Support Us

ވާހަކަ: ހިނިތުން

ބާރު ހަލުވި ދުވެލީގައި ލޯންޗު، ކަނޑުގެ ލޮނުތައް ދެކޮޅަށް ކަފަމުން ކުރިޔަށް ދާއިރު، އުފެދިގެން އަންނަ މޯހިރަށް އަހަރެން އިނީ ބަލަހައްޓައިގެންނެވެ. ހިތަށް އަރަމުން ދިޔައީ އެކި ކަންކަމާއި ގުޅިގެން ހަޔާތުގައި އުފެދޭ ނުތަނަވަސްކަން ވެސް އެފަދައިން ކަނޑުގައި އަޅާލެވޭ ރޮނގެއްހެން ހިނދުކޮޅެއްގެ ތެރޭގައި ފޮހެވިގެންދާނޭ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ މީގެ ދެހަފްތާ ކުރިން، އަހަރެން މިހާރު މިމަސައްކަތް ކުރާ ކުންފުނިން އަހަރެންނަށް މެނޭޖަރެއްގެ ޒިންމާގެ ބޮޑު މަސްއޫލިއްޔަތު ހަވާލުކުރީ ވަރަށް އުއްމީދުތަކަކާ އެކީގައެވެ. އެކަން އަހަރެންނަށް އެނގެއެވެ. އެހެންވެ ބޮޑު ރިޒޯޓަކުން ބޮޑު ޕްރޮޖެކްޓެއް ހޯދީ މަޤާމާއި ހަވާލުވިތާ ހަފްތާއެއްގެ ތެރޭގައެވެ. އެކަމާ އަހަންނަށް ފަޚްރުވެރިވެސް ވެވުނެވެ. ނަމަވެސް ގިނަ ފަހަރަށް ކަންކަން ހިނގަނީ ޕްލޭންކުރާ ގޮތަކަށް ނޫނެވެ. އަމާޒާއި ނަތީޖާއާއި ހަމައަށް ވާސިލް ވުމަށްޓަކައި އެތައް ބައިވަރު ހުރަސްތަކެއް ގިރާކުރަން ޖެހެއެވެ. އެގޮތުން އަލިފް އަތޮޅުގެ ރިޒޯޓަކަށް ދިއުމަށް ކަނޑު ހުރަސްކޮށް މިކުރެވޭ ދަތުރަކީވެސް އޭގެ ތެރެއިން ބޮޅެކެވެ. މިއީ ރިޒޯޓުން ލިބުނު ޕްރޮޖްކްޓް އެއްކޮށް ހަވާލު ކުރުމަށްޓަކައި އަދި މަޝްވަރާ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެގެން ކުރަން ޖެހުނު ދަތުރެކެވެ. އެޕްރޮޖެކްޓް ލިބުނުލެއް ފަސޭހަކަމުން އަދި މީގެ އުނދުގުލާއި ގިލަންވެރިކަން ޖެހޭނެކަން އަހަރެންގެ ހަ ވަނަ ޙިއްސުވެސް ބުނެދިނެވެ. އުއްމީދަކީ ކުރެވޭ މަޝްވަރާތައް ރަނގަޅަށް ގޮސް މި ޕްރޮޖެކްޓް އަހަރެމެންނަށް އެއްކޮށް ލިބުމެވެ.

އުފެދެމުންދިިޔަ ނުތަނަވަސްކަމުގެ ތެރޭގައި ވިސްނެމުން، ކުރެވެމުންދިޔަ ޚިޔާލުތައް ހާވިޔާވެގެން ދިޔައީ ލޯންޗްގެ އިންޖީނު އެއްކޮށް ނިއްވާލުމުންނެވެ. ބަލާލިއިރު ރިޒޯޓްގެ ޖެޓީއާ ކައިރި ކުރަނީއެވެ. ކައިރި ކޮށްލުމާއެކު ލޮލުގައި އަޅާފަ ހުރި އަވިއައިނު ނަގާ ވިހުރެމުންދިޔަ އަހަރެންގެ ފަން އިސްތަށިގަނޑު ރަނގަޅު ކޮށްލީމެވެ. އަހަރެން މަޑުމަޑުން ތެދުވެގެން ހިނގާފައި ގޮސް ލޯންޗުން ފޭބިއިރު ރިޒޯޓްގެ މެނޭޖަރު ބަލާ އައިސް ހުއްޓެވެ. އެމީހާއާއި އެއްކޮށް ހިނގައިގަތީ، ޖެޓީއިން ފައިބާއިރު ހަމަ ދާދިކައިރީގަ ވަރަށް ނަލަކޮށް ހަދާފަހުރި ރިސެޕްޝަނާއި ދިމާއަށެވެ. އެތަނުން ހަވާލުކުރި ވެލްކަމް ޑްރިންކެއް ބޯން އިންތާ މާއިރެއްނުވެ އަހަރެން ބަލާ ބަގީ އައިސް އޮތެވެ. އޭރު އިށީނދެ އިން ގޮނޑީގެ އަރިމަތީ ބާއްވާފަ އޮތް އަހަރެންގެ އަތްދަބަހުގެ ތެރޭގައި ފަތްޖަހާފަަ އޮތް ކަރުދާހެއް ފެނިގެން އެއީ ކޯންޗެއްތޯ ބަލަން ނެގިތަނާ މެނޭޖަރު އެތަނަށް އައެވެ.

"މިއޮތީ ރޫމް ކީ. ބަގީގަ ރޫމަށް ވަޑައިގަންނަވާ. ލަގެޖް އަޅުގަނޑުމެން ރޫމަށް ފޮނުވާލަ  ދޭނަން އިނގޭތޯ،" މެނޭޖަރުގެ އަޑުގައި އޯގާތެރި ގޮތެއް ހުއްޓެވެ. އަހަރެން އަތްދަބަސް އަވަހަށް ކޮނޑުގައި އަޅުވާލައިގެން އަވަސްވެގަތީ ބަގީއާ ދިމާއަށެވެ.

ރޫމަށް ވަދެވުމާއެކު ވެފައި ހުރި ވަރުބަލިންނާއެކު އެންމެ ފުރަތަމަވެސް އަހަރެން ބޭނުންވީ ފެންވަރާލާށެވެ. ފެންވަރާލައިގެން ނުކުތްއިރުވެސް ހިތުގައި އުފެދިފައި ހުރި އުދާސްކަމަކަށް ފިނިކަމެެއް ނުލިބެއެވެ. އެހެންވެ ރޫމްގެ ދޮރު ހުޅުވާލާފަ ބޭރަށްވެސް ނުކުމެލީމެވެ. ކޮންމެ ގޮތެއް ހަދާފަވެސް އަހަރެން ބޭނުންވަނީ މި ޕްރޮޖެކްޓް އެއްކޮށް މިފަހަރު އަހަރެމެންނަށް ލިބުމަށެވެ. ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ މި ޕްރޮޖްކްޓް ލިބުމަށް އެހީތެރިވެދޭނޭ ވަރަށް މުހިއްމު ޑޮކުމެންޓްތަކެއްގެ މަތިންނެވެ. އެ އެއްޗެހި ވާނީ އޮފީހުގައެވެ. އެހާ މުހިއްމު އެއްޗެއް އަހަރެންގެ ހަނދާނުން ކައްސާލީ ކީއްވެގެން ހެއްޔެވެ؟ ރިޒޯޓްގެ އޯނަރުންނާ ބައްދަލު ކުރަން އަދި ދެ ގަޑިއިރެއްހާ އިރު އެބައޮތެވެ. އަހަރެން އަވަހަށް ރޫމަށް ވަދެފަ ދޮރު ލައްޕާލީމެވެ. އެކަމަކު ތަޅެއް ނުލަމެވެ. ރޫމުގައި ހުރި ސޯފާގަ އިށީނދެލާފަ ފޯނުން ޑަޔަލް ކޮށްލީމެވެ.

"ޒައިކް! މިދިޔަ ވީކްގަ ޑިސްކަސް ކުރީމެއްނުން ޑޮކުމެންޓްސްތަކަކާ ބެހޭގޮތުން. އަޅެ ޕްލީޒް އެ ސްކޭންކޮށްފަ ނޫނީ ފޮޓޯ ނަގާފަވިޔަސް މެއިލް ކޮށްލަދީބަ.. އޯކޭ ވަޓްސްއެޕް ކޮށްލިޔަސް. ވެރީ ސޫން އިނގޭ" ޒައިކް އެކޮޅުން ހަމަ ފޯނު ނެގިތަނާ އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

"އެ ޖެހޭނީ ހޯދަން. ކުޑަ އިރުކޮޅެއް ވެދާނެ." ޒައިކްގެ ޖަވާބު ވަރަށް ކުރެއެވެ. އަހަރެން އެ، ވީހާވެސް އަވަހަކަށް ބޭނުންވެއެވެ. އެޖަވާބުގެ ސަބަބުން ނުތަނަވަސްވާ ގޮތްވިއެވެ.

ކޯލުގައި ހުއްޓާ ދޮރުގައި ޓަކި ޖަހާލިއެވެ. "ކަމް އިން..!" އޭ ބުނެލީމެވެ.

"ޒައިކް ޕްލީޒް! ވަރަށް އަރޖެންޓޭ މިކަންތައް! އަވަސް ކޮށްލަ ދެއްޗޭ!" އަހަރެން އާދޭހުގެ ރާގެއްގައި ބުނީމެވެ. އަނެއްކާވެސް ދޮރުގައި ދެތިން ފަހަރަކު ޓަކި ޖަހާލިއެވެ.

"ވަދޭ.. ހުޅުވާފަ ހުންނާނީ،" ދޮރުގައި ޓަކި ޖަހާތީ އުނދަގޫވާގޮތް ވެގެން އަހަރެން ފުދޭ ވަރަކަށް ބާރަށް ބުނީމެވެ. ޒައިކް ބަލާދޭނަމޭ ބުނެފަ ފޯން ބޭއްވިއެވެ. އޭރުވެސް ދޮރުގައި ޓަކިޖަހަމުން ދެެއެވެ. އަހަރެން ކައިރިއަށް ވަރަށް ރުޅި އަންނަ ގޮތްވިއެވެ. އައިސްފައި ހުރި ރުޅީގައި އެދިޔަގޮތަށް ގޮސް ދޮރު ހުޅުވާލައިފީމެވެ. ދޮރު ހުރީ ހަމަ ތަޅުވެސް ނުލައެވެ. ކުރިމަތީގަ ރޫމްބޯއި އަހަރެންގެ ލަޖެޖް ހިިފައިގެން އައިސް ހުއްޓެވެ. އެއީ ފެންނަ ފެނުމަށް ވިހި އެކާވީހަކަށް އަހަރުގެ ޒުވާނެކެވެ. އަހަރެން ފެނުމުން ހިނިތުން ވެލިއެވެ. އަހަރެންގެ ރުޅިގަނޑު އިތުރަށް ދިޔައީ ގަދަވެގެންނެވެ.

"ދޮރުގަ އެވަރަށް ޓަކިޖެހުމަކީވެސް އުނދަގޫވާ ކަމެކޭ. އެހެނެްނޫނަސް ދޮރު ހުރީ ހުޅުވާފައޭ.. އަނެއްކާ.. ވަންނާށޭ ކިޔާފަ އަޑުގެ ކޮޅަށް މިގޮވަނީ.. އަޑުނީވެނީތަ ނޫނީ ބީރީތަ މިނަށްވުރެ؟" އައިސްފަހުރި ރުޅިގަނޑު މައިތިރި ކުރުމަށް މަސައްކަތްެ ކުރީމެވެ. އެހެން ބުނެފައި އަހަރެން ވަނީ ރޫމުގެ އެތެރެއަށެވެ. އެޒުވާނާ ރޫމުގެ ތެރެއަށް ލަގެޖް ވައްދާލަދިނެވެ. އެއަށްފަހު އަހަރެންނާ ދިމާއަށް އެނބުރިލާފައި އަތުން ދެތިން އިޝާރާތެއް ކޮށްލިއެވެ. ފުރަތަމަ އިޝާރާތުން ވެސް އެބުނި އެެތި އަހަރެންނަށް ފަހުމް ވިއެވެ. އެޒުވާނާ އަތުގެ އިޝާރާތުން ބުނީ "ތިމަންނައަށް ވާހަކައެއް ނުދެއްކެއޭ. އަޑުވެސް ނީވެއޭ. އެކަމަކު މަސައްކަތް ބަރާބަރަށް ކުރެވޭތޯ ބަލަމޭ" މިިހެންނެވެ.

އިޝާރާތުން އޭނާ ބުނި ކޮންމެ ލަފަޒެއް އަކުރުން އަކުރަށް އަހަރެންނަށް އެނގުނެވެ. އަހަރެން ހުރިތަނަށް ގަނޑުވިއެވެ. އިރުކޮޅަކަށް ނަމަވެސް ހަށިގަނޑުގެ ލޭދައުރުވުން ހުއްޓުނު ކަހަލައެވެ. އެޒުވާނާ އަހަރެެންނާ ދިމާއަށް ހިނިތުންވެލާފަ ނުކުތީ ބޭރަށް ހިނގައިގަންނާށެވެ. އެވަގުތު އަނެއްކާވެސް ކޮންމެވެސް އެއްޗެއް ހަނދާންވެގެން އުޅޭކަހަލަ ހަރަކާތެއް ގެނެސްފައި ކުއްލިއަކަށް ހިނގުން މަޑުކޮށްލިއެވެ. އަނެއްކާވެސް އަހަރެން ކައިރިއަށް އައިސް ޖީބުން ނަގާފައި ދިއްކޮށްލީ ފަތް ޖަހާލާފަ އޮތް ކަރުދާސް ގަނޑެކެވެ. އަހަރެންނަށް އެކަރުދާސް ކޮޅު ފެނުމާ އެއްކޮށް އެއީ ރިސެޕްޝަނުގަ އިންދާ، އަތްދަބަހުން އަހަރެން ނެގި ކަރުދާސްގަނޑުކަން ހަނދާންވިއެވެ. އަހަރެން އަވަހަށް ދާން ހަދައިގެން އާދެވުނީ އެކަރުދާސްގަނޑު ރިސެޕްޝަނުގައި ބާއްވާފައެވެ. އެގަޑީގަ އެކަރުދާސްގަނޑު އެއީ ކޯއްޗެއްތޯވެސް ރަނގަޅަކަށް ބަލައެއް ނުލެވެއެވެ.

އަހަރެން އަތަށް އެކަރުދާސްގަނޑު ދިނުމަށްފަހު އެޒުވާނާ ހިނިތުންވެލިއެވެ. އެއަށްފަހު ނުކުމެގެން ހިނގައްޖެއެވެ. އަހަރެންގެ ދެލޯ ފެންކަޅި ކުރުވަމުންނެވެ.

"ހަލޯ މަންމާ!" އަހަރެން ކިރިޔާވެސް ކަމަކާ ދެރަވެ ނުވަތަ ބިރުގަނެއްޖެއްޔާ ގުޅާނީ މަންމައަށެވެ.

"ދަރިފުޅާ.. ހުރިހާކަމެއް ރަނގަޅުތަ؟" މަންމައަށް އަހަރެންގެ އަޑުގައި ހުރި މޮޅިވެރިކަން ފާހަގަ ކުރެވުނެވެ.

"ނޫން.. މަންމާ… ރޫމްބޯއީ… އެކުއްޖާ.." އަހަރެންނަށް ގިސްލެވޭ ވަރުން ވާހަކަ ކުރިޔަށް ގެންދަން އުނދަގޫވިއެވެ.

"ރޫމްބޯއީ އަނެއްކާ ކަމެއް ކުރީތަ؟.. އޭނ؟" މަންމަ ހާސްވެ ކަންބޮޑުވާ ގޮތްވިއެވެ.

"ނޫން.. މަންމާ.. މިދުވަސްކޮޅު މިޕްރޮޖެކްޓް ކަންތަކާ މިހުންނަނީ ކަންބޮޑުވެސް ވެފަ. ދެން އެކަމާ އޮފީސް ކުއްޖަކަށް މީގެ އިރުކޮޅެއް ކުރިން ގުޅައިގެން ހުއްޓާ.. ދޮރުގަ މާގިނައިން ޓަކި ޖަހާތީ އުނދަގޫވެގެން ގޮސް އެކުއްޖާއާ ދިމާއަށް ބާރަށް އެއްޗެކޭ ބުނެވުނީ. އެއީވެސް އާއްކޮ ގޮތަށް…" އަނެއްކާވެސް އަހަރެންނަށް ރޮވުނެވެ. އަހަރެންނަށް އެވަރަށް އަސަރުކުރި ސަބަބު މަންމައަށް ވިސްނުނެވެ.

"ދަރިފުޅާ.. ތީގަ ނެތެއްނުނ މާބޮޑު ކުށެއް. އެކަހަލަ ވަގުތެއްގަ ތިހެން ހަމަ ކޮންމެ މީހަކަށްވެސް ވެދާނެ. އޭނަ ކައިރިއަށް ގޮސް ސޮރީއޭ ބުނޭ. ވަރަށް ބޮޑު ލުއިކަމެއް ހިތަށް އިހްސާސް ކުރެވޭނެ. އޭނަވެސް އުފާވާނެ" އޭރު މަންމަގެ އަޑުގައިވެސް ތުރުރެއް ހުއްޓެވެ. މަންމަގެ އެވާހަކަތަކުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ގެނެސްދިނެވެ. އަހަރެން ފުންނޭވައެއް ބޭރުކޮށްލުމަށްފަހު ހަމަޖެހިލަމުން އެހީމެވެ.

"ކޮބާ އާއްކޮ؟.. ނިދީތަ؟

"ނޫން. އޭނަ މިހިރީއެއްނު.." އާއްކޮއަކީ އަޑު އިވުމާ ވާހަކަދެއްކުމުން މަހްރޫމްވެފަ ހުރި ކުއްޖަކަސް އަހަރެން އާއްކޮދެކެ އިންތިހާއަށް ލޯބިވެއެވެ. އާއްކޮގެ އުމުރުން އަދި އެންމެ ހަތް އަހަރަކަސް މީހުންނާމެދު އާއްކޮ ވަރަށް ވިސްނާނެއެވެ. ޚާއްސަކޮށް އަހަރެންނާމެދު ވަރަށް ވިސްނައެވެ. އެހެންވެ އާއްކޮ ހުންނަ ތަނެއްގަ އަހަރެން ދެރަވާ ކަހަލަ އެއްވެސް ކަމެއް މޫނުމަތިން ނުދެއްކޭތޯވެސް ބަލަމެވެ. އެކަމަކުވެސް އޭނަ ކިތަންމެ ފަހަރަކު ދެނެގަނެއެވެ.

"އާއްކޮ ނަހޫގެ ބޭގަށް ލީމޯ ނޯޓެއް. ލިބުނުހޯ" މަންމަ އިރުކޮޅަކު މަޑުން ހުރެފަ ކުޑަކޮށް މަޖާވެލާފަ އަހާލިއެވެ. އެކަމާމެދު ހޭވެރިކަންވެސް ވީ ދެނެވެ. އަހަރެންނަށް އަދިވެސް އަތުގަ އޮތް ކަރުދާސް ގަނޑަކަށް ރަނގަޅަކަށް ބަލައެއް ނުލެވެއެވެ. އެެގަޑީގަ ކުރި އަސަރެއްގެ ބޮޑުކަމުން އަވަހަށް ބޭނުންވީ މަންމައާ ވާހަކަ ދައްކާލާށެވެ. އަވަހަށް އަތުގައި ފަތްޖަހާފައި އޮތް ކަރުދާސްގަނޑު ހުޅުވާލިއިރު އެއީ ރީތިކޮށް ހަދާލާފަ އޮތް ނޯޓެކެވެ. އިނގިރޭސި ބަހުން ލިޔެލާފަ އޮތީ "ޑިޑް ޔޫ ސްމައިލް ޓުޑޭ؟" މިހެންނެވެ. އެފެނުމާ އެއްކޮށް ތުންފަތަށް ހިނިތުންވުމުގެ ލިސާނެއް ވެރިކުރުވިއެވެ.

އަހަރެން ރިސެޕްޝަނަށް ގުޅާފަ ދެންމެ ފޮނުވި ރޫމްބޯއި ފޮނުވައިދިނުމަށް އެދުނީމެވެ. ރިސެޕްޝަނުން ހީކުރީ އަހަރެން ކަމަކާ ހިތްހަމަނުޖެހިގެން އުޅެނީ ކަމަށެވެ. އެހެން ކުއްޖަކު ފޮނުވައިދެންތޯވެސް އެހިއެވެ. އެކަހަލަ އެއްވެސް ކަމެއް ނެތްވާހަކަ ބުނީމެވެ. އިރުކޮޅަކުން އެޒުވާނާ އައިސް ހުއްޓެވެ. މޫނުމަތިން ކޮންމެވެސް ވަރަކަށް ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. އެހެންކަމާ އެކުވެސް އަހަރެން ފެނުމުން ހިނިތުން ވެލިއެވެ. މިފަހަރު އެހިނިތުންވުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ގެނުވިއެވެ.  އަހަރެންވެސް އިޝާރާތުން ވީގޮތް ކިޔައިދީފަ މަޢާފަށްވެސް އެދުނީމެވެ. އިޝާރާތުން އަހަރެން ވާހަކަ ދެއްކުމުން އެޒުވާނާގެ މޫނުމަތިން ފުރަތަމަ ހައިރާންކަން ފެނުނު ނަމަވެސް ފަހުން އެކަމާ އުފާވިތަން ފެނުނެވެ. އެޒުވާނާ އަތުގެ އިޝާރާތުން "އެއީ އެއްވެސް މައްސަލައެއް ނޫނޭ. މިހާރު ވަރަށް އުފާވެސް ވެއްޖެއޭ" ބުނެލިއެވެ. އަހަރެންގެ ދެލޯ އަނެއްކާވެސް ފެންކަޅި ކުރުވިއެވެ. އެމަންޒަރު އެޒުވާނާއަށް ފެނުމާއެކު އިޝާރާތުން "ދެން ހީނލާށޭ" ބުނެލިއެވެ. އޭނަ ގެނައި ހަރަކާތަކުން އެހެން ބުނެލި ގޮތަކުން އަހަރެން ކައިރިއަށް ހިނިއަންނަ ގޮތްވިއެވެ. އެއާއެކު އެޒުވާނާވެސް ހިނިތުން ވެލިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3123
ޚިޔާލު ފާޅުކުރައްވާ!

5 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *