Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް:

ޑރ. ޝާފިޔާގެ ފޮޅުވަތް: ދަރިފުޅު ވާހަކަ ދައްކަން ފެށުން ލަސްވާކަން ފާހަގަކުރެވޭ ހެއްޔެވެ؟

މިއަދު މި ލިޔެލަނީ އޯޓިޒަމް ހުންނަ ކުދިންގެ ވާހަކަ ދެއްކުން ލަސްވަނީ ކީއްވެތޯ އަދި ވާހަކަ ދެއްކުން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާތޯ ބަލާލުމަށެވެ.

މިކަމުގައި ސަމާލުވާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ ވާހަކަ ދެއްކުން ލަސްވާ ކޮންމެ ކުއްޖަކީ އޯޓިޒަމް ހާލަތް މެދުވެރިވެފައިވާ ކުއްޖެއް ކަމަށް ނުނިންމުމެވެ. އާންމުކޮށް އޯޓިޒަމްގެ ސަބަބުން ވާހަކަ ދެއްކުން ލަސްވާ ކުދިންގެ ކިބައިގައި މިކަމާއެކު ފާހަގަކުރެވޭ އެހެނިހެން ކަންތައްތަކެއް ވެސް ހިމެނެއެވެ.

މިސާލަކަށް ވާހަކަ ދެއްކުން ލަސްވުމާއެކު، ލޮލަށް ބަލައި މުވާޞަލާތު ނުކުރުން، ނަމަށް ޖަވާބު ނުދިނުމާއި، އަދި މީހުންނާ މުޢަމަލާތުކޮށް އެކުގައި އޮންނަ ގުޅުންތަކަށް ގަޔާނުވުމާއި ބައްދާލުން ފަދަ ގާތްކަން އޮންނަ ގުޅުންތަކުން ދުރުހެލިވުމާއި، އަދި އެފަދަ ކަންކަމުގެ ސަބަބުން އެ ކުދިންނަށް ނުތަނަވަސްކަން ދިމާވާކަން ފާހަގަކުރެވެއެވެ. މިއަދުގެ ލިޔުންކޮޅުގައި މައިގަނޑު ގޮތެއްގައި ބަލައިލާނީ އޯޓިޒަމް ހުންނަ ކުދިންގެ ވާހަކަ ދެއްކުން ލަސްވުމާ ގުޅޭ ގޮތުން އުފެދޭ ސުވާލުތަކަކާއި އޭގެ ޖަވާބުތައް ހިމަނައިލުމަށެވެ.

  1. ވާހަކަ ދެއްކުން ލަސްވުމާއި އޯޓިޒަމާ ގުޅުމެއް ވޭތަ؟

އޯޓިޒަމް ސްޕެކްޓްރަމްގައި ހިމެނޭ ގިނަ ކުދިންނަށް މުވާސަލާތާއި ބަސް ތަރައްގީވުމުގައި ދަތިތަކެއް ކުރިމަތިވާތީ ވާހަކަ ދެއްކުން ލަސްވުމަކީ އޯޓިޒަމްއާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވިދާނެއެވެ. ނަމަވެސް ވާހަކަ ދެއްކުން ލަސްވާ ހުރިހާ ކުދިންނަކީ އޯޓިޒަމް ހުންނަ ކުދިން ނޫންކަން ގަބޫލުކުރަންޖެހެއެވެ. ރަނގަޅަށް ޑައިގްނޯސްކޮށް ވަކި ގޮތްތަކެއް ނިންމައި ކަނޑައެޅުމަށްޓަކައި ކުއްޖާގެ ވާހަކަ ދެއްކުން ލަސްވާ ސަބަބު ސިއްހީ ދާއިރާގެ ފަންނީ މީހުންނާއެކު ދެނެގަންނަން ޖެހޭނެއެވެ.

  1. އޯޓިޒަމް ހުންނަ ކުދިން ވާހަކަ ދައްކަން ފަށަނީ ކޮން އުމުރެއްގައި ހެއްޔެވެ؟

ވާހަކަ ދެއްކުން ލަސްވާ ޢުމުރަކީ އޯޓިޒަމްގެ ޢަލާމާތްތައް ހުންނަ އެކި ކުދިންގެ ތެރޭގައި ވަރަށް ބޮޑަށް ތަފާތުވެދާނެ ކަމެކެވެ: އާންމު ކުދިންނެކޭ އެއްގޮތަށް ބައެއް ކުދިން ބަސްބޭނުން ކުރަން ފަށާއިރު، އަނެއްބައި ކުދިން ބޮޑެތިވެ ޢުމުރުން ވަރަށް ދޮށިވާ އިރުވެސް ރަނގަޅަށް ވާހަކަ ނުދެއްކިދާނެއެވެ. ނަމަވެސް ދިރާސާތަކުން ހާމަކުރާ ގޮތުގައި އާންމުގޮ ތެއްގައި އޯޓިޒަމް ހުންނަ ކުދިން ބަސް ބޭނުންކުރަން ފަށަނީ 36 މަސް ދުވަހުގެ ތެރޭގައެވެ. ހަމަ އެއާއެކު އެވްރެޖް ކުއްޖަކު ގާތްގަނޑަކަށް 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއްގައި ބަސްބޭނުން ކުރަން ފަށާނެއެވެ. (މެޔޯ، ކްލެބޮވްސްކީ، ފެއިން، އެއިގްސްޓީ، 2013). މީގެ މާނައަކީ މި ބަޔާންވެދިޔަ ޢުމުރުގައި ވާހަކަ ދެއްކުން ލަސްވާކަން ފާހަގަ ކުރެވިއްޖެނަމަ، ކުއްޖާ ޑައިގްނޯސްކުރުމަށް ބެލެނިވެރިން ސަމާލުވުމެވެ. އެއަށްފަހު ވާހަކަ ދެއްކުން ލަސްވަނީ ކިހިނެއްވެގެންކަން ރަނގަޅަށް ހޯދުމަށްފަހު ކަމާބެހޭ ޚާއްޞަ ފަންނީ ފަރާތްތަކާއެކު ވާހަކަދެއްކުމުގެ ތެރަޕީތައް ފަދަ ގޮތްތަކުގެ އެހީ ހޯދަންޖެހޭނެއެވެ.

  1. އޯޓިޒަމް ހުންނަ ކުއްޖަކު ވާހަކަ ނުދައްކާނަމަ މުއާމަލާތް ކުރަން ދަސްކޮށްދޭނީ ކިހިނެއް ހެއްޔެވެ؟

މެޔޯ، ކްލެބޮވްސްކީ، ފެއިން، އެއިގްސްޓީ، (2013)ގެ ދިރާސާއިން ހާމަކޮށްފައިވާ ގޮތުގައި އޯޓިޒަމްގެ ޢަލާމާތްތައް ހުންނަ 25% ކުދިންގެ ކިބައިގައި ވާހަކަ ދެއްކުމުގެ ގާބިލުކަމެއް ނުއުފެދެއެވެ. މި ކުދިން މުވާޞަލާތު ކުރުމަށް ދަސްކޮށްދިނުމަށް ސައިން ލޭންގުއެޖް/ އިޝާރާތް ބަހަށް ފަރިތަކުރުވިދާނެއެވެ. އަދި ހަމަ އެހެންމެ ތަސްވީރު ސެޓް ފަދަ ތަކެތި ބޭނުންކޮށްގެން ކުއްޖާ ބޭނުންވާ ކަންކަމަށް މުޢަމާލާތު ކުރުމަށް ފަރިތަކުރުވޭނެއެވެ. ކުއްޖާގެ ޅަޢުމުރުގައި ހާލަތް ދެނެގަނެ ތެރަޕީ މެދުވެރިކޮށް އަވަހަށް އިންޓަވެންޝަން ދިނުމަކީ އޯޓިޒަމް އާއި ވާހަކަ ދެއްކުން ލަސްވާ ކުދިންނަށް ވަރަށް ބޮޑަށް އެހީތެރިވެދެވޭނެ ގޮތެކެވެ.

  1. އޯޓިޒަމް ހުންނަ ކުދިންގެ ވާހަކަ ދެއްކުން ލަސްވާ ސަބަބުތަކަކީ ކޮބާ؟

އޯޓިޒަމް ހުންނަ ކުދިންގެ ވާހަކަ ދެއްކުން ލަސްވުމަށް މެދުވެރިވާ ސަބަބުތައް މުޅިއެކުން ދިރާސާތަކުން ސާފުކޮށް އަދި ނޭނގެއެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ޖެނެޓިކް އަދި ތިމާވެއްޓާ ގުޅުން ހުރި ކަންތައްތައް އެކަމުގައި ބޮޑު ދައުރެއް އަދާކުރެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އާއިލީ ތާރީޚެއްގައި (ޑީއެންއޭ/ޖެނެޓިކް) ސަބަބުތަކެއް ވެސް އެކަމާ ގުޅިގެންދެއެވެ. ކުދިންގެ ކިބައިގައި ވަކި ޖެނެޓިކް މީއުޓޭޝަންތަކެއް (ބަދަލުވުންތަކެއް) ހުރުމަކީ އޯޓިޒަމްގެ ޢަލާމަތްތަކެއް ކަމަށްވެސް ބެލެވެއެވެ. )ކާޓަރ، އަދި ޝެރެރ، 2013). ބައެއް އެހެން ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ނުވަތަ ކުޑައިރު ވިހަ މާއްދާތަކާއި ތިމާވެއްޓާ ގުޅުން ހުރި އެހެން ކަންތައްތަކަށް ހުށަހެޅުމަކީ ވެސް އޯޓިޒަމްގެ ހާލަތަށް މެދުވެރިވާ ކަންތައްތަކަކަށް މަގުފަހިވާ ކަމެކެވެ. (ކަރީމީ، ކަމާލީ، މޫސާވީ،އަދި ކަރަޙްމަދީ، 2017).

  1. އޯޓިޒަމްގެ ސަބަބުން ވާހަކަ ދެއްކުން ލަސްވާ ކުދިންނަށް އެހީތެރިވުމުގައި މައިންބަފައިންނަށް ކުރެވޭނީ ކޮން ކަމެއް؟

އޯޓިޒަމްގެ ހާލަތު މެދުވެރިވެފައިވާ ކުދިންނަށް ގޭގެ މާހައުލަކީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ތަނެކެވެ. އަދި މައިންބަފައިންނާއި އެކުގައި ގޭގައި އުޅޭ މީހުންނަށް އެފަދަ ކުއްޖަކަށް އެހީތެރިވުމުގެ ގޮތުން މުހިންމު ކަންތައްތަކެއް ކުރެވިދާނެއެވެ. ގޭގައި ސަޕޯޓިވް މާހައުލެއް ގާއިމު ކުރުމަށް ވިސްނުންތެރިކަމާއެކު ކަންކަން ރޭވުމަކީ މުހިންމު ކަމެކެވެ. މިގޮތުން އިޖުތިމާޢީ މުޢާމަލާތާއި، ކުޅުމުގެ ފުރުޞަތުތައް ހޯދައިދިނުމާއި، ކުދިންގެ ޚިޔާލާއި އިޙްސާސްތައް ފާޅުކުރުމަށް އެހީތެރިވުމަށް ބޭނުންވާ ވިޝުއަލް އެއިޑްސް (ތަސްވީރު ކާޑުތައް) އަދި އެހެނިހެން މުވާޞަލާތީ ވަސީލަތްތައް ބޭނުންކުރުމަށް ވެސް ފަރިތަކުރުވިދާނެއެވެ.

މީގެ އިތުރުން ބެލެނިވެރިން އަދި އެކި ތެރަޕިސްޓުންނާއެކު ގާތުން މަސައްކަތްކޮށް ކުއްޖާގެ ހާލަތަށް ބޭނުންވާ ފަރުވާ ލިބެމުންދާކަން ބެލެނިވެރިން ކަށަވަރުކުރަން ޖެހެއެވެ. ކުއްޖާއަށް ބޭނުންވާ ފަދަ އިންކްލޫސިވް (ބޭނުންވާ ކަންކަމަށް ރިޢާޔަތް ކުރެވޭ) މާހައުލެއް ގޭތެރޭގައި ގާއިމްކުރުމަކީ ޢާއިލާގެ ތެރޭގައި އުޅޭ އެންމެން ވެސް އެއްބާރުލައިގެން ކުރުން ވަރަށް މުހިންމު ކަމެކެވެ. އެންމެ މުހިންމު އެއްކަމަކީ ކެތްތެރިކަމާއި ވިސްނުންތެރިކަން އިސްކުރުމާއި، ކުއްޖާ ކަންކަމަށް ފަރިތަކުރުމަށް ވަގުތު ހޭދަކުރުމާއި، ފަންނީ މީހުންގެ ލަފާއާއެކު ކުއްޖާގެ ވާހަކަ ދެއްކުމުގެ ގާބިލުކަން ތަރައްގީކުރުމެވެ (ހެއިލްޕަރން، ހެރިސް، ލާ ބޮޓްޒް، ބިރމަން، އަދި ކަރަހަލިއޯސް، 2012).

  1. އޯޓިޒަމް ހުންނަ ވާހަކަ ދެއްކުން ލަސްވާ ކުދިންނަށް ބޭނުންކުރެވޭނެ އިންޓަވެންޝަންތަކަކީ ކޮބާ؟

އޯޓިޒަމްގެ ހާލަތާއެކު އުޅޭ ކުދިންނާއި ވާހަކަ ދެއްކުން ލަސްވާ ކުދިންނަށް ތަފާތު އެކި ބާވަތުގެ އިންޓަރވެންޝަން/ ގޮތްތައް ފަރުވާ ދިނުމަށް ބޭނުންކުރެއެވެ. އާންމުކޮށް ކުރެވޭ ބައެއް އިންޓަވެންޝަންތަކުގެ ތެރޭގައި ސްޕީޗް ތެރަޕީ (ވާހަކަދެއްކުމުގެ ތެރެޕީ)، އެޕްލައިޑް ބިހޭވިއަރ އެނަލިސިސް (އޭބީއޭ، ސުލޫކް ވަކިގޮތަކަށް ބައްޓަންކުރުން)، އޮކިއުޕޭޝަނަލް ތެރަޕީ (އާންމު ދިރިއުޅުމަށް ބޭނުންވާ ސުލޫކުތައް ދަސްކުރުން)، ސޯޝަލް ސްކިލްސް ޓްރެއިނިން (އިޖުތިމާޢީ ހުނަރުތަކުގެ ތަމުރީނުތައް ދިނުން)، އަދި އޯޓިޒަމް ހުންނަ ފަރާތްތަކުގެ ޚާއްޞަ އުނގެނުމުގެ ސްޓައިލްތަކަށް ޚާއްޞަ ތަޢުލީމީ ޕްރޮގްރާމްތައް ވެސް މިފދަ ފަރުވާ ތެރޭގައި ހިމެނެއެވެ.

ކަމާބެހޭ ޞިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއެކު މަޝްވަރާކުރެވި ވަކި އިންޓަވެންޝަންތައް ކަނޑައެޅެނީ ކުއްޖާގެ ހާލަތު ރަނގަޅަށް ބަލައި ދެނެގަނެ ވަޒަންކުރުމަށް ފަހުއެވެ. އެހެންކަމުން ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއް ގޮތަށް ބެލެވި ބޭނުންކުރެވޭ ވަކި އިންޓަވެންޝަނެއް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ދިރާސާވެރިން ދެކޭގޮތުގައި ވާހަކަދެއްކުން ލަސްވުމާއެކު ވާހަކަ ދެއްކުމުގެ އެކި ގޮތްތަކަށް އެކި ކުދިންގެ ކިބައިގައި ފާހަގަކުރެވެއެވެ. ބައެއް ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ބަސްތަކުރާރުކުރުމާއި، ވާހަކަދެއްކުން ހުއްޓުން އެރުން، އެއްރާގަކަށް އެއްޗެތި ކިއުން ފަދަ ވަރަށް ގިނަ އެކި ސްޓައިލްތައް ނުވަތަ ޚާއްޞަ ގޮތްތަކެއް އޯޓިޒަމް ހުންނަ ކުދިންގެ ބަސް ބޭނުންކުރުމުގައި ފާހަގަކުރެވެއެވެ. (ގޭރންސްބަޗަރ، މޯރސަން، އަދި ގްރޭސް، 2016). މިއިން ކޮންމެ ގޮތަކަށް ވަކި ޚާއްޞަ ތަމުރީނުތަކަކާއި، އިންޓަވެންޝަންތަކެއް ފަރުވާގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް މި ދިރާސާވެރިން ލަފާދެއްވައެވެ. މިއަދުގެ ލިޔުމުގައި އެ ބާވަތްތަކަށް އަލި އަޅުވާލެވުމުގެ ބަދަލުގައި މި ބަލައިލީ ވާހަކަ ދެއްކުން ލަސްވުމުގެ ގޮތްތަކާ ބެހޭގޮތުންނާއި އެކަމަށް ސަމާލުވާންވީ ގޮތުގެ މައްޗަށެވެ.

މިއަދުގެ ވާހަކަކޮޅުން އިލުތިމާސްކޮށްލަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ވާހަކަ ދެއްކުން ލަސްވާ ކަމަށް ފާހަގަކުރެވޭ ހިނދު ވީހާވެސް އަވަހަކަށް ކުއްޖާ ޑައިގްނޯސްކޮށް ފަންނީ މީހަކަށް ދައްކައި ބެލުމެވެ. ކުއްޖާއަށް ބޭނުންވަނީ ކޮން ކަހަލަ ފަރުވާއެއްކަން އަވަހަށް ދެނެގަނެވިއްޖެނަމަ އޯޓިޒަމް ހުންނަ ކުދިންގެ މުވާސަލާތީ ހުނަރުތައް ކުރިއެރުވުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެއެވެ. ހަމަ އެހެންމެ އެ ކުދިންގެ ވާހަކަ ދެއްކުމާއި މުވާޞަލާތު ކުރުމުގެ ގާބިލްކަން ހޯދައިދެވޭނެއެވެ.

އަޅުގަނޑުގެ އުއްމީދަކީ މިއަދު މި ހިމަނައިލި ސުވާލުތަކާއި ޖަވާބުތަކަކީ އޯޓިޒަމްގެ ޢަލާމާތްތައް އަވަހަށް ފާހަގަކުރުމަށް ބެލެނިވެރިންނަށް އެހީތެރިވެދޭނެ މަޢުލޫމާތު ކޮޅަކަށް ވުމެވެ.

 

ހަވާލާދޭ ފަރާތްތައް

  • ހެއިލްޕަރން، ޖޭ، ހެރިސް، އޭ، ލާ ބޮޓްޒް، އާރ، ބިރމަން، ބީ، އަދި ކަރަހަލިއޯސް، ކޭ (2012). އޯޓިޒަމް ހުންނަ ކުދިންނާއި ވާހަކަ ދެއްކުން ލަސްވާ ކުދިންނާއެކު މަލްޓިސިލަބިކް ވާހަކަ ދެއްކުމަށް މަގުފަހިވާ ގޮތަށް ވިޝުއަލައިޒޭޝަންތައް ފަރުމާކުރުން. ޕްރޮސީޑިންގސް އޮފް ދަ ޑިޒައިން އިންޓަރެކްޓިވް ސިސްޓަމްސް ކޮންފަރެންސް (ޞަފްޙާ 126-135).
  • ގޭރންސްބަޗަރ، އެމް.އޭ، މޯރސަން، އީ.އެމް، އަދި ގްރޭސް، އީ.ޖޭ (2016). އޯޓިޒަމްގައި ބަހާއި ވާހަކަ ދެއްކުން. އަހަރީ ރިވިއު އޮފް ލިންގުއިސްޓިކްސް، 2، 413-425.
  • ކަރީމީ، ޕީ، ކަމާލީ، އީ، މޫސާވީ، ސ.މ، އަދި ކަރަޙްމަދީ، އެމް (2017). އޯޓިޒަމް ޖެހުމުގެ ނުރައްކާތެރިކަމަށް އަސަރުކުރާ ތިމާވެށީގެ ކަންތައްތައް. ޖާނަލް އޮފް ރިސާޗް އިން މެޑިކަލް ސައިންސަސް: އިސްފަހާން ޔުނިވަރސިޓީ އޮފް މެޑިކަލް ސައިންސަސްގެ އޮފިޝަލް ޖާނަލް، 22.
  • ކާޓަރ، އެމް.ޓީ، އަދި ޝެރެރ، އެސް.ޑަބްލިޔު (2013). ޖެނެޓިކްސް ކްލިނިކްގައި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ: ރިވިއުއެއް. ކްލިނިކަލް ޖެނެޓިކްސް، 83(5)، 399-407.
  • މެޔޯ ޖޭ، ކްލެބޮވްސްކީ ސީ، ފެއިން ޑީއޭ، އެއިގްސްޓީ އައި-އެމް. (2013). ފުރަތަމަ ބަސްތަކުގެ އުމުރަކީ އޭއެސްޑީ ހުންނަ ކުދިންގެ ކޮގްނިޓިވް އެބިލިޓީއާއި އެޑެޕްޓިވް ސްކިލްސް ލަފާކުރާ ކަމެކެވެ. ޖޭ އޯޓިޒަމް ޑެވް ޑިސްއޯޑް. 2013؛43(2):253-264.