހިން ޝަރުމީލާގެ ރުޅި ފިނިވެގެން ދިޔައެވެ.

"މި އުމުރުގައި އެމީހުން ރައްޓެހިނުވާނަމަ ދެން ކޮން އުމުރެއް އޮތީ؟ ސިއްރުން ތަންތަނަށް ދާންފަށަނީ އެ ފުރުޞަތު ގޭތެރެއިން ނުލިބޭތީ. މާޔާ އެއިނީ ވަރަށް ދެރަވެފައި، ޝަރުމީލާ އޭނަ އާއި ވާހަކަ ދައްކާލާފައި އާދޭ." ޔޫނުސް އެދެމައިންނަށް ވަގުތުކޮޅެއް ދިނެވެ. ދެލޯ ފޮހެލަމުން މާޔާ ބަލައިލިއިރު ޔޫނުސް ނިކުންނަނީއެވެ. އޭނާގެ މަންމައަށްވުރެ ދޮންބައްޕައަށްވެސް އޭނާގެ އިހްސާސްތައް އެނގެއެވެ. ކޮންމެ ފަހަރަކު އޭނާގެ ދިފާއުގައި ޔޫނުސް ތެދުވެއެވެ.

"ދަރިފުޅު." މާޔާ ކައިރީ އިށީންނަމުން ޝަރުމީލާ އަތްޖައްސާލަން އުޅުނީ މާޔާގެ އަތުގައެވެ. އޭގެކުރިން މާޔާ އަތް ފޮޅުވައިލިއެވެ. މަންމަގެ ރުޅި ފިނިވެގެންދަނީ އެހެން ކޮންމެވެސް މީހަކު އެއްޗެއް ބުނާ ހިސާބުންނެވެ. އެންމެ ފަހަރަކުވެސް އޭނަ އަކީ މުހިއްމު މީހެއްކަމުގައި ނުވެއެވެ.

"މަންމަ ދޭ މިތަނުން." މާޔާ ގެ ދުލުން މަންމައަށް އިހްތިރާމްކުޑަވެދާނެ އެއްޗެއް ބުނެވިދާނެތީ އޭނާ ބޭނުންވީ މަންމަ އެތަނުން ދިއުމަށެވެ. މަންމަ ކިތަންމެ ވިސްނޭ މީހަކަށް ވިއަސް އޭނާގެ އިހްސާސްތައް ނަގައިގަނެވޭވަރަށްވުރެ މަންމަގެ ސިކުނޑި އަދި ޅައެވެ.

ހިމޭން ވަގުތުކޮޅަކަށްފަހު ޝަރުމީލާ ދާން ތެދުވިއެވެ. އޭނާގެ ދުލަށް މާޔާ ކައިރީ ދައްކާނެ ވާހަކައެއް ނައެވެ. ޝަރުމީލާގެ ބަސްމަގާއި އަމަލުތައް ހުންނަނީ އަބަދުވެސް މާޔާ އެންމެ ނުރުހޭ ގޮތަށެވެ.  އެއްވެސް އިރެއްގައި މާޔާގެ އެންމެ ގާތް އެކުވެރިއަކަށް އޭނާއަކަށް ނުވެވުނެވެ. އަދި ޝަރުމީލާގެ އެއްވެސް ކަމަކީ މާޔާއަށް އެނގެންޖެހޭނެކަމެއްގެ ގޮތުގައި އޭނާ ނުދެކެއެވެ. މި ކައިވެނިކުރާ ވާހަކަ ދެކެވުނު ހިސާބުން އެދެމައިންގެ މެދުގައި ފާޑެއްގެ ހުޅެއް ރޯވީ އެހެންވެއެވެ.

** **

އިރުގެ އަލިކަން ދުނިޔެ އާއި ވަކިވީ ވިއްސާރައިގެ ކުލަތަކުން އުދަރެސް ފުރަމުން ދިޔަ ވަގުތެއްގައެވެ. މުޅި އުދަރެސް ކަޅު ވިލާތަކުން ވަށާލާ އެއާއި އެކު ބާރު ތޫފާނީ ރޯޅިތަކުގެ ހަމަލާތަކާއި އެކު ބޯކޮށް ވާރޭ ވެހިގަތެވެ. މާޔާ އޮތީ އެނދުން ތެދުވަން ކަންނެތްވެފައެވެ. ރަޖާ ގެނެސް އޮޅާލީ އޭސީގެ ފިނިން ސަލާމަތްވާށެވެ. އޭސީ ނިންވާލަން ތެދުވަންވެސް އޭނާ ބޭނުން ނުވާ ފަދައެވެ. ލެޕްޓޮޕް އިން ބަލަމުން ދިޔަ ފިލްމުގެ ސަބަބުން އޭނާ އޮތީ ފާޑަކަށް ހީކަރުވައިގެންފައެވެ.

އެއީ ބަލާލާށޭ ކިޔާފައި މިކިއަލް ފޮނުވި ފިލްމެކެވެ. އެފަދަ މަންޒަރުތަކަށް ލޯހޭނެންވެއްޖެކަމުގައި އޭނާއަށް ވަނީ ވިސްނައިދީފައެވެ. އެފަދަ ގުޅުމަކަށް ދާން އޭނާގެ ސިކުނޑި ތައްޔާރުވާން މިކިއަލް ބާރުއަޅަމުން ދެއެވެ. މަޑުމަޑުން މާޔާގެ ފައި ކައްސާލަމުން ދިޔައީ އޭނާގެ މަންމަ ދިން ތަރުބިއްޔަތުންނެވެ. ނުބައިކަމެކޭ ހީވިއަސް އޭނާއަށްވެސް އެއީ ކޮންމެ މީހަކުވެސް ކުރާކަމެއްގެ ގޮތުގައި މިހާރު ޤަބޫލުކުރެވެއެވެ.

ދޮރުގައި ޓަކިދިން އަޑަށް މާޔާއަށް ތެޅިގަނެވުނެވެ. އޭނާ ބަލަން އިން ފިލްމު ނިއްވާލެވުނެވެ. ލެޕްޓޮޕް ނަގައި ބާލީސްދަށަށް ކޮއްޕާލާފައި ތެދުވެ ހެދުން ރަނގޅުކޮށްލެވުނެވެ. ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުރީ ޝީތު އޭނާ ކާން ބަލާ އައިހެވެ.

އޭގެ ވިއްސަކަށް މިނެޓްފަހުން މާޔާ ނިކުތީ ފެންވަރާލައިގެންނެވެ. އޭނާ ވަންއިރު މޭޒުދޮށުގައި ފުރަގަސްދީގެން މީހަކު އިންކަން ފާހަގަވިއެވެ. މޭޒުދޮށުގައި ތިބި މީހުންނަށް މާޔާއަށް ބަލައިލެވުނީ ދެނެވެ. ޝީތު އާއި ޖެހިގެން އިން ގޮނޑީގައި އިން ރާމީން ދެބުމަ އަރުވާލާފައި އިޝާރާތުން ދެއްކީ މިކިއަލްއެވެ.

އެހުރި ފިޔަވަޅުމަތީ މާޔާއަށް ހުރެވުނެވެ. އޭނާއަށް ޤަބޫލުނުކުރެވުނީ އެ ފުރާޅުގެ ދަށަށް މިކިއަލް އަތުވެދާނެކަމެވެ. އަދި އެވެސް އޭނާގެ މަންމަގެ ކުރިމައްޗަށެވެ. މާޔާގެ މޫނަށް މިކިއަލް ބަލާލިއިރު ހީވަނީ އަވަހަށް އައިސް އިށީންނާށޭ ބުނާހެންނެވެ. މިކިއަލްގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމުން އުފާވެރިކަން ނޫނީ ނުފެނެއެވެ.

މާޔާ އައިސް އިށީނީ އޭނާގެ ނަމުން ޝަރުމީލާ ގޮވާލީމައެވެ. އޭނާއަށް އިންނަންޖެހުނީ މަންމަގެ ކަނާތުގައެވެ. އެއީ މިކިއަލްގެ މޫނު ނުފެންނަ ނިވައި ފަޅިއެވެ. އޭނާގެ ކުރިމަތީ އިނީ ރާމިންއެވެ.

ކާން ފަށާށޭ ބުނެފައި ޝަރުމީލާ ކުކުޅު ތަށި ކައިރިކޮށްލިއެވެ. މިކިއަލްގެ މޫނަށް އޭނާ ފަރުވާތެރިކަމާއި އެކު ބަލައިލިއެވެ. މިކިއަލްގެ ތަޢާރަފަކަށް އޭނާ އެދުނެވެ.

އެންމެންގެ ސަމާލުކަން ހުއްޓުނުތަން ފެނި މިކިއަލް ކަރުކެހިލިއެވެ. މިފަހަރު އޭނާގެ އަޑު ހީވީ ތާށިވެފައި ހުރިހެންނެވެ. ޝަރުމީލާގެ ނަޒަރު ހުއްޓިފައިވާތަން ފެނި އޭނާގެ އަރުތެރެ ހިކިގެން ދިޔައެވެ. ކުއްލިއަކަށް ޝީތު ގުޅާފައި ޝަރުމީލާ ބައްދަލުކުރަން ބޭނުންކަމުގައި ބުނީންސުރެ އޭނާގެ ދެފައިގައި ތުރުތުރުއެޅުމެއް އެބަހުއްޓެވެ.

މިކިއަލް އަމިއްލަ ތަޢާރަފާއި އެކު އޭނާގެ ނަސަބު އޮޅުން ފިލުވައިދެމުން ދިޔައެވެ. ޝަރުމީލާގެ މެޔަށް ފިނިވެގެން ދިޔައީ މިކިއަލްގެ ރަށާއި އެޑްރެސް އަހާފައެވެ. އޭނާ ހިތްވަރުކޮށްފައި އޭނާގެ މޫނުން އެއްވެސް ކަމެއް ނުދައްކަން މަސައްކަތްކުރިއެވެ.

"އަހަރެންގެ ދަރިފުޅާއި އެކު އުޅެން މިކިއަލް ގަސްތުކުރަނީ ކިހިނެއް؟" ޝަރުމީލާ ހިތުގައި އޭރު ޝަރުތެއް ކަނޑައެޅުނެވެ. އޭނާގެ ރުހުން ލިބޭނީ މިކިއަލް ހަމައެކަނި މާލޭގައި އުޅޭނަމަ އެކަންޏެވެ.

"މާޔާގެ މަންމަ ނުރުހުމުގައި އަހަރެން އެއްވެސް ކަމެއް ނުކުރާނަން، އަހަރެން އެކަނި ގޮތް ނިންމާކަށް ބޭނުމެއް ނޫން، އެކަމަކު މާޔާ އާއި ވާހަކަ ދައްކަން ފުރުޞަތު ދީފިނަމަ ދެމީހުންނަށް އެންމެ ހެޔޮ ގޮތް ނިންމާނީ މާޔާގެ ޚިޔާލާއި އެކު. ތަނަވަސްކަމަކީ އެންމެންގެ ނަޞީބުގައިވާ ކަމެއް ނޫން. އެކަމަކު އަހަރެމެންނަށްޓަކައި ހެޔޮ ދުޢާކޮށްދޭނެ މައިންބަފައިން އެބަތިބި، އެޔަށްވުރެ ބޮޑު ނިއުމަތެއް ނުވޭ. އަހަރެން އަބަދުވެސް ޤަބޫލުކުރަނީ އަންހެންކުއްޖަކު އުޅެން އެންމެ އެކަށީގެންވަނީ އޭނާގެ މައިންބަފައިން ފެންނަ ހިސާބުގައިކަމަށް، އެމީހުންނާއި މެދު ފަރުވާކުޑަކުރަން އަމުރުކުރާ މީހަކު ކަމުގައި އަހަރެން ނުވާނަން." މިކިއަލްގެ ޖަވާބު ފުރިހަމަކަމުން މާޔާވެސް އަޖައިބުވިއެވެ. އޭނާގެ ކުރިމަތީ އިން ރާމީން އިނީ އުލަކުން އެތުވައިލި މަސްކޮޅު ނެގިގޮތަށް އަނގައަށް ލާންވެސް ނޭނގިފައެވެ. އެހުރިހާ ކަމަކަށް ޝަރުމީލާގެ ކަޅި ހިންގިއެވެ. އޭނާއަށް މިކިއަލްގެ ބަސްމަގުގެ އޮމާންކަން ކަމަކު ނުދިޔައެވެ. ކުއްލިއަކަށް ބައްދަލުކުރަން ބުނުމުންވެސް މިކިއަލް ތައްޔާރުވެފައިހުރިކަން އެނގެއެވެ. ހީވަނީ ފޮތަކުން ބަލައިގެން ހުރެ ޖަވާބުދީ ނިންމާލިހެންނެވެ. މީހުންގެ ހިތްތައް އަތުލުމުގެ ކުޅަދާނަކަން މިކިއަލްއަށް ލިބިގެން ވެއެވެ. އޭނާގެ ދޫ ވަރަށް ފަރިތައެވެ. އެކަމަކު ވާހަކަ ދައްކާއިރު އެއްވެސް މީހެއްގެ މޫނަށް ބަލަން ނުކެރި އެކި ދިމަދިމާލަށް ކަޅި ހިންގިތަން ފެނި ޝަރުމީލާއަށް ނެގުނު މާނަ ތަފާތެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
7493114
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *