Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް

ޑރ. ޝާފިޔާގެ ފޮޅުވަތް: ދަރިފުޅު އާންމުކޮށް އިންނަނީ އެކަނިހެއްޔެވެ؟

އޯޓިޒަމްގެ ޢަލާމަތްތައް ފެންނަ ކުދިންގެ ކިބައިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ އެކަނި ތަންތާނގައި ވަކިން އިނުމަށް އިސްކަން ދިނުމެވެ. ބައެއް ލިޔުންތެރިން މިއީ ސޯޝަލް އައިސޮލޭޝަން/ އިޖުތިމާޢީ އެކަހެރިވުން މާނައިގައި ވެސް ބޭނުން ކުރެއެވެ (ކަސާރީ، އަދި ސްޓަރލިންގ 2013). އެހެން ބައެއް ލިޔުންތެރިން މިކަމަށް ހަވާލާދީ ބޭނުންކުރާ މަފުހޫމަކީ އެސްޕަރޖަރ ސިންޑްރޯމް ނުވަތަ (AS)އެވެ.

އެސްޕަރޖަރ ސިންޑްރޯމަކީ ނިއުރޯޑިވެލޮޕްމަންޓަލް (ސިކުނޑީގެ މަސައްކަތްތަކަށް ދިމާވާ) ހާލަތެކެވެ. މިކަމަކީ އޯޓިޒަމް ހުންނަ ކުދިންގެ ފަރާތުން އޯޓިޒަމްގެ އެހެނިހެން ޢަލާމާތްތަކުގެ އިތުރުން ފާހަގަކުރެވޭ ކަމެކެވެ (ޗެމްބަރލޭން، ކަސާރީ، އަދި ރޮތެރަމް-ފުލަރ، 2007).

މި ލިޔުމުގައި މި ދެމަފުހޫމުގެ ތަފުސީލުތަކަށް ދިޔުމަށްވުރެ މުހިންމީ މިފަދަ ކަންކަން ފާހަގަކުރެވޭ ކުދިންގެ ބެލެނިވެރިންނަށް މިކަން މެނޭޖްކޮށް ތަންޒީމުކުރުމަށް އެހީތެރިވުން ކަމުގައި އަޅުގަނޑު ދެކެމެވެ. މިއީ އާންމު ބެލެނިވެރިންނަށް އަމާޒުކޮށް ލިޔާ ލިޔުމަކަށް ވާތީ އޭގެ ޢިލްމީ އެކަޑަމިކް މަޢުލޫމާތުތަކަށް ވުރެ އަޅުގަނޑުގެ ވިސްނުން އޮތީ އާންމު ދިރިއުޅުމުގެ ކަންކަމާ ގުޅުވައިގެން މިވާހަކަކޮޅު ލިޔެލުމަށެވެ. 

މިއަދުގެ ވާހަކަކޮޅު މި ހުށަހަޅާލަނީ އާންމުކޮށް އެކަނި އިނދެ ކަންކަން ކުރުމަށް އިސްކަންދޭ އޯޓިޒަމްގެ ހާލަތްތައް ހުންނަ ކުދިންގެ ކިބައިގައި އެކަން ވީވަރަކުން މަދުކުރެވިދާނެ ގޮތާ ބެހޭގޮތުންނެވެ. އަދި ހަމަ އެއާއެކު އެފަދަ ކުދިންނަށް ދިރިއުޅުމުގައި އެކަނި އިންނަން ބޭނުންވާ ބޭނުންވުން މެނޭޖްކޮށް އާންމު ކުދިންނާ އެއްފަދައިން މީހުންނާ ގުޅުން ބަދަހިކުރުމަށް ދަސްކޮށްދެވިދާނެ ގޮތާ ބެހޭގޮތުންނެވެ. 

އޯޓިޒަމް ސްޕެކްޓްރަމްގެ ތަފާތު ހާލަތްތަކުގެ ކުދިންނަށް އެހެން ކުދިންނާއެކު އެކުވެރިކަން އުފެއްދުމަށް ފުރުސަތުތައް ލިބޭލެއް މަދެވެ. މިގޮތުން ލިބޭ ފުރުސަތުތައް މަދުވުމުން މި ކުދިންގެ އިޖުތިމާއީ އަދި ދޭދޭ ގުޅުންތަކުގެ ތަޖުރިބާތައް ވެސް މަދެވެ. އެކުގައި ކުޅޭ ކުދިން ނުވަތަ ރައްޓެހިންނަކީ ހުރިހާ ޢުމުރުފުރައިގެ ކުދިންނަށް މުހިންމު ބައެކެވެ. އެކުގައި އުޅޭ ކުދިންގެ ދޭދޭ ގުޅުމުގެ ނުވަތަ ކުޅުމުގެ ތެރެއިން ދިރިއުޅުމަށް ބޭނުންވާ ވަރަށް ގިނަ އިޖުތިމާޢީ ހުނަރުތައް ކުއްޖާއަށް ދަސްވެއެވެ. މި ހުނަރުތަކަކީ ސީދާ ކުއްޖާއަށް ކިޔަވައިދީގެން ދަސްކޮށްދޭ ކަންކަމަށް ވުރެ، އެކު އުޅެގެން، އެކުގައި އޮންނަ ގުޅުންތަކުގެ ތެރެއިން، ނުވަތަ ދޭދޭ މުޢާމަލާތްތަކުގެ ތެރެއިން ދަސްވާ ކަންކަމެވެ. ކުދިންނާއެކު ގުޅުން ގާއިމުކުރުމާއި، އެކުގައި ކުޅެއުޅުމުގައި ނުވަތަ އެހެން ކުދިންނާއި މުޢާމަލާތުކުރުމަކީ އޯޓިޒަމް ހުންނަ ގިނަ ކުދިންނަށް އުނދަގޫ ކަމެކެވެ. ސަބަބަކީ، ކުރީގެ ލިޔުންތަކުގައި ވެސް އިޝާރާތްކުރެވިފައިވާނެ ފަދައިން، މުވާޞަލާތުކުރުމުގައި މި ކުދިންނަށް ދިމާވާ ދަތިތަކުގެ ސަބަބުންނެވެ. ޚާއްޞަކޮށް ބޮޑީ ލޭންގުއޭޖް/ ހަރަކާތްތަކުންނާއި، ހަށިގަނޑާއި މޫނުމަތީގެ ކުލަވަރުތަކާއި، އާޑާއި ރާގާއި، ބަލާލެވޭ ގޮތްތަކާއި މިފަދަ ކަންކަމަކީ އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި ވަރަށް ލަހުން ކުރިއަރަމުންދާ އަދި ކުރިއެރުވުމުގައި ވެސް ގޮންޖެހުންތަކެއް ހިމެނޭ ކަންކަމެވެ.

މިކަމުގެ ސަބަބުން އެކުގައި އުޅޭ ކުދިންނާ އެއްކޮށް ގުޅުމެއް ފެށުމާއި، ރައްޓެހިކަން ފެށުމާއި، ދޭދޭ ވާހަކަ ދެކެވުން ނޫން ވެސް ވަރަށް ގިނަ ކަންތައްތަކަށް ހުރަސް އެޅެއެވެ. މިފަދަ ކަންކަމަކީ އާންމު ކުދިންނަށް ކޮންމެހެން ދަސްކޮށްދޭން ނުވަތަ ޚާއްޞަ ތަމުރީނު ތަކެއް ދޭންޖެހޭ ކަންކަން ނޫން ކަމުގައި ވިޔަސް އޯޓިޒަމްގެ ހާލަތާ އެކު އުޅޭ ކުދިންނަށް ދަސްކޮށްދީ ތަމުރީނު ދިނުން ލާޒިމު ކަންކަމެވެ. ސަބަބަކީ އިޖުތިމާޢީ އާންމު ހުނަރުތައް ނޭނގުމުގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރުވާތީއެވެ.

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާރ (އޭ.އެސް.ޑީ) ހުންނަ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 52 އިންސައްތަ ކުދިންނަކީ ސްކޫލެއްގައި އުޅުނު ނަމަވެސް ގާތް ރައްޓެހިން ނުވަތަ އެކުގައި ކުޅޭ ވަކި ޚާއްޞަ ބައެއް ތިބޭ ކުދިންނެއް ނޫނެވެ. (ކަސާރީ، އަދި ސްޓަރލިންގ 2013).  

ކަން މިހެން އޮތް ކަމުގައި ވިޔަސް، އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ އޯޓިޒަމް ހުންނަ ކުދިންނަށް ވެސް އެހެން ކުދިން ފަދައިން އެކުގައި ކުޅެ އުޅެން ރައްޓެހި ރަހުމަތްތެރިން ބޭނުންވާނެކަމެވެ. އެކަނި އިނދެ ކުޅުމާއި، އެކަނިވެރިކަމާއެކު އުޅެން އާދަވިޔަނުދިނުމަށް ޓަކައި ބެލެނިވެރިންނާއި އަދި އެކުދިންގެ ބެލެހެއްޓުންތެރިންނަށް ކުރެވިދާނެ ދެތިން ކަމެއް މިތާނގައި ފާހަގަކޮށްލާނަމެވެ.

1. ދުވަހީ ދިރިއުޅުމުގައި މީހުންނާއެކު ހޭދަކުރަން ވަގުތު ކަނޑައެޅުން: މިކަމަކީ ކުއްޖާ އެކަނި އިންނަން ވަގުތު ގިނަވިޔަނުދީ މީހުންނާއެކު ވަގުތު ހޭދަކުރުމަށް، ނުވަތަ އެއްވަރުގެ ކުދިންނާއެކު ވަގުތުތައް ހޭދަކުރުން ހަމަޖެއްސުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަމެކެވެ. ރޫޓިންތަކުގެ ސަބަބުން އަހަރެމެންގެ ދުވަސްތައް ސްޓްރަކްޗަރޑް އަދި ވަކިގޮތަކަށް ރާވާލެވިގެންދެއެވެ. ޚާއްޞަކޮށް އޯޓިޒަމްގެ ޢަލާމަތްތައް ހުންނަ ކުޑަކުދިންނަށް މުހިންމު ވާކަންކަމެވެ. ރޫޓިންއެއް ގާއިމްކުރުމަކީ އާންމު ސިއްހަތާއި ދިރިއުޅުމުގެ ވަރަށް ގިނަ ނުރަނގަޅު އާދަތައް (އެހީތެރިވުން) ހުއްޓުވޭނެ/ހަނިކުރެވޭނެ ކަމެކެވެ. މިކަމުގައި ވަކިން ސަމާލުކަން ދޭންޖެހޭނީ ޒަމާނަކީ ޓެކްނޮލޮޖީ/ ސްމާޓްފޯން/ އައިޕެޑް ފަދަ އާލަތްތައް ވަރަށް ގިނަވެފައިވާ ދުވަސްވަރެއްގައި ވަކިން ބޮޑަށް ބަލަންޖެހޭ ކަންކަމެވެ.

އޯޓިޒަމްގެ ހާލަތުގައި އުޅޭ ކުދިން އައިޕެޑް ހިފައިގެން ފޫހިކަމެއް ނެތި ވަރަށް ގިނަ އިރުވެސް ހޭދަކޮށްފާނެއެވެ. ނަމަވެސް އެއީ އެކުއްޖާއަށް އެންމެ ރަނގަޅުގޮތް ނޫންކަން ބެލެނިވެރިންނަށް އެނގެންޖެހެއެވެ. ހަމަ މިބީދައިން އެއަށް މާބޮޑަށް އާދަވުމަކީވެސް އެފަދަ ކުދިންނަށް ވެސް އަދި އެހެން ކުދިންނަށް ވެސް އެންމެ ދުޅަހެޔޮ ގޮތް ނޫންކަން ވިސްނަން ޖެހޭނެއެވެ. ކުއްޖާގެ ދުވަހީ ދިރިއުޅުމުގެ ރޫޓީންގައި ކުއްޖާ އެކަނި ކުރާ ކަންކަން ކޮންމެސް ވަރަކަށް ހިމެނުނު ކަމުގައި ވިޔަސް އެހެން ކުދިންނާއެކު ކުރަންޖެހޭ ކަންކަމާ ބައިވެރިވެގެން ކުޅޭ ކުޅިވަރުތަކާއި، އެކުގައި މުޢާމަލާތް ކުރަން ޖެހޭ ހާލަތްތައް ރޭވުން މުހިންމެވެ. މިއީ ހަމަ ސްޓްރަކްޗަރޑްކޮށް މިފަދަ ކުދިން ގެންގުޅޭ ބެލެނިވެރިން ކުރަންޖެހޭ ކަމެކެވެ. 

2. އެކަހެރިކޮށް އިނުމަށް ވަގުތު މަދުކުރުން: ގޭތެރޭގެ މާހައުލުގައި ދުޅަހެޔޮ ރޫޓިންތައް ގާއިމްކުރުމަކީ ގިނަ ފަހަރަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން، ކުއްޖާގެ ރޫޓީންގައި ކަނޑައަޅާފައިވާ ގޮތަށް އެކުގައި ކުޅޭ ވަގުތުތަކާއި އައިޕެޑް ފަދަ ތަކެތި ބޭނުންކުރާ ވަގުތާއި، އަދި ކުޅޭ އެއްޗެއްސާއެކު ކުޅޭ ވަގުތާއި، ލިޔެކިޔާ ވަގުތާއި، މަންމަމެންނާ ވާހަކަދައްކާ ވަގުތުތަކާއި މިފަދަ ހުރިހާ ކަމެއް ރޭވި ހަމަޖެހިފައި އޮތުމަކީ މިފަދަ ކުދިންނަށް ދުޅަހެޔޮ ގޮތެކެވެ. މާނައަކީ މީހުންނާ އެކުގައި ބައިވެރިވެގެން ކުރާ ކަންކަން ދުވަހީ ދިރިއުޅުމުގެ ތެރޭގައި ރޭވުމެވެ. 

ކުރިން އިޝާރާތް ކުރިހެން ކުއްޖާގެ ދުވަހީ އެކި ކަންކަމުގެ ތެރޭގައި މީހުންނާއެކު ވަގުތު ހޭދަކުރަންޖެހޭ ގަޑިތައް ކަނޑައަޅައި އެކުގައި ކުރެވޭ ކަހަލަ ކަންތައްތައް ގިނަކުރުން މުހިންމެވެ. ނަމަވެސް މިކަމުގައި ވިސްނާލަން ޖެހޭ ކަންކަމުގެ ތެރޭގައި މިފަދަ ކަންކަމުގެ ސަބަބުން ކުއްޖާގެ އާންމު ނަފުސާނީ ހާލަތަށް އަސަރު ނުކުރާނެ ފަދަ ގޮތްތަކަށް ކަންކަން ރޭވުމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. މިސާލަކަށް އޯޓިޒަމްގެ ހާލަތްތަކުގެ ބައެއް ކުދިންނަކީ އަޑަށާއި އައްޔަށް ވަރަށް ސެންސިޓިވް/ ރިއެކްޓިވް/ ހައްސާސީ (ބޮޑަށް އަސަރުކުރާ) ކުދިބައެކެވެ. އެހެން ކަމަށްވާނަމަ ކުއްޖާ މީހުންނާއެކު ހޭދަކުރާ ވަގުތުގައި މާބޮޑަށް އަޑު ގަދަ ތަންތަން ނުވަތަ އަލިގަދަކަމުން ސީދާ އެކުއްޖަކަށް އުނދަގޫވެދާނެ ކަންކަން ވީވަރަކުން މަދުކުރުމަށް ސަމާލުވެ އެހެންމީހުންވެސް އެކަންކަމަށް ރިޢާޔަތްކުރަން ޖެހޭނެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ ކުއްޖާގެ ސޯޝަލައިޒް/ އިޖުތިމާއި ކަންކަން ދަސްކޮށްދޭއިރު ބައިވެރިވާ އެހެން ކުދިންވެސް އަދި ބޮޑެތި މީހުންވެސް ސަމާލުވާންޖެހޭ ކަންކަމަށް ހޭލުންތެރިވުމަކީ މުހިންމު ކަމެކެވެ.  

ކުރުކޮށް ދަންނަވާނަމަ ކޮންމެ ކުއްޖެއް ވެސް އެ ކުއްޖެއްގެ ހުންނަ ޚާއްޞަ ހާލަތަށް ރިޢާޔަތްކުރާ އަދި މުޢާމަލާތު ކުރަންވީ ގޮތްތައް ދަންނަ މީހުންނާއެކު ކަންކަން ރޭވުމަކީ އެދެވިގެންވާ ކަމެކެވެ. މިގޮތުން ފާހަގަކޮށްލަން ބޭނުންވާ އެހެން ކަމަކީ އޯޓިޒަމްގެ ހާލަތަކާއެކު ބޮޑުވަމުން އަންނަ ކުއްޖާއާއެކު ދިރިއުޅޭ ހުރިހާ އެންމެންވެސް އަދި އެފަދަ ކުއްޖެއްގެ ކުލާހުގައި އުޅޭ ހުރިހާ ކުދިންވެސް އެކަމަށް ޚާއްޞަކޮށް ތައްޔާރުކުރުވާ ހޭލުންތެރި ކުރުވުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ. މިފަދަ ވަރަށް ފުރިހަމަ މިސާލެއް އަޅުގަނޑު ދުށީމެވެ. އެއީ މީގެ 10 ވަރަކަށް އަހަރު ކުރިއެވެ. ނިޔުޒިލޭންޑްގައި އަޅުގަނޑު އުޅުނު ދުވަސްވަރުއެވެ. ދިރާސާ މަސައްކަތަކަށް ދިޔަ ސްކޫލަކީ އިންކުލޫސިވް/ ޝާމިލު (ހުރިހާ ބާވަތެއްގެ ސްޕެޝަލް ކުދިން އުޅޭ) ސްކޫލެކެވެ. އެ ސްކޫލުގެ ހުރިހާ ޢުމުރުފުރާއިގެ ދަރިވަރުންނަށްވެސް އެކިއެކި ސްޕެޝަލް ކުދިންނާއެކު އުޅެންޖެހޭ ގޮތާއި ސުލޫކު ބަހައްޓަންވީ ގޮތާއި އެކުދިންނާ އެކު ކޮމިޔުނިކޭޓް/ މުވާޞަލާތު ކުރާނެ ގޮތްތަކުގެ ޕްރޮގްރާމުތައް ހިނގައެވެ. މިކަން އަޅުގަނޑަށް ފާހަގަކުރެވުނީ އެ ސްކޫލުގެ ޕްރިންސިޕަލް ނުވަތަ ލިޑިން ޓީޗަރެއް ބުނެގެނެއް ނޫނެވެ. ކުދިންނާއެކު ކުރެވުނު އިންޓަވިއު ތަކުގައި އެކުދިން ފާހަގަކޮށް އެކުދިން އެފަދަ ހާލަތްތަކުގެ ތިބޭ ކުދިންނާ މުޢާމަލާތު ކުރާގޮތާއި އެކަން ދަސްވީ ގޮތްތަކުގެ ވާހަކަތައް ދެއްކީމައެވެ. ފާހަގަކޮށްލަން ބޭނުންވާ ކަމަކީ، މިފަދަ ކަންކަމަކީ އާންމު ކުދިންނަށް ވެސް ދަސްކޮށްދިނުން މުހިންމު ހުނަރުތަކަކަށް ވުމެވެ. އޭގެ ސަބަބުން މުޖުތަމަޢުގެ އެކި ހާލަތްތަކުގެ މީހުން ބަލައިގަނެ، ހައްސާސީ ކަންކަމާއި ކުރިމަތިލުމާއި އަދި ކުދިންގެ އެޑަޕްޓަބިލިޓި/ތަފާތު ހާލަތްތަކަށް ހޭނުމުގެ ގާބިލިއްޔަތު ވެސް އަށަގެންނުވެއެވެ. މިއީ ހުރިހާ ކުދިންނަށް ވެސް މުހިންމު 21 ވަނަ ގަރުނުގެ އެއް ގާބިލިއްޔަތެވެ. 

3. ރަނގަޅު ސުލޫކުތަކަށް ބާރުއަޅާ އިނާމުދިނުން: މަތީގައި ބަޔާންވި ގޮތަށް ޝެޑިއުލް/ ރޭވިފައިވާ ހަރަކާތްތަކުގައި ކުއްޖާއަށް ސާބަސްދީ ހިތްވަރުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް އިނާމުދީ ހިތްވަރުދިނުމުގައި ވެސް ވަކި އުޞޫލުތަކެއް ގެންގުޅުމަކީ ބޭނުންތެރިކަމެކެވެ. އެގޮތުން ކުދިން ކުރަން ޖެހޭ ކަންކަމަށް އިސްކަންދޭ ތަރުތީބުން ހަރަކާތްތަކުގެ ޗާޓް ހަދާ އެކަން ކުރުމުން ލިބޭ އިނާމާއި، އިންސެޓިވްތައް ވިޝްއަލް ތަކެތީގެ ބާވަތްތައް ބޭނުންކޮށްގެން ހަދާފައި ބެހެއްޓުން މުހިންމު ވާނެއެވެ. ހަމައެއާއެކު އެކަންކަން ކުއްޖާ ކުރުމުން އެކަމަށް ލިބެންޖެހޭ އިނާމު ދޭންޖެހޭނެއެވެ.

މިސާލަކަށް އައިޕެޑް ކުޅުން ހުއްޓާލާ ގަޑި ޖެހުމުން އެކަން ކުރުމުން ލިބޭ އިނާމު ދިނުން ނުވަތަ ކުދިންނާއެކު ކުޅެލަން އައިސް ބައިވެރިވެގެން ކުޅޭގަޑި ނިންމާލުމުން އިނާމު ދިނުން ހިމެނެއެވެ. މިފަދަ ކޮންމެ ކަމަކީ ފެންނަ ފެނުމުގައި މާ އާދައިގެ ކަމެއް ގޮތުގައި ބައެއް ބެލނިވެރިންނަށް ހީވި ނަމަވެސް އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި ދުޅަހެޔޮ ގުޅުންތައް ގާއިމުކޮށް ބައިވެރިވެގެން އުޅެން ދަސްކޮށްދިނުމަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް އޯޓިޒަމް ކުދިންނަށް ތަމުރީނުދޭންޖެހޭ ކަންކަމެވެ. މިކަމުގެ އިތުރުން އެހެންކުދިންނާ އެކު ދަރިފުޅު ކުޅޭއިރު އެކުދިންގެ މެދުގައި މުޢާމަލާތުގެ މެދުވެރިއެއް ގޮތަށް ބެލެނިވެރިޔާ ވުމަކީ ވެސް މިފަދަ ކަންކަމުގައި މުހިންމު ކަމެކެވެ. ކުރިން އަޅުގަނޑު ލިޔުނު ބައިތަކުގައި ކުއްޖާއަށް ލޮލަށް ބަލަން ދަސްކޮށްދިނުން ނުވަތަ ނަމުން ގޮވާލުމުން އިޖާބަދިނުން ފަދަ ކަންކަމުގައި ވެސް ބެލެނިވެރިޔާގެ އެހީތެރިކަން އެހާމެ ބޮޑަށް މިފަދަ ހަރަކާތްތަކުގައި ބޭނުންވާނެއެވެ. 

4. ރައްޓެހި ކުދިންނަކީ ކޮބައިކަން ދަސްކޮށްދިނުން: މިއީ ވަރަށް އާދައިގެ ކަމެއް ކަމުގައި ހީވިޔަސް އޯޓިޒަމްގެ ހާލަތު ކުއްޖަކަށް ރައްޓެއްސަކީ ކޮބައިކަން ބުނެދޭން ނުވަތަ ދަސްކޮށްދޭން ޖެހެއެވެ. ސަބަބަކީ ރައްޓެއްސަކީ ކޮބައިކަން ކުއްޖާއަށް ރަނގަޅަށް އެނގިގެން ނޫނީ ރައްޓެހިކަން ފެށެން ނުވަތަ ރައްޓެއްސަކަށް ވާން ނޭނގުމެވެ. ބެލެނިވެރިޔާ ކުއްޖާއާއެކު ދެކެވޭ ވާހަކަ ތަކުގައި އެކުގައި އުޅޭ ކުދިންގެ ތެރެއިން ކުއްޖާ ގަޔާވާ ކުދިން، އަދި އެކުގައި ކުރާ ކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުން ފަދަ ކަންކަން ގިނަ ކުރުން ރަނގަޅުވާނެއެވެ. ކުއްޖާއަށް ކަމުދަނީ އެހެން ކުއްޖަކާ އެކު ކުރާ ކަންކަމުގެ ތެރެއިން ކޮންކޮން ކަމެއްތޯއާ ބެހޭގޮތުން ވާހަކަ ދައްކާށެވެ. މިސާލަކަށް ބޭނުންކުރެވިދާނެ ޖުމުލަތަކަކީ "މިވެނި "……." އެކު ކުޅެން ދަރިފުޅަށް މަޖާތަ؟ ގަޔާވޭތަ؟" އަދި މިވެނި "……." ގެންގުޅޭ އެއްޗެހި ލައިކް/ ގަޔާވޭތަ؟

އެބްސްޓްރެކްޓް ކޮންސެޕްޓްތައް ދެނެގަތުމަކީ ހާއްސަކޮށް އޯޓިޒަމް ހުންނަ ކުދިންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެދާނެ އެވެ. އެހެންކަމުން ފްރެންޑްޝިޕް/ ރައްޓެހިކަން ފަދަ ކަންކަން ދަސްކޮށްދިނުމަކީ ސަމާލުކަމާ އެކު ކުރަންޖެހޭ ކަމެކެވެ.

5. އިޖުތިމާޢީ ވާހަކަތައް (ސޯޝަލް ސްޓޯރީ) ބޭނުންކުރުން: ބައެއް ފަހަރު ލިޔެގެން، ނުވަތަ ވިޝުއަލް/ ފެންނަތަކެތި/ ކުރެހުންތައް ފަދަ އެއްޗެތި ބޭނުންކުރުމަކީ އޯޓިޒަމްގެ ހާލަތުގެ ކުދިންނަށް އެއްޗެތި ބުނެދޭއިރު މުހިންމެ ތަކެއްޗެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ގިނަ ފަހަރަށް ފަސޭހައިން ކަންކަން ދަސްވަނީ އެމީހުން ކުރަން ޖެހޭ ކަންތައްތައް ފެނުމުން ނުވަތަ ވާހަކައެއްގެ ތެރެއިން ކިޔައިގެންނެވެ. އިޖުތިމާޢީ ވާހަކަތަކުގައި ކުޑަކުއްޖަކަށް ވަކި ޙާލަތެއްގެ ތެރެއިން ތަސްވީރާއި ބަސްތައް ބޭނުންކޮށްގެން މަގުދައްކައި ދެވޭނެއެވެ. ސްކްރިޕްޓެއް/ ވާހަކަކޮޅެއް ލިޔުމަކީ ނުވަތަ ވާހަކަ ދެއްކުމުގެ ދައުރު ކުރަހާލުމަކުން ދެއްކުމަކީ ރައްޓެއްސަކާ ވާހަކަ ދައްކާނެ ގޮތުގެ އަސާސްތައް ދަރިފުޅަށް ވިސްނައިދިނުމަށް އެހީތެރިވެދޭނެ ގޮތެކެވެ. ރައްޓެހިކުދިން ލިބުމުން އެއްކޮށް ކުޅުމާއި މަޖާކުރުން ފަދަ ކަންކަމުގެ ވާހަކަ ގިނައިން ދައްކާއިރު އަދި ޚާއްޞަކޮށް ވަކި ޖުމުލަތަކަށް ބާރު އަޅަމުން ޑައިލޮގްގެ ތެރެއިން ވެސް ވާހަކަ ގެންދިއުމަކީ އެވާހަކަ ތައް ކުއްޖާއަށް ނަގައިގަންނަން ފަސޭހަވާނެ ގޮތެކެވެ.

6. ފަރިތަކުރުން، ފަރިތަކުރުން، ފަރިތަކުރުން: މި ބަސް ތަކުރާރުކޮށް މި ފާހަގަކޮށްލީ ކަމުގެ މުހިންމުކަމަށް ބަލައިފައެވެ. އޯޓިޒަމްގެ ހާލަތުގެ ކުދިންނަށް ކޮންމެ ކަމެއްވެސް ރަނގަޅަށް ދަސްވާނީ ވަރަށް ބޮޑަށް އެކަން ތަކުރާރުކޮށް އާދަކުރުވައިގެންނެވެ. އެކަމަކީ އެންމެ އާދައިގެ ކަމަކުން ފެށިގެން އެންމެ ބޮޑެތި ކަންކަން ދަސްކޮށްދިނުމަށް ވެސް ވަރަށް ބޮޑަށް ބޭނުންކުރަން ޖެހޭ އުކުޅެކެވެ. މާނައަކީ ތަފާތު ޑައިލޮގްތައް، ވާހަކަތައް، އަދި އެކިއެކި ތަސްވީރުތައް ބޭނުންކޮށްގެން އެކަނި އިނދެ ކުޅުމަށްވުރެ އެހެން ކުދިންނާ އެކު މަޖާކޮށް ކުޅުމަކީ މާއުފާވާނޭ ކަމެއްކަން ބުނެދިނުމަށް ގިނައިން އެކަން ކުރުވުން މުހިންމު ވާނެއެވެ. މިބީދައިން އެކަހަލަ ކަންކަމާ ގުޅޭ ސޯޝަލް ސްޓޯރީސް (އިޖުތިމާޢީ ވާހަކަތައް) ވެސް ގިނައިން ކިޔައިދިނުން މުހިންމު ވާނެއެވެ. 

6. ޝައުގުވެރިކަން އެއްގޮތް ކުދިންނާއެކު ކުޅުވުން: މިއީ ވެސް އޯޓިޒަމްގެ ހާލަތުގައި އުޅޭ ކުދިންނަށް މުހިންމު ކަމެކެވެ. ދެކުދިން އެއްކަމަކާ ގަޔާވާނަމަ ރައްޓެހިކަން އުފެދުމަށް ޖާގަ ހުޅުވެއެވެ. ދެކުދިން އެކުގައި ކުޅުމަށް ފުރުސަތު ފަހިވެއެވެ. އެކުވެރިކަން އުފެއްދުމާއި ދެމެހެއްޓުމުގައި ދެކުދިންގެ ބައިވެރިވުމަކީ ވެސް މުހިންމު ކަންކަމެވެ. އެއްވެސް ކަހަލަ އެއްގޮތް ކަމެއް ނެތް ކުއްޖަކާއެކު ގުޅުމެއް ފެށުމަށް އުނދަގޫ ވެދާނެއެވެ. މިސާލަކަށް ކުއްޖާ ކުރެހުމަށް ލޯބިކުރާނަމަ، ކުރަހާ ހިތްވާ ކުދިންނާއެކު ވަކި ގަޑިތަކެއް ރޭވުން ފަދަ ކަންކަމަކީ ދެ ކުދިންގެ ޝައުގުވެރިކަން އެއްގޮތްވުމުން ގުޅުން ފެށުމަށް ފަހިވާނެ ގޮތެކެވެ. މިގޮތުން ކުރަހާ ހިތްވާ ކުދިންގެ އެއްކޮށް އެކުދިންގެ ތަފާތު ހަރަކާތްތައް ގޭގައިވެސް ރޭވިދާނެއެވެ. މިއީ ވަރަށް ކާމިޔާބު ކަމާއެކު ގެންދެވިދާނެ ކުއްޖާއަށް ފައިދާ ހުރި ކަންކަމެވެ. މިސާލަކަށް ލެގޯ ހެދުން، އެއްޗެހި ރޭވުން، ވެއްޔާކުޅުން، ފެނާކުޅުން މިއިން ކޮންމެ ކަމަކީ ވެސް ބެލެނިވެރިޔާ ނުވަތަ މުދައްރިސްގެ ޚާއްޞަ ބެލެހެއްޓުމުގެ ދަށުން ކުރެވޭނަމަ ކުއްޖާގެ އިޖުމާޢީ ހުނަރުތަކާއި ރައްޓެހިކަމާއި ގާތްކަން އެހެން ކުދިންނާއެކު ފެށުމަށް އެހީތެރިވެދޭނެ ކަންކަމެވެ. 

އިސްވެ ބަޔާންކުރި ކޮންމެ ކަމަކީވެސް އޯޓިޒަމް ކުދިންނަށް އެކަމެއް އެންމެ ރަނގަޅު ގޮތުގައި ހާޞިލުކުރުމަށް ނުވަތަ އެދެވޭ ނަތީޖާއަކާ ހަމައަށް ދިއުމަށް ވަގުތު ނަގާނެ ކަންކަމެވެ. އެހެން ކަމުން ބެލެނިވެރިން އަދި މުދައްރިސުން ވެސް އެންމެ ބޮޑަށް ސަމާލުވާންވީ އާ ހުނަރުތައް ތަރައްގީ ކުރުމަށް ނަގާފާނެ ވަގުތަކީ ކުރު މުއްދަތަކަށް ވުރެ ބޮޑަށް ފުދޭވަރަކަށް ވަގުތު ދޭންޖެހޭ ކަމެއްކަން ސިކުނޑީގައި ބެހެއްޓުމެވެ.

އެއް ރެއަކުން އެއްފަހަރަކުން އެއްވެސް ކަމެއް ނުވާނެކަން ގަބޫލުކުރުމެވެ. ކުއްޖާގެ އުމުރުން ދުވަސްވާ ވަރަކަށް އިޖުތިމާޢީ ހުނަރުތައް ތަރައްޤީވަމުން ދާނެއެވެ. ޚާއްޞަކޮށް އެކުދިންގެ ޢުމުރާއި ގުޅޭ ހަރަކާތްތައް ރާވާއި ތަންޒީމީ ގޮތަކަށް ބެލެމުން ދާނަމަ، މާބޮޑަށް ވެސް އެކުދިންގެ އިޖުތިމާޢީ ހުނަރުތައް އާލާކުރެވި، އެކަނި އިނދެ ކަންކަން ކުރާމިންވަރު މަދު ކުރެވޭނެއެވެ.

މިކަމުގައި ސަމާލުވާން ޖެހޭ އަނެއް ނުކުތާއަކީ އެކި އުމުރުގެ ކުދިންގެ ކިބައިގައި މިކަންކަން ތަރައްގީވުމުގައި ނަގާ ވަގުތު ފަރަގު ވެދާނެކަމެވެ. މިސާލަކަށް ރައްޓެހިން ހޯދުމަށް 14 އަހަރުގެ ކުއްޖަކަށް ނަގާ ވަގުތާއި ހަތަރު އަހަރުގެ ކުއްޖަކާ ވަރަށް ތަފާތު ވެދާނެއެވެ. އުމުރާ ގުޅޭ އިޖުތިމާޢީ ހުނަރުތައް ކުއްޖާގެ ތަރައްޤީކުރުމަކީ މައިންބަފައިން ވަރަށް ބޮޑަށް ސަމާލުކަންދީ އެކަމަށް އެހީތެރިވުމަށްޓަކައި ކުއްޖާއާއެކު ޕްރެކްޓިސް ކުރަމުން ގެންދަންޖެހޭ ކަމެކެވެ.

މި ވާހަކަކޮޅުގެ އިތުރުން، މުހިންމު އެހެން ނުކުތާއެއް ވެސް ފާހަގަކޮށްލާނަމެވެ. އިސްވެ ބަޔާން ކުރެވުނު ކޮންމެ ކަމަކީވެސް ބެލެނިވެރިޔާއާއި ދަރިފުޅާ އެކު އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކު މަޖާކަން އެކުލެވޭ ގޮތަށް ރޭވުމުން އޭގެ ފައިދާ ދެގުނަ އިތުރުވެގެންދާނެ ކަންކަމެކެވެ. މާނައަކީ ކުއްޖާއަށް އެކަމުގެ އުފާވެރި އިހުސާސްތައް ވާނަމަ އިޖުތިމާޢީ ހުނަރުތައް ދަސްވާލެއް ވެސް އަދި އެކަންކަމަށް އާދަވާ މިންވަރު ވެސް އަވަސްވާނެއެވެ.

މި ލިޔުމުގައި ހިމަނާލައިފައިވާ ބައެއް ޚިޔާލުތަކަކީ ދިރާސީ ލިޔުންތަކުގެ އިތުރުން މާކަސް އޯޓިޒަމް ސެންޓަރުގެ ވެބްސައިޓުން ވަކިކޮށްލައި ހުށަހަޅައިލައިފައިވާ މަޢުލޫމާތުކޮޅެއް ކަމުގައި ފާހަގަކޮށްލަމެވެ. މިއަދު މި ހުށަހަޅައިލި ވާހަކަކޮޅަކީ ވެސް ކުރިން ލިޔެފައިވާ ލިޔުންތަކާ އެކު މުދައްރިސުންނާއި ބެލެނިވެރިންނަށް، އޯޓިޒަމްގެ ޢަލާމާތްތައް ފެންނަ ކުދިންނަށް އެހީތެރިވުމަށް ބޭނުންތެރި މަޢުލޫމާތުކޮޅަކަށް ވުމަށް އުއްމީދު ކުރަމެވެ. 

ހަވާލާދޭ ފަރާތްތައް

  • އެމެރިކާގެ އެޓްލާންޓާ ސިޓީގެ މާރކަސް އޯޓިޒަމް ސެންޓަރގެ ވެބްސައިޓް: ލިންކް
  • ކަސާރީ، ސީ، އަދި ސްޓަރލިންގ، އެލް (2013). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ހުންނަ ކުދިންގެ އެކަނިވެރިކަމާއި އިޖުތިމާޢީ ގޮތުން އެކަހެރިވުން. ދަ ހެންޑްބުކް އޮފް ސޮލިޓިއުޑް: ސައިކޮލޮޖިކަލް ޕާސްޕެކްޓިވްސް އޮން ސޯޝަލް އައިސޮލޭޝަން، ސޯޝަލް ވިތުޑްރަވަލް، އެންޑް ބިންގް އެލޯން، 409-426.
  • ޗެމްބަރލޭން، ބީ، ކަސާރީ، ސީ، އަދި ރޮތެރަމް-ފުލަރ، އީ (2007). ޝާމިލުވުން ނުވަތަ އެކަހެރިވުން؟ ގަވާއިދުން ކްލާސްރޫމްތަކުގައި އޯޓިޒަމް ހުންނަ ކުދިންގެ ސޯޝަލް ނެޓްވޯކްތައް. ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 37، 230-242.