Support Us

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒު އަހުމަދު މުއިއްޒު

ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑިއަކަށް ކުރީގެ ޕީ.ޖީ މުއިއްޒު ނުކުންނަވަނީ

ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ހއ. އަތޮޅުގެ މެމްބަރުކަން ކުރެއްވި މުއިއްޒަކީ ގާނޫނީ ދާއިރާގައި ޢަމަލީގޮތުން 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ރާއްޖޭގެ އެންމެ މަޝްހޫރު ލޯޔަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭ ގޮނޑިއަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި މުއިއްޒު މިއަދު އެކްސްގައި ލިއުއްވި ކުރު މެސެޖުގައި، އޭނާ ވާދަކުރައްވާނެ ވަކި ދާއިރާއެއް އަދި ނުކުންނަވާނީ ވަކި ޕާޓީއަކުން ކަމެއް ނުވަތަ އަމިއްލަ ގޮތުން ކަމެއް ވެސް ވިދާޅުވެފައެއް ނުވެއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓާނީއެއްގެ ގޮތުގައި 1990 ގައި ގާނޫނީ މަސައްކަތް ފައްޓަވައި، އޭގެ ފަހުން ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމާއި ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ކައުންސެލްގެ މަގާމު ވެސް މުއިއްޒު ފުރުއްވައިފައިވެއެވެ. އަދި މުއިއްޒު ވަނީ 2008 އިން 2013 އަށް ރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވައިފައެވެ.

މުއިއްޒު، 57، އަކީ 1996 އިން 1997 އަށް ނޫ ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ހއ. އަތޮޅުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ފަހުން، 2004 އިން 2008 އަށް ފެހި ގާނޫނު އަސާސީ ހެދި މަޖިލީހުގައި ވެސް އެ ގޮނޑި ދިފާއުކުރައްވައި، ގާނޫނު އަސާސީ ޑްރާފްޓިން ކޮމިޓީގެ މެމްބަރުކަމާއި ނިޒާމީ ވޯޓު ނެގުމާ ބެހޭ ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވައިފައިވެއެވެ.

އޭގެ ފަހުން މުއިއްޒު ވަނީ ލޯ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. ކޯޕަރޭޓް ލޯގެ ދާއިރާއިންނާއި ލިޓިގޭޝަންގައި މަސައްކަތަށް ހާއްސަ އިސްކަމެއް ދެއްވާ މުއިއްޒު ވަނީ ކުންފުނިތަކުގެ ގާނޫނާއި، ޕާޓްނަޝިޕް ގާނޫނާއި، އާއިލީ ގާނޫނާއި، ބިމުގެ ގާނޫނާއި، ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނާއި، ފަތުރުވެރިކަމުގެ ގާނޫނު ފަދަ ބައެއް ގާނޫނުތައް ޑްރާފްޓްކުރުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *